އައިޑެންޓިޓީއަކީ ޙަޟާރަތްތަކަށް އަންނަ ބަދަލުތަކުގެ ތޫފާނީ ރާޅުތަކުގެ ތެރޭގައި ސާބިތުކަން ދަމަހައްޓައިދޭ ބާރެކެވެ. ދިވެހިރާއްޖޭގެ ހާލަތަށް ބަލާއިރު، ދިވެހިންގެ މިއަދުގެ އައިޑެންޓިޓީ އަކީ ޒަމާންތަކެއް ވަންދެން ސާފު އިސްލާމީ ޢަޤީދާ އާއި ރާއްޖޭގެ ޖަޒީރާ ވެއްޓާ އެކުވެގެން އުފެދިފައިވާ ތަހުޒީބީ ބިނާއެކެވެ. ތަފާތު ގަބޫލުކުރުންތަކެއްގެ މަތީގައި ވިހުރިފައި އޮތް ރަށްތަކެއް ތައުހީދުގެ ހިޔާދަށުގައި އެއްބައިވަންތަ އުންމަތަކަށް ބަދަލުކޮށް، އިސްލާމީ ޝަރީއަތުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް ދިރިއުޅުން ބައްޓަން ކޮށްދިނީ އިސްލާމްދީނެވެ.
މިއަދު، ބަވަނަވުމުގެ (ގްލޯބަލައިޒޭޝަންގެ) ހަލުވި ދުވެލީގެ ތެރޭގައި އަދި އުންމަތްތައް އެއްބަޔަކާ އަނެއްބަޔަކާ ތަފާތުވެ ފާހަގަވާ ހާއްސަ ސިފަތައް ނައްތާލަން މަސައްކަތްކުރާ ސަގާފީ އޮއިވަރުގެ ތެރޭގައި، ދިވެހި އުންމަތް މިވަނީ ތާރީހީ ބޮޑު އިމްތިހާނަކާ ކުރިމަތިލާން ޖެހިފަ އެވެ. މި އިމްތިހާނުން ފާސްވެ އައިޑެންޓިޓީ ދެމެހެއްޓުން ކޮންމެހެން ބޭނުމެވެ.
ތައުޙީދަކީ ދިވެހިންގެ ވިސްނުމާއި މުއާމަލާތުތައް ބިނާކުރި އަސްލު
ހިޖުރައިން ހަވަނަ ގަރުނުގައި ދިވެހިރާއްޖެ އިސްލާމްވުމަކީ ހަމައެކަނި ބޭރުފުށަށް އައި ބަދަލެއް ނޫނެވެ. ނަމަވެސް އެއީ މީހުންގެ ވިސްނުމާއި ރޫހާއި ދިރިއުޅުމުގެ ނިޒާމުތަކަށް އައި ފުރިހަމަ ބަދަލެކެވެ. މިބަދަލު ބިނާވެފައިވަނީ ދިވެހިން ސުލްހަވެރިކަމާއެކު އިސްލާމްދީން ގަބޫލުކުރުމުގެ މައްޗަށެވެ. މަޝްހޫރު ފަތުރުވެރިޔާ އިބްނު ބަޠޫޠާ ބަޔާންކުރާ ގޮތުގައި ސުލްތާނު މުހައްމަދު ބިން އަބްދުﷲ އިސްލާމްވެވަޑައިގަތުމާއެކު، މުޅި ގައުމު އިސްލާމްވީ ހަތިޔާރުގެ ބާރުގައެއް ނޫނެވެ. ބަލައިގަންނަން ފަސޭހަ ހުއްޖަތާއި ނަމޫނާގެ ސަބަބުންނެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، މިސްކިތްތަކާއި ޤުރުއާން ކިޔަވައިދޭ މަޖިލިސްތަކަކީ މުޖުތަމައުގެ މައިގަނޑު މަރުކަޒުތަކަށް ވި އެވެ.
އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ސިޔާސީ ވުޖޫދު ހިމާޔަތްކޮށްދިން އައްޑަނައެކެވެ. ސޯޅަ ވަނަ ގަރުނުގައި ޕޯޗުގީޒުން ރާއްޖެ ހިފައި، ގަދަކަމުން ނަސާރާދީން ފަތުރަން މަސައްކަތް ކުރުމުން، ބޮޑުތަކުރުފާނު އިސްވެ ހުންނަވައި ކުރެއްވި މަތިވެރި ޖިހާދުން ސާފުވެގެން ދިޔައީ މިނިވަންކަން ދެމެހެއްޓުމާއި އިސްތިއުމާރާ ދެކޮޅަށް ތެދުވަން އިސްލާމްދީނުން ދިވެހިންނަށް ލިބުނު ވަރުގަދަ ބާރެވެ. ދިވެހި ތާރީހުން ފެނިގެންދާ ތައުޙީދީ އަނެއް އަސްލަކީ ދިވެހިންގެ ފަންނުވެރިކަމާއި ބަސް އިސްލާމްދީނާ ގުޅިގެން ދިޔަކަމެވެ.
މިގޮތުން ރާއްޖޭގެ އޭރުގެ މިސްކިތްތަކަކީ މި ގުޅުމުގެ ދިރިހުރި މިސާލުތަކެވެ. ކަނޑު އަޑިން ނެގި ހިރިގަލުން ބިނާކޮށް، އޭގައި ޢަރަބި އަކުރުން ކަނޑާނަގާފައިވާ ޤުރުއާނުގެ އާޔަތްތަކުން ދައްކައިދެނީ ދިވެހި ވެށްޓާއި ތައުޙީދާ ހުރި ގުޅުމެވެ.
މީގެ އިތުރުން ދިވެހިންގެ އަމިއްލަ އަކުރު ކަމުގައިވާ ތާނަ އަކުރު އުފެދިގެން އައީ އަރަބި ބަހުގެ ނުފޫޒާއެކުގަ އެވެ. ތާނައިގެ ފުރަތަމަ ނުވަ އަކުރަކީ ޢަރަބި ހިސާބުގެ އަކުރުތަކެވެ. އަދި ކަނާތުން ވާތަށް ލިޔާ އަކުރުތަކަކަށް ތާނަ ބަދަލުވުމުން ޢަރަބި ލަފުޒުތައް ލިޔުމަށާއި ދީނީ އިލްމު އުނގެނުމަށް ފަސޭހަވި އެވެ. މިކަންކަމުން ދިވެހިންގެ އިސްލާމްވަންތަ ތާރީހާއި އަދަބިއްޔާތު ރައްކާތެރި ކުރެވިގެން ދިޔަ އެވެ.
ތައުޙީދަކީ ދިވެހިންގެ ވިސްނުމާއި މުއާމަލާތުތައް ބިނާކުރި އަސްލު
މިއަދު ދިވެހިރާއްޖެ މިވަނީ ދުނިޔެއަށް ހުޅުވިފަ އެވެ. މީގެ ސަބަބުން ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި އިގުތިސާދީ މަންފާތައް ލިބުނަސް ބަވަނަވުމުގެ ސަބަބުން ދިވެހިންގެ ސަގާފަތަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.
ފާހަގަވާ އެއް ގޮންޖެހުމަކީ، ސަގާފީ ގޮތުން އަޅުވެތިވުމާއި ފުރިހަމަ ނަމޫނާތައް ބަދަލުވެގެން ދިއުމެވެ. އިންޓަނެޓާއި މީސްމީޑިއާ މެދުވެރިކޮށް ހުޅަނގުގެ ފިކުރުތަކާއި މާއްދީ ވިސްނުންތައް ދަނީ ފެތުރެމުންނެވެ. ނަތީޖާއަކީ ގިނަ ބަޔަކު ހުޅަނގުގެ މަޝްހޫރު ތަރިންނާއި އިރުމަތީގެ ސަގާފަތްތަކަށް ހެއްލި، ދިވެހިންގެ ކިބައިގައި ޒަމާނުއްސުރެ އޮތް ލަދުވެތިކަމާއި މަޑުމައިތިރިކަމާއި އެ ނޫން ވެސް ރިވެތި ސިފަތައް ނެތިގެން ދިއުމެވެ.
ދެވަނަ ގޮންޖެހުމަކީ، އިސްލާމީ މާރިފާއި ސަގާފަތާ ދުރުވުމާއި މާދަރީބަސް ހީނަރުވުމެވެ. މިއަދު އެންމެ ތުއްތު ކުދިންގެ "މާދަރީ" ބަހަކަށް އިނގިރޭސި ބަސް ބަދަލުވެ ތަހުޒީބުވުމުގެ ހަމައެކަނި މިންގަނޑަކީ އެއީ ކަމަށް ބެލެވިއްޖެ އެވެ. ނަތީޖާ އަކީ ދިވެހިބަހާ ގުޅިފައިވާ އިސްލާމީ ސަގާފަތާ ދުރުވެ ބޭރުގެ ނުރަނގަޅު ފިކުރުތަކަށް ޒުވާނުން ފަސޭހައިން ހުށަހެޅިގެންދިއުމެވެ.
ތިންވަނަ ގޮންޖެހުމަކީ، ފަތުރުވެރިކަމުގެ ތެރެއިން އަންނަ ނުރައްކާތަކެވެ. ފަތުރުވެރި ކަމަކީ މިހާރު ރާއްޖޭގެ އިގުތިސާދުގެ އެންމެ ވަރުގަދަ ލޭނާރެވެ. ނަމަވެސް ކުރިއާ ހިލާފަށް މިއަދު މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓް ހައުސް ވިޔަފާރި ފުޅާވެގެން ދިއުމާ އެކު ނުރަނގަޅު އަސަރުތަކެއް ދަނީ ފެންނަމުންނެވެ. އިގުތިސާދީ ގޮތުން ރައްޔިތުންނަށް ފައިދާވިއަސް، އެކަމުގައި ހިފަހައްޓަން ޖެހޭ އިސްލާމީ އުސޫލުތަކަށް ސަމާލުކަން ނުދެވުމުގެ ސަބަބުން ހަރާމް އެތައް ކަމަކަށް ދިވެހިންނަށް މިއަދު ދެވެނީ އަރައިގަނެވެމުންނެވެ.
ބަވަނަވުމުގެ ހަތަރުވަނަ ގޮންޖެހުމަކީ، އިޖުތިމާއީ ގުޅުންތައް ހީނަރުވުމެވެ. ބޮޑެތި އާއިލާތައް އެކުގައި ދިރިއުޅެ، އެކަކު އަނެކަކަށް އެހީތެރިވެދިން ޒަމާން ފަހަނައަޅައި، ކުދި އާއިލާތަކަށް ބެހި، އެކަމަކު ގިނަ ބަޔަކު އެއްތަނަކަށް ދަނީ ތޮއްޖެހެމުންނެވެ. މީގެ ނަތީޖާ އަކީ އިސްލާމްދީން ބާރުއަޅާ އިޖުތިމާއީ ގުޅުންތަކާއި އެއްބައިވަންތަކަން ހީނަރުވެ، މީހުން އެކަހެރިވެ، ހަމައެކަނި އަމިއްލަ ފައިދާއަށް ވިސްނާ މާއްދީ މުޖުތަމައަކަށް ބަދަލުވުމެވެ.
އަސްލުތައް ހިފެހެއްޓުމާއެކު ޒަމާނާ ފައިހަމަކުރުން
ބަވަނަވުމުގެ ގޮންޖެހުންތަކާ ކުރިމަތިލުމަކީ ދުނިޔެއާ އެކަހެރިވުމެއް ނޫނެވެ. ނަމަވެސް އޭގެ އެންމެ މުހިންމު ބޭނުމަކީ ދިވެހި އިސްލާމީ ސަގާފަތުގެ އަސްލުތައް ހިފަހައްޓައިގެން، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަށް ދާން ދަސްކުރުމެވެ.
މިގޮތުން ކުރަންޖެހޭ އެއްކަމަކީ ޢަޤީދާ އާއި ފިކުރުތައް ދަލީލުތަކުގެ މައްޗަށް ބިނާކުރުމެވެ. ކީރިތި ޤުރްއާނުން އިރުޝާދު ލިބެނީ ޢަޤީދާ ބިނާކުރަން ޖެހެނީ ދަލީލުތަކުގެ މައްޗަށް ކަމެވެ (އަލްބަޤަރާ 111، އަލްއަންބިޔާއު 24). އިސްލާމްދީނަކީ ބުއްދިއާ މުހާތަބުކުރާ އަދި ވިސްނުމަށް އިހުތިރާމުކުރާ ދީނެކެވެ.
ދެވަނަ ކަމަކީ، ތައުލީމީ މަންހަޖުތަކުން ދަރިވަރުންނަށް ހަމައެކަނި މައުލޫމާތު ދިނުމުގެ ބަދަލުގައި، އިލްހާދީ ފިކުރުތަކާއި އިސްލާމްދީނާ މެދު އުފައްދާ ޝުބުހާތަކާ ޝައްކުތަކަށް އިލްމީ ގޮތުންނާއި ބުއްދީގެ ހަމަތަކުން ރައްދުދޭން ދަސްކޮށްދިނުމެވެ. އަދި ސައިންސާއި އިންސާނީ އިލްމުތައް ކިޔަވައިދިނުމުގައި އިސްލާމީ ތަސައްވުރު ލާމަހައިގެން އެ ތަސައްވުރާ ހިލާފުވާ ކަންކަން ފާހަގަކޮށްދީގެން ކިޔަވައިދިނުމެވެ.
ތިންވަނަ ކަމަކީ، ދިވެހިބަހާއި ގައުމީވަންތަކަން ސުމޭކީ ވަސީލަތްތަކުގެ އެހީގައި ކުރިއެރުވުމެވެ. މިގޮތުން ދިވެހި ބަހުން އީޖާދީ އުފެއްދުންތައް އިތުރު ކުރުމަށް ހާއްސަ ފަންޑެއް ގާއިމު ކުރެވިދާނެ އެވެ. މީގެ އެހީގައި ކުޑަކުދިންނަށް ހާއްސަ އެޕްލިކޭޝަންތަކާއި ދިވެހި ތާރީހާއި އިސްލާމީ ވާހަކަތަކުގެ މައްޗަށް ބިނާކޮށްފައިވާ އެނިމޭޝަންތަކާއި ވީޑިއޯ ގޭމްތައް އުފެއްދިދާނެ އެވެ. އަދި ޒުވާނުންނާ ގުޅޭ، ފެންވަރު ރަނގަޅު މުނިފޫހިފިލުވުމުގެ އައިޓަމްތައް ޔޫޓިއުބް ފަދަ މަންސަތަކުގައި ދިވެހިބަހުން އިސްލާމީ ތަސައްވުރު ލާމަހައިގެން ގެނެސްދެވިދާނެ އެވެ.
ހަތަރުވަނަ ކަމަކީ، ފަތުރުވެރިކަމުގެ ނިޒާމު މުރާޖާކޮށް އިސްލާމީ ގިޔަމުތަކުގެ މައްޗަށް ބިނާކުރުމެވެ. މިގޮތުން ދުނިޔޭގައި މިހާރު ކުރިއަރަމުން އަންނަ ހަލާލު ފަތުރުވެރިކަމުގެ މޮޑެލް ރާއްޖޭގައި ފުޅާކުރެވިދާނެ އެވެ. ހަލާލު ފަތުރުވެރިކަމޭ ބުނުމުން ބައެއް މީހުންނަށް އޭގެ މާނަ އޮޅިގެން ޖޯކު ޖަހައެވެ. ނަމަވެސް އެއިން ބުނެދެނީ މުސްލިމުންގެ ތެރޭގައި ކުރިއަށް ގެންދާ އިގުތިސާދީ ކޮންމެ މަސައްކަތެއްގައި ވެސް އިސްލާމްވަންތަކަން ހުރުމެވެ. އެ އިން އެއްވެސް ކަމެއްގައި ހިމެނޭ ހަރާމްކަމެއް މުސްލިމުން ނުކުރުމެވެ. މިއީ އެއްވެސް ހާލެއްގައި ފަތުރުވެރިންނަށް އެ މީހުންގެ ޚާއްސަ ދިރިއުޅުމުގެ މިނިވަންކަން ނަގާލުމެއް ނޫނެވެ. އެ މީހުންގެ ފަރާތުން ހަމައެކަނި އެދެން އޮތް ކަމަކީ ދިވެހިންގެ ތެރޭގައި އެ މީހުން މައްސުނިވާ ނަމަ ދިވެހި އިސްލާމީ ސަގާފަތަށް އިހުތިރާމް ކޮށްދިނުމެވެ.
ފަސްވަނަ ކަމަކީ، އާއިލާ އާއި މިސްކިތުގެ ދައުރު ފުޅާކުރުމެވެ. ނަބިއްޔާ ﷺ ގެ ހަދީސުން އެނގޭ ގޮތުގައި މުސްލިމުން އެކަކު އަނެކަކާ އޮންނަ ގުޅުމަކީ ބިނާއެއް ފަދައިން އޭގެ އެއްބަޔާ އަނެއްބަޔާ ގުޅިލާމެހިފައި އޮންނަން ޖެހޭ ކަމެކެވެ. މިގޮތުން މިސްކިތްތަކަކީ ހަމައެކަނި ނަމާދުކުރާ ތަނެއްގެ ބަދަލުގައި، އިޖުތިމާއީ މަރުކަޒުތަކަކަށް ބަދަލުކުރެވިދާނެ އެވެ. އެއީ އެތަންތަނުގައި ޒަމާނީ ލައިބްރަރީތައް ހެދުމާއި ޒުވާނުންގެ ހަރަކާތްތައް ހިންގުމާއި އާއިލީ އިރުޝާދު ދިނުން ފަދަ ކަންކަން ކުރުމެވެ. މީގެ އިތުރުން ކޮންމެ ރަށެއްގައި ސަދަގާތުގެ ފަންޑުތައް ހަރުދަނާކޮށް، ނިކަމެތިންނަށް އެހީތެރިވެދޭނެ އިޖުތިމާއީ ރައްކާތެރިކަމުގެ ވިއުގައެއް ގާއިމު ކުރެވިދާނެ އެވެ.
މިގޮތުން ބަވަނަކުރުމުގެ ޒަމާނުގައި ވިއަސް ދިވެހި އިސްލާމީ ސަގާފަތް ދެމެހެއްޓުމަށް މިފަދަ އެތައް ކަމެއް ކުރެވިދާނެ އެވެ. މިގޮތަށް ދިވެހި އިސްލާމީ އަސްލުތައް ހިފެހެއްޓުމަކީ މާޒީއަށް އެނބުރި އެއްކޮށް ދިއުމެއް ނޫނެވެ. ނަމަވެސް އެއީ ދިވެހި އިސްލާމީ ސަގާފަތުގެ ވަރުގަދަ ބިންގަލެއްގެ މަތީގައި ސާބިތުވެ ތިބެ، ޔަގީންކަމާއެކު މިއަދުގެ ދުނިޔެއާ ކުރިމަތިލުމެވެ. ތައުހީދުގެ ދަންމަރުގެ މަތީ ދިވެހިންނަށް އަބަދުވެސް ތިބެވޭނީ މިފަދަ ލާމެހުކަނުންނެވެ