އިމިގްރޭޝަންގެ ލޭބާ ސެކްޝަނުން ހިދުމަތް ހޯދަން ގޮސް ތިބި ބަޔަކު މަޑުކޮށްލައިގެން: ޖަޕާނުން ވަނީ އިމިގްރޭޝަނަށް ބޮޑު އެހީއެއް ދީފައި. ފޮޓޯ: ނިޝާން އަލީ /މިހާރު
21 މެއި 2020 - 16:01
ރާއްޖޭގެ އިމިގްރޭޝަން ޑިޕާޓްމެންޓް އިތުރަށް ހަރުދަނާ ކުރުމަށް ޖަޕާނުން ބޮޑު އެހީއެއް ދީފި އެވެ.
އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) ވިދާޅުވީ މިއީ މީގެ ކުރިން އެ ތަނަށް ނުލިބޭވަރުގެ ބޮޑު ހަދިޔާއެއް ކަމަށެވެ.
ރާއްޖޭގެ އިގްތިސޯދީ އަދި އިޖްތިމާއީ ތަރައްގީއަށް އެހީވުމުގެ ގޮތުން ޖަޕާނުން މިއަދު ވަނީ އިމިގްރޭޝަނާއި ކަސްޓަމްސްއަށް 68 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ އެހީ ދީފަ އެވެ. އިމިގްރޭޝަނަށް ދިން އެހީގެ ތެރޭގައި ކަނޑު އުޅަނދާއި ވިޔަފާރި ބަނދަރުގައި ބޭނުން ކުރާނެ އުޅަނދު ހިމެނެ އެވެ. އަދި ބޯޑަރު ސިސްޓަމްގައި ބޭނުންކުރަން ފޭޝަލް ރެކޮގްނިޝަން މެޝިނާއި ފިންގަޕްރިންޓް ރީޑާ އާއި މޮބައިލް އެކްސްރޭ އާއި ސައްހަ ނޫން ފައިސާގެ ނޫޓު ދެނެގަންނާނެ މެޝިން ފަދަ އަގުބޮޑު ވަސީލަތްތައް ވެސް ހިމެނެ އެވެ.
"މީގެ ކުރިން ވެސް އަޅުގަނޑުމެންނަށް އެހީ ލިބިިފައިވޭ. އެކަމަކު މިއީ މިހާ ބޮޑު އެހީތެރިކަމެއް ލިބުނު ފުރަތަމަ ފަހަރު. އަދި މިއީ އިމިގްރޭޝަން ހަރުދަނާ ކުރުމަށް ވަރަށް މުހިއްމު ދައުރެއް އަދާކުރާނެ ވަސީލަތްތަކެއް،" ހަނަފީ ވިދާޅުވި އެވެ.
"ހުރިހާ ގޮތުން ވެސް މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް."
ޖަޕާނުން މިއަދު ވަނީ، އިމިގްރޭޝަނަށް ދިން މި އެހީގެ އިތުރުން، ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ދަތިކަމުން އަރައިގަތުމަށް ދިވެހި ސަރުކާރަށް 21.7 މިލިޔަން ރުފިޔާ ވެސް ދީފަ އެވެ.
ހަނަފީ ވިދާޅުވީ ޖަޕާނުގެ އެހީގެ ތެރޭގައި ހިމެނޭ ފޭޝަލް ރެކޮގްނިޝަން މެޝިނުގެ ސަބަބުން، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަސޭހަވާނެ ކަމަށެވެ. އަދި ބޯޑަރު ބެލެހެއްޓުމުގައި މިހާރު ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތައް ހައްލު ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މިހާރު ވެސް ބޯޑާ ސިސްޓަމެއް އިމިގްރޭޝަނުގައި އެބަ އޮތް. އެކަމަކު އެއަށް ލިބޭ، އިތުރު ބާރެއް. ޒަމާނާ އެއްގޮތަށް، އެންމެ ފަހުގެ ޓެކްނޮލޮޖީ މިކަމުގައި ބޭނުން ކުރެވޭނެ މަގެއް އެ ފަހިކޮށްދިނީ،" ހަނަފީ ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އަހަރު ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ރާއްޖޭގެ ބޯޑަރު ބެލެހެއްޓުން ހަރުދަނާ ކުރުމާ ގުޅޭ ގޮތުން އެ ގައުމާ މަޝްވަރާ ކުރައްވާފަ އެވެ. އަދި އޭގެ ފަހުން، އިމިގްރޭޝަނުގެ އިސް ވެރިން ވެސް ޖަޕާނުގެ އެމްބެސަޑަރާ ބައްދަލު ކުރައްވައި، ދަތިތަކާއި ގޮންޖެހުންތަކާ ގުޅޭ ގޮތުން ވަނީ ވާހަކަ ދައްކަވާފަ އެވެ.
އެހެންވެ ހަނަފީ ދެކެވަޑައިގަންނަވާ ގޮތުގައި ޖަޕާނުން ދިން މި އެހީއަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ އެކުވެރިކަން ވަރުގަދަކޮށްދިން، އަގުބޮޑު ހަދިޔާއެކެވެ.
މި މަހުގެ ކުރީކޮޅު ވެސް ޖަޕާނުން ވަނީ، ޔުނިސެފް މެދުވެރިކޮށް ފަސް މިލިޔަން ރުފިޔާ އަދި ރެޑްކްރެސެންޓް މެދުވެރިކޮށް ދެ މިލިޔަން ރުފިޔާގެ ހިލޭ އެހީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަންނަ ނުދަންނަ
22 May 2020
ކޮބައިތަ އެބުނާ ކޮމަންވެލްތްް. ކުރި ކަމެއް ކޮށްދިން ކަމެއް ވީ އެހީއެއް ނެތް. އަދި ރާއްޖެއަށް ފާޑުކިޔައި ދަތިކުރުމުގެ ފިޔަވަޅު އަޅަން ގޮވާލި އީޔޫވެސް ވީތަނެއް ދެނަހުރި މީހަކު އެބަހުރިތަ. އެންމެ ބާރަށް ފާޑުކީ ކެނެޑާއަށް ވެސް ދޭން ކެރުނީ އުނގުވިޔަފާރި ކުރާ ވިޔަފާރިވެރިއަކު ދިއްކޮށްލާނެވަރުގެ ކުޑަ ލާރިކޮޅެއް. ޖަޕާން ސަޅި. ޖަޕާން ޒިންދާބާދު. މާލެ ވަށައިގެން ބަލާލިޔަސް ޖަޕާނުން ކޮށްދިން ކަންކަމާއި އެހީ ފެންނާނެ.
ރަދީފްް
22 May 2020
ސިސްޓަމުން ކަރަންޓު ދުއްވާލައިގެން ހުރިހާ ނުބައެއް ހަދަނީ މިރާއްޖެއިން.
Ali Gasim
22 May 2020
ޚޮންމެ އެއްޗެއްދިނަސް ބަގުލަދޭސް ބޭފުޅުންނާ ޖެހުނީމަ ތިޔައެއްޗެއް ހުންނާނީ ފޫގޮސްސަ މުއައްސަސާތައް ސާފުކުރާހާ ހިތްވަރު ނެތް ދެން ތިދޭއެއްޗެއް ދީފަ ބަހައްޓާ
ބްރޫ ބްރޫ
22 May 2020
އެއްޗެހިނެތިގެންތަ މިއޮއްހާދުވަހު ހިއުމަން ޓްރެފިކިން ހިންގީ،؟ ތެދުވެރިވާންވީ ކޮރަޕްޓް ނުވާންވީ.. ކޮރަޕްޓް މީހުން ވަކިކުރަންވީ. އޭރުން އެވީ،
އެލް
22 May 2020
ޖަޕާނު ރައްޔިތުންނަށް ވިސްނޭބާ މިކުރެވުނީ ހަމަ ބޭކާރު މޮޔަކަމެއްކަން. މީ ހަމަ އިސްރާފު ކުރެވުނު ފައިސާކަން. އާނ އެމީހުންނަކަށް ނޭގޭނެ ދޯ ކޮރަޕްޓު ކުރަފިތަކެއް އުޅޭ ތަނެއްކަމެއް.
ނައީމާ
21 May 2020
ކިތަންމެ އަގުބޯޑު އާލާޔްތަކެއް ލިބުނަސް ކަންކަން ރަނގަޅުވާނީ އިޚްލާސްތެރި މީހުން އުފެދިގެން. އެތެރެވެފަ ތިއޮޔްހާ މީހުން ތީ ނޭގި ވަދެ ތިބި ބައެއްތަ؟
ގޯސް
21 May 2020
އަބަދުވެސް އިވެނީ ބޯޑަރ ސިސްޓަމް އަޕްގްރޭޑް ކުރާވާހަކަ. ތިޔައީ ނަޒާހަތްތެރިން ނެތި ވާނެކަމެއްނޫން.
ފޫހި
21 May 2020
ކޮންމެ އެއްޗެއް ދިނަސް ތިޔަތަން އޮންނާނީ ބަންގްލާދޭޝް މީހުންނަށް ފޫވެއްޓިފަ. ތިޔައީ ކޮރޮޕްޝަން ހާއްޔެއް.
އަކޫ
21 May 2020
މިގައުމުގަ ބިދޭސީން ނުބެލެހެއްޓުނު އެއްވެސް ވަރެއްނެތް ފެއިލްވެފަ އޮތް ތަނެއްތީ. ބަންގުލަދޭޝް މީހުންނާ ހެދި އުދަގޫ
ކުރުކުރު
21 May 2020
އަބަދުވެސް އިމިގްރޭޝަން ގައާއި ފިނޭންސް މިނިސްޓްރީގައި ތަނުގަ ހުންނަ އެންމެ ތަޖްރިބާ މަދު، ޤާބިލުކަން ކުދަމީހާ ހުންނަ ސަބަބެއް އެނގޭ ބޭފުޅަކު އެބަ ހުންނެވިތޯ؟ ސިއާސީ މަދުބައެއްގެ މަސްލަހަތު ނަގަން އެންމެ ފަސޭހަވާނެ ގޮތްވީމަތޯ؟