06 މެއި 2020 - 17:30
ވިލިމާލެ ފެރީ ޓާމިނަލްގައި މަސައްކަތް ކުރާ އެމްޓީސީސީގެ ދިވެހި މުވައްޒަފަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްޓީސީސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވިގޮތުގައި އެ މުވައްޒަފު ޕޮޒިޓިވްވިކަން މިއަދު އެނގުނީ ރޯގާ ޖެހިގެން ފުލޫ ކްލިނިކަށް ދެއްކުމުން ހެދި ޓެސްޓުންނެވެ.
ޓާމިނަލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މި ދުވަސްވަރު ލޮކްޑައުންކޮށްފައި ވަނީ އެ ޓާމިނަލެއްގައި ނަމަވެސް އެ މުވައްޒަފު ޕޮޒިޓިވްވިކަން އެނގުނީ އޭނާ ގޭގައި ހުއްޓާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި ޓާމިނަލްގައި ތިބުމަށް އަންގާފައިވަނިކޮށް އޭނާ ގެއަށް ދިޔަ ގޮތެއް ބަލަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
"އެއީ ޓާމިނަލްތެރޭގެ އެކިއެކި މަސައްކަތް ކުރާ ދިވެހި ކުއްޖެއް. އެތަނުގައި ލޮކްޑައުންވެ ތިބެވޭނެ ހުރިހާ އިންތިޒާމެއް ވާނީ ހަމަޖައްސައިފައި، އޭނާ ގެޔަށް ދިޔަ ގޮތެއް މިއަންނަނީ ބަލަމުން،" އޮފިޝަލް ވިދާޅުވި އެވެ.
ވިލިމާލެ ޓާމިނަލްގައި އެ މުވައްޒަފާ އެކު އިތުރު ހަތް މީހަކު މަސައްކަތް ކުރެ އެވެ. އެކަކު ޕޮޒިޓިވްވުމުން އެ ހަތް މީހުން ވެސް ކަރަންޓީނަށް ގެންދިއުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މާލެ ލޮކްޑައުން ކޮށްފައިވާ މިދުވަސްވަރު މާލެ އާއި ވިލިމާލެއާ ދެމެދު ކޮންމެ ދުވަހަކު ހަ ފެރީ ބާއްވަ އެވެ.
އޮފިޝަލް ވިދާޅުވީ މުވައްޒަފު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން މިހާރު ޓާމިނަލް ބަންދުކޮށްފައިވާ ކަމަށެވެ. އަދި ޓާމިނަލް ދެން ހުޅުވާނީ ފެރީތަކާއެކު ޑިސްއިންފެކްޓް ކުރުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މިވަގުތު ވިލިމާލެއަށް ދަތުރު ކުރުމަށް ބޭނުން ކުރަމުން އަންނަނީ އާ ފެރީއެއް ކަމަށާއި އެ ފެރީ ކައިރި ކުރަނީ ވެސް ވިލިމާލެ ޓާމިނަލާ ދުރަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް 618 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. މިބަލި ޖެހުނު ދެ މީހަކު ރާއްޖޭން ވަނީ މަރުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ ޙުސައިން
06 May 2020
ހިތާމަ ހުރި.. ނަމަވެސް ފެނި ހާމަވާ ހަގީގަތަކީ އަހަރުމެންނަށް ބަސް ނޭހޭކަން.. ދެން ހަޅޭއް ލަވަންވީ ކޮމެންޓު ކުރަންވީ އެޗްޕީއޭ މިވެނި ކަމެކޭ، ސަރުކާރުން މާ ލަސްވީއޭ، މަބްރޫކު އެހެންނޭ މިހެންނޭ... ބަލާބަލަ "ފަރުދީ ޒިންމާ" އަހަރުމެންނަށް އަދާ ކުރެވޭވަރު؟ ސިމްޕަލް ކަމަކަށް ހަދާ ގެއަށް ދިޔައީމަ ކިތައް މީހުންތޯ އެބަލީގެ ޝިކާރައަކަށް ވެގެން ދާނީ؟ މުޅިން ސަކަރާތް!!
ސަމަރޭ
06 May 2020
އެ މީހަކު ގެއަށް ގޮސް ގޭގަ ތިބި މީހުން ކައިރީ ބުނާނެ ތިމަންނާ މި އައީ ފިލައިގެންނޭ. ތިމަންނަ ކަރުގަ ފާސް އަޅާފަ އޮތީމަ ޕޮލިސްވެސް ހުއްޓުވާ ސުވާލެއްނުކުރާނެޔޭ. މިހާރު ހުންނާނީ ގައްޑާކަން ދެއްކިފަ.. ތިމާގެ ސަބަބުން އެތައް ބަޔަކު ބައްޔަށް ހުށަހެޅި ކަރަންޓީނަށް ދާންޖެހި ދައުލަތުގެ ހަރަދަށް އިތުރު ބޯ ތަކެއް ލިސްޓުކުރެވި ފްރަންޓްލައިންގައި އާއިލާއާއި އަނބިދަރިން ދޫކޮށް އަބަދު ކިޓް ލައިގެން އެއްގެއިން އަނެއްގެއަށް ދުވެލަ ދުވެލަ ތިބޭ ޓީމުތަކަށް އިތުރު ތަކުލީފުތަކެއް ކުރިމަތިވީ.. ދެން ކްލަސްޓަރ ހޯދަން ބަލާއިރު 500މީހުނާ އެކި ގޮތްގޮތުން ދިމާވެފަ. މިފަދަ ވަގުތެއްގައި ގެއަށް ކޮންމެހެން ދާން ޖެހުންނަމަ ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރީމަ ނުވަތަ އެމް.ޓީ.ސީ.ސީ އަށް ރިޕޯޓް ކުރިނަމަ އެމީހުންވެސް ވެވުނު އެހީއެއްވާނެ... މިހާރު ސަރުކާރުން ދެއްވާ އިރުޝާދާ އެއްގޮތަށް ބޯލަނބައިގެން ގޭގަތިބޭ އެތަށް ބައެއްގެ ގުރުބަނީ ފެނަށް ތި ދުއްވާލެވުނީ.. މިފަދަ މީހުންގެ ވަނަވަރު އެބަ ޖެހޭ ފޮޓޯއާއި އެއްކޮށް އާންުކޮށް ސައިޒު ކޮށްލަން...
ރަދީފުގެ އައްޕަ
06 May 2020
މި ގޮތަށް އުޅެފައިވެސް ބުނާނެ އެޗްޕީއޭ ޓެސްޓު ކިޓޭ ވެންޓިލޭޓަރޭ ފަޅޮލޭ. ކަލޭމެން ވެންޓިލޭޓަަރާ ހަމަޔަށް ގެންދާ ހިސާބަށް ދަންދެންވެސް ބުނާ ގޮތަށް ހަދާފާނަންތަ؟ ބޯހަލާކުވެދާނެ.
ފައިވާން
06 May 2020
ރޯގާ ޖެހިގެން އުޅޭ އިރުވެސް މައިތިރިނުވޭ މިމީހުން
އަޖޭ
06 May 2020
ފެރީ ސްޓާފުން މާސްކު އެކަނި އެޅިޔަކަސް ނުވާނެ .. އަންގިވެސް ލައްވަންޖހޭ
އަންގި
06 May 2020
އަންގި ނެތީމަ ކިހިނެއްތަ އަންގި އަޅަނީ.. އަންގިވެސް ބޭނުމޭ އަންގި އަޅައިގެން އުޅެން..
ޙަމް1
06 May 2020
20،000 މީހުންވެސް ޕޮޒިޓިވްވާނެ ބުނާ ބަސް ނާހަންޔާ.
ބޯހަލާކުވެދާނެ
06 May 2020
ދެންވެސް ބުނާނެ އެޗްޕީއޭ އޭ
ރުޅިސަންފާ
06 May 2020
ގޮތްދޫނުކުރުމާއި ބޮޑާހޭކުމާއި ބުނާގޮތް ނެހެދުން ދޫކޮށްލައިގެން މެނުވީ ދިވެހިންނަކަށް މިބައްޔަކުން މިންޖުވެވެންނެތް! އެމީހަކު ހުރިތަނެއްގަ އަޅެފަހެ މައިތިރިވެގެން ހުރެބަލާށޭ!!! ކިހާދެރަކަމެއްތަމީ!
މޮހޮރުކަލޯ
06 May 2020
ހާދަ ބޯހަރު އަމިއްލަ އެދުންބޮޑު ބައެކޭމި.
ޖަރާސީމު
06 May 2020
ޓާމިނަލްގައި ލޮކްޑައުންގައި ހުރިމީހާ ގެއިން ފެނުން. ހިޔާތަކުގައި ކަރަންޓީނު ކޮށްފައި ތިބޭ ބިދޭސީން، ފާރުމަތިންނާއި ފެންސުމަތިން ފުއްމާލައިގެން ފިލާ ރައްކާވުން. މަތި ފަޑީގެ ބޭފުޅުންނަށް "ލޮކްޑައުން"ގެ ސްޕެލިންގ ނޭނގުން. ހައްތަހާވެސް ބިރުވެރިކަން.