ޚިޔާލު / ދީން

ޓީޗަރުންނަށް ގަދަރުކޮށް އިހުތިރާމް ކުރުމުގެ މާތްކަން

ނަބިއްޔާ ﷺ ބަޔާން ކުރައްވާ ގޮތުގައި އަޅުވެރިޔަކަށް ވުރެ އިލްމުވެރިއެއްގެ މާތްކަން ބޮޑު. އެއީ އަލިކަން ފޯރުކޮށްދިނުމުގައި އެހެން ތަރިތަކުގެ މައްޗަށް ހަނދުގެ އަލިކަން ގަދަ ވެގެންދާ ފަދައިން.

އަމީނިއްޔާ ސްކޫލްގައި ޓީޗަރުންގެ ދުަވސް ފާހަގަކުރުމަށް ބޭއްވި ހަރަކާތެއްގެ ތެރެއިން ކޭކެއް ފަޅަނީ.---ފައިލް ފޮޓޯ: ނިޝާން އަލީ| މިހާރު

މުދައްރިސުންނަކީ މުޖުތަމައުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. އެ މީހުންނަކީ ހަމައެކަނި ދަރުސްތަކެއް ނަގައިދީ މައުލޫމާތާއި ހުނަރު ފޯރުކޮށްދޭ ބައެއް އެކަންޏެއް ނޫނެވެ. ނަމަވެސް އެއީ އިންސާނުން ހެޔޮގޮތުގައި ތަރުބިޔަތު ކުރުމުގެ މަސައްކަތުގައި އުޅޭ މުރައްބީން (ތަރުބިޔަތު ކުރާ މީހުން) ނެވެ. އެހެންވެ މުދައްރިސެއްގެ ދައުރުގެ އިތުރުން އިންސާނާ ހެޔޮގޮތުގައި ތަރުބިޔަތު ކޮށް ވަޒަން ހަމަ ޝަހުސިއްޔަތު ތަކެއް ބިނާ ކުރުމަށްޓަކައި އިރުޝާދު ދިނުމާއި މަގު ދެއްކުމާއި ތަމްރީނު ދިނުމާއި މޮނީޓަރު ކުރުމާއި އިސްލާހު ކުރުން ފަދަ އެތައް ކަމެއް އެމީހުން ކުރަން ޖެހެ އެވެ.

މި ސަބަބުތަކަށްޓަކައި އެ މީހުންނަކީ މުޖުތަމައުގައި ވަރަށް ބޮޑަށް ގަދަރު ކޮށް އިހުތިރާމު ކުރަންޖެހޭ ބައެކެވެ. އެ މީހުންގެ އެ ބުރަ މަސައްކަތް ހެޔޮ ހިތުން ބަލައިގަނެ ޝުކުރު އަދާކޮށްދޭން ޖެހޭ ބައެކެވެ. އިސްލާމީ ނަޒަރުން ބަލާއިރު މިކަން މުހިންމުވާ އެތައް ސަބަބެއް ވެ އެވެ.

އިސްލާމް ދީނުގައި މުރައްބީންގެ ދަރަޖަ

އިސްލާމީ ނަޒަރުން ބަލާއިރު މުރައްބީން ކަމުގައި ބަލައިގަނެވެނީ އެންމެ ފުރަތަމަ އެ މީހެއްގެ ދާއިރާ އިން އިލްމުވެރި ވެފައިވާ ނަމަ ނުވަތަ ތަޖުރިބާ ލިބިފައިވާ ނަމަ އެވެ. މީގެ އިތުރުން އެ މީހުންގެ އިލްމާ އެއްގޮތަށް އެ އަށް އިހުލާސްތެރިކަމާއި އަމާނާތްތެރި ކަމާ އެކު އަމަލު ކުރާ ނަމަ އެވެ. ސަބަބަކީ މުރައްބީން އަދާކުރަން ޖެހޭ ދައުރުގެ ގޮތުގައި މަތީގައި ފާހަގަކުރި ހުރިހާ ކަމެއް ކުރެވޭނީ މި ޝަރުތުތައް ފުރިހަމަ ވެގެން ކަމަށް ވާތީ އެވެ. މިކަންކަމުގެ އަލީގައި ބަލާއިރު މުރައްބީންނަކީ ވަރަށް މަތީ ދަރަޖައެއްގެ ބައެކެވެ. މިގޮތުން މުރައްބީންނަކީ ނަބީބޭކަލުންގެ ތަރިކަ އެވެ (އަބޫ ދާއޫދު އަދި ތިރުމިޛީ).

އެ މީހުން އެ އަދާކުރަނީ ހަމަ ނަބީންނާއި ރަސޫލުން އަދާކުރި ފަދަ ދައުރެކެވެ. އެހެންވެ އީމާންވެ ﷲ އެ ބަޔަކަށް އިލްމު ދެއްވާފައިވާ މީހުންނަކީ ދަރަޖަ ތަކަކަށް އުފުއްލެވޭނެ ބައެކެވެ (އަލްމުޖާދަލާ 11). އަދި އިލްމުވެރިންނަކީ މާތް ﷲ ގެ އަޅުތަކުން ކުރެ އެކަލާނގެ އަށް އެންމެ ބިރުވެތިވާނެ ބައެކެވެ (ފާޠިރު 28).

ނަބިއްޔާ ﷺ ބަޔާން ކުރައްވާ ގޮތުގައި އަޅުވެރިޔަކަށް ވުރެ އިލްމުވެރިއެއްގެ މާތްކަން ބޮޑެވެ. އެއީ އަލިކަން ފޯރުކޮށްދިނުމުގައި އެހެން ތަރިތަކުގެ މައްޗަށް ހަނދުގެ އަލިކަން ގަދަ ވެގެންދާ ފަދައިންނެވެ. އަދި އުޑުތަކާއި ބިންތަކުގައިވާހާ މަޚުލޫގުންތައް (ކަނޑު އަޑީގައިވާ މަސްތަކަށް ދާންދެން) އިލްމުވެރިންނަށް ޓަކައި އިސްތިޣުފާރު ކޮށްދޭނެ އެވެ. އިލްމު ހޯދުމުގެ މަރުހަލާ ގައި އެ މީހުންވާ ހިނދު މަލާއިކަތުންގެ ފިޔަތައް ރުހުމާ އެކު އެ މީހުން ވަށާލާނެ އެވެ (އަބޫ ދާއޫދު)

މި ހުރިހާ ދަރަޖައެއް އިލްމުވެރިންނަށް ލިބިގެންދަނީ އެ މީހުން މުރައްބީންގެ ގޮތުގައި އަދާކުރާ ދައުރުތައް މަތިވެރި ވީމަ އެވެ. މިގޮތުން އެ މީހުންނަށް ﷲ ދެއްވި އިލްމު މީސްތަކުންގެ މެދުގައި ފަތުރާނެ އެވެ. އެ އިލްމުގެ ބޭނުން ހިފައިގެން މީސްތަކުންގެ ކިބައިގައި އިސްލާމީ ރިވެތި ގިޔަމުތަކާއި މަތިވެރި އަހުލާގު އަށަގަންނުވަން މަސައްކަތް ކުރާނެ އެވެ. އަދި އިސްލާމީ ރިސާލަތު ފޯރުވާނެ ޖީލުތައް ވަޒަން ހަމަ ގޮތުގައި ތަރުބިޔަތު ކުރާނެ އެވެ.

މުރައްބީންނަށް ގަދަރު ކުރުމަކީ ލާޒިމު ކަމެއް

މުރައްބީންނަށް ގަދަރުކޮށް އިހުތިރާމު ކުރުމަކީ އިލްމުވެރިންނަށް އިސްލާމް ދީނުގައި ދީފައިވާ ދަރަޖަ ދެމެހެއްޓުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

ކީރި ނަބިއްޔާ ﷺ ހަދީސް ކުރައްވަނީ "އަހަރެމެންގެ ބޮޑެތި މީހުންނަށް އިހުތިރާމު ނުކުރާ، ކުޑަ ކުދިންނަށް އޯގާތެރި ނުވާ، އިލްމުވެރިންގެ ހައްގު ނުދަންނަ މީހުންނަކީ އަހަރެމެންގެ (މުސްލިމުންގެ) ތެރެއިންވާ މީހެއް ނޫނެވެ" (އަޙުމަދު).

އެހެންވީމާ މުރައްބީންނަށް ގަދަރު ނުކުރާ މީހަކީ އިސްލާމީ އަދަބުތަކާ ހިލާފުވާ މީހެކެވެ. އެއީ އިލްމު އުނގެނުމުގެ އަދަބުތަކާ ވެސް ހިލާފު ވާނެ ކަމެކެވެ. އެހެންވެ މި އުންމަތުގެ ސަލަފުން ވަނީ މިކަމުގައި ނަމޫނާ ދައްކަވައި ދެއްވައިފަ އެވެ. އަދި އެ ކަމަށް ވަރަށް ބޮޑަށް ވަސިއްޔަތް ކުރައްވައިފަ އެވެ. މިގޮތުން އެބޭކަލުން އުސްތާޒެއްގެ ގާތުގައި އިށީންނަ ނަމަ ވަރަށް މަޑުމަތިރިކޮށް އިށީނުމާއި އުސްތާޒުގެ އަޑަށް ވުރެ އަޑު ބާރު ނުކުރުމާއި ކަންކަމުގައި އުސްތާޒުންނަށް އިސްކަން ދިނުން ފަދަ ކަންކަން ކުރައްވަ އެވެ.

އެ މީހުން އެ އަދާކުރަނީ ހަމަ ނަބީންނާއި ރަސޫލުން އަދާކުރި ފަދަ ދައުރެކެވެ. އެހެންވެ އީމާންވެ ﷲ އެ ބަޔަކަށް އިލްމު ދެއްވާފައިވާ މީހުންނަކީ ދަރަޖަ ތަކަކަށް އުފުއްލެވޭނެ ބައެކެވެ (އަލްމުޖާދަލާ 11). އަދި އިލްމުވެރިންނަކީ މާތް ﷲ ގެ އަޅުތަކުން ކުރެ އެކަލާނގެ އަށް އެންމެ ބިރުވެތިވާނެ ބައެކެވެ (ފާޠިރު 28).

އިމާމް ޝާފިއީގެ ފާނު ވިދާޅުވެފައިވާ ގޮތުގައި އެކަލޭގެފާނުގެ އުސްތާޒު އިމާމް މާލިކުގެ އަރިހުގައި އެކަލޭގެފާނު އިންނަވާ ހިނދު ފޮތުގެ ގަނޑު ވެސް އެއްލަނީ އުސްތާޒަށް ކިރިޔާ ވެސް އުނދަގުލެއް ނުފޯރާނެ ގޮތަށް ވަރަށް މަޑުންނެވެ. މިއީ ގަދަރާއި އިހުތިރާމުގެ ވަރަށް މަތީ ދަރަޖައެއް އޮތްކަން ހާމަވާ ކަމެކެވެ. ވީއިރު އަހަރެމެން ވެސް މިއަދު މުރައްބީންނަށް ގަދަރު ކުރުމުގެ ގޮތުން ކުރަން ޖެހޭ އަދި ކުރެވިދާނެ ހުރިހާ ކަމެއް ކުރަން ޖެހޭނެ އެވެ. އެ މަސްއޫލިއްޔަތު އުފުލަން ޖެހޭނެ އެވެ.

މުރައްބީންނަށް ގަދަރު ކުރުމުގެ ގޮތުން ކުރާނެ ބައެއް ކަންކަން

މުރައްބީންނަށް ގަދަރުކޮށް އިޖުތިރާމު ކުރުމުގެ ގޮތުން ކުރެވިދާނެ އެއް ކަމަކީ، ހިތާއި ދުލުން ގަދަރާއި އިއްޒަތް މުރައްބީންނަށް ދިނުމެވެ. އެއީ އެ ގަދަރާއި އިހުތިރާމު ހިތުގައި ބޭއްވުމާ އެކު ރިވެތި ބަހުން މުރައްބީންނާ މުވާސަލާތު ކުރުމެވެ. އެ މީހުންނަށް ހެޔޮ ދުއާ ކޮށްދިނުމެވެ.

ދެވަނަ ކަމަކީ، ހެޔޮގޮތުގައި މުރައްބީންނަށް ކިޔަމަންތެރިކަން އަދާކުރުމެވެ. ހެޔޮ ކަމަކަށް ވާ ކޮންމެ ކަމަކަށް އިޖާބަ ދިނުމެވެ. އުޒުރެއް އޮވެގެން ނުކުރެވޭ ހާލަތެއް އައި ނަމަވެސް އަދަބުވެރި ކަމާ އެކު އުޒުރު ބަޔާން ކުރުމެވެ.

ތިންވަނަ ކަމަކީ، މުރައްބީންގެ މަގާމު ދިފާއު ކުރަން މަސައްކަތް ކުރުމެވެ. މިގޮތުން އެ މީހުންގެ ހައިބަތު ދަމަހައްޓައި އެ މީހުންގެ ކަރާމާތަށް އަރައިގަނެވޭނެ ނުވަތަ އެ މީހުންގެ އަގު ވެއްޓޭނެ އެންމެހާ ކަންކަމުން ދުރުހެލިވާން ޖެހޭނެ އެވެ.

ޓީޗަރަކު ކުދިންނާ އެކު އެސެމްބްލީގައި މަޑުކޮށްލައިގެން: މުޖުތަމައު ކުރިއަރައި ގޮސް ވަރުގަދަ ހަޟާރަތެއް ބިނާ ކުރަން މަގުފަހި ވުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއްބަޔަކީ ތަރުބިއްޔަތު ކުރާ މީހުން.

ހަތަރުވަނަ ކަމަކީ، މާއްދީ ގޮތުންނާއި މައުނަވީ ގޮތުން އެ މީހުންނަށް ވާގިވެރިކަން ދިނުމެވެ. މިގޮތުން ދައުލަތުގެ ފަރާތުންނާއި އެކިއެކި މުއައްސަސާތަކުންނާއި އަދި ވަކިވަކި ފަރުދުން ކަމަށް ވިއަސް މުރައްބީން އަދާކުރަންޖެހޭ ދައުރު ފުރިހަމަ އަށް އަދާކުރެވޭނެ ފަދަ ވެށްޓެއް ގާއިމު ކޮށްދޭން ޖެހޭނެ އެވެ. އެ މީހުންނަކީ ތާހިރު ދިރިއުޅުމެއް އުޅެވޭނެ ވަރުގެ ބަޔަކަށް ހަދައިދޭން ވާނެ އެވެ. އަދި މި ނޫނަސް މުރައްބީންނަށް ގަދަރު ކުރެވި އިހުތިރާމު ކުރެވޭނެ ކޮންމެ ކަމެއް ވެސް ކޮށްދިނުމެވެ.

މުރައްބީންނަށް ގަދަރުކޮށް އިހުތިރާމު ކުރުމުގެ ހެޔޮ ނަތީޖާ

މުރައްބީންނަށް ގަދަރުކޮށް އިހުތިރާމު ކުރުމަކީ ހަމައެކަނި ނަމެއްގައި، ބޭރުފުށަށް ދައްކަން ކުރާ ކަމެއް ނޫނެވެ.

ނަމަވެސް އެއީ އިސްލާމީ ތަރުބިޔަތުގެ ވަރަށް މުހިންމު އުސޫލެކެވެ. އޭގެ ނަތީޖާ ވެސް ވަރަށް ހެޔޮވެގެންވާ ކަމެކެވެ. މިގޮތުން މުރައްބީންނަށް ގަދަރުކޮށް އިހުތިރާމު ކުރުމުން ލިބޭ އެއް ފައިދާ އަކީ، އިލްމުގެ މަތިވެރިކަމާއި ހައިބަތު ދެމެހެއްޓުމެވެ. އިލްމުވެރިންނަށް ގަދަރު ކުރާ ނަމަ އެމީހުން އުފުލާ އިލްމަށް ވެސް އެ ގަދަރު ލިބޭނެ އެވެ.

ދެވަނަ ފައިދާ އަކީ، އިސްލާމީ އަހުލާގީ ގިޔަމުތައް އޭގެ އަސްލީ ގޮތުގައި ދެމެހެއްޓުމެވެ. މުރައްބީންނަށް ގަދަރުކޮށް އިހުތިރާމު ކުރާ މިންވަރަކުން އެ މީހުންގެ މަސައްކަތަށް ހިތްވަރު ލިބި އިހުލާސްތެރިވާން ފުރުސަތު ލިބޭނެ އެވެ.

އެ މީހުންނަކީ ތާހިރު ދިރިއުޅުމެއް އުޅެވޭނެ ވަރުގެ ބަޔަކަށް ހަދައިދޭން ވާނެ އެވެ. އަދި މި ނޫނަސް މުރައްބީންނަށް ގަދަރު ކުރެވި އިހުތިރާމު ކުރެވޭނެ ކޮންމެ ކަމެއް ވެސް ކޮށްދިނުމެވެ.

ތިންވަނަ ފައިދާ އަކީ މުޖުތަމައު ކުރިއަރައި ގޮސް ވަރުގަދަ ހަޟާރަތެއް ބިނާ ކުރަން މަގުފަހި ވުމެވެ. އެހެނީ އެއީ މުޖުތަމައުގެ މުސްތަގުބަލު ވަރަށް މަތިވެރި އުސޫލުތަކެއްގެ މަތީ ގާއިމު ކުރަން ފުރުސަތު ލިބޭނެ ކަމެކެވެ.

ހަތަރުވަނަ ފައިދާ އަކީ، ވަޒަންހަމަ ހެޔޮލަފާ ޝަޚުސިއްޔަތުތަކެއް ތަރުބިޔަތު ކޮށް ނެރުމަށް ފުރުސަތު ލިބޭނެ ކަމެކެވެ. އެހެނީ ދަރިވަރުން ތަމްރީނު ވެގެން ދާނީ ރިވެތި އަދަބުތަކުގެ މަތީގަ އެވެ. އަދި މިކަން އެއްޖީލުން އަނެއް ޖީލަށް ވާރުތަ ވަމުން ދާނެ އެވެ.

ވީމާ މުރައްބީންނަށް ގަދަރުކޮށް އިހުތިރާމު ކުރުމަކީ ހަމައެކަނި އަހުލާގީ ސުލޫކެއް ނޫނެވެ. ނަމަވެސް އެއީ އިސްލާމީ އަގީދާ އާއި މަންހަޖުގެ ތެރެއިން ވެސް ހިމެނޭ ކަމެކެވެ. އަދި އެއީ އިލްމު ރައްކާތެރި ކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. އުންމަތް ކުރިއަރައި ހެޔޮލަފާ ޖީލެއް ތަރުބިޔަތު ކުރުމަށް އެހީތެރިކަން ލިބޭނެ ކަމެކެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް މުރައްބީންނަށް ގަދަރުކޮށް އިހުތިރާމު ކުރަން ޖެހެ އެވެ. އެ މީހުންނަށް އެހީތެރިވާން ޖެހެ އެވެ.

2 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގައުމުގެ

05 October 2025

އެހެންވީމާ، ހިތަށް އެރިހާއެއްޗެއް އިލްމުވެރި ވެރީންނަށްވެސް، އުސްތާޛުންނަށްވެސް، މުދައްރިސުންނަށްވެސް ނުކިޔޭނެ އަދި ނުލިޔެވޭނެ...

The name is already taken The name is available. Register?

ވަރަށްދެރަވޭ

05 October 2025

މިހާރު މުރައްބީންނެއް ނޫޅެ. މިހާރުއުޅެނީ ގަޑިހަމަކޮށްލަން ލެސަންޕްލޭންގައި އޮންނަ ފިލާވަޅުނަގައިދީފަ ދާމީހުން. ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަށް ހެޔޮނަސޭހަތެއްދޭން ސިކުންތެއްވެސް ހޭދަކޮށްލެވޭނެ މުރައްބީއަކު ކްލާސްރޫމަކަށް ނުވަދޭ. މަދުފަހަރަކު އިސްލާމް މުދައްރިސް ނަސޭހަތެއް ދެއްވިއަސް އެހެންމާއްދާތަކުގެ މުދައްރިސުން ނަސޭހަތެއްގެގޮތުންވެސް ބުނެލާނެބަހެއް ނޭނގޭފަދަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454