ދެ ފެރީއެއް އެކްސިޑެންޓުވެ ދެ މީހަކު ހޭނެތިއްޖެ

އެމްޓީސީސީގެ ފެރީ އަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި މާލެއާ ދެމެދު ދަތުރުކުރާ ފެރީއެއް ޖެހި މިއަދު ހަވީރު އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ލިބުނު ޝޮކެއްގައި ހޭނެތިއްޖެ އެވެ.


ފުލުހުން ބުނީ އެކްސިޑެންޓްވި ވަގުތު އެމްޓީސީސީގެ ފެރީ ދުއްވަން ހުރި މީހާ އާއި ފެރީގައި އިން އަންހެނަކަށް ޝޮކެއް ލިބި ހޭނެތިފައިވާ ކަމަށެވެ. އެ ދެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

މި ހާދިސާގައި ދެ މީހަކަށް ޝޮކެއް ލިބި ހޭނެތުނު ނަމަވެސް އެ ދެ މީހުންނަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތް ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު، އެމްޓީސީސީގެ ފެރީގައި އިން އުމުރުން ތިން އަހަރުގެ ކުޑަކުއްޖެއްގެ ކަނާތު ފައިގެ ހަން މަށައިގެން ދިޔަ ކަމަށް ފުލުހުން ބުނެ އެވެ.

އައިޖީއެމްއެޗްގެ ބަހެއް އަދި ލިބިފައި ނުވާތީ، ހޭނެތުނު ދެ މީހުންގެ މިހާރުގެ ހާލަތު ވެސް ވަނީ އެނގޭ ގޮތް ނުވެފަ އެވެ.

އެމްޓީސީސީގެ ފެރީ 'ނަސްރު' އާއި އެއާޕޯޓު ފެރީ 'އުންމީދު' ޖެހި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ޙުސައިން އަރީފު

5

ނޮޅިވަރަމް ދާއިރާ