ކުދިންތަކެއް އޯ ލެވެލް އިމްތިހާނު ހަދަނީ: ދަރިވަރުން ލަދުގަންނުވައި، ބާކީ ކުރާ ގޮތަށް ކަންކަން ބައްޓަން ކުރުން ގޯސް.---ފައިލް ފޮޓޯ: ނިޝާން އަލީ| މިހާރު
26 އޮކްޓޯބަރ 2025 - 08:37
ދަރިވަރުންނަކީ މުދައްރިސުން އަދި ސްކޫލުތަކުގެ ވެރިންނާ ހަވާލުވާ ވަރަށްބޮޑު ޒިންމާއެކެވެ. ހުރިހާ ކަމެއް ދޫކޮށް ދުވަހުގެ ބޮޑު ބައެއް ދަރިވަރުން ހޭދަކުރަނީ މުދައްރިސުންނާ އެކު ސްކޫލުގަ އެވެ. ބުނި ކަމެއް، އެންގި ގޮތަކަށް ހަމަޖައްސާފައި ބެލެނިވެރިން އެ މީހުންގެ ލޯބިވާ ދަރިން ސްކޫލްތަކަށް ފޮނުވަ އެވެ. މާ މޮޅެތި ފާސްތަކެއް ނުލިބުނަސް އަހުލާގު ރަނގަޅު ދުނިޔެއަކަށް ލޯ ހުޅުވޭ، ކިޔަވަން ޝައުގުވެރި، ކިޔަވަން ދަންނަ ކުއްޖަކަށް ހެދުމުގެ ފޮނި އުންމީދުގަ އެވެ. އެހެނަސް ހަގީގަތް އައްސަވާށެވެ.
ނުހަނު ތުއްތު އުމުރު ދަރިވަރުން ސްކޫލުން އިންތިޒާމުކުރާ ކުދި މުބާރާތްތަކުގައި ބައިވެރި ކުރުވަ އެވެ. އަދަބީ މުބާރާތްތަކާއި ކިޔެވުމުގެ ތަފާތު ޕްރޮގްރާމްތަކުގަ އެވެ. މި މުބާރާތްތަކުގައި 3,2,1 ނުވަތަ ގަދަ 10 ހޮވަ އެވެ. ޖުމުލަ 30 ކުދިންގެ ކުލާހެއްގައި ނަމަ 17 ނުވަތަ 10 ކުދިންނަކީ ކެނޑިނޭޅި ވަނަ ނުލިބޭ "ލޫޒާސް" އެވެ. މިއީ ތުއްތު ކުއްޖަކަށް ސްކޫލުން ލިބޭ ފުރަތަމަ ހިތި ތަޖުރިބާ އެވެ. މުދައްރިސުންގެ ލޯތްބާއި ހެޔޮއެދުމުގެ ބަސްތަކާއި ކާމިޔާބީގެ ފޮނިކަން އިހުސާސް ކުރުމަށް ކެތްމަދު ތުއްތު އުމުރު ހޭދަ ކުރަން ޖެހެނީ ކެތްކުރުމާއި އެންމެންނަކީ އަދި ތިމާއަކީ ކޮންމެހެން ވަނަ ލިބެން ޖެހޭ މީހެއް ނޫން ކަން ގަބޫލު ކުރުމުގަ އެވެ.
މިއީ ހުރިހާ މުދައްރިސުން ވެސް ކިޔެވި މޮޅު ނަފްސާނީ އިލްމުވެރިޔާ އެރިކް އެރިކްސަން ސިފަކުރާ "އިންޑަސްޓްރީ ވާސަސް އިންފީރިއޮރިޓީ" ދިވެހި ދަރިވަރުން ތަޖުރިބާ ކުރާ ގޮތެވެ. ކާމިޔާބީގެ އުފާ ލިބުމުން ކިޔެވުގައި އަމިއްލަ ނަފުސަށް ކުރާ އިތުބާރު ބޮޑުވެ, ކިޔަވަން ޝައުގުވެރިވެ، މޮޅުވާން މަސަކަތް ކުރެ އެވެ. ނާކާމިޔާބުވުމުން އަމިއަލަ ނަފުސަށް ކުރާ އިތުބާރު ކުޑަވެ، ޝައުގުވެރިކަން ގެއްލި، އާ ކަންކަން ކުރުމާއި ދަސްކުރުން ފަސްޖެހެ އެވެ. މިއީ ވާނެ ގޮތް ކަމުގައި ބެލެވުނު ނަމަވެސް ރާއްޖޭގެ ގިނަ ސްކޫލުތަކުގައި ހިންގާ ހަރަކާތްތަކުގައި ވިސްނާ ކަމެއް ކަމުގައި ނުބެލެވެ އެވެ.
ކާމިޔާބީއަކީ ވަކި ބަޔަކަށް ލިބޭ އެއްޗެއް ކަމާއި ތިމާއަކީ މޮޅު މީހެއް ނޫން ކަން ދެކި ދަރިވަރުން ދުވަސްތައް ގުނަ އެވެ. ސްކޫލުގެ ދަރިވަރަކަށް ވީތީ ސްކޫލަށް ދާން މަޖުބޫރުވުމުން ސްކޫލަށް ދަނީ އެވެ. ރަހުމަތްތެރިންނާ ބައްދަލުވެ، އިޖުތިމާއި ގުޅުންތަކުން ހިތްވަރު ހޯދައިގެން ދަރިވަރުން ސްކޫލުގެ ދުވަސްތައް ގުނަ އެވެ. ކަންކަން ހާސިލު ނުކުރެވޭ މީހާގެ ލޭބަލް ނައްޓާލައި ގަދަރުވެރި މީހެއްގެ ގޮތުގައި ތެދުވުމަށް ބައެ ދަރިވަރުން ހިޔާރު ކުރަނީ ވެސް އިޖުތިމާއީ ގުޅުންތަކާއި ނުކިޔަމަންތެރި ކަމާއި ޓީޗަރުންނާ ބީރައްޓެހި ކަމެވެ. މި ކަންކަން ފާޅުވާން ފައްޓަނީ ގިނަ ދަރިވަރުންގެ އުމުރުން 12 އަރުންނެވެ. އެންމެ މުހިންމު އަދި މީހާގެ "ކަރެކްޓާ އަދި އައިޑެންޓިޓީ" އުފައްދަން ފައްޓާ އުމުރުގަ އެވެ.
މި އުމުރުގެ ކުރީކޮޅު ސްކޫލުތަކުން ދަރިވަރުން ލަދުގަންނުވައި، ބާކީ ކުރާ ގޮތް އަދި ވަކިން ހިތްދައްޗެވެ. ގުރޭޑު ނުވައަކަށް ދާއިރު ހިނީގެ އުސޫލުން ދަރިވަރުން ވަކިކޮށް، މޮޅު އަދި ދަށް ކުދިން ވަކިކޮށްލަ އެވެ. މިކަން ކުރަނީ ދަށް ކުދިން ކިޔަވަން ވަކި ސްޓްރީމެއް ހަދައި އެ ދަރިވަރުން ވަކި ކުލާސްތަކަށް ލައިގެންނެވެ.
ހަގީގަތަކީ ދަށް ކުއްޖަކަށް ދޭނެ ވަކި ސްޓްރީމެއް އެޑެކްސެލުން ނުވަތަ ކޭމްބުރިޖުން އޯލެވެލް ކުދިންނަކަށް ނޯވެ އެވެ. މިހެން ކަމުން ދަށް ކުދިން ކިޔަވާ މާއްދާތަކެއްގެ ގޮތުގައި ދަރިވަރުން ވަކި ކުރަން ސްކޫލުތަކަށް އޮތީ ކޮން ހައްގެއްތޯ އެވެ. ނުވަތަ ދަށް ކުދިންގެ ނަމުން އެ ދަރިނަށް ލޭބަލް ދީ، އަސާސީ ކުލާހަކަށް ލާން ހެޔޮހިތުން ހުއްދަ ދިނީ ކޮން ބެލެނިވެރިއެއްތޯ އެވެ؟
ވިސްނަވާށެވެ! ކުދި މުޖުތަމައުތަކުގައި ސްކޫލަކީ ދިރިއުޅުމާ ލާމެހިފައިވާ ބައެކެވެ. އަދި ސްކޫލުގެ ނިންމުންތަކަކީ މުޖުތަމައުގައި ކުދިންގެ ހައިސިއްޔަތުގެ ރަމްޒެކެވެ. ފަރުދީ ބެޖު އަޅުވަނީ ސްކޫލުންނެވެ. މުގައްރަރުގައި އޮތް އެއްޗެއް ނޭނގުމުން މުޖުތަމައުގައި ފަލީހަތްކޮށް، "ދަށް ބެޖު" ޖަހާ ހިސާބުން ގިނަ ދަރިވަރުންގެ ކިޔެވުން ނިމުމަކަށް އާދެ އެވެ. ކޮންމެ މާއްދާއެއް ކިޔެވިޔަސް އަދި ކޮންމެ ކަމެއް ކުރުވި ނަމަވެސް މުޖުތަމައުގައި ލޭބަލް ޖެހޭނެ ހެން ވަކިކޮށް އަގު ނުވައްޓާށެވެ.
ސްކޫލުތަކުގައި ހިނގާ މިފަދަ ކަންކަމަކީ އެނގިގެން ނުވަތަ ނޭނގި ނަމަވެސް ވަރައް ފާޅުކަން ބޮޑުކޮށް ހިނގާ ކަންކަމެވެ. ކޮންމެ ދަރިވަރަކަށް ވެސް އަބުރުވެރިކަމާ އެކު ކިޔެވެން ވާނެ އެވެ. ކިޔަވަން މޮޅު ނުވި ނަމަވެސް ކިޔަވަން ދަންނަ ކުއްޖަކަށް ހަދަން ވާނެ އެވެ. އުއްމީދުތަކަކާ އެކު، ކުރިއަށް ދިއުމުގެ ޝައުގާއި ހިތްވަރު ހުންނަން ވާނެ އެވެ. ކުރިމަރާލައި ނާކާމިޔާބު މީހެއްގެ ލޭބަލް ޖެހިގެން ނުވާނެ އެވެ. ކިޔެވުމަކީ މުބާރާތެއް ނޫނެވެ. ސްކޫލުތަކަކީ މުބާރާތްތައް ބާއްވަން މެންޑޭޓު ކުރެވިފައި ވާ ތަންތަނެއް ވެސް ނޫނެވެ. ދަރިވަރުން ޝައުގުވެރި ކުރުވަން ކުރާ ކަމެއް ނަމަ ހުރިހާ ދަރިވަރުން ޝައުގުވެރި ކުރުވާ ގޮތަށް ކަންކަން ކުރާށެވެ.
ޒަމާން ބަދަލުވެ، ހޮވާލައިގެން ކިޔަވައި ދިން ޒަމާން ނިމުމަކަށް ގެންނަން ވެއްޖެ އެވެ. ކޮންމެ ދަރިވަރަކީ ވެސް ގަރުބަ ގަތީއްސުރެ ރައްޔިތުންގެ ފައިސާ އިން ހަރަދުކޮށް، ކިޔަވައި ދޭ ކުއްޖެކެވެ. ދައުލަތުގެ ބަޖެޓުން 2025 ވަނަ އަހަރު ވެސް 5.6 ބިލިއަން ރުފިޔާ ތައުލީމީ ވުޒާރާ އަށް ކަނޑައަޅާފައި ވާއިރު، ދަރިވަރެއްގެ މައްޗަށް ދައުލަތުން 70،000ރ. އަށް ވުރެ ބޮޑުކޮށް ހޭދަވާނެ ކަމަށްލަފާ ކުރެވެ އެވެ.
އެހެނަސް އޯލެވެލް ނިންމުމަށް ފަހު، އިތުރަށް ކިޔަވަން ބޭނުން ވެގެން ސްކޫލަށް ދާ ކުދިންގެ އަދަދު އުޅެނީ 50 ޕަސެންޓަށް ވުރެ ދަށުގަ އެވެ. ކިޔެވުމުގެ މުހިންމުކަން ދަރިވަރުންނަށް ނޭނގެނީ ބާވައެވެ؟ ނުވަތަ ގާބިލުކަން ނެތީ ބާވައެވެ؟ ސްކޫލުތަކުގައި ޖާގަ ނެތީ ބާވައެވެ؟ ސުވާލުގެ ޖަވާބު ނުދެވުނު ނަމަވެސް މި މައްސަލައިގެ ބޮޑު ހިއްސާއެއް އޮތީ ކިޔެވުގައި ދަރިވަރުން ކުރާ ތަޖުރިބާއިން ކަން އަޅުގަނޑު ދެކެމެވެ.
އަލީ މުސްތަފާއަކީ 25 އަހަރު ވަންދެން ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ އަދި މިހާރު ވެސް އެ ދާއިރާގެ ހިދުމަތްތެރިއެކެވެ. މިދިޔަ އަހަރުން ފެށިގެން އޭނާއަކީ ވިލާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލެވެ. އައްޑޫ ފޭދޫ ސްކޫލާއި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލްކަން ކުރެއްވި އެވެ.
އަލީ މުސްތަފާ ވަނީ މާސްޓާސް އިން އެޑިއުކޭޝަން ވެސް ހާސިލް ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެމްސް
26 October 2025
ސްޓޫޑެންޓް ލޯނުން ދަރިވަރުންނަށް ދެކޮޅުޖެހޭނެ މިންވަރެއް ނުލިބިއެއްވެސް ވާކަށް ނެތެވެ!
މޮޅުކުދިންނަށް މޮޅޭ ބުނުމަކީ މައްސަލައެއް ނޫން!
26 October 2025
ދަރިވަރުންނަށް ދަސްކޮށްދޭންވީ ޙަސަދަވެރި ނުވެ ޙަޖަމް ކުރުމަށެވެ. ގިނަފަހަރަށް މޮޅު ކުދިން މޮޅުވަނީ އެކުދިން ކިޔަވަން ކުރާ ބުރަ އަދި މިންނެތް މަސައްކަތުންނެވެ. އެކުދިންނަށް މޮޅޭ ބުނުން ޙައްޤެވެ! އެކަމަކު ކިޔެވުމަށް ކޮށި ކުދިންނަށް ދަށޭ ބުނެގެން ވެސްނުވާނެ އެވެ! ވާދަވެރި ކަމެއް ނެތިއްޔާ ކޮށި ކުދިން ކިޔެވުމަކަށް މަސައްކަތެއް ވެސް ނުކުރާނެ އެވެ.
ބެލެނިވެރިއެއް
26 October 2025
ފޭލު ވުމަކީ މައްސަލައެކޭ؟ ފަހުގެ ރިސާޗުގެ ހޯދުންތަކުގެ މައުލޫމާތު ހިމެނިނަމަ ލިޔުން ތަންކޮޅެއް ރަނގަޅުވީސް.
ހައްގު ތެދު
26 October 2025
އިހަށް އުޅުނީ ކިޔެވޭނެ ގޮތެއް ނެތިގެން، ސްކޫލެއް ނެތިގެން. މިހާރު އުޅެނީ ސްކޫލެއް ހުރެގެން، އޭސީ ނެތިގެން ނުކިޔެވިގެން. ފޮތެއް އޮތަސް އައިޕެޑެއް ނެތިގެން ނުކިޔެވިގެން. ހުރިހާ އެއްޗެއް ހަމަކޮށްދިނީމާ އުޅެނީ ގޭމް ކުޅެފައި މަކަރު ހަދާފައި އަޗާތަޅާފައި ނުފޫޒުން އޭ ފާސް ހޯދަން. މަތީ ތައުލީމު ހިލޭ ލިބޭނޭ ގޮތް ވީމާ އުޅެނީ މަކަރު ހަދައިގެން އެސައިންމަންޓް ލިޔުއްވައިގެން ނުކިޔަވާ ސެޓްފިކެޓެއް ހޯދަން. އެވަރުން ނުފުދިގެން ފޭކް ސެޓްފިކެޓްވެސް ހަދަނީ.
މުދައްރިސުން
26 October 2025
ލިޔުންތެރިޔާ އަށް ބުނެނުދެވި އޮތީ ސްކޫލު ދައުރު ނިމި ދިރިއުޅުމުގެ މައިދާނަށް ކުއްޖާ ތަރުބިއްޔަތު ކުރާނެ ގޮތަކީ ކޮބާތޯ ތިޔަ ވިދާޅުވާގޮތުން. މިކަންތައްތަކަކީ ސްކޫލު އަދި ވަޒީފާ އަދި ދިރިއުޅުމުގެ މައިދާނުގައި ހުންނަ ކަންކަން. ސްކޫލުން އޭނާއަށް ދަސްކޮށްދޭންވީ މިހެންވީތީވެސް ތަފާތުގޮތަކަށް މޮޅުކަން ދައްކަން. ކުޅިވަރުގައިވެސް ކުޅެވޭ ކުދިންނާއި ނުކުޅެވޭ ކުދިން ހުރޭ. ތިޔަ ޚިޔާލު އަސްލު ވަރަށް ވޯކް