އަމީނާ މުހައްމަދު އަމީން.
09 މެއި 2020 - 09:55
އެއީ 1950ގެ ފަހުބައިގެ އަހަރުތަކެވެ. ސަރުކާރުން ނިންމީ އަމީނިއްޔާ އާއި މަޖީދިއްޔާގެ 15 އަހަރުން މަތީގެ ދަރިވަރުން އިމްތިހާނުކުރުމަށް ފަހު މަދަރުސާ އިން ވަކިކޮށް ސަރުކާރުގެ ވަޒީފާތަކަށް ލެއްވުމަށެވެ. ކިޔެވުމުގެ މާހައުލުގައި ނުލާހިކު މަޖާކޮށް އުޅުނު އެކުދިންނަށް މަދަރުސާ އިން ވަކިވުމުން ޖެހުނީ ހަތާ ތަޅާލީމާ ކުޅަނދުރަށް ޖެހޭ ހާލެވެ. އެހެންވެ އެކުވެރިކަން ދެމެހެއްޓުމަށާއި ކުދިން ވިއްސިވިހާލިވިޔަ ނުދިނުމަށްޓަކައި އަމީނިއްޔާގެ ބައެއް ދަރިވަރުން އިސްނަގައިގެން ޖަމިއްޔާއެއް ހަދަން ނިންމި އެވެ.
އެކަމުގައި މުހައްމަދު ޒާހިރު ނަސީރަށް ދެންނެވުމުން، ލަފާދެއްވީ "ޖިންސުއްލަތީފުންގެ ރޫހު"ގެ ނަމުގައި ޖަމިއްޔާ ހަދައި ކުރިއަށް ދިއުމަށެވެ. އެކަމަކު ގަވާއިދު ހަދައި، ރައީސާއަކު ހޯދަން ކުރި މަސައްކަތުގައި ކުރިމަތިވީ އުނދަގޫތަކާ އެވެ. ތަފާތު ސަބަބުތަކާ ހެދި، އަމީނިއްޔާގެ ނާޒިރާ އައިމިނަތު ހުސެއިން ވެސް އަދި ފާތިމަތު އިބްރާހިމް ދީދީ ވެސް އެއްބަސްވެވަޑައެއްނުގަތެވެ. އެ ކުދިން ދެން ދިޔައީ އައްނަބީލާ އަމީނާ މުހައްމަދު އަމީނުގެ އަރިހަށެވެ. އޭނާ އެކަން ވަގުތުން ގަބޫލުކުރެއްވި އެވެ.
އެއީ މިދިޔަ ބުދަ ދުވަހު އަވަހާރަވި އަމީނާގެ އިޖްތިމާއީ ހިދުމަތްތަކުގެ ފެށުމެވެ. ދާހިލިއްޔާގައި ޖިންސުއްލަތީފުންގެ ރޫހު ރަޖިސްޓަރީކުރީ، ރާއްޖޭގައި އަންހެނުންނަށް ހާއްސަ ފުރަތަމަ ޖަމިއްޔާގެ ގޮތުގަ އެވެ. އަތިރީގޭ ބޮޑު ކޮޓަރީގައި ބޭއްވި ޖަލްސާއެއްގައި، އަދުނާން ހުސެއިން އިފްތިހާކޮށްދެއްވި އެ ޖަމިއްޔާ ވެގެންދިޔައީ ދިވެހި އަންހެނުންނަށް އިޖްތިމާއީ މައިދާންތަކުންނާއި ކުޅިވަރުގެ ދަނޑުތަކުން އަދި މުނިފޫހިފިލުވުމުގެ އިސްޓޭޖުތަކުން ފުރުސަތުތައް ހުޅުވައިލި ޖަމިއްޔާ އަށެވެ.
އަމީނާ (ވ) ބައްޕަ މުހައްމަދު އަމީން (މ) އަދި ޖަމީލާ އިބްރާހިމް ދީދީއާ އެކު ސްރީ ލަންކާގައި ކިޔަވަން ހުންނެވި ދުވަސްވަރުގެ ފޮޓޯއެއް. --ފޮޓޯ: ވޮނަދަނަ ރާއްޖެ.
އެ ޖަމިއްޔާއަކީ އަމީނާގެ ބައްޕަ މުހައްމަދު އަމީން، އެމަނިކުފާނުގެ ވެރިކަމުގައި ދިވެހި އަންހެނުން ބާރުވެރިކުރުވަން ފެއްޓެވި މަސައްކަތްތަކަށް އިތުރުވި ބޮޅެކެވެ. އަމީނާ ލިޔުއްވާފައިވާ ގޮތުގައި ދިވެހި އަންހެނުން ކުރާނެ ނުކުރާނެ ކަމެއް ނޭނގި، ވަރަށް ފަހަތު ސަފެއްގައި، ތިއްބާ އެ މީހުންނަށް ހިނގާނެ އައު މަގެއް އޭނާގެ ބައްޕާފުޅު ކޮއްޓަވައިދެއްވާފައިވެ އެވެ.
"ދިވެހި ގައުމައިގެން ހިނގާށެ ކުރިއަރައިގެން ހިއްމަތުން، ދިވެހި އަރްޟާއި ތޫލުގައި އުނިކަމެއް ފިލުވައިލަމުން"ނޭ ބުނަމުން، ކުރިއަށް ހިނގަން ފެށީ އެ ދުވަހުން ފެށިގެންނެވެ،" އަމީނާ 2002 ގައި "ހުވާސް" މަޖައްލާގައި ލިޔުއްވި އެވެ.
ޖިންސުއްލަތީފުންގެ ރޫހަކީ އަމީން ދިވެހި އަންހެނުންގެ ކުރިމަގަށް ކޮށްޓެވި މަގުގައި އަމީނާ އިސްވެ ހުންނަވައި ފަތުރައިލެއްވި ދޫލައެކެވެ. އެ ދޫލައިގެ މަތިން ލާފައި ގޮސް އެ ޒަމާނުގައި އަންހެނުން ނުވަންނަ ދޮރޯށްޓެއް ނެތެވެ. އަތްތެރިކަމުގެ މައުރަޒުތަކުގައި ކުޅަދާނަކަން ދައްކާލި އެވެ. ކުޅިވަރު މުބާރާތްތަކުގައި ހުނަރު ދައްކައިލި އެވެ. ދިވެހި ސަގާފަތް ދިރުވި އެވެ. އިސްޓޭޖް ތަމްސީލްތައް ބާއްވައި ހުނަރުވެރި އެކްޓަރުން އުފެއްދި އެވެ. އަރަބި، އުރުދޫ އަދި ދިވެހި ކިލާސްތައް ބާއްވައި ތައުލީމުގެ އަލިކަން ފެތުރި އެވެ. ހުޅުލޭ އެއާޕޯޓް ހެދިއިރު އަމަލީ ގޮތުން ބައިވެރިވި އެވެ. "ޖިންސުއްލަތީފް" ނަމުގައި މަޖައްލާއެއް ނެރުނެވެ. އެކަންކަމަށް ފަންޑްރެއިޒްކުރީ ހާއްސަ ހަރަކާތްތަކެއް ބާއްވައިގެންނެވެ. ސިނެމާ ކުއްޔަށް ހިފައިގެން ފިލްމު ދެއްކި އެވެ. ކާނިވާތަކާއި ޝޯތައް ބޭއްވި އެވެ.
"[ބޮޑުވަޒީރު] އިބްރާހިމް ނާސިރު އެއް ދުވަހު ވިދާޅުވީ ތިމަންމާ އެންމެ އުފާވަނީ ރޫހަށް އަމިއްލަ އަށް ނުކުރެވޭނެ ކަމެއް ނޯންނާތީއޭ،" ޖަމިއްޔާގެ އޭރުގެ މެމްބަރު ރަމްލާ އަބްދުލްޣަނީ ވިދާޅުވި އެވެ.
އަމީނާ (ކ) އާއި ފިރިކަލުން މާވާގޭ އަބްދުލްހަމީދު އަހުމަދު (ވ) އެ ދެމަފިރިންގެ ދަރިފުޅު ޝުވޭކާރު އާ އެކު: އަމީނާއާ އަވަހާރަވީއިރު ހަމީދުއާ ދެބޭފުޅުންގެ ކައިވެންޏަށް ވަނީ 49 އަހަރުވެފައި.
ކުރީގެ ވަޒީރު އައްބާސް އިބްރާހީމް ވިދާޅުވި ގޮތުގައި، އަންހެނުންގެ ތަރައްގީ އާއި ކުރިއެރުމަށް ރަސްމީ ސިފައެއްގައި މާ ގިނަ ކަންތައްތަކެއް ނުހިނގާ ދުވަސްވަރެއްގައި އަމީނާ އިސްނެންގެވުމާ އެކު ޖިންސުއްލަތީފުންގެ ރޫހުން ކުރީ ވަރަށް ބޮޑު މަސައްކަތެކެވެ. ރަމްލާ ވެސް ވިދާޅުވީ ދިވެހި އަންހެން ދަރިންނަކީ މުޖުތަމައު އަށް ފައިދާހުރި ހިދުމަތްތެރި ތަހުޒީބު ބަޔަކަށް ހެއްދެވުމުގައި، ޖިންސުއްލަތީފުންގެ ރޫހުގެ ރައީސާގެ މަގާމުގައި ހުންނަވައިވެން އަމީނާ ކޮށްދެއްވި އަގުހުރި ގިނަގުނަ ހިދުމަތްތައް ފޮހެވިގެންނުދާނެ ކަމަށެވެ.
ހާއްސަ ގޮތެއްގައި، އަމީނާގެ ހިތާ ގުޅިފައިވައި ދާއިރާއެއް ކަމަށްވާ ކުޅިވަރުން އަންހެނުން ކުރިއަށް ނެރެން ވަރަށް ގިނަ މަސައްކަތްތަކެއް އޭނާ ކުރެއްވި އެވެ. ހުދު އަމީނާ އަކީ ވެސް އޭރުގެ ސްޕޯޓްސްވުމަންއެކެވެ. ސްރީ ލަންކާގައި ކިޔަވާވިދާޅުވާން ހުންނެވިއިރު ސްކޫލް ޓީމަށް އަދި ފަހުން މާލޭގައި ރަސްމީ މުބާރާތްތަކުގައި ޓެނިސް ކުޅުއްވި އެވެ. ރިކްރިއޭޝަނަލީ ބެޑްމިންޓަން ކުޅުއްވި އެވެ. އަދި ފަހުން ރާއްޖޭގައި ބެޑްމިންޓަން އެސޯސިއޭޝަނެއް އުފެދުމުން ފުރަތަމަ ޗެއާޕާސަންކަން ވެސް ކުރެއްވި އެވެ. އަމީނާގެ އަތްޕުޅުގައި ދިވެހި ކުޅިވަރުގެ ހާއްސަ ދެ ޝަރަފެއް އޮވެ އެވެ. އެއީ ފުރަތަމަ ޖުމްހޫރިއްޔާ އިއުލާންކުރަން 1953 ގައި ބޭއްވި ހަރަކާތްތަކުގެ ތެރޭގައި އޮތް ރާއްޖޭގެ ފުރަތަމަ އަންހެން ފުރަތަމަ ފުޓްބޯޅަ މެޗުގައި އަދި އަންހެން ފުރަތަމަ ކްރިކެޓް މެޗުގައި އެއްކޮޅުން ވާދަކުރި ޓީމުގެ ކެޕްޓަންކަން ކުރެއްވުމެވެ. މީގެ ތެރެއިން ފުޓްބޯޅަ މެޗުން އަމީނާގެ ޓީމު 2-1 މޮޅުވިއިރު ލަނޑެއް ޖެއްސެވި އެވެ.
ލިއުންތެރިޔާ މުހައްމަދު ޖަމީލަށް، އަމީނާ ދެއްވި އިންޓަވިއު.
އިޖްތިމާއީ ހިދުމަތާއި ކުޅިވަރު ހަރަކާތްތަކާ އެއްވަރަށް އޭނާ ގެންދެވީ ސަރުކާރަށް ވެސް ހިދުމަތްކުރައްވަމުންނެވެ. އެގޮތުން 1955 އިން ފެށިގެން ދެ އަހަރަށް ވުރެ ގިނަ ދުވަހު މަދަރުސަތުލް ސަނިއްޔާގެ ނާޒިރުގެ ނާއިބުކަން ކުރެއްވި އެވެ. އޭގެ ފަހުން 1961 ގައި ސިއްހަތާ ބެހޭ ވުޒާރާގެ ސެކްރެޓަރީކަން، ބޮޑުވަޒީރުގެ އޮފީހުގެ ސެކްރެޓަރީކަން އަދި ބޮޑުވަޒީރު ނާސިރުގެ ސެކްރެޓަރީކަން ވެސް ކުރެއްވި އެވެ. އެ ދުވަސްވަރު، ސިނެކޯ ރޭޑިއޯ ހިންގާ އަތިރީ މާފަންނުގެ (މިހާރުގެ ތީމުގެ) އަށް ރޭޑިއޯގެ އިންޖިނޭރުންނާ ވާހަކަދައްކަވަން ނާސިރު ވަޑައިގަންނަވާއިރު ތަރުޖަމާނެއްގެ ގޮތުން އަމީނާ ގެންދެވި އެވެ. ފަހުން އަމީނާ ގާތުން ނާސިރު އެދިވަޑައިގަތީ އިނގިރޭސި ހަބަރު އެނައުންސްކުރާށާއި ހަބަރު ފާސްކުރަން ރޭޑިއޯ އަށް ވަޑައިގަތުމަށެވެ.
"އޭގެ ތެރޭގައި އަންނާނެ އިބްރާހިމް ހިލްމީ ކަހަލަ އަދުނާން ހުސެއިން ކަހަލަ ބޭފުޅުން އިނގިރޭސި ބަހުން އެކިއެކި މައުލޫއަށް ލިޔުއްވާފައި ހުންނަ ބޮޑެތި މަޒްމޫންހެން ހުންނަ އެއްޗިހި. އެވެސް ފާސްކޮށްލައިގެން އަޅުގަނޑު އޭރު ކިޔަމުންގެންދިޔައީ،" އަމީން ދީދީ އަވަހާރަކޮށްލި ހާދިސާއާ ބެހޭ ގޮތުން "އޯކިޑް" ނަމުގައި ފޮތެއް ލިޔުއްވި ނޫސްވެރިޔާ މުހައްމަދު ޖަމީލަށް ދެއްވި އިންޓަވިއުއެއްގައި އަމީނާ ވިދާޅުވި އެވެ.
"އަޅުގަނޑު އުޅުނީ ފަސް މަސް ދުވަސް ވަންދެން. އެހާތަނުން ވީ ގޮތަކީ އަޅުގަނޑު އެއްކަލަ ޓޮންސިލް ކަންތައް ހުންނާތީ، ވަރަށް ކުޑަކުޑަ އެއާކޮންޑިޝަންކޮށްފައި ހުންނަ ތަނެއް ހުންނަނީ އެނައުންސްކުރަން ވަންނަން، އެހެންވީމާ އެތަނަން ވަންނަން ފެށީމާ ވީގޮތަކީ އަޅުގަނޑު މާ ބޮޑަށް ކަރު ސަކަރާތްވީ."
އަމީނާގެ ސަރުކާރުގެ ހިދުމަތްތަކަށާއި ޖިންސުއްލަތީފުންގެ ރޫހުގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ 1967 ގައި އޭނާ އަރުވާލުމުންނެވެ. އިބްރާހިމް ނާސިރުގެ ބޮޑުވަޒީރުކަމުގައި އެމަނިކުފާނުގެ ބޮޑުބޭބޭފުޅު އަދި އަމީނާގެ އޭރުގެ ފިރިކަލުން އަބްދުލްމަޖީދު މާހިރާ ޖެހުނު ސިޔާސީ މައްސަލަތަކަށް ފަހު، ފެނުނީ މާހިރުގެ މައްޗަށް ދައުވާއެއް އުފުލުނުތަނެވެ. އޭރު އޮންނަ ގޮތުން ފިރިމީހާ ސިޔާސީ ކުށެއްގައި ބެދޭއިރު، އެކަން އަނބިމީހާ ރިޕޯޓްކޮށްފައިނުވާ ނަމަ އޭނާގެ މައްޗަށް ވެސް ދައުވާ އުފުލެ އެވެ. އެހެންވެ ނާސިރުގެ އަނބިކަނބަލުން މަރިޔަމް ސައީދަށް ބޮޑުދައިތަ ވިދާޅުވާ އަމީނާ އަށް ވެސް ހުކުމް އައީ އެވެ.
އަމީނާ (ކ) އޭނާގެ ދެ ބޭފުޅުން ކަމަށްވާ ފަރަހަނާޒް (ވ2-) އަދި ޝުވޭކާރު (ކ-2) އާ އެކު ކާބޯތަކެތީގެ މައުޒަރެއްގައި.
އަމީނާގެ ބަދަލުގައި ޖަމިއްޔާ ހިންގާނެ މީހަކު ނުލެވި، މުއްދަތު ފާއިތުވުމުން ޖިންސުއްލަތީފުންގެ ރޫހު އުވުނީ އެވެ. ރަމްލާ ވިދާޅުވީ އެއީ "މިނިވަން ދޫނިތަކެކޭ އެއްގޮތަށް އުދުހި އުޅެނިކޮށް އަންހެނުންނަށް ލިބުނު މާޔޫސްކަމެއް" ކަމަށެވެ.
އަމީނާ އެންމެ ފުރަތަމަ އަރުވާލީ ޅ. އޮޅުވެލިފުށްޓަށެވެ. ފަހުން ޅ. ކުރެންދުއަށް ބަދަލުކޮށްފައިވަނިކޮށް ވަރަށް ބޮޑަށް އާލާސްކަންފުޅެއް ޖެހި، "ނުމެ ކެވި ނުމެދިރި" އޮއްވާ މާލެ ގެނެސް ހޮސްޕިޓަލުގައި 40 ދުވަހު ބާއްވައިގެން ފަރުވާ ދޭން ޖެހުނެވެ. އެއަށް ފަހު ތިން އަހަރެއްހާ ދުވަހު ގޭ ބަންދުގައި ހުންނެވި އެވެ. އެ ހުކުމް ތަންފީޒްވަމުން ދިޔައީ އަމީނާ އާއި މާހިރަށް ލިބިވަޑައިގެންނެވި ތިން ބޭފުޅުން، އިބްރާހިމް ފައިސަލާއި އަމީން ފައިސަލް އަދި ފަރަހަނާޒް ފައިސަލް ވަރަށް ތުއްޕުޅުއިރުގަ އެވެ. (ފަހުން، 1972 ވަނަ އަހަރު ކައިވެނިކުރެއްވި މާވާގޭ އަބްދުލްހަމީދު އަހުމަދު ދީދީ އަށް ޝުވޭކާރު ހަމީދު ލިބިވަޑައިގަތެވެ.)
"އަޅުގަނޑު އެންމެ ކުޑައިރު މަންމަގެ ހަނދާނެއް ނުހުރޭ. އެންމެ ފުރަތަމަ ވެސް މަންމަ (ޅ. އަތޮޅުން ގެނެސް) ހޮސްޕިޓަލުގައި އޮއްވާ ދުށް ހަނދާން ހުންނަނީ،" އިނގިރޭސި ވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ފަރަހަނާޒް ވިދާޅުވި އެވެ.
"މޮންޓެސޫރީގައި ކިޔެވިއިރު އޮތް ކޮންސަޓަކަށް މަންމަ އާއި ބައްޕަ އަށް ދޭން ސްކޫލުން ދެ ޓިކެޓް ދިނީމާ އަޅުގަނޑު އަނބުރާ އާންޓީ އަތަށް ދީފައި ބުނީ އަޅުގަނޑުގެ މަންމަ އާއި ބައްޕައެއް ނުތިބެޔޭ. އެހެން ބުނުމާ އެކު އާންޓީ ރޯން ފެށީ. އަޅުގަނޑަށް އެހެން ބުނެވުނީ، އެއީ އޭރު އަޅުގަނޑަށް މަންމަ އާއި ބައްޕަ ނުފެންނާތީ."
އަމީނާ (ވ) އޭނާގެ ދޮށީ އަންހެން ދަރިފުޅު ފަރަހަނާޒްއާ އެކު.
އޭރު ސިޔާސީ މާހައުލު އޮތް ގޮތުން، އަމީނާ ބަންދުގައި ހުންނެވި އެ ދުވަސްކޮޅު އޭނާއާ ބެހޭ ގޮތުން އެގޭ މީހުން ވާހަކަދައްކަން ޖެހެނީ ވެސް ވައިއަޑުންނެވެ. އެކަމަކު އޭގެ އަހަރުތަކެއް ފަހުން މައުމޫން އަބްދުލްގައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު އަމީނާ އަށް ސަރުކާރުގައި ހިދުމަތްކުރެއްވުމުގެ ފުރުސަތު ދެއްވި އެވެ. އަދި ޖަމިއްޔާ އަލުން ރަޖިސްޓްރީކުރި އެވެ. މި ފަހަރު ސީދާ އަމީނާގެ ނަމުގަ އެވެ. ސަރުކާރުގެ ހިދުމަތުގައި 1980 ގައި އަމީނާ އަށް ރައީސް މައުމޫން ދެއްވީ ރައީސް އޮފީހުގެ ޑިރެކްޓަ އޮފް ސޯޝަލް އެފެއާޒް ކަމުގެ މަގާމެވެ. އެއީ މިއަދު ފުޅާވެފައިވާ ސޯޝަލް ސެކިއުރިޓީ އާއި ވެލްފެއާގެ ކަންކަން ބައްޓަންވަމުން އައި ދުވަސްވަރެވެ.
އެ މަގާމް އަށް އަހަރު ފުރުއްވުމަށް ފަހު މިނިސްޓްރީ އޮފް ހޯމްއެފެއާޒް އެންޑް ސޯޝަލް ސާވިސަސްގެ ޑިރެކްޓަ އޮފް ސޯޝަލް އެފެއާޒް ކަމުގެ މަގާމް އަދި ފަހުން މިނިސްޓްރީ އޮފް ހެލްތު އެންޑް ވެލްފެއާގެ ޑިރެކްޓަ އޮފް ސޯޝަލް ސާވިސަސް ކަމުގެ މަގާމް އޭނާ ފުރުއްވި އެވެ. އޭނާ ވަނީ އޭރު ކުރިމަތިވެފައި އޮތް އިޖްތީމާއި ވަރަށް ގިނަ ކަންކަން ހައްލުކުރެއްވުމުގައި މުހިއްމު ދައުރެއް އަދާކުރައްވައިފަ އެވެ. ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މަސައްކަތާއި އަދި މަސްތުވާތަކެއްޗާ ދެކޮޅަށް އުފެއްދި ނާކޮޓިކްސް ކޮންޓްރޯލް ބޯޑުގެ މަސައްކަތްކުރެއްވި އެވެ. އަދި އަންހެނުންގެ ގައުމީ ކައުންސިލުގެ މެމްބަރުކަން ވެސް ކުރެއްވި އެވެ.
އަމީނާ (މ) ރައީސް މައުމޫން އަރިހުގައި ކ. ގުރައިދޫގައި ހުންނަ މަރުކަޒަށް ކުރެއްވި ޒިޔާރަތެއްގައި މީހަކާ ވާހަކަދައްކަވަނީ.
މީގެ އިތުރުން 1980 އިން 1989 ވަނަ އަހަރުގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުކަން ކުރެއްވި އެވެ. އޭނާ އަކީ، އޭރުގެ ނިސްބަތުން ބަހުސްތަކުގައި ބައިވެރިވެވަޑައިގެން ވާހަކަދެއްކެވި މެމްބަރެއް ކަމަށް، އޭރުގެ މެމްބަރަކު ވިދާޅުވި އެވެ. އިޖްތިމާއީ، ސިޔާސީ މައްސަލަތަކުގައި އޭނާގެ ގަލަން ވެސް ހިނގި އެވެ. އަދަބީ މަސައްކަތްތަކަކީ އަމީނާގެ ލެޔާ ގުޅިފައިވާ ކަމެކެވެ. ބައްޕަ އަމީން ދީދީ އާއި މައިފުށު ކާފަ ހުސެއިން ސަލާހުއްދީނަކީ އަދަބީ ދުނިޔޭގެ އެންމެ އަލިގަދަ ތަރިންނެވެ. މަންމަ ފާތިމަތު ސައީދާއި ބޮޑުދައިތަ މަރިޔަމް ސައީދާއި ބޮޑުބޭބެ އިބްރާހިމް ޝިހާބަކީ އެހާމެ ހުނަރުވެރި ޅެންވެރިންނެވެ. އޭނާ އެޑިޓަރުކަން ކުރެއްވި "ޖިންސުއްލަތީފް" މަޖައްލާގެ އިތުރުން އެ ދުވަސްވަރު ނުކުތް ބައެއް މަޖައްލާތަކަށް ލިޔުއްވި އެވެ. އިނގިރޭސި ލިޔުންތައް ދިވެހި ބަހަށް ތަރުޖަމާކުރެއްވި އެވެ. އޭނާ އެ ޕާޓީއެއްގެ މެމްބަރަކަށް ވެވަޑައިގެން ފޯރީގައި ތާއީދުކުރެއްވި އެމްޑީޕީ، ލަންކާގައި ހިންގިއިރު 2004 ގައި ރައީސް މުހައްމަދު ނަޝީދަށް "އިހުއްސުރެ ގައުމު ދެކެ ލޯބިވާ ދަރިއެއްގެ ގަލަމުން" ނަމުގައި ލިޔުއްވާފައި ދެއްވި މަޒްމޫނަކީ އެ ބޭފުޅުންނަށް އޭރު ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިތްވަރެކެވެ.
އަމީނާގެ އެ ހިދުމަތްތަކަށް ވުރެ މަތިވެރީ، އާއިލާ އިން ދެކޭ ގޮތުގައި، އެއްވެސް މީހަކާ ދޭތެރޭ ހިތިކަމެއް، ދެކޮޅުވެރިކަމެއް، ބަދަލުހިފުމުގެ ރޫހެއް ނެތް އިންސާނިއްޔަތުކަމުގެ މާތް ސިފަތަކެވެ. އަމީނާގެ އެންމެ ޒުވާން ދުވަސްވަރު ތަޖުރިބާކުރައްވަން ޖެހިވަޑައިގަތީ، އޭގެ ދިމާއިދިކޮޅު ސިފަތަކެއް އަށަގަނެފާނެ ފަދަ ހިތްދަތި، ބިރުވެރި، މާޔޫސީ ކަންކަމެވެ. އޭނާ ލަންކާގައި ކިޔަވާވިދާޅުވާން ހުންނަވަނިކޮށް، ބައްޕަ އަމީނުގެ ވެރިކަން، އާއިލީ ބަޔަކު އިސްވެ ތިބެ އިންގިލާބުކޮށްލީ އެވެ. އޭރު ލަންކާގައި ހުންނެވި އަމީން އެނބުރި ވަޑައިގަތުމުން، ދޫނިދޫގައި ބަންދުކުރި އެވެ. ވެރިކަން އަލުން ހޯއްދަވަން މާލެ ވަޑައިގެން އުޅުއްވަނިކޮށް، ހަވަރު އެއްވެސް އަމީންގެ ގައިކޮޅުގައި ތަޅައި ހަށިކޮޅަށް ބޮޑެތި އަނިޔާތަކެއްދީ، މާލޭ ފަޅުގައި އޮތް ބޮއްކުރައެއްގެ ތެރެއަށް އެއްލައިލީ އެވެ. މާ ބޮޑު ބޭސްކުރުމެއް ނެތި އަނެއް ދުވަހު ތަހުގީގު ހިންގައި ޝަރީއަތްކޮށް، ވެރިކަމާ ދެކޮޅަށް ނުކުތްކަމުގެ ކުށުގައި ކ. ގާފަރަށް އަރުވައިލީ އެވެ. އަވަހާރަވީ ހާލުކޮޅު ބޮޑުވެ، ކ. ވިހަމަނާފުށި (ކުރުނބާ މޯލްޑިވްސް) އަށް ގެނެސް ހުންނަވަނިކޮށެވެ.
"ކާފައާ މެދު ވީ ބޭއިންސާފާ މެދު ވިސްނައި އަޅުގަނޑުމެންނަށް ވަރަށް އުނދަގޫވޭ. އެކަމަކު މަންމަގެ ހިތުގައި، އެކަން ކުރި ބަޔަކާ މެދު އެއްވެސް ހިތިކަމެއް، ރުޅިވެރިކަމެއް ނެތް. އެއީ މަންމަގެ މިޒާޖުގައި ހުންނަ ކަމެއް ނޫން،" ފަރަހަނާޒް ވިދާޅުވި އެވެ.
"އަބަދުވެސް ކަންކަމުގައި ކުރިއަށް ވިސްނުމަށް އަޅުގަނޑުމެންނަށް އިރުޝާދު ދެއްވަނީ. ކަންކަމާ ނުގަބޫލުވެ މާ ގިނަ އިރަކު ވެސް ނުހުންނާނެ. އެއްވެސް މީހަކާ މެދު ހިތުގައި ބުރަކަމެއް ނުގެންގުޅުއްވާނެ."
އަމީނާ އަރުވާލި ވާހަކައާ ބެހޭ ގޮތުން ސުވާލުކުރިޔަސް، އަބަދުވެސް ވިދާޅުވެދެއްވީ އެ "ދަތުރު" ގެ އުފާވެރި ވާހަކަތަކެވެ. މަޖާ ވާހަކަތަކެވެ. އެކަމާ ދެރަވެ، މާޔޫސީ ވާހަކަތަކެއް ނުދައްކަވަ އެވެ.
"އަމީނާގެ ހަޔާތްޕުޅުގައި ވެސް އުފަލާއި ހިތާމަތަކާ ކުރިމަތިވެވަޑައިގަތް. އެއިން ކޮންމެ ވަގުތެއްގައި ވެސް ފެނުނީ ކެތްތެރިކަމުގެ ލާމަސީލު މިސާލެއް،" ރަމްލާ ވިދާޅުވި އެވެ.
އަމީނާ އާއި ފަރަހަނާޒް، މާލޭގައި ބޭއްވި ތިމާވެށީގެ މުޒާހިރާއެއްގައި ބައިވެރިވަނީ.
ދަރިން ތަރުބިއްޔަތުކުރަމުން، ސަރުކާރަށް ހިދުމަތްކުރައްވަމުން ދެން ލިބޭ ވަގުތެއް ވިއްޔާ ހުސްކުރެއްވީ އިޖްތިމާއީ ކަންކަމަށެވެ. ހެންވޭރު އަވަށް ކުރިއެރުވުމަށް ވެސް ވަރަށް ގިނަ މަސައްކަތްކުރެއްވި އެވެ. އެ އަވަށުގެ ކްލަބް، ނިއު ރޭޑިއަންޓަށް ވަރަށް ބޮޑަށް ތަރުހީބު ދެއްވި އެވެ. ގޭގައި ދިދަ ނެންގެވި އެވެ. އެ ކްލަބުން ތަށި ހޯދުމުން ގޭގައި ޕާޓީ ބާއްވަވަ އެވެ. އެއީ އެކުވެރިނަ ގިނަ ބޭފުޅެއް ވެސް މެ އެވެ. އަދި ބައްޕަ އާއި މަންމަގެ ފުށުން ތިއްބެވި އާއިލީ ރަހުމަތްތެރިންނާ ދާއިމަށް ގުޅުން ބޭއްވެވި އެވެ.
"އަޅުގަނޑު ހަނދާނެއް ނުހުރޭ ގޭގައި އަޅުގަނޑުމެން އެކަނި ކޭ ހަނދާނެއް. އަބަދުވެސް ކޮންމެވެސް ބަޔަކު ތިބޭނެ. ކޮންމެވެސް ބަޔަކު ބައިވެރިކުރައްވާނެ. ހުރިހާ ރަށްޓެހިންނާ ވެސް ގަވާއިދުން ގުޅުން ބޭއްވެވި،" ފަރަހަނާޒް ވިދާޅުވި އެވެ.
އަމީނާގެ އުމުރުފުޅުން 85 އަހަރުގައި އަވަހާރަވީ، 17 އަހަރުގައި ބައްޕަ އަވަހާރަވުމުން އަމިއްލަ އަށް ބިނާކުރެއްވި ހަޔާތުގައި އުހަށް ދަތުރުކުރެއްވުމަށް ފަހު އެވެ. އޭނާގެ ހަޔާތަށް ދުރުމި އަޅާއިރު ފެންނަނީ ގޮވާލި ކޮންމެ ވަގުތަކު ގައުމަށާއި މުޖުތަމައު އަށް ހިދުމަތްކުރެއްވި ތަނެވެ. ހިތްދަތިކަން ތަހައްމަލުކުރައްވައި، އިހުސާންތެރިކަމާއި އޯގާތެރިކަން އިސްކުރެއްވިތަނެވެ.
އެއީ އަމީނާގެ ބައްޕަ އަބަދުވެސް ދެއްވި ނަސޭހަތެވެ. އަމީން އަބަދުވެސް ވިދާޅުވަމުން ގެންދެވީ ދިވެހި ގައުމަށް ހިދުމަތްކުރުމަށްޓަކައި ހިތުގައި ވަރުގަދަ އަޒުމެއް ކަނޑައެޅުމަށެވެ. އަމިއްލަ އުފަލުން މަހުރޫމުވެ ގައުމަށްޓަކައި އުފުލަން ޖެހޭ ކޮންމެ ބުރައެއް އުފުލުމަކީ އުފަލެއް ކަމުގައި ދުށުމަށެވެ. ގައުމީ ލޯތްބާއި ގައުމީ ރޫހަކީ ކޮން އެއްޗެއްކަން ދަސްކޮށްދެއްވޭތޯ މަސައްކަތްޕުޅުކުރެއްވި އެވެ. ވަކިން ހާއްސަ ގޮތެއްގައި، ދިވެހި އަންހެނުން ތިބި ހާލާއި ދޭތެރޭ ވިސްނާ ފިކުރުކުރުމަށް އިލްތިމާސް ކުރައްވަމުން ގެންދެވި އެވެ.
"ލޯބިވާ ދަރިފުޅާ އެވެ. ދަރިފުޅަށް ކިޔެވުނު އެއްޗެއް ކިޔެވުނީ، ދިވެހި ސަރުކާރުގެ އެހީގަ އެވެ. އެކަން އަބަދުވެސް ހަނދާންކުރާށެވެ. އަބަދުވެސް ގައުމަށް ހިދުމަތްކުރާށެވެ."
އަމީނާގެ ބައްޕަ މުހައްމަދު އަމީން އަދި މަންމަ ފާތިމަތު ސައީދު (ގެންގުޅުއްވާ ބުޅާ އުނގުގައި): އަމީނާ އަކީ ވެސް ބުޅާ ގެންގުޅުއްވި ބޭފުޅެއް، އަވަހާރަވީ އިރު 23 ބުޅާ ގެންގުޅުއްވި. --ފޮޓޯ: ވޮނަދަނަ ރާއްޖެ
އެއީ އަމީން ދިރިހުންނަވަނިކޮށް އަމީނާއާ އެންމެ ފަހުން ބައްދަލުވިއިރު ދެއްވި ނަސޭހަތެވެ. އޭގެ ފަހުން ދޫނިދޫގައި ހުންނެވި އިރު ބައްޕައާ ބައްދަލުވޭތޯ އެތައް މަސައްކަތްކުރެއްވި ނަމަވެސް އެ ފުރުސަތެއް ސަރުކާރުން ނުދިނެވެ. އަމީން ދޫނިދޫގައި އޭރު ހުންނަވައި އަމީނާ އަށް ފޮނުއްވި ނަސޭހަތުގެ ސިޓީއެއް ވެސް އަމީނާ އަށް ރައްދެއްނުކުރެ އެވެ. އެ ސިޓީ ލިބިވަޑައިގަތީ ބައްޕަ އަވަހާރަވިތާ 30 އަހަރު ފަހުން 1983 ވަނަ އަހަރު އެވެ. އެ ސިޓީގައި އަމީން ދެއްވަވާފައި ހުރި ނަސޭހަތްތަކާއި އިރުޝާދުތަކަށް، އަމީނާ އަށް ހުންނެވުނީ ނޭނގި ނަމަވެސް ތަބާވެވަޑައިގެންނެވިފަ އެވެ.
"ދުނިޔެ އަކީ، އެއް ދުވަހު، ހިނިތުންވަމުން، އަނެއް ދުވަހު، ތުން ފިއްތަމުން، ދާ ތަނެކެވެ. އިންސާނީ ހަޔާތަކީ އެއްގޮތުން އަނެއް ގޮތަށް ބަދަލުވަމުންދާ އެއްޗެކެވެ. ބުއްދިވެރިޔަކީ، ވިސްނުންތެރިޔަކީ، "އެދޭ މިގޮތާއި ދިމާނުވެދާ ނަތީޖާއެއް ލޮލަށް ފެނުނަސް' ހިނިތުންވާން އެނގޭ މީހާ އެވެ،" އަމީނުގެ ނަސޭހަތުގައިވެ އެވެ.
އަމީނާގެ ހަޔާތް ވެސް އޭނާއާ ބައްދަލުކުރީ އެއް ދުވަހު ހިނިތުންވަމުން އަނެއް ދުވަހު ތުންފިއްތަމުންނެވެ. އެކަމަކު އަމީނާ ހުންނެވީ ބައްޕަ ވިދާޅުވިހެން ހިނިތުންވެފަ އެވެ. އެ ހިނިތުންވުން ވެގެންދިޔައީ ދިވެހި ޖިންސުއްލަތީފުންގެ "ރޫހަ"ށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރާހިމް ހަބީބް
10 May 2020
އަމީނާގެ ފުރާނަފުޅަށް ރަޙުމަތްލައްވާށިއެވެ.މިއީ ދިވެހި ދަރިންނަށް ނަމޫނާ އެއްގެނެސްދޭ ފަދަ ލިޔުމެކެވެ.އަދި ދިވެހި ސިޔާސީ ކަންކަން ނިއުޅެމުންދާގޮތާއި އެގުޅުންތަށް ގުޅިފައިއިވާ "ޝާހީ" ކަން އެގިގެން ދެއެވެ.އަހަރުމެން ދަސްކުރަންވީ މި ބުނިކަންތަކެވެ.ސިޔާސީ ގުޅުންތަކާއި "ޝާހީ" ކަމުގެ ތެރެއިން "ޖިންސުއްލަޠީފުން ގެ ރޫޙް" އައިސް ގެނެސްދިން ހިތްތިރިކަން އިއާދަކުރާށެވެ.
މުޢިއްޒ
10 May 2020
ޚިދުމަތްތެރި ދަރިޔެއް، ފުރާނަފުޅަށް ރަޙުމަތްލައްވާށި! އަންނިގެ ބަހައް ހެއްލި ފަރަހަނާޒުމެން މައުމޫނާދިމާލަށް އެއްޗެހި ގޮވާފަ ލިޔުނު ލިޔުންތަކާއި ކުރި ޓުވީޓުތަކާމެދު ލަދެއްނުގަނޭބާއޭ ހިތަށް އަރާ!
އަމީނާއި
09 May 2020
މިލިޔުމުން އެނގުނީ މައުމޫނުގެ ރަނގަޅުކަން
ފާރަގެމަ
09 May 2020
ގިނަދިވެހިންނަކީ ވެރިކަމައްޓަކައި ކޮންމެފަދަ ކަމެއްވެސްކުރާނެ ބައެކެވެ.މަރުހޫމް އަމީންގެ މަރުވެދިޔަކަންކަމުގެ ހަގީގަތްވަނީ ވަރައްބޮޑައް އޮޅުވާލެވި އެއީ ރައްޔިތުން ވެގެންހިންގި މުޑުދާރުއަމަލެއް ގޮތުގައި ސިފަކޮއްފައެވެ.ހަގީގަތަކީ އެއީވެރިކަމައް ފެންބޮވައިގެންފައިވާ އާއިލާގެބަޔަކު އިސްވެތިބެ ހިންގި މުޑުދާރު އަމަލެއް.މާތްﷲ މަރުހޫމް މުހަންމަދު އަމީން އާއި މަރުހޫމާ އަމީނާ އަށް ސުވަރުގެ މިންވަރު ކުރައްވާ ކައްވަޅުގެއަޒާބުން ސަލާމަތް ކުރައްވާނދޭވެ.އާމިން
ޢަނާ
09 May 2020
ހަޤީޤަތް އެގުމުން މިޖީލުގެ ދަރިންގެ ހިތުގައި ޚިދުމަތްތެރި ރައީސް އަމީނާ ދޭތެރެ ލޯބި އުފެދި ދެވެނީ ޚާއްޞަ ޤަދަރެކެވެ. އަމީނާގެ ނެގެޓިވް ފިކުރުތައް ޕޮޒިޓިވް ޚިދުމަތް ތަކަކަށް ބަދަލުވެ އެދިޔައީ "ލޯބިވާ ދަރިފުޅާ އެވެ. ދަރިފުޅަށް ކިޔެވުނު އެއްޗެއް ކިޔެވުނީ، ދިވެހި ސަރުކާރުގެ އެހީގައެވެ. އެކަން އަބަދުވެސް ހަނދާންކުރާށެވެ. އަބަދުވެސް ގައުމަށް ހިދުމަތްކުރާށެވެ." މިފަދަ ބަސްފުޅުތަކުންނެވެ. އެންމެހާ ދިވެހިންނަށްވެސް މިއީކޮންފަދަ އަގުހުރި ނަސޭހަތެއްތޯއެވެ.
12345
09 May 2020
މިލިޔުމުން ގިނަ މައުލޫމާތުތަކެއް ލިބިއްޖެ. މިހާރަށް ޝުކުރިޔާ.
އާދަމް ބާއީ
09 May 2020
މީ މިގައުމުގެ ފުރަތަމަ "ފަސްޓް ޑޯޓަރ" އަކީ.