ދުނިޔެ / އިރާގު

އައިއެސްގެ އަތްދަށުން މޮސޫލް ހިފުމުގެ ހަނގުރާމަ ފަށައިފި

މޮސޫލް ހިފުމުގެ އޮޕަރޭޝަނަށް އިރާގު ސިފައިން ތައްޔާރުވާތާ ދުވަސްކޮޅެއް ވެއްޖެ. --ފޮޓޯ:އޭއެފްޕީ

17 އޮކްޓޯބަރ 2016 - 08:43

ބަޣުދާދު (އޮކްޓޯބަރު 17) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތް ދަށުން އިރާގުގެ މޮސޫލް ހިފުމުގެ ބޮޑު ހަނގުރާމަ ފަށާފައިވާ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ އިއުލާން ކުރައްވައިފި އެވެ.

އިރާގުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ ހިފުމަށް ދޭ ހަމަލާތަކުގައި ކުރުދީންގެ ޕެޝްމާގާ ޖަމާއަތުގެ ހަނގުރާމަވެރިންނާއި އިރާގު ސިފައިން ދަނީ ބައިވެރިވަމުންނެވެ. ހަމަލާ ދެމުންދާ އިރު އެމެރިކާ ކޯލީޝަނުން ދަނީ ވައިގެ ހަމަލާތައް ވެސް ދެމުންނެވެ.

މޮސޫލް ހިފުމުގެ އޮޕަރޭޝަނަށް ތައްޔާރުވުމުގެ ގޮތުން އެ ސިޓީއާ 37 މޭލު ދުރުގައިވާ ގައްޔާރާހު ވައިގެ މަރުކަޒަށް އިރާގު ސިފައިން އިއްޔެ ޖަމާވެފައި. --ފޮޓޯ:އޭއެފްޕީ

އައިއެސްގެ ބާރުގެ ދަށަށް މޮސޫލް ގެންދިޔައީ ޖޫން 2014 ގަ އެވެ. އަދި އެއީ އިރާގުން އައިއެސްގެ ބާރުގެ ދަށުގައި މިހާރު އޮތް ހަމައެކަނި ސިޓީ ވެސް މެ އެވެ. އައިއެސްގެ ޚިލާފަތު އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކްރު އަލް ބަޣުދާދީ އިއުލާން ކުރީ ވެސް މޮސޫލުންނެވެ.

މޮސޫލް ހިފުމުގެ އޮޕަރޭޝަން ފެށިކަން އިއުލާން ކުރައްވަމުން ބޮޑު ވަޒީރު އަބާދީ މިއަދު ވަރަށް ހެނދުނާ އިރާގު ޓީވީން ދެއްވި ބަޔާނެއްގައި ވިދާޅުވީ ކާމިޔާބު އަތުވެއްޖެ ކަމަށާއި މޮސޫލް ހިފުމުގެ ހަނގުރާމަ ފަށައިފި ކަމަށެވެ.

މޮސޫލް ހިފުމުގެ އޮޕަރޭޝަނަށް ތައްޔާރުވުމުގެ ގޮތުން އިރާގު ސިފައިންގެ މީހަކު އިއްޔެ ގޭސް މާސްކު އަޅަނީ. --ފޮޓޯ:އޭއެފްޕީ

"އައިއެސްގެ އަތް ދަށުން މޮސޫލް ހިފުމުގެ މުހިންމު އޮޕަރޭޝަން ފަށައިފިކަން އަޅުގަނޑު އިއުލާން ކުރަން،: އަބާދީ ވިދާޅުވި އެވެ. "މާތްﷲ ގެ އިރާދަފުޅުން މޮސޫލް މިނިވަންވުމުގެ އުފާފާޅު ކުރަން ވަރަށް އަވަހަށް އެ ސިޓީގައި ބައްދަލުވާނެ."

އިރާގުގެ ސީނިއާ އޮފިސަރުންގެ ހާޒިރުގައި އަބާދީ ވިދާޅުވީ މޮސޫލް އަށް ވަންނާނީ އިރާގު ސިފައިން އެކަނި ކަމަށެވެ.

މޮސޫލް ހިފުމުގެ އޮޕަރޭޝަނަށް ތައްޔާރުވުމުގެ އިރާގު ސިފައިން އިއްޔެ ބަރު ހަތިޔާރުތައް ޓެސްޓް ކުރަނީ. --ފޮޓޯ:އޭއެފްޕީ

އުތުރުގެ ނިނެވާހު ޕްރޮވިންސްގެ ވެރިރަށް ހިފުމުގެ ހަނގުރާމަ އަށް އިރާގު ސިފައިން ތައްޔާރުވަމުންދާތާ އެތައް ދުވަހެއް ވެއްޖެ އެވެ. މޮސޫލްގެ އުތުރުން 37 މޭލު ދުރުގައި އޮންނަ ގައްޔާރާ ޓައުން އިރާގު ސިފައިން ވަނީ އޮގަސްޓް މަހު ހިފައިފަ އެވެ.

ބްރިގޭޑިއާ ޖެނެރަލް ހައިދަރު ފާދިލް އޭޕީ އަށް ވިދާޅުވީ މޮސޫލް ހިފުމުގެ އޮޕަރޭޝަނުގައި 25،000 ސިފައިން ބައިވެރިވަމުންދާ ކަމަށެވެ.

މޮސޫލް ހިފުމުގެ އޮޕަރޭޝަނަށް ތައްޔާރުވުމުގެ ގޮތުން އިރާގު ސިފައިން ގައްޔާރާހު ވައިގެ މަރުކަޒަށް އިއްޔެ ޖަމާވެފައި. --ފޮޓޯ:އޭއެފްޕީ

ތަޖްރިބާކާރުން ބުނަނީ މޮސޫލް ހިފުމަށް މަސްތަކެއް ހޭދަވާނެ ކަމަށެވެ. މޮސޫލް ހިފުމުގެ އޮޕަރޭޝަން ފެށުމުގެ ކުރިން އާއްމުން ސަމާލުވެ ތިބުމަށް އިލްތިމާސްކޮށް، އެތައް ހާސް ލީފްލެޓެއް އިރާގު ސިފައިން ވަނީ އެ ސިޓީ އަށް އަޅައިފަ އެވެ.

މޮސޫލްގައި މިހާރު ތިބީ ކިހާ އަދަދެއްގެ މީހުން ކަމެއް ނޭނގެ އެވެ. މީގެ ދެ އަހަރު ކުރިން އައިއެސް އިން މޮސޫލް ހިފި އިރު އެ ސިޓީގައި ދެ މިލިއަން މީހުން ތިއްބެވެ.

މޮސޫލް ހިފުމުގެ އޮޕަރޭޝަނަށް ތައްޔާރުވުމުގެ އިރާގު ސިފައިން އިއްޔެ ބަރު ހަތިޔާރުތައް ޓެސްޓް ކުރަނީ. --ފޮޓޯ:އޭއެފްޕީ

0 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 77%
icon sad icon sad 15%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454