ޚިޔާލު / ދީން

އިހުތިރާމު ކުރުމުގެ ސިފަ އަށަގަންނަވަން ކުރެވިދާނެ ކަންކަން

ދަރިވަރުންތަކެއް ސްކޫލަށް ވަންނަނީ: މައިންބަފައިންނާއި މުދައްރިސުންނާއި އަދި އެހެން މީހުންނަށް ވެސް ދަރިވަރުން އިހުތިރާމު ކުރަން ދަސްކޮށްދިނުމަށްޓަކައި މަސައްކަތް ކޮށްދޭން ޖެހޭ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އެކަކު އަނެކަކަށް އިހުތިރާމު ކުރުމަކީ ޒަމާނުއްސުރެ ދިވެހި މުޖުތަމައުގައި ދަމަހައްޓަމުން އައި ވަރަށް ރިވެތި ސިފައެކެވެ. މިއީ މަކުތަބުތަކާއި މަދަރުސާތަކާއި އެދުރުގެ ތަކާއި މިސްކިތްތަކާއި ގޭތެރެއިން ދަސްކުރަމުން ނަމޫނާ ބަލަމުން އަމަލީ ގޮތުން ތަންފީޒު ކުރަމުން އައި ސިފައެކެވެ. ދީނީ ގޮތުން ކުރަން ޖެހުނު ކަމަކަށް ވިއަސް މިކަން އޮތީ ސަގާފަތުގެ ބަޔަކަށް ވެފަ އެވެ.

ނަމަވެސް މިއަދު މުޖުތަމައަށް އައިސްފައިވާ ތަފާތު ބަދަލުތަކާ އެކު، މި ސިފަ މުޖުތަމައުގައި އެންމެ އެކަށީގެންވާ ގޮތަށް އޮތްތޯ ސުވާލު އުފެދެ އެވެ. ފެންނަން ހުރި ކަންކަމަށް ބަލާއިރު ދަރިވަރުންގެ ކިބައިގައި މި ސިފަ އަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތާ މެދު އަލުން ވިސްނާލަން އެބަޖެހެ އެވެ.

މައިންބަފައިންނާއި މުދައްރިސުންނަށް އިހުތިރާމު ކުރުން

ކޮންމެ މީހަކު ވެސް އަނެކާ އަށް އިހުތިރާމު ކުރަން ޖެހެ އެވެ. ނަމަވެސް މީގެ ތެރެއިން ވެސް ވަރަށް ހާއްސަ އިހުތިރާމެއް ލިބެން ޖެހޭ ދެ ފަރާތެއް ވެ އެވެ. އެއީ މައިންބަފައިންނާއި މުދައްރިސުންނެވެ.

މައިންބަފައިންނަށް އިހުތިރާމު ކުރުމަކީ ދީނީ އަމުރަކާ ނުލައި އިންސާނިއްޔަވަންތަ ކަމުގެ ގޮތުން ބެލިޔަސް ލާޒިމުވާނެ ކަމެކެވެ. މިކަން މިހެން އޮތަސް އިސްލާމް ދީނުގައި މިކަން ވަނީ އީމާންކަމާ ގުޅުވައިފަ އެވެ. މިގޮތުން ﷲ އަށް އަޅުކަން ކުރުމަށް އޮންނަ އަމުރާ ވިދިގެން މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް އަމުރު އޮވެ އެވެ. ކިޔަމަންވުމުގައި ރަހުމަތުގެ ފިޔަގަނޑު އެ ދެމީހުންނަށްޓަކައި ތިރިކޮށްލަން ޖެހެ އެވެ. (އަލްއިސްރާއު 23-24). މައިންބަފައިންނަށް ނުބައިކޮށް ހިތުމަކީ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ކަމެއްކަން ނަބިއްޔާ ﷺ ވަނީ ބަޔާން ކުރައްވާފަ އެވެ (މުއްތަފަގު). ވީމާ މައިންބަފައިންނަށް އިހުތިރާމު ކުރުމަކީ ހަމައެކަނި އިޖުތިމާއީ މަތުލަބެއް ނޫނެވެ. އެއީ ދީނީ ވާޖިބެކެވެ.

ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް ސްކޫލެއްގައި ބޭއްވި ހަރަކާތެއްގައި ޓީޗަރުންތަކެއް ބައިވެރިވަނީ.--- ފަޔާޒު މޫސާ| މިހާރު

މުދައްރިސުންނަށް އިހުތިރާމު ކުރުމަކީ ވެސް ދީނީގޮތުން ބަލާއިރު އެހާމެ މުހިންމު ކަމެކެވެ. އެހެނީ މުދައްރިސުންނަކީ މުރައްބީންތަކަކަށް ވުމެވެ. އެބަހީ ކިޔަވައިދިނުމުގެ އިތުރަށް ދަރިވަރުންނަށް ހެޔޮމަގު ދެއްކުމާއި އިރުޝާދު ދިނުމާއި އިސްލާހު ކުރުމާއި ރިވެތި އަހުލާގަށް ތަމްރީނު ކުރުވުން ފަދަ އެތައް ކަމެއް މުދައްރިސުން ކުރަން ޖެހުމެވެ. މި މާނައިގައި މުދައްރިސުންނަކީ (މުރައްބީންނަކީ) ވަރަށް މަތީ ދަރަޖައެއްގެ ބައެކެވެ. ސަބަބަކީ އިލްމުވެރިންގެ ތެރޭގައި އެ މީހުން ހިމެނޭތީ އެވެ. އިލްމުވެރިންނާއި އިލްމު ފޯރުކޮށްދޭ މީހުންގެ މާތްކަމާއި މަތީ ދަރަޖަ ކީރިތި ޤުރުއާނާއި ސުންނަތުގައި ބަޔާން ކޮށްފައި ވެ އެވެ. އެހެންވެ މި މަތިވެރި ދަރަޖަ ދެމެހެއްޓުމަށްޓަކައި މުދައްރިސުންނަށް އިހުތިރާމު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

ކީރިތި ނަބިއްޔާ ﷺ ހަދީސް ކުރައްވަނީ "އަހަރެމެންގެ ބޮޑެތި މީހުންނަށް އިހުތިރާމު ނުކުރާ، ކުޑަކުދިންނަށް އޯގާތެރި ނުވާ، އިލްމުވެރިންގެ ހައްގު ނުދަންނަ މީހުންނަކީ އަހަރެމެންގެ (މުސްލިމުންގެ) ތެރެއިންވާ މީހެއް ނޫނެވެ" (އަޙުމަދު). ވީމާ މުދައްރިސުންނަށް ގަދަރު ނުކުރުމަކީ އިލްމު އުނގެނުމުގެ އަދަބުތަކާ ހިލާފުވާނެ ކަމެކެވެ. މި ސަބަބުތަކަށްޓަކައި މި އުންމަތުގެ ސަލަފުން ވަނީ މިކަމުގައި ނަމޫނާ ދައްކަވައި ދެއްވައިފަ އެވެ. އަދި އެކަމަށް ވަރަށް ބޮޑަށް ވަސިއްޔަތް ކުރައްވައިފަ އެވެ. ވީއިރު އަހަރެމެން ވެސް މިއަދު މުދައްރިސުންނަށް ގަދަރު ކުރުމުގެ ގޮތުން ކުރަންޖެހޭ އަދި ކުރެވިދާނެ ހުރިހާ ކަމެއް ކުރަން ޖެހޭނެ އެވެ. އެ މަސްއޫލިއްޔަތު އުފުލަން ޖެހޭނެ އެވެ.

އިހުތިރާމު ކުރަން ދަސްކޮށްދިނުމުގައި އާއިލާގެ ދައުރު

މައިންބަފައިންނާއި މުދައްރިސުންނާއި އަދި އެހެން މީހުންނަށް ވެސް ދަރިވަރުން އިހުތިރާމު ކުރަން ދަސްކޮށްދިނުމަށްޓަކައި މަސައްކަތް ކޮށްދޭން ޖެހޭ އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ތަނަކީ އާއިލާ އެވެ. މިގޮތުން މި ޒިންމާ އޮތްކަން އެންމެ ފުރަތަމަ އާއިލާ އިން ދަންނަން ޖެހެ އެވެ.

ދެވަނަ ކަމަކަށް އިހުތިރާމު ކުރުމުގެ ނަމޫނާ ގޭތެރެއިން ފެންނަން ޖެހެ އެވެ. މިގޮތުން މައިންބަފައިން އެ މީހުންގެ މައިންބަފައިންނަށް އިހުތިރާމުކޮށް ހެޔޮކޮށް ހިތަން ޖެހެ އެވެ. އަޚުންނާއި އުޚުތުންގެ ކިބައިން ވެސް މި ސިފަ ފެންނަން ޖެހެ އެވެ. އާއިލާގެ އެއްވެސް މީހަކު މުދައްރިސުންގެ އަގު ދަށްކޮށް އެ މީހުންނަށް ބޭއިހުތިރާމު ކޮށްގެން ނުވާނެ އެވެ. ދަރިންނަށް އޮންނަ ލޯބީގައި ކަމަށް ވިއަސް އެ ދަރިންގެ ކުރިމަތީގައި މުދައްރިސުންގެ ގޯސްކަން ދައްކަން މަސައްކަތް ކޮށްގެން ނުވާނެ އެވެ. މިއީ އާދައިގެ ކަމެއް ކަމަށް ހަދައި މިކަމުގައި ފަރުވާކުޑަ ކޮށްފި ނަމަ މިކަމުގެ ގެއްލުން ބޮޑުވާނެ އެވެ.

ކުޑަކުދިންނާ ދިމާލަށް ގަދަ އަމުރުކުރުމާއި ރުޅި އައިސްގެން ކަންކަން ކުރުން ބޮޑެތި މީހުން ދޫކޮށްލަންޖެހޭ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ތިންވަނަ ކަމަކީ ވާހަކަ ދައްކައިގެން ކަންކަން ކުރުމުގެ އަދި އިސްލާހު ކުރުމުގެ ސަގާފަތު އާއިލާގައި އަށަގެންނެވުމެވެ. މިއީ ތަރުބިޔަތުގައި ވަރަށް މުހިންމު ވަސީލަތެކެވެ. ގަދަ އަމުރުތައް ކުރުމާއި ރުޅި އައިސްގެން ކަންކުރުން ދޫކޮށްލަން ޖެހެ އެވެ. އޭގެ ބަދަލުގައި ކުއްޖާގެ ބުއްދިއަށާއި ޖަޒުބާތުތަކަށް އަމާޒުވާ ފަދަ ގޮތަކަށް ކަމުގެ މުހިންމު ކަމާއި އެކަން ނެތިއްޖެ ނަމަ ލިބިގެންދާނެ ގެއްލުންތައް ޑައިލޮގުތަކުގެ ތެރެއިން ފޯރުކޮށްދިނުމުން ނުކުންނަ ނަތީޖާ ބޮޑުވާނެ އެވެ.

ކީރިތި ނަބިއްޔާ ﷺ ހަދީސް ކުރައްވަނީ "އަހަރެމެންގެ ބޮޑެތި މީހުންނަށް އިހުތިރާމު ނުކުރާ، ކުޑަކުދިންނަށް އޯގާތެރި ނުވާ، އިލްމުވެރިންގެ ހައްގު ނުދަންނަ މީހުންނަކީ އަހަރެމެންގެ (މުސްލިމުންގެ) ތެރެއިންވާ މީހެއް ނޫނެވެ" (އަޙުމަދު). ވީމާ މުދައްރިސުންނަށް ގަދަރު ނުކުރުމަކީ އިލްމު އުނގެނުމުގެ އަދަބުތަކާ ހިލާފުވާނެ ކަމެކެވެ.

ހަތަރުވަނަ ކަމަކީ އިހުތިރާމު ކުރުމުގެ ސުލޫކަށް އަބަދުވެސް ހިތްވަރު ދިނުމާއި އިހުތިރާމު ނުކުރުމުގެ ސުލޫކެއް ދަރިވަރުންގެ ކިބައިން ފެންނަ އެއްވެސް ފަހަރަކު އަޅާނުލައި ދޫކޮށް ނުލުމެވެ.

އިހުތިރާމު ކުރަން ދަސްކޮށްދިނުމުގައި މަދަރުސާގެ ދައުރު

މީހުންނަށް އިހުތިރާމު ކުރަން ދަރިވަރުންނަށް ދަސްކޮށްދިނުމަށްޓަކައި މަސައްކަތް ކުރަން ޖެހޭނެ ދެވަނަ މުހިންމު ތަނަކީ މަދަރުސާ އެވެ. މަދަރުސާ އަކީ ދިރިއުޅުމަށް ދަރިވަރުން ތައްޔާރު ކޮށްދޭން ޖެހޭ ތަނެކެވެ. މިގޮތުން ރިވެތި އަޚުލާގީ ސިފަތަކާ އެކު މުޖުތަމައަށް ދަރިވަރުން ނެރެން ޖެހެ އެވެ. މީގެ ތެރޭގައި މައިންބަފައިންނާއި މުދައްރިސުންނާއި އެހެން މީހުންނަށް ދަރިވަރުން އިހުތިރާމު ކުރަން ވެސް ދަސްކޮށްދޭން ޖެހެ އެވެ. މިކަމުގައި މަދަރުސާ އިން ކުރަން ޖެހޭ އެއް ކަމަކީ އިހުތިރާމަކީ ދެފަރާތުން ބަދަލުކޮށްގެން ނޫނީ ނުކުރެވޭނެ ކަމެއްކަން ގަބޫލުކޮށް މުދައްރިސުން ދަރިވަރުންނަށް އޯގާތެރިކޮށް ހިތައި އިހުތިރާމު ކުރުމެވެ.

ދަރިވަރުންނަށް އިހުތިރާމުކޮށް އެ ދަރިވަރުން ދައްކާ ވާހަކަ އަޑުއަހައި އެ ދަރިވަރުންނަށް އިހާނެތި ގޮތެއް ނުހަދާ މުދައްރިސަކީ ދަރިވަރުންގެ އިހުތިރާމު ލިބޭނެ މީހެކެވެ.

ދެވަނަ ކަމަކީ އިންސާފުން ދަރިވަރުންނާ މެދު ކަންކަން ކުރުމެވެ. ނަބިއްޔާ ﷺ އަންގަވަނީ ދަރިންގެ މެދުގައި އަދުލުވެރި ވުމަށެވެ. އެހެންވެ މުދައްރިސުން ވެސް މިކަން ތަންފީޒު ކުރަން ޖެހޭނެ އެވެ. އިންސާފުން ކަންކުރާ މުދައްރިސަކު ކުރި ކަމަކާ މެދު ދަރިވަރު ހިތްހަމަ ނުޖެހުނަސް އެއީ އިންސާފު ކަމަށް ގަބޫލު ކުރެވޭތީ މުދައްރިސަށް އޮންނަ އިހުތިރާމު ކުޑަވުމަކީ ނާދިރު ކަމެކެވެ.

ޓީޗަރުންތަކެއް ދަރިވަރުންނާ އެކު: ސްކޫލްތަކުން ކުރަންޖެހޭ އެއް ކަމަކީ އިހުތިރާމަކީ ދެފަރާތުން ބަދަލުކޮށްގެން ނޫނީ ނުކުރެވޭނެ ކަމެއްކަން ގަބޫލުކޮށް މުދައްރިސުން ދަރިވަރުންނަށް އޯގާތެރިކޮށް ހިތައި އިހުތިރާމު ކުރުން.---ފައިލް ފޮޓޯ: މިހާރު

ތިންވަނަ ކަމަކީ އިސްލާމީ ގިޔަމު (ވެލިއު) ތަކާއި އަދަބުތަކާއި އަހުލާގީ ސިފަތައް އަށަގަންނުވަން އިސްކަން ދީގެން ދަރިވަރުން ތަރުބިޔަތު ކުރެވޭތޯ ބެލުމެވެ. އަދި ނުކިޔަމަންތެރިވާ ދަރިވަރުން އިސްލާހު ކުރުމުގައި އަދަބު ދިނުމަކީ އެހެން ހުރިހާ ވަސީލަތެއް ހުސްވީމާ އެންމެ ފަހު ވަސީލަތެއްގެ ގޮތުގައި ނޫނީ ބޭނުން ނުކުރުމެވެ. ނަމަވެސް އަދަބު ލިބޭނެ ކަމާއި އެ ނިޒާމު އެގޮތަށް އޮތްކަން ދަރިވަރުންނަށް އެނގެން ވާނެ އެވެ. އަދި އެ ދަރަޖަ އަށް ދާ ދަރިވަރުންނަށް އަދަބު ތަންފީޒު ކުރެވި އެހެން ދަރިވަރުންނަށް މިކަން ފެންނަން ވާނެ އެވެ.

ގޮންޖެހުންތައް ހައްލު ކުރަން އެންމެން މަސައްކަތް ކުރުން

މައިންބަފައިންނާއި މުދައްރިސުންނާއި އެހެން މީހުންނަށް އިހުތިރާމު ކުރަން ދަސްކޮށްދޭން އާއިލާ އާއި މަދަރުސާ އިން އަދާކުރާ ދައުރުގެ ތެރޭގައި މިކަމަށް ހުރި ގޮންޖެހުންތައް ދެނެގަނެ އެއިން އަރައިގަތުމަށް ވެސް މަސައްކަތް ކުރަން ޖެހޭނެ އެވެ. މިކަމުގައި މުޖުތަމައުގެ އެހެން ފަރާތްތަކުގެ ދައުރު ވަރަށް ބޮޑުވާނެ އެވެ. ސަބަބަކީ ގިނަ ގޮންޖެހުންތަކަކީ އާއިލާ އާއި މަދަރުސާގެ ބޭރުން އަންނަ ގޮންޖެހުންތައް ކަމަށް ވާތީ އެވެ. މިގޮތުން މިޒަމާނުގެ އެންމެ ބޮޑު ގޮންޖެހުމަކީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއި އެކު ތަފާތު މީޑިއާތަކުން ދަރިވަރުންނަށް ފެންނަ މަންޒަރުތަކުގައި މީހުންނަށް ބޭއިހުތިރާމު ކުރެވޭތަން ފެނި އެފަދަ ކަންކަން ކޮޕީ ކުރުމެވެ. އަދި އެހެން މީހުންނަށް ކުރަންޖެހޭ އިހުތިރާމު ގެއްލޭތޯ ނުވަތަ ނޫންތޯ ބެލުމެއް ނެތި އެފަދަ ކަންކަން ކުރަން އާދަވުމެވެ.

ދަ އަމުރުތައް ކުރުމާއި ރުޅި އައިސްގެން ކަންކުރުން ދޫކޮށްލަން ޖެހެ އެވެ. އޭގެ ބަދަލުގައި ކުއްޖާގެ ބުއްދިއަށާއި ޖަޒުބާތުތަކަށް އަމާޒުވާ ފަދަ ގޮތަކަށް ކަމުގެ މުހިންމު ކަމާއި އެކަން ނެތިއްޖެ ނަމަ ލިބިގެންދާނެ ގެއްލުންތައް ޑައިލޮގުތަކުގެ ތެރެއިން ފޯރުކޮށްދިނުމުން ނުކުންނަ ނަތީޖާ ބޮޑުވާނެ އެވެ.

ދެވަނަ ގޮންޖެހުމަކީ އިހުތިރާމު ކުރަން ދަސްކޮށްދޭ ފަރާތްތަކުގެ މެދުގައި އެއްބާރުލުން ކުޑަވުމެވެ.

ތިންވަނަ ގޮންޖެހުމަކީ އިހުތިރާމު ކުރުމުގެ ސަގާފަތް ދަމަހައްޓައިދޭ ނަމޫނާތައް މުޖުތަމައުން ފެންނަލެއް މަދުވުމެވެ.

ހަތަރުވަނަ ގޮންޖެހުމަކީ ހެޔޮކަންތަކަށް އަމުރު ކުރުމާއި ނުބައިކަންކަން ނަހީކުރުން މުޖުތަމައުން ނެތިގެން ދިއުމެވެ.

ވީމާ މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އާއިލާއިންނާއި މަދަރުސާ އިން އަދި މުޅި މުޖުތަމައު އެއްކޮށް މަސައްކަތް ކުރަންޖެހޭނެ އެވެ. މިގޮތުން މައިންބަފައިންނާއި މުދައްރިސުންނަށް އެހެން މީހުންނަށް ވެސް އިހުތިރާމު ކުރުމުގެ ސަގާފަތެއް އުފައްދަން މަސައްކަތް ކުރަންޖެހޭނެ އެވެ. މިކަމުގައި ދަރިވަރުން ހޭލުންތެރި ކުރުވުމާއި ދަރިވަރުންގެ ޖަޒުބާތުތައް މިކަމަށް ފޯކަސް ކުރުވުމާއި ހެޔޮ ނަމޫނާތައް ފެނުމާއި ހެޔޮ ނަސޭހަތްދީ އިސްލާހު ކުރުމުގެ މަސައްކަތް ކުރަން ޖެހޭނެ އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮމޮޑަސް

19 December 2025

ރަނގަޅު ލިޔުމެލެވެ. އިހުތިރާމަކީ އެ ބޭނުންވާ މީހަކު ފާޅުގައި ހުރެ ޑިމާންޑުކުރާ އެއްޗެއް ނޫނެވެ. އެއީ ޑިޒަރވް ވާ މީހަކަށް ބޭއިހްތިޔާރުގައި ލިބޭ އެއްޗެކެވެ. އެއްވެސް މީހަކު، އަނެކާއަށް ހަމަ ހުރެފައި ސަބަބެއް ނެތި ކުރާނެ އިހުތިރާމެއް ނޯންނާނެއެވެ. އިހުތިރާމު ނުލިބިގެން ރޮއެހޭރޭނަމަ، ލިބޭނީ މަލާމަތެވެ. އޭރުން މާ ދެރައެއްނު؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454