ކުޅިވަރު / ޖަރުމަން ލީގު

ޖަރުމަން ލީގާ އެކު ފުޓްބޯޅަ އެނބުރި އަތުވެއްޖެ!

ޖަރުމަނު ލީގުގެ މިރޭގެ މެޗުގެ ތެރެއިން ޑޯޓްމަންޑް ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

16 މެއި 2020 - 21:25

1 comments

ބާލިން (މެއި 16) - ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލި ޖަރުމަނު ލީގުގެ ކުޅުން މިއަދު އަލުން ފަށައި، ކުޅުނު ފުރަތަމަ މެޗުން ވާދަވެރި ޝާލްކާ އަތުން ބޮރޫޝިއާ ޑޯޓްމަންޑް 4-0 އިން ބޮޑު މޮޅެއް ހޯދައިފި އެވެ.

ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅައިގެ މަޝްހޫރު ގިނަ ލީގުތަކެއް އޮތީ މެދުކަނޑާލައިފަ އެވެ. އަލުން ފުޓްބޯޅަ މުބާރާތްތައް ފަށަން ގައުމުތަކުގައި އެކި މަސައްކަތްތައް ކުރެވެމުން އަންނައިރު، ޖަރުމަނު ލީގަކީ އެންމެ އަވަހަށް ފެށި ލީގެވެ. ޖަރުމަނު ސަރުކާރުން ގަބޫލުކުރާގޮތުގައި ފުޓްބޯޅަ މެޗުތައް އަލުން ފެށުމާ އެކު ގިނަ ބަޔަކަށް ހިތްހަަމަޖެހުން ލިބިގެންދާނެ އެވެ.

މިރޭގެ މޮޅާ އެކު ދެ ވަނައިގައި އޮތް ޑޯޓްމަންޑް ވަނީ އެއް ވަނައިގައި އޮތް ބަޔާން މިއުނިކާ އެއް ޕޮއިންޓާ ގާތަށް ޖެހިލައިފަ އެވެ. ބަޔާނަށް 25 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު، ޑޯޓްމަންޑް ވަނީ 26 މެޗުން 54 ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނައިގައި އޮތީ މިއަދު އަމިއްލަ ދަނޑުގައި ފްރެއިބާގާ 1-1 އިން އެއްވަރުވި އާރްބީ ލައިޕްޒިގް އެވެ. ލައިޕްޒިގަށް 26 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ.

ދެ މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު ޖަރުމަނު ސަރުކާރުން އެ ގައުމުގައި އަލުން ފުޓްބޯޅަ ކުޅެން ފަށަން ހުއްދަ ދިނީ ވަރަށް ހަރުކަށި ގަވާއިދުތަކެއް ކަނޑައަޅައިފަ އެވެ. އެ ގަވާއިދުތައް ހިމެނޭގޮތަށް ޖަރުމަނު ފުޓްބޯލް ލީގު (ޑީއެފްއެލް) އިން ވަނީ ޓީމުތަކުން އަމަލުކުރަންޖެހޭ އުސޫލުތަކެއް ކަނޑައަޅައިފަ އެވެ.

ޖަރުމަނު ލީގުގައި ޑުސެލްޑޯފް އާއި ޕާޑެބޮން ކުޅުނު މެޗުގެ ތެރެއިން. ބޯލްބޯއީ އެއް ބޯޅަ ޑިސްއިންފެކްޓް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

އެ ގޮތުން މެޗު ފެށުމުގެ ކުރިން ސަލާމްކުރުމާއި ބެންޗުގައި ތިބޭ ކުޅުންތެރިންގެ ދެމެދުގައި ވެސް އެކަށީގެންވާ ދުރުމިނެއް ބަހައްޓަން ވަނީ އަންގައިފަ އެވެ. އަދި މެޗު ކުޅޭ ބޯޅަތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްކުރިއަށް ގެންދަން ބޯލްބޯއީންނަށް ވަނީ އަންގައިފަ އެވެ. ކޮންމެ މެޗަކަށް ފަހު ކުޅުންތެރިންގެ މެޑިކަލް ބައެއް ޓެސްޓްތަކެއް ވެސް ހަދާނެ އެވެ.

ޑޯޓްމަންޑް ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ ގޯލުތައް ޖަހައިދިނީ އާލިން ބްރައުޓް ހާލަންޑާއި ތޯގަން ހަޒާޑާއި ޕޯޗުގަލްގެ ފުލްބެކް ރަފައެލް ގަރޭރޯ އެވެ. މީގެ ތެރެއިން ގަރޭރޯ ވަނީ ދެ ގޯލު ޖަހައިފަ އެވެ. ލަނޑު ޖެހުމަށް ފަހު އެހާ ބޮޑަށް ގައިގޯޅިވެ އުޅޭ ގޮތަށް އުފާފާޅުނުކުރަން ވަނީ ކުޅުންތެރިންނަށް ލަފާ ދީފަ އެވެ. އެ ގޮތުން ޑޯޓްމަންޑްގެ ކުޅުންތެރިން ވެސް މިރޭ ލަނޑު ޖެހުމަށް ފަހު ޓީމުގެ ކުޅުންތެރިން އެކުގައި އުފާފާޅުނުކުރެ އެވެ.

ޖަރުމަނު ލީގު ކެންސަލްނުކޮށް އަލުން ފެށި އެންމެ ބޮޑު ސަބަބަކީ ލީގު އޮތް ހިސާބުން ނިންމާލިނަމަ ކްލަބްތަކަށް ވަރަށް ބޮޑަށް މާލީ ގެއްލުންތަކެއްވުމުގެ ފުރުސަތު އޮތުމުންނެވެ. އެ ގޮތުން އަލުން ފުޓްބޯޅަ ސީޒަން ފަށައިގެން މިހާރު އޮތް ޕްލޭނާ އެއްގޮތަށް އަންނަ މަހުގެ 30 އަށް ލީގު ނިންމާލައިފިނަމަ ޓީވީ ރައިޓްސް އާމްދަނީގެ ގޮތުގައި މަދުވެގެން 324 މިލިއަން ޑޮލަރު ލިބޭނެ އެވެ. އަދި އެހެން ގައުމުތަކުގެ ފުޓްބޯޅަ ސީޒަން މި ވަގުތު ނުފެށި އޮތުމާ އެކު ޖަރުމަނު ލީގު ބަލާ މީހުންގެ ނިސްބަތް އިތުރުވެ ޓީވީ ރައިޓްސް އާމްދަނީ ލިބޭ ވަރު އިތުރުވުމުގެ ފުރުސަތު ބޮޑެވެ.

ފްރެއިބާގްގެ ކުޅުންތެރިއަކު ކައިރިން ލައިޕްޒިގުގެ ވާނާ ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: އޭއެފްޕީ

ޖަރުމަނު ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އޯގްސްބާގް ދަނޑުގައި ވުލްފްސްބާގް ވަނީ 2-1 އިން މޮޅުވެފަ އެވެ. ޑުސެލްޑޯފް އާއި ޕާޑެބޮން ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ހޮފެންހައިމް ދަނޑުގައި ހާތާ ބާލިން މޮޅުވީ 3-0 އިންނެވެ. ލީގުގެ އެއް ވަނަައިގައި އޮތް ބަޔާން މިއުނިކް މާދަމާރޭ ކުޅޭނީ ޔޫނިއަން ބާލިންއާ ދެކޮޅަށެވެ.

އެހެން ގައުމުތަކަށް ބަލާއިރު އިންގްލެންޑާއި ސްޕެއިން، އިޓަލީ އަދި ޕޯޗުގަލް ލީގުގެ މެޗުތައް ފަށަން ތާވަލުކޮށްފައިވަނީ އަންނަ މަހު އެވެ. ލީގު ކުރިއަށްގެންދެވޭނެ ފުރުސަތެއް ނެތުމުން ނެދަލެންޑްސް އާއި ފްރާންސްގައި ވަނީ ފުޓްބޯޅަ ސީޒަން ކެންސަލްކޮށްފަ އެވެ.

1 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑުމީހާ

16 May 2020

މެޗްގެ ތެރެއިން ސޯޝަލް ޑިސްޓެންސް ވެސް ގެންގޫޅެންވީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454