ތައުހީދު ނުވަތަ މާތްﷲ ގެ އެއްކައުވަންތަކަމުގެ އަގީދާއަކީ ގަހެއްގެ މޫތައް ފަދަ އެއްޗެކެވެ. މޫތައް ވަރުގަދަވެ، ބިމުގެ އަޑި އަށް ފެތުރި ސާބިތުވެއްޖެ ނަމަ އެންމެ ގަދަ ވައިރޯޅިތަކުގައި ވެސް ލުހިގެން ނުގޮސް ސާބިތުކަމާ އެކު ގަސް ހުންނާނެ އެވެ.
ކީރިތި ޤުރްއާނުގެ އިބްރާހީމް ސޫރަތުގެ 24 ވަނަ އާޔަތުގައި "ހެޔޮ ކަލިމަ"އެއްގެ މިސާލު މިފަދައިން ސާބިތުވާނެކަން ބަޔާން ކުރައްވާފައި ވެ އެވެ. ތަފުސީރު އިލްމުވެރިން ވިދާޅުވާ ގޮތުގައި ހެޔޮ ކަލިމައަކީ ތައުހީދުގެ ކަލިމަ އެވެ. ތައުހީދުގެ އަގީދާ ވަރުގަދަ ކުރުމަކީ އޭގެ ކަލިމަ ދުލުން ތަކުރާރު ކުރުން އެކަންޏެއް ނޫނެވެ. ނަމަވެސް އެ ކަލިމައިގައި ހިމެނޭ ހުރިހާ ކަމެއް ޝައްކަކާ ނުލައި ހިތުން ތެދުކޮށް ގަބޫލުކުރުމެވެ. ނަތިޖާއެއްގެ ގޮތުން މީހެއްގެ އަމަލުތައް ހެޔޮވެ ފާފަތަކާއި ކުށްތަކުން ދުރުހެލިވެ މާއްދީ ދުނިޔޭގެ އުފާތަކަށް ވުރެ ބޮޑަށް ﷲގެ ހަޒުރަތުން ލިބެން އޮތް ނިއުމަތްތަކަށް ދަހިވެތިވުމެވެ. އަދި އުހުރަވީ ހަޔާތުގެ އަޒާބުން ސަލާމަތްވުމަށްޓަކައި ﷲ އަށް ބިރުވެތިވުމެވެ.
ތައުހީދަކީ ފާފަތައް ފުއްސެވުމަށް އޮތް މަގެއް
ނަފުސުގެ އެދުންތަކާއި ޝައިތާނާގެ ވަސްވާސްތަކުގެ ކުރިމަތީ އިންސާނާ ބައެއް ފަހަރު ނިކަމެތިވެ، ފާފަތަކަށް އަރައިގަނެވެ އެވެ. މިފަދަ ހާލަތެއްގައި ސަލާމަތުގެ ފުރުސަތެއް އޮތީ ތައުހީދުގެ ކަލިމައިން އެކަންޏެވެ.
އިމާމު ތިރުމިޛީ ރިވާކުރައްވާފައިވާ ހަދީސެއްގައިވާ ގޮތުން ގިޔާމަތް ދުވަހު އެންމެހާ ހަލްގުތަކުންގެ ކުރިމަތީ މީހަކު މިންޖު ކުރެވިގެންދާނެ އެވެ. އެ މީހާގެ ކުށްތަކާއި ފާފަތަކުގެ 99 ފަތްފުށް ހުޅުވާލެވިގެންދާނެ އެވެ. ލޮލުގެ ފެނުމުގެ ދުރުމިނާ ހަމައަށް އޭގެ ބޮޑުމިން ފެތުރިގެންވާ އެ ފަތްފުށްތަކުގައިވާ ކަންކަމާ މެދު އިންކާރު ކުރަންތޯ އާއި އޭގައި ކުށެއް އޮތްތޯ އާއި މިކަންކަމަށް ދައްކާނެ އުޒުރެއް އެބައޮތްތޯ ސުވާލު ކުރެވޭނެ އެވެ. ޖަވާބުގައި އޭނާ ނޫނެކޭ ބުނުމުން ﷲ ވަހީ ކުރައްވާނީ އޭނާއަށްޓަކައި ހެޔޮކަމެއް އޮތް ކަމާއި އަނިޔާވެރި ނުވެވޭނެ ކަމަށެވެ. ދެން ތައުހީދުގެ ކަލިމަ ލިޔެވިގެންވާ ކާޑެއް ނެރެވި 99 ފަތްފުށާ އަޅައިކިރާލެވޭނެ އެވެ. އެ ހިނދު ފަތްފުށްތައް ހުރިކޮޅު ލުއިވެ ކާޑު އޮތްކޮޅު ބުރަވެގެންދާނެ އެވެ.
އެހެން ހަދީސްފުޅެއްގައިވާ ގޮތުން އާދަމުގެ ދަރިޔަކު ﷲ އަށް ޝަރީކު ނުކޮށް އެކަމަކު ބިން އެކީ ފުރޭހާ މިންވަރަށް ފާފަތަކައިގެން ﷲ އާ ބައްދަލު ކުރިޔަސް އެ ހުރިހާ ފާފަތަކާ އެއްމިންވަރަށް ފުއްސެވުމައިގެން ﷲ އެ މީހަކާ ބައްދަލު ކުރައްވާނެ އެވެ (ތިރުމިޛީ).
ތައުހީދު ދެނެގަތުމުން އިންސާނާ، ކައުނާ ދިރިއުޅުމުގެ ހަޔާތާ ގުޅުވައިދޭ
ތައުހީދު ދެނެގަތުމަކީ މުސްލިމެއްގެ މައްޗަށް ލާޒިމު ކަމެކެވެ. މުޙައްމަދު ސޫރަތުގެ 19 ވަނަ އާޔަތުގައި ﷲ އަންގަވަނީ އެކަލާނގެ ފިޔަވައި އެހެން އިލާހަކު ނުވާކަން ދެނެގަތުމަށެވެ. ތައުހީދު ދެނެގަތުމަށްޓަކައި އެންމެ ފުރަތަމަ ބޭނުންވަނީ ހެއްދެވުމާއި ރިޒުގު ދެއްވުމާއި ތަދުބީރުކުރުން ފަދަ އަމަލުފުޅުތަކުގައި އެކަލާނގެއާ އެއްފަދަ އެހެން ފަރާތެއް ނުވާކަން ދެނެގަނެ އެކަން ގަބޫލު ކުރުމެވެ.
އަލްއަޢުރާފު ސޫރަތުގެ 54 ވަނަ އާޔަތުގައި ވަނީ ހެއްދެވުމާއި އަމުރު ކުރެއްވުން މިލްކުވެގެން ވަނީ އެކަލާނގެ އަށް އެކަނި ކަމަށެވެ. މި އަގީދާގެ ސަބަބުން އިންސާނާ އަށް ކަށަވަރުވަނީ ކާއިނާތުގައި ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ކަންކަން ބަދަލު ނުކުރެވޭނެ ކަމެވެ. އެހެންވެ ރިޒުގު ނެތިދާނެތީ ބިރެއް ނުގަންނާނެ އެވެ.
ދެވަނަ އަށް ބޭނުންވަނީ އަޅުކަން ކުރުމާއި ދުއާ ކުރުމާއި ބިރުވެތިވުމާއި އުންމީދު ކުރުމާއި ގުރުބާންކުރުން ފަދަ އަޅުވެތިވުމުގެ ހުރިހާ ކަމެއް ހަމައެކަނި ﷲ އަށް ހާއްސަކޮށް ހާލިސް ކުރުމެވެ. ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ނުކުރުމަށް އަދި ﷲ އަށް އެކަނި އަޅުކަން ކުރުމަށް ކީރިތި ޤުރްއާނުގައި ވަރަށް ގިނަ އާޔަތްތަކުގައި އަންގަވާފައި ވެ އެވެ. މި އަގީދާގެ ސަބަބުން އިންސާނާގެ އަޅުވެތިވުން އެހެން ފަރާތަކަށް އަމާޒު ނުކުރެވޭނެ އެވެ. ﷲ ފިޔަވައި އެހެން ފަރާތަކުން ކަންކަމަށް ނޭދޭނެ އެވެ.
ތައުހީދު ދެނެގަތުމަށްޓަކައި ތިންވަނަ އަށް ބޭނުންވަނީ ﷲ އެކަލާނގެ އަމިއްލަ ޒާތުފުޅަށް ނިސްބަތްކޮށް ސާބިތު ކޮށްދެއްވި އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި އެކަލާނގެ އެހެން ފަރާތަކާ އެއްފަދަ ނުކުރުމެވެ. ﷲ އަންގަވަނީ އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވާ ކަމަށެވެ (އައްޝޫރާ 11).
މި އަގީދާގެ ސަބަބުން އިންސާނާގެ ހިތުގައި ﷲއަށް އޮންނަ ލޯތްބާއި ބިރުވެތިކަން އިތުރުވެ އެވެ. މިސާލަކަށް ﷲ އީ "ބައްލަވާވޮޑިގެންވާ" ކަލެއްކަން އެނގޭ މީހާ ފާފަކުރަން ލަދުގަންނާނެ އެވެ. އަދި އެކަލާނގެއީ "ރަޙުމާން" ކަން އެނގޭ މީހާ އެކަލާނގެ ރަހުމަތާ މެދު މާޔޫސް ނުވާނެ އެވެ.
ތައުހީދަކީ ނަފްސާނީ ބަލިތަކަށް އޮތް ޝިފާއެއް
ނަފްސާނީ ގޮތުން ފިކުރު ބޮޑުވުމާއި ހާސްކަން އިތުރުވެގެންދާ ހިނދު ތައުހީދުގެ އަގީދާއަކީ ހިތްތަކަށް ހަމަޖެހުން ގެނެސްދޭ ބާރެކެވެ. އީމާންކަމުގެ ރުކުނެއްގެ ގޮތުގައި މިންވަރަށް އީމާންވުން ފުރިހަމަވެގެން ދާނީ ތައުހީދާ އެކުގަ އެވެ. އެހެންވެ ދިރިއުޅުމުގައި ދިމާވާ ހުރިހާ ހެޔޮ އަދި ނުބައި ކަމަކީ ވެސް ހިކުމަތްވަންތަ، އޯގާވަންތަ އިލާހެއްގެ މިންވަރުފުޅުން ލިޔެވިގެންވާ ކަންތައްތަކެއް ކަން ކަށަވަރު ކުރެވޭނެ އެވެ. ނަތީޖާއަކީ ދިރިއުޅުމުގެ ހަޔާތުން ހިތާމަތަކާއި ނުރުހުންތެރިކަން ފިލައި ދިއުމެވެ. އަލްޙަދީދު ސޫރަތުގެ 22 ވަނަ އާޔަތުން އެނގޭ ގޮތުގައި ބިމުގައި ވިއަސް އަދި މީސްތަކުންގެ ނަފުސުތަކުގައި ވިއަސް އެއްވެސް މުސީބަތެއް ކުރިން ލިޔެވިގެން މެނުވީ ކުރިމަތި ނުވެ އެވެ.
އަދި ނަބިއްޔާ ﷺ ގެ ހަދީސުން އެނގޭ ގޮތުގައި މުޅި އުންމަތް އެކުވެގެން މީހަކަށް މަންފާއެއް ކޮށްދޭން އުޅުނަސް، ﷲ އެ މީހަކަށް ލިޔުއްވާފައިވާ ކަމެއް މެނުވީ އެ މީހުންނަކަށް ކޮށެއް ނުދެވޭނެ އެވެ. އަދި އެންމެން އެކުވެގެން މީހަކަށް ގެއްލުމެއް ދޭން އުޅުނަސް، ﷲ އެ މީހެއްގެ މައްޗަށް ލިޔުއްވާފައިވާ ކަމެއް މެނުވީ އެ މީހުންނަކަށް ނުކުރެވޭނެ އެވެ (އައްތިރުމިޛީ).
ތައުހީދަކީ ގިޔާމަތް ދުވަހުން ޝަފާއަތް ލިބޭނެ ކަމެއް
ގިޔާމަތް ދުވަހަކީ ކޮންމެ މީހެއްގެ ވެސް އަމަލުތަކުގެ މައްޗަށް ހިސާބު ކުރެވޭ ދުވަހެވެ. ތިމާގެ އަމިއްލަ މައިންބަފައިންނާއި އަހުންނަށް ވެސް އެހީއެއް ނުވެ ފިލަން ދުވާނެ ދުވަހެވެ. އެ ދުވަހު އެހީތެރިކަމެއް ހަމައެކަނި ލިބެން އޮންނަ ގޮތަކީ ނަބިއްޔާ ﷺ ގެ ޝަފާއަތުންނެވެ. މިހެންވެ މި ޝަފާއަތް ލިބުމަށް ކޮންމެ މީހަކު ވެސް ބޭނުންވެ އެވެ. ނަމަވެސް މިއީ އުންމީދަކުން އެކަނި ހާސިލުވާނެ ކަމެއް ނޫނެވެ.
މިކަމަށް އޮތް މަގަކީ ތައުހީދުގެ އަގީދާ އެވެ. ގިޔާމަތް ދުވަހު ނަބިއްޔާގެ ޝަފާއަތް ލިބުމުގައި އެންމެ ބާއްޖަވެރި މީހަކަށް ވާނެ މީހަކާ ބެހޭގޮތުން އަބޫހުރައިރާ، ނަބިއްޔާ ﷺ އާ ސުވާލު ކުރެއްވި އެވެ. ނަބިއްޔާ ބަޔާން ކުރެއްވީ އެ މީހަކީ އެ މީހެއްގެ އަމިއްލަ ނަފުސާއި ހިތުގެ ހާލިސްކަމުގެ ތެރެއިން ތައުހީދުގެ ކަލިމަ ކިޔާ މީހެކެވެ (ބުޚާރީ).
ތައުހީދަކީ އަހުލާގީ އަދި އިޖުތިމާއީ އިސްލާހަށް ލިބޭ ބާރެއް
ތައުހީދުގެ އަގީދާއަކީ ހަމައެކަނި ނަޒަރީ ފިކުރެއް ނުވަތަ ގަބޫލު ކުރުމެއް އެކަންޏެއް ނޫނެވެ. ނަމަވެސް އެއީ ހެޔޮ އަމަލުތަކަށް ބާރު އަޅާ ހަކަތައެކެވެ.
ތައުހީދު ވަރުގަދަވުމުން އީމާންކަމާއި އިސްލާމްކަމާއި އިހުސާންކަން ވަރުގަދަވެ އެވެ. މީގެ ސަބަބުން ފަރުދީ ގޮތުންނާއި ޖަމާއީ ގޮތުން އިސްލާހީ މުހިންމު ނަތީޖާތަކެއް ފެނިގެންދެ އެވެ. މިގޮތުން ﷲ އަކީ އައްސަވާވޮޑިގެންވާ، ބައްލަވާ ވޮޑިގެންވާ، އަމަލުތައް މޮނީޓަރު ކުރައްވާ ކަލާނގެކަން ގަބޫލު ކުރުމުން ފާރަވެރިކަމެއް ނެތް ތަނުގައި ވެސް ފަސާދަ އާއި ރިޝްވަތާއި މަކަރު ހެދުން ފަދަ ކަންކަމުން ދުރުހެލިވާނެ އެވެ. އަދި ﷲ އަކީ ބަދަލު ހިއްޕަވާ އަދުލުވެރިކަމާ އެކު ހުކުމް ކުރައްވާ ކަލާނގެކަން ގަބޫލު ކުރުމުން މީހުންނަށް އަނިޔާވެރިވުމުން ދުރުހެލިވެ ހައްގުތައް އޭގެ އަހުލުވެރިންނަށް ރައްދުކޮށް މީސްތަކުންގެ ފުރާނަޔާއި މުދަލާއި އަބުރު ރައްކާތެރި ކުރާނެ އެވެ. އަދި ﷲ އަކީ އަޅުތަކުން ދެކެ ލޯބިވާ އޯގާވަންތަ ކަލާނގެކަން ގަބޫލު ކުރުމުން އެކަމަކުގެ ހިތްހަމަ ޖެހުން އަމިއްލަ ނަފުސަށް ލިބުމާ އެކު އެންމެހާ މަހުލޫގުންގެ މައްޗަށް ލޯތްބާއި ކުލުނު އުފެދިގެންދާނެ އެވެ.
ޒަމާނީ ފިކުރީ އޮއިވަރުތަކުގެ ކުރިމަތީ ތައުހީދުގެ އަގީދާ ރައްކާތެރިކުރުން
ބަޔާންވެދިޔަ ކަންކަމުން ތައުހީދުގެ އަގީދާގެ މުހިންމުކަން ހާމަވެ އެވެ. ނަމަވެސް ޒަމާނީ ފިކުރީ އޮއިވަރުތަކުގައި އަގީދާ ބަލިކަށި ވެގެންދެ އެވެ. އިލްހާދީ ނުވަތަ މާއްދީ ނުވަތަ ލާދީނީ ފިކުރުތަކުން ހުށަހަޅާ ޝުބުހާތަކުގެ ކުރިމަތީ ހިފަހައްޓާލެވޭނެ މިންވަރަށް އަގީދާ ވަރުގަދަ ނޫން ނަމަ އެއީ ނުރައްކަލެކެވެ. މިހެންވެ ބުއްދީގެ ދަލީލުތަކާއި ނަގުލީ ދަލީލުތަކުގެ އަލީގައި ތައުހީދުގެ އަގީދާ ވަރުގަދަ ކުރަންޖެހެ އެވެ.
މިސާލަކަށް އިލްޙާދުގެ ބާތިލުކަން ސާބިތު ކުރުމަށް އައްޠޫރު ސޫރަތުގެ 35 ވަނަ އާޔަތުގައިވާ ސުވާލު ކުރެވިދާނެ އެވެ. އެއީ "އަދި ކިއެއްތަ! ހެއްދެވި ފަރާތެއް ނެތި އެއުރެން ހެދިގަތީ ހެއްޔެވެ؟ ނުވަތަ ހެއްދެވި ފަރާތަކީ އެއުރެން ހެއްޔެވެ؟" ނުވަތަ ﷲ އާ އެކުގައި އެހެން އެއްވެސް އިލާހަކު ވީނަމަ ކޮންމެ އިލާހަކުމެ އެ އިލާހަކު ހެދި ތަކެއްޗައިގެން ހިނގައި ގޮސް އެއްބަޔަކު އަނެއްބަޔަކަށް ވުރެ މަތިވެރި ވެހެން ހިނގައިދާނެ ކަމާއި މިއީ ހުސްތާހިރުވަންތަ ﷲ އަށް އެކަށޭނެ ސިފަތަކެއް ނޫން ކަމަށް ބުނެވިދާނެ އެވެ.