24 މެއި 2020 - 08:15
އިންސާނީ ދަރިފަސްކޮޅު ހަނދުގައި އާބާދުވުމަށް ހުރި ހުރަސްތައް ނައްތާލުމަށް ސައިންސްވެރިން ފޫގަޅައިފި އެވެ. އެންމެ ބޮޑު ކަމަކީ ހަނދަށް ހަކަތަ ފޯރުކޮށްދިނުމެވެ.
އަވިން ހަކަތަ އުފައްދަން ބަލާއިރު، ހަނދުގެ މުހިންމު ކިތަންމެ ތަނަކަށް އަތްވެއް ނުދެ އެވެ. ޕެޓްރޯލް އަދި ޑީސަލަކީ އަބަދު ސަޕްލައިކުރެވޭނެ ތަކެއްޗެއް ނޫނެވެ. ދެމެހެއްޓެނިވި ނިޒާމަކުން ހަކަތަ އުފައްދައިގެން މެނުވީ، ހަނދަށް އަދި މާސް އަށް ގޮސް އައުން އެއީ އެކަށީގެންވާ ކަމެއް ނޫނެވެ.
ހަނދުގައި ކުޑަ އާބާދީ އަކަށް ބޭނުންވާ މިންވަރަށް ހަކަތަ އުފެއްދުމަށްޓަކައި، ލުއި ނިއުކްލިއާ ރިއެކްޓަރުތަކެއް އުފައްދަން ސައިންސްވެރިން އެބަ މަސައްކަތްކުރެ އެވެ. ސައިންސްވެރިން ބުނާ ގޮތުގައި އެއީ އެހައި އުނދަގޫ ކަމެއް ވެސް ނޫނެވެ. ހަނދުގައި ނިއުކްލިއާ ރިއެކްޓަރެއް ގާއިމުކުރުމަކީ، ސައިންސްވެރިންނަށް ލިބިފައި ހުރި މައުލޫމާތަށް ބަލާއިރު މެޓައެކެވެ.
ސައިންސްވެރިން ބުނާ ގޮތުގައި އެންމެ ބޮޑަށް ވިސްނަންޖެހިފައި ވަނީ، ނިއުކްލިއާ ރިއެކްޓަރު ހަނދުގައި ބިނާކުރާނެ ގޮތެވެ. އެއީ މޫސުމީ ބަދަލުތަކަށް ކެތްކުރެވޭ ފެންވަރުގެ ބިނާއަކަށް ވާންޖެހެ އެވެ. އެކަމަކު މި ހުރިހައި ކަމެއް ކުރާނެ ގޮތް ދަންނަ ކަމަށް ސައިންސްވެރިން ބުނެ އެވެ.
ނާސާގެ އިންޖިނިއާ މިޝޭލް ރަކާ ބުނި ގޮތުގައި، ހަނދަކީ ޖެހިގެން އޮތް ގޯއްޗެކެވެ. އެހައި ވެސް ކައިރި އެވެ. އެހެންކަމުން، ކަމެއްދަމެއް ގޯސްވި ނަމަވެސް ބިމުން އެހީ ފޯރުކޮށްދިނުމަށް، މާސް އަށް ވުރެ ފަސޭހަވާނެ އެވެ. ސައިންސްވެރިން އަންދާޒާކުރަނީ ހައެއްކަ މީހުންގެ އާބާދީއަކަށް، ހަތަރު ރިއެކްޓަރުން ފުދޭނެ ކަމަށެވެ. ބިމުން ހަނދަށް އުފުލުމަށް ބުރަ ނޫން އަދި އުފެއްދުމަށް ވެސް ބުރަ ނޫން ކުދި ރިއެކްޓަރުތަކަކުން ފުއްދާލެވޭނެ ކަމަށެވެ. އެހެން ނަމަވެސް، މާސްގައި ނިއުކްލިއާ ރިއެކްޓަރުތައް ބެހެއްޓުން ލައްކަ އުނދަގޫވާނެ ކަމަށެވެ.
މާސް އޮތް ދުރުމިން ތަސައްވުރުކުރަމުން މިޝޭލް ބުނި ގޮތުގައި، މާސްގައި ނިއުކްލިއާ ރިއެކްޓަރެއް ބެހެއްޓުމަކީ، ބުރަ މަސައްކަތަކަށް ވާނެ އެވެ. އެ ހިސާބަށް ގޮސް އައިވެ އުޅުމަށް އެހާ ދުވަސް ނަގާއިރު، ރިއެކްޓަރެއްގައި މައްސަލަޖެހިއްޖެ ނަމަ، މަރާމާތުކުރުމަކީ ނުވުން ގާތް ކަމަކަށް ވާނެ އެވެ. އެހެންކަމުން، މާސްގައި ބަހައްޓާ ރިއެކްޓަރުތައް އާ ޓެކްނޮލޮޖީ އުފައްދަން ވެސް ޖެހިދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
24 May 2020
ކޮރޯނާ ވައިރަސް ވެސް މެޓަޔަކަށް ހެދީމާ އެންމެ ގިނަމީހުން އެވަނީ ނެތި ގޮސްފައެވެ. މެޓަޔެކޯ ...
މަނޑިކިލަނބު
24 May 2020
ތި ބޭކާރު ޚަރަދު ތަށް ކުރުން ހުއްޓާލައިފާ ދުނިޔާއި ބަޑަށް މަރުވަމުންދާ އެތަށް މިލިޔަން މީހުން ދުނިޔޭގައި ސަލާމަތުން ބޭތިއްބިއްޔާ ވާނީ ކީއް؟
އިބުރޭ.
24 May 2020
ރިވެތި ހަނދު މުޑުދާރު ނުކޮށް މި ބިން އަމާން ތަނަކަށް ހަދައިދީބަލަ.