31 މެއި 2020 - 10:56
ފުވައްމުލަކު ގޮނޑުދޮށުން ވެލި ނަގާ މައްސަލަ މި ފަހަކަށް އައިސް ވަރަށް ބޮޑުވެފައިވާ ކަމަށާއި އެކަން ކުރާ މީހުންނާ ދޭތެރޭ ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ސިޓީގެ ކައުންސިލުން ދީފި އެވެ.
މިކަމާ ގުޅިގެން ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ފުވައްމުލަކުގެ ގޮނޑޮދޮށްތަކުން އެއްވެސް ވަރަކަށް ވެއްޔާއި އަކިރި އާއި ގަލާއި ދޮންވެއްޔާއި ކަށިވެލި ނެގުމަކީ ހުއްދަ ކަމެއް ނޫން ކަމަށާއި އެއީ ކުރިން ވެސް މަނާ ކަމެއް ކަމަށެވެ. ނަމަވެސް ތަކުރާރުކޮށް އެ އުސޫލާ ބައެއް މީހުން ހިލާފުވަމުންދާ ކަމަށް ބުންޏެވެ.
ކައުންސިލުން ބުނިގޮތުގައި ގޮނޑުދޮށުން ވެއްޔާއި އަކިރި ފަދަ ތަކެތި ނެގުމަކީ ރަށްގިރުމަށް ވެސް މަގުފަހިވާ ކަމަކަށްވާތީ އެކަން އެގޮތަށް ކޮށްގެން ނުވާނެ އެވެ.
"ވެލި ނެގުން މަނާކުރެވި ތަކުރާރުކޮށް، ހަނދާންކޮށް ދެމުން ދިޔަ ނަމަވެސް ވެލި ނަގަމުންދާތީ އެގޮތަށް އަމަލުކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު ކައުންސިލާއި ކަމާބެހޭ އިދާރާތައް ގުޅިގެން ކުރިއަށް ގެންދާނެ،" ކައުންސިލުން ބުންޏެވެ.
މި ފަހުން ގަވައިދާ ހިލާފަށް ވެލި ނަގާ މައްސަލަ އިތުރުވެފައިވާ އިރު، ފުވައްމުލަކު ކައުންސިލުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދަނީ އެގޮތަށް ވެލި ނަގާ މީހުން ހުއްޓުވައި، ނަގާފައިވާ ވެލި އެ ނެގި ތަންތަނަށް އަލުން އެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އަދި މި ވާހަކަ ފުވައްމުލަކު ކައުންސިލްގެ ފޭސްބުކް ޕޭޖްގައި ވެސް އަންނަނީ ހިއްސާކުރަމުންނެވެ.
ކައުންސިލުން ވަނީ އެއްވެސް ބަޔަކު ގަވައިދާ ހިލާފަށް ވެލި ނަގާކަން އެނގޭ ނަމަ އެކަން ރިޕޯޓްކޮށް ދިނުމަށް ވެސް ރައްޔިތުންގެ ކިބައިން އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުވައްމުލަކު ސޮރު
31 May 2020
ތިތާ ވެރިން ތިބީ ދެއައް އުރާލައިގެން، ކުޑަމިނުން ތިކަން ކުރާބައެއްގެ ނަންވެސް ހާމަ ކޮށްލަން ނުކެރެ،
އަހމަދު
31 May 2020
އެންވައިރަމެންޓް މިނިސްޓރީގެ ބޭފުޅުން ކީއްތޯ އެކުރައްވަނީ