11 މެއި 2020 - 10:13
ނެޓްފްލިކްސް އިން ގެނެސްދިން ކާމިޔާބު ވެބް ސީރީޒް "ސެކްރެޑް ގޭމްސް" އަށް ފަހު، ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާން ކުޅުނު ދެވަނަ ވެބް ސީރީޒް "ދިއްލީ" ގެނެސްދޭނީ މި އަހަރުގެ ފަހުކޮޅު ކަމަށް އޭގެ ޕްރޮޑިއުސަރު/ޑައިރެކްޓަރު އަލީ އައްބާސް ޒަރަފު ބުނެފި އެވެ.
މަސައްކަތް ފެށި އިރު "ތަންޑަވް" ގެ ނަން ދިނުމަށް ފަހު މިހާރު "ދިއްލީ" އަށް ނަން ބަދަލުކުރި މި ސީރީޒް ގެނެސްދޭނީ އެމެޒޯން ޕްރައިމް ވީޑިއޯއިންނެވެ. މީގެ ޓީޒާއެއް ވެސް ދާދި ފަހުން ވަނީ ދައްކާލައިފަ އެވެ.
ސިޔާސީ ކަންތައްގަނޑެއް ދައްކުވައިދޭ "ދިއްލީ" ގައި ސައިފް ފެނިގެންދާނީ އިންޑިއާގެ ބޮޑުވަރީޒުގެ މަގާމަށް އަންނަ މަސައްކަތްކުރާ ސިޔާސީ ޝަހުސިއްޔަތެއްގެ ގޮތުގަ އެވެ. މީގެ ކާސްޓުންގެ ތެރޭގައި ސުނިލް ގްރޯވާ އާއި ސާރާ ޖޭން ޑިއާސް އާއި ޑިމްޕަލް ކަޕާޑިއާ އަދި މުހައްމަދު ޒީޝާން އައްޔޫބް ހިމެނެ އެވެ.
މިދިޔަ އަހަރު ސަލްމާން ޚާނާ އެކު "ބާރަތު" ގެނެސްދިން އަލީ ބުނީ "ދިއްލީ" މިހާރު އޮތީ ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި ކަމަށެވެ. އަދި ވަރަށް ގިނަ ބަޔަކު މި ސީރީޒް މި ދަނޑިވަޅުގައި ސްޓްރީމްކޮށްދޭން އެދެމުންދާ ކަމަށް ވެސް ބުންޏެވެ.
"އެކަމަކު އަހަރެން ބޭނުމެއް ނޫން އަވަސް އަރުވާލައިގެން މީތި ދޫކޮށްލާކަށް. ކުރިން ރާވައިގެން ހުރި ގޮތަށް އަހަރުގެ ފަހުކޮޅު ދިއްލީ ގެނެސްދޭނީ." އޭނާ ބުންޏެވެ.
ނަމަވެސް ސްޓްރީމްކުރަން ފަށާނެ ސީދާ ތާރީހެއް ނުބުނެ އެވެ.
އަލީ ބުނީ "ދިއްލީ" އަކީ ހަމައެކަނި އިންޑިއާގެ އޯޑިއަންސަށް ހާއްސަކޮށްގެން ގެނެސްދޭ އެއްޗެއް ނޫން ކަމަށެވެ. އެކަމަކު މިއީ އެމެޒޯން ޕްރައިމް ވީޑިއޯގެ ގްލޯބަލް އޯޑިންސް ބޭނުންވާނެ ރަހަތަކާ އެކު ގެނެސްދޭ އެއްޗެއް ކަމަށް ބުންޏެވެ.
އޭނާ ބުނީ ޕޯސްޓް-ޕްރޮޑަކްޝަނަށް ގިނަ ވަގުތު ނަގަން ބޭނުން ވަނީ ވެސް "ދިއްލީ" ގެ މަސައްކަތް ވީހާ ވެސް ބޮޑަށް ފުރިހަމަކުރުމަށެވެ.
އެމެޒޯނުން މިހާރު ވަނީ މި ސީރީޒް ބަލާފައި މީގެ ދެވަނަ ސީޒަނެއް ހަދަން ވެސް އަންގައިފަ އެވެ. އަދި އެ މަސައްކަތް ވެސް އަލީ އާއި އޭނާގެ ޓީމުން ވަނީ ފަށައިފަ އެވެ.
އަލީ މިހާރު އަންނަނީ ފީޗާ ޕްރޮޑިއުސް ވެސް ކުރަމުންނެވެ. އެއީ ޒުވާން ދެ ތަރިން ކަމަށްވާ އިޝާން ޚައްތަރާއި އަނަންޔާ ޕާންޑޭ ލީޑް ރޯލް ކުޅޭ "ޚާލީ ޕީލީ" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy