ތައުހީދުގެ އަގީދާ އަށް އުނިކަމެއް ނައިސް ދެމެހެއްޓުމަކީ އިސްލާމީ ޝަރީއަތުގެ މައިގަނޑު މަގުސަދުތަކުގެ ތެރެއިން ދީން ރައްކާތެރި ކުރުމަށްޓަކައި ލާޒިމު ކަމެކެވެ. ނަމަވެސް އަދުގެ މުސްލިމު މުޖުތަމައުތަކަށް ބަލާއިރު މިކަމަށް ހުރަސްއެޅޭ ގޮންޖެހުމެއް އެބައޮތެވެ. އެއީ އިލްޙާދީ (އެތީސްޓް) ފިކުރުގެ އޮއިވަރުތައް ވަރުގަދަވަމުން ދިއުމެވެ. 

މީސްމީޑިއާ އާއި އެ ނޫން ވެސް ވަސީލަތްތަކުގެ އެހީގައި އިސްލާމީ ފިކުރަށް ލޮޅުން އަރައި އިލްހާދީ ފިކުރަށް ތަރުހީބު ދެވޭތަން ފެނިގެން ދެ އެވެ. އެހެންކަމުން މި ގޮންޖެހުމުން ސަލާމަތްވުމުގެ މުހިންމުކަމާއި މިކަމަށްޓަކައި ކުރެވިދާނެ ކަންކަން ދެނެގަންނަން ޖެހެ އެވެ.  

އިލްހާދީ ފިކުރުން ރައްކާތެރިވުމުގެ މުހިންމުކަން

އިލްހާދީ ފިކުރަކީ އިންސާނާގެ އިންސާންވަންތަކަމާއި ބުއްދި އާއި ދީނާއި އާއިލާ އާއި މުޅި މުޖުތަމައަށް އޭގެ ނުރައްކާތެރިކަން ހުރި ފިކުރެކެވެ. އެހެންކަމުން މިއިން ރައްކާތެރިވުން މުހިންމެވެ. ސަބަބަކީ މިއީ އެ ފިތުރަތެއްގެ މަތީ އިންސާނާ ޚަލްގު ކުރެވިގެންވާ ފިތުރަތު (އެއްކައުވަންތަ ކަލަކު ވޮޑިގެންވާކަން ގަބޫލު ކުރުމުގެ ފިތުރަތު) ރައްކާތެރިކޮށްދޭނެ ކަމަކަށް ވުމެވެ. އިންސާނާ ދުނިޔެ އަށް ފޮނުވުމުގެ ބޭނުން (ﷲ އަށް އަޅުވެތިވެ ބިމުގެ ޚަލީފާކަން އަދާކުރުމުގެ މަގުސަދު) ހާސިލު ކުރެވޭނެ ކަމަކަށް ވުމެވެ. ދިރިއުޅުމުގެ ހަޔާތަކީ އަމާޒެއް އޮތް މާނަ ހުރި ކަމެއްކަމުގައި ބަލައިގަތުމަށް މަގުފަހިވާނެ ކަމަކަށް ވުމެވެ. ދިރިއުޅުމުގައި ދިމާވާ މުސީބާތްތަކާއި ވޭންތައް އެންމެ ސައްހަ ގޮތުގައި ތަފުސީރު ކުރަން ފުރުސަތު ލިބޭނެ ކަމަކަށް ވުމެވެ. ނަފުސާނީ ސިއްހަތަށް އޮތް ވަރުގަދަ ބާރަކަށް ވުމެވެ. އަހުލާގީ މިންގަނޑުތަކަކީ ހަރުދަނާ ހަމަތަކެއްގެ މަތީގައި ސާބިތުވެގެންވާ އެއްޗެއްކަން ކަށަވަރު ކޮށްދޭނެ އަދި އެގޮތުގައި މީހާ ދަމަހައްޓައިދޭނެ ކަމަކަށް ވުމެވެ.

ހަމައެފަދައިން އިލްހާދީ ފިކުރުން ރައްކާތެރިވުމަކީ އާއިލާ އާއި މުޖުތަމައާ އެކު އޮންނަ ގުޅުން ވަރުގަދަކޮށް ހިމާޔަތް ކޮށްދޭނެ ކަމެކެވެ. ރަށްވެހިކަމުގައި މީހާ މުސްތަގިއްލު ވުމާއި އަމިއްލަ އައިޑެންޑިޓީ އަށް ގުޑުމެއް ނާރައި ދަމަހައްޓައިދޭނެ ކަމެކެވެ. މާއްދީ ފަލްސަފާތަކާއި ހަގީގީ އިލްމާ ދެމެދު ހުރި ފަރަގު ފާހަގަކޮށްދޭނެ ކަމެކެވެ. ޝުބުހާތަކުގެ ކުރިމަތީ މީހާ ޖަޒުބާތު ނުވެ އީޖާބީ ވިސްނުމުން ވިސްނަން ފުރުސަތު ލިބޭނެ ކަމެކެވެ. ގާތުގައި އުޅޭ އެހެންމީހުން މަގުފުރެދި ދިއުމުން ސަލާމަތް ކޮށްދޭނެ ކަމެކެވެ. 

އިލްހާދީ ފިކުރުން ރައްކާތެރިވުން ބިނާވެގެންވާ އަސާސްތައް 

އިލްހާދީ ފިކުރުން އިންސާނާ ރައްކާތެރިވުން ބިނާވެގެންވަނީ ޝަރުއީ ދަލީލުތަކުގެ އަލީގައި މައިގަނޑު ދެ އަސާސެއްގެ މައްޗަށެވެ. އެއް އަސާސަކީ ސަލާމަތުންވާ އިންސާނީ ފިތުރަތެވެ. އައްރޫމް ސޫރަތުގެ 30 ވަނަ އާޔަތުން އެނގޭ ގޮތުގައި ﷲ އިންސާނާ އުފައްދަވާފައިވަނީ ތަބީއީ ގޮތުން ވެސް ކަލަކު ވޮޑިގެންވާކަން ގަބޫލުކުރުމުގެ ފިތުރަތެއްގަ އެވެ. އެ ފިތުރަތު އޭގެ ޒާތުގައި ބަދަލުވުމެއް ނުވެއެވެ. އެއީ ސީދާވެގެންވާ ހަނީފިއްޔަ ދީން ގަބޫލުކުރުމުގެ ފިތުރަތެވެ. ނަމަވެސް ވެށީގެ ތެރެއިން ކުރެވޭ ތަޖުރިބާތަކާއި ގަބޫލުކުރެވޭ ފިކުރުތަކުގެ ސަބަބުން މި ފިތުރަތު ވަކި މުއްދަތަކަށް ފޮރުވިގެން ހިނގައިދާނެ އެވެ. ބުޚާރީ އާއި މުސްލިމް ރިވާ ކުރައްވާފައިވާ ހަދީސެއްގައިވާ ގޮތުން އިންސާނާ ފިތުރަތުގެ މަތީ އުފަންވިޔަސް އޭނާގެ މައިންބަފައިންނަށް އޭނާ ޔަހޫދީއަކަށް ނުވަތަ ނަސާރާ އަކަށް ނުވަތަ މަޖޫސީ އަކަށް ބަދަލު ކޮށްލެވިދާނެ އެވެ. 

ދެވަނަ އަސާސަކީ ބުއްދީގެ ދަލީލުތަކެވެ. ކީރިތި ޤުރްއާނުގައި ބުއްދީގެ ސާދާ އެކަމަކު މާނަފުން ދަލީލުތައް ބަޔާންކޮށްފައި ވެ އެވެ. މިގޮތުން، އުފެދިފައިވާ ކޮންމެ އެއްޗެއް އެއީ އުފެދިފައިވާ އަޒަލީ ނޫން އެއްޗެއް ކަމާއި އެ އުފެދުމަށް ސަބަބެއް އޮންނަން ޖެހޭނެ ކަމުގެ ދަލީލު ޤުރްއާނުގައި ވެ އެވެ. އައްޠޫރު ސޫރަތުގެ 35 ވަނަ އާޔަތުގެ މާނައިގައި ވެ އެވެ. "އަދިކިއެއްތަ، ހެއްދެވި ފަރާތެއް ނެތި އެއުރެން ހެދިގަތީ ހެއްޔެވެ؟ ނުވަތަ ހެއްދެވި ފަރާތަކީ، އެއުރެން ހެއްޔެވެ؟" މި އާޔަތުން ކަށަވަރު ވަނީ ނެތުމުގެ ތެރެއިން ސަބަބެއް ނެތި އެއްޗެއް ވުޖޫދުވުމަކީ ބުއްދީގެ ހަމަތަކުން މުސްތަހީލު ކަމެއް ކަމެވެ. ހަމައެއާ އެކު (އުފެދިފައިވާ އެއްޗެއް) އަމިއްލަ އަށް އޭގެ ޒާތުން އުފެދުމަކީ މަންތިގީ ހަމަތަކުން މުސްތަހީލު ކަމެއް ކަމެވެ. އެހެންކަމުން ދެން ބާކީ އޮންނާނީ އެންމެ އިހުތިމާލެކެވެ. އެއީ ކައުނު އުފެއްދުމަށްޓަކައި އަޒަލީ ފަރާތެއް ވުޖޫދުގައިވުން ލާޒިމުވުމެވެ. އެ ފަރާތަކީ ޚާލިގުވަންތަ މާތް ﷲ އެވެ. 

ޤުރްއާނުން ގެނެސްދޭ ބުއްދީގެ އަނެއް ދަލީލަކީ ކައުނުގެ ފުރިހަމަ ކަމާއި އެކަތިއަނެކަތީގެ ގުޅުމާއި ކޮންމެ އެއްޗެއް ވުޖޫދުވުމަށް މަގުސަދެއް (ބޭނުމެއް) އޮންނަ ކަމުގެ ދަލީލެވެ. އައްނަމްލު ސޫރަތުގެ 88 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. "...އެއީ ﷲ ގެ ހެއްދެވުމެވެ. އެކަލާނގެއީ، ހުރިހާ ތަކެއްޗެއް ފުރިހަމަކޮށް ހެއްދެވި ރަސްކަލާނގެ އެވެ..." މި އާޔަތުން ކަށަވަރު ވަނީ ކައުނުގައިވާ ކޮންމެ އެއްޗެއް ވެސް ވަނީ ފުރިހަމައަށް ބަރާބަރަށް (ފައިން-ޓިއުން ކޮށް) ކަމެވެ. މިކަމަކީ އެހެން ހުރެފައި ފުރުސަތަކުން ވާނެ ކަމެއް ނޫންކަން މަންތިގީ އަދި ހިސާބީ ގޮތުން ކަށަވަރެވެ. އެހެންވެ ރޭވުންތެރި ހިކުމަތްތެރި ފަރާތެއްގެ ތަދައްޚުލުވުން މިކަމަށް ލާޒިމުވާނެ އެވެ. އެ ފަރާތަކީ ހިކުމަތްވަންތަ ކުޅަދުންވަންތަ މާތްﷲ އެވެ. 

އިލްހާދީ ފިކުރުން ޖީލުތައް ރައްކާތެރި ކުރުމުގައި މަދަރުސާގެ ދައުރު

ފިކުރުކުރުމާއި އިލްމީ ހަގީގަތްތައް ދެނެގަތުމާއި ސައްހަ ތަފުސީރުކުރުންތައް އިލްމީ މަންހަޖެއްގެ ތެރެއިން ނުގެންދެވިއްޖެ ނަމަ އިލްހާދީ ފިކުރުތަކަށް ފުރުސަތު ލިބޭނެ އެވެ. އެހެންކަމުން ތައުލީމީ މުއައްސަސާތަކުން ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ މިފަދަ މަންހަޖެއް ބިނާ ކުރުމެވެ. އިލްމާއި އީމާންކަން ގުޅުވާލަން ޖެހެ އެވެ. މާއްދީ ފަލްސަފާ އާއި ތަޖުރިބާ އިން ލިބިގަންނަ އިލްމާ ދެމެދު ހުރި ފަރަގު ދަސްކޮށްދޭން ޖެހެ އެވެ.

ދެވަނަ ކަމަކީ އެންމެހާ އިލްމުތައް އޭގެ ހަގީގީ ވެރި ފަރާތާ އަބަދުވެސް ގުޅުވުމެވެ. ވަހީގެ ޒަރީއާ އިން ލިބޭ އިލްމުގެ އިތުރުން އިންސާނީ ތަޖުރިބާތަކުން ހޯދައިގަންނަ އިލްމަކީ ވެސް ހަގީގަތުގައި ﷲގެ އުފެއްދެވުމެކެވެ. އެހެނީ ކައުނާއި ކައުނުގައިވާ ތަބީއީ އެންމެހާ ގާނޫނުތައް ލެއްވި ފަރާތަކީ ﷲ ކަމުގައި ވާތީ އެވެ. މިސާލަކަށް އިންސާނުންގެ ސެލްތަކުގައި ހިމެނޭ ތައުގީދު (ކޮމްޕްލެކްސް) މައުލޫމާތުތަކަކީ އިލްމުވެރި ފަރާތެއްގެ ފަރުމާ ކުރުމަކާ ނުލައި ކީމިޔާ (ކެމިކަލް)ގެ ރައްދު ހަރަކާތްތަކުން އެކަނި ވާނެ ކަމެއް ނޫންކަން ބަޔާން ކުރެވިދާނެ އެވެ. އެއީ ކޮންޕިއުޓަރު ޕްރޮގްރާމެއްގައި ވެސް އެ ފަރުމާކުރާނެ ފަރާތެއް ނެތި ޕްރޮގްރާމެއް ނުއުފެއްދޭނެ ފަދައިންނެވެ.  

އިލްހާދީ ފިކުރުން ޖީލުތައް ސަލާމަތްކުރުމަށްޓަކައި މަދަރުސާގެ ފަރާތުން ކޮށްދެވިދާނެ އަނެއް މުހިންމު ކަމަކީ ތަންގީދީ (ކްރިޓިކަލް) ވިސްނުމުގެ ހުނަރާއި މާރިފު (ނޮލެޖް)ގެ ނަޒަރިއްޔާ ދަސްކޮށްދިނުމެވެ. މާނައަކީ އިލްމީ ހަގީގަތްތައް ދެނެގަންނައިރު މަންތިގީ ނަހަމަތަކުން ދުރުހެލިވުމެވެ. އަދި އިލްމީ ހަގީގަތާއި ފުރޫޒު (އެސަމްޝަން) ތަކާއި ނަޒަރިއްޔާތަކާއި ފަލްސަފީ ތައުވީލުކުރުންތައް މިއީ ތަފާތު އެއްޗެތިކަން ދަސްކޮށްދިނުމެވެ. މީގެ އިތުރުން އެކިއެކި ޝުބުހާތަކަށް އިލްމީ ހަގީގަތްތަކާއި ބުއްދީގެ ހަމަތަކުގެ އަލީގައި ރައްދު ދޭން ދަސްކޮށްދިނުމެވެ. އަދި މި ހުރިހާ ހާލަތެއްގައި ވެސް ޝަރުއީ ހުކުމްތަކާ ގުޅުވާލަން ދަސްކޮށްދިނުމެވެ. 

ހޭލުންތެރި ކުރުވުމުގައި އިސްލާމީ ދައުވާގެ ސައްހަ މަންހަޖު ބޭނުންކުރުން

އިލްހާދީ ފިކުރުތަކުން ޖީލުތައް ސަލާމަތް ކުރުމުގައި މަދަރުސާގެ ތެރެއިން އިލްމާއި ހުނަރުތައް ލިބިގަންނައިރު އިސްލާމީ ދައުވާގެ ތެރެއިން ޖަޒުބާތުތަކަށް މުޚާތަބު ކުރެވެން ޖެހެ އެވެ. އެހެނީ ފިކުރާއި ސުލޫކު ބަދަލު ކުރުމުގައި އިހުސާސްތަކާއި ޝުއޫރުތައް މުހިންމު ދައުރެއް އަދާކުރާތީ އެވެ.

މިކަން އެންމެ ފުރިހަމައަށް ކުރެވޭނީ އިސްލާމީ ދައުވާގެ މަންހަޖު ކަމުގައިވާ ހިކުމަތާއި ރިވެތި ވައުޒުގެ (އައްނަޙުލު 125)ބޭނުން ހިފައިގެން ހޭލުންތެރި ކުރުވަން މަސައްކަތް ކޮށްގެންނެވެ. ޖަޒުބާތުތަކަށް މުޚާތަބު ކުރުމަށްޓަކައި އީމާންކަމުގެ ދަލީލުތަކާއި އިސްލާމީ ޝަރީއަތުގެ ފުރިހަމަކަމާއި ﷲ ގެ އަމަލުފުޅުތަކުގެ ހިކުމަތްތެރިކަން ބަޔާންކުރުން މުހިންމެވެ. ޒަމާނީ އިލްމީ ބަސްކޮށާރު ބޭނުންކުރަން ޖެހެ އެވެ. ދިރިއުޅުމުގެ ހަޔާތަކީ އިމްތިހާނެއް ކަމާއި އެކަމުގެ ހިކުމަތްތެރިކަމާއި އިންސާނުންގެ ހުރި ނުކުޅެދުންތެރިކަމާއި އިންސާނީ ވިސްނުމަށް ވުރެ ﷲ ގެ ހިކުމަތްވަންތަކަން މަތިވެރިވާނެކަން ފަދަ ކަންކަން ދަސްކޮށްދޭން ޖެހެއެވެ. އުހުރަވީ ހަޔާތަކީ ހުރިހާ ބޭއިންސާފެއްގެ ބަދަލު ލިބި އަދުލުވެރި ނިމުން އަންނާނެ ހިސާބުކަން ތަސައްވުރު ކޮށްދޭން ޖެހެ އެވެ. ދައުވާގެ މައިދާނުގައި ޒަމާނީ ވަސީލަތްތައް ބޭނުން ކުރުމަކީ އެދެވޭ ނަތީޖާ ގެނައުމަށް މުހިންމު ކަމެކެވެ. 

މި ބަޔާންކުރެވު އަސާސްތަކާއި މަންހަޖުތަކާއި ވަސީލަތްތަކުގެ އަލީގައި އިލްހާދީ ފިކުރުތަކުން ޖީލުތައް ސަލާމަތް ކޮށްދިނުމަށްޓަކައި މަދަރުސާތަކާއި މިސްކިތްތަކާއި މީޑިއާގެ ވަސީލަތްތަކާ އެކު، އާއިލާގެ ފަރާތުން މިކަމުގައި އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަން ޖެހޭނެ އެވެ. އެއީ ތައުހީދުގެ އަގީދާގެ މައްޗަށް ތަރުބިޔަތު ވެފައިވާ ޖީލެއް ބިނާކުރުމަށްޓަކަ އެވެ.