ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް.--- ފޮޓޯ: އޭއެފްޕީ
17 އޮކްޓޯބަރ 2016 - 11:01
ލިވަޕޫލް (އޮކްޓޯބަރު 17) - މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރާ މެޗަކީ ހުރިހާ ގޮތަކުން ބެލިޔަސް ހާއްސަ މެޗެއް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.
ލިވަޕޫލްގެ ކޯޗުކަމާ ކްލޮޕް ހަވާލުވި ފަހުން ޔުނައިޓެޑާ ދެކޮޅަށް ވަނީ ތިން ފަހަރު ކުޅެފަ އެވެ. ލިވަޕޫލް މޮޅުވީ އެއް މެޗުންނެވެ. އެއް މެޗުން ޔުނައިޓެޑް މޮޅުވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ޔުނައިޓެޑް މި ވަގުތު ލީގުގެ ހަތް ވަނައިގައި އޮތީ ހަތް މެޗުން 13 ޕޮއިންޓާ އެކު އެވެ. އެ ޓީމު އޮތީ ލިވަޕޫލަށް ވުރެން ތިން ޕޮއިންޓް ފަހަތުގަ އެވެ. ލިވަޕޫލް ލީގުގެ ހަތަރު ވަނައިގައި އޮތީ ހަތް މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ
ކްލޮޕް ބުނީ ޕޮއިންޓް ޓޭބަލްގައި ލިވަޕޫލް މި ވަގުތު ކުރީގައި އޮތް ނަމަވެސް އެއީ އޮތް ހިތްހަމަޖެހުމެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.
"އަހަރެމެން މިއޮތީ ޔުނައިޓެޑަށް ވުރެން ތިން ޕޮއިންޓް ކުރީގައި. އެކަމަކު އެއީ މި ކަހަލަ މެޗަކަށް ނުކުންނައިރު އޮތް ހިތްހަމަޖެހުމެއް ނޫން. ލިވަޕޫލާ އަޅާބަލާއިރު ޔުނައިޓެޑްގައި ތިބީ ފެންވަރު ރަނގަޅު ކުޅުންތެރިން އެޓީމަށް އެ އިހުތިރާމް އެބައޮތް،" ކްލޮޕް ބުންޏެވެ.
ޔުނައިޓެޑާއި ލިވަޕޫލްގެ މެޗުގައި އޮތް ވާދަވެރިކަމަކީ ދުނިޔޭގެ ފުޓްބޯޅައިގައި ވެސް ހާއްސަ ވާދަވެރިކަމެއް ކަމަށާއި އެއީ މި މެޗުގެ މުހިއްމުކަން ބޮޑުވާ ސަބަބެއް ކަަމަށް ކްލޮޕް ބުންޏެވެ.
ލީގުގައި އެންމެ ފަހުން ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ވެސް ލިވަޕޫލް ވަނީ ބަލިވެފަ އެވެ. އެހެން ނަމަވެސް މިދިޔަ ސީޒަނުގައި ޔޫރޮޕާ ލީގުގައި ލިވަޕޫލް ދަނޑުގައި ކުޅުނު މެޗުން އެ ޓީމުން 2-0 އިން މޮޅުވިއިރު، ޔުނައިޓެޑް ދަނޑުގައި ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ޔުނައިޓެޑާ ދެކޮޅަށް މިރޭގެ މެޗަށް ނުކުންނައިރު ލިވަޕޫލަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ޓީމުގެ ދެ މިޑްފީލްޑަރުން ކަމަށްވާ އެޑަމް ލަލާނާ އާއި ޖިއޮޖީނިއޯ ވައިނަލްޑަމް އަނިޔާގައި ތިބުމެވެ. ކްލޮޕް ބުނީ މި ދެ ކުޅުންތެރިން ކުޅުވުމާ މެދު ގޮތެއް ނިންމާނީ ފަހު ޓްރެއިނިން ޝެޝަންތަކަށް ފަހު ކަމަށެވެ.
ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy