މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއް: ކުރީގެ ރައީސުންގެ އިނާޔަތް މުރާޖާކުރަން ގާނޫނަށް އިސްލާހު ހުށަހަޅަން ސަރުކާރަށް އަންގަން ވަނީ ފާސް ކޮށްފައި -- ފޮޓޯ/މިހާރު
26 މެއި 2020 - 17:11
ކުރީގެ ރައީސުންނަށް ދައުލަތުން ދޭ އިނާޔަތްތައް މުރާޖައާކުރަން ގާނޫނަށް އިސްލާހު ހުށަހަޅަން ސަރުކާރަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.
ކުރީގެ ރައީސުންނަށް ދައުލަތުން ދެމުން އަންނަ އިނާޔަތްތައް، ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމުގެ ގޮތުން މުރާޖައާކުރަން ފިނޭންސް މިނިސްޓްރީން އޮތީ މަޖިލީހުގައި ސިޓީއަކުން އެދިފަ އެވެ. އަދި ދައުލަތުން ޚަރަދުކުރާ ގޮތަށް ޕެންޝަންގެ އެއް ސްކީމަށް ވުރެ ގިނަ ސްކީމްގައި ބައިވެރިވެފައިވާ ފަރާތްތަކުން ކޮންމެވެސް އެއް ސްކީމެއް އިހްތިޔާރު ކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ވެސް ފިނޭންސްގެ އެ ސިޓީގައި އެދިފައިވެ އެވެ.
އެކަމަކު މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ލަފާ ދެއްވީ ކުރީގެ ރައީސުންގެ އިނާޔަތްތައް މުރާޖައާ ކުރުމާއި ޕެންޝަންގެ އެއް ސްކީމެއް އިހްތިޔާރު ކުރަންޖެހޭ ގޮތަށް ބަދަލު ގެނެވޭނީ ސަރުކާރުގެ ފަރާތުން ގާނޫނަށް އިސްލާހު ހުށަހަޅައިގެން ކަމަށެވެ.
އެކަމާ ގުޅިގެން މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި، އެ ދެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލް ހުށަހަޅަން ފިނޭންސް މިނިސްޓްރީ އަށް ޖަވާބު ދިނުމަށް މަޖިލީހުގެ ރައީސަށް އަންގަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އެ ހުށަހެޅުމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ތާއީދު ކުރެއްވުމުން އެ ހުށަހެޅުން ފާސްވީ އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާގުންނެވެ.
އެ ބައްދަލުވުމުގައި ކޮމެޓީގެ ބައެއް މެމްބަރުން ވަނީ ގާނޫނެއް އިސްލާހު ކުރަން ސިޓީއަކުން ނޭދެވޭނެ ކަން ފާހަގަ ކުރައްވައި، އެގޮތަށް ފިނޭންސް މިނިސްޓްރީން އެދުނީ ބަލަންޖެހޭ މިންވަރަށް ބެލުމެއް ނެތި ކަމަށް ވިދާޅުވެފަ އެވެ. އަދި މާލީ ކަންކަމާ ގުޅުންހުރި ބިލްތަކެއް އަމިއްލަ މެމްބަރުންނަށް ވެސް ހުށަނޭޅުއްވޭނެ ކަން ބައެއް މެމްބަރުން ފާހަގަ ކުރެއްވި އެވެ.
ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތް ދިނުމާ ބެހޭ ގާނޫނުގެ ދަށުން އެއް ދައުރު ރައީސް ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 50،000ރ. ގެ އިނާޔަތެއް ދޭން ޖެހޭއިރު، އެއް ދައުރަށް ވުރެ ގިނަ ދުވަހުު ރައީސް ކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 75،000ރ. ގެ އިނާޔަތެއް ދައުލަތުން ދޭންޖެހެ އެވެ. އަދި ދިރިއުޅުއްވާ ތަނުގެ ޚަރަދަށް އިތުރު 50،000ރ. ދިނުމުގެ އިތުރަށް މުޖްތަމައުއަށް ފައިދާހުރި މަސައްކަތެއް ކުރައްވާ ނަމަ، އޮފީސް ހިިންގުމުގެ ޚަރަދަށް ވެސް މަހަކު 175،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ދޭންޖެހެ އެވެ.
ކުރީގެ ރައީސުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް އަދި މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އޭގެ ތެރެއިން މައުމޫން ވަނީ ކުރީގެ ރައީސުންގެ އިނާޔަތްތައް ކުޑަކުރަން ތާއީދު ކުރައްވައިފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމުގެ ގޮތުން ރައީސާއި ނައިބު ރައީސާއި ވަޒީރުންގެ އިތުރުން މަޖިލީހުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ފަނޑިޔާރުންގެ މުސާރަތައް ވެސް ތިން މަހަށް ވަނީ ކުޑަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރީތި މޫސަ
27 May 2020
އެންމެފުރަތަމަވެސް ކުރަންވީ ކަމަކި ކުރީގެރައީސުންނަށް ރައްޔިތުންގެފައިސާ އެއްމުސާރަޔަށްވުރެގިނައިން ދިނުންހުއްޓާލުން ދައުލަތުގެ ވަޒިފާއެއްއަދާކުރިނަމަވެސް އިތުރުމުސާއެއްނުދިނުން
މުބީނު މާރނީ
26 May 2020
ވަހީދު އަށް އެއް ވެސް އެއްޗެއް ލިބިގެން ނުވާނެ. އެއީ އެހާ ކުރު މުއްދަތެއް ވީމަ.
ނިރު
26 May 2020
ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ތަކާ އެހާފަސޭހައިން ނުކުޅޭވަރުކޮއްފަ މައުމޫން އެހުރީ ވެރިކަމުން ފައިބާގެން ގޮސް ...އަހަރަކު އެއްފަހަރު ދީނީ ދަރުސެއް ދޭތީ 175،000ރ. އެބަނަގާ އެއީ މުޖުތަމަޔަށް ފައިދާ ހުރި މަސއްކަތެއް ކުރާތީ ...
ބޭކާރު
26 May 2020
ތިޔަ މަޖްލިސް މެމްބަރުންގެ މުސާރަތައް ދާއިމަށް ކުޑަކޮއްބަލަ. އަދި ތިތަނުން ނުކުންނަން ޖެހުނީމަ ތިޔަ ދައުލަތައް އަރުވާފަ ހުރި 30000ރ ބުރަޔާ، މެޑިކަލް ކަނޑާފަ އެހެން ރައްޔިތުން ނިކަމެތިކޮއްފަ އޮތް ވަރު ހިތައް އަރުވާބަލަ. އަދި ތިމަތިމާމެންގެ މުސާރަތަކާ އެލަވަންސްތަކަ އިނާޔަތްތައް ލަދެއްނެތި އަމިއްލައަށް ހަމަޖެއްސުން ހުއްޓާލާ. އަދި މެމްބަރުންގެ އަދަދު ބޮޑުތަނުން މަދުކުރޭ. ތިޔަ ތަނުގެ މުސާރަތަކާ، އެލަވަންނސް ތަކާ، އިނާޔަތްތަކާ ހުރެ ދައުލަތުގެ ހަޒާނާ ހުސްވަނީ
ކަސަބު
26 May 2020
މި ގާނޫނު ކިތައްފަހަރު އިސްލާހުކޮށްފި. އެއިރަކު ވެރިންނަށް ތިބޭ ބަޔަކު ހިތުހުރިހާ ގޮތަކަށް ގާނޫނުތައް ބަދަލުވާންވެއްޖެއްޔާ ވާނީ މިހެން.
މިވަރެއްނެތް
26 May 2020
ރަމްޒީ މުސާރައިގެ ގޮތުގައި ތިރީސްހާސް ރުފިޔާ ފިޔަވައި ހުރިހާ އެއްޗެއް ކަނޑާލާ. ތިއިން އެކަކަށް އެވަރުވެސް ހައްގެއް ނޫން. ރާއްޖެއިން މިދޭ އިނާޔަކީ ދުނިޔޭގެ އެންމެ ބޮޑު އިނާޔަށް. އެންމެ މުއްސަނދި އެމެރިކާއިންވެސް ކުރީގެ ރައީސުންދެނީ މެދުފަންތީގެ (މިޑަލް ކްލާސް) އާމްދަނީ ލިބޭ މީހެއްގެ މުސާރައަށްްވުރެން %50 އިތުރު އިނާޔަތެއް. އެނިސްބަތުން ބަލާއިރު ރާއްޖޭގައި ކުރީގެ ރައީސަކަށް މަހަކު ފަންސަވީސްހާހަކީވެސް ބޮޑުއަދަދެއް.