ކުޅިވަރު / ޗެމްޕިއަންސް ލީގު

ކޮވިޑް-19: އެޓަލާންޓާ ކޯޗުގެ މައްސަލަ ހޫނުވެއްޖެ

އެޓަލަންޓާގެ ކޯޗު ގެސްޕަރީނީ މެޗެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

މިލާން (ޖޫން 5) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި މާޗު މަހު ވެލެންސިއާއާ ދެކޮޅަށް އެޓްލާންޓާ ދިޔައިރު އެ ޓީމުގެ ކޯޗު ޖިއަން ޕިއޭރޯ ގެސްޕަރީނީގެ ކިބައިން ކޮވިޑް-19ގެ އަލާމާތްތައް ފެނުނު ކަމަށް ބުނެ ވާހަކަ ދެއްކުމާ ގުޅިގެން އެ މައްސަލަ ހޫނުވެއްޖެ އެވެ.

މިދިޔަ އާދިއްތަ ދުވަހު އިޓަލީގެ ނޫހަކަށް އިން އިންޓަވިއުއެއްގައި ގެސްޕަރީނީ ބުނީ މާޗް 10 ވަނަ ދުވަހު ސްޕެއިނުގައި ސަޕޯޓަރުން ނުވައްދައި ވެލެންސިއާ ދަނޑުގައި ކުޅުނު މެޗުގެ އެއް ދުވަސް ކުރިން އޭނާ ބަލިވި ކަމަށެވެ. އަދި މެޗު އޮތް ދުވަހު ބަލި ހާލަތު ވަރަށް ގޯސްވި ކަމަށާއި ބެންޗުގައި އިންއިރު ވަރަށް ބޮޑަށް ނޭވާލާން ވެސް އުނދަގޫވި ކަމަށެވެ.

"އެނބުރި އިޓަލީ އަށް އައިސް ޒިންގޯނިއާ (އެޓަލާންޓާގެ ޓްރެއިނިން ސެންޓަރު)ގައި އަހަރެން ކުޑަކޮށް ނިދާލިން. އޭރު އަހަރެން ގައިގައި ހުމުގެ އަސަރެއް ނެތް. އެކަމަކު ވަރުބަލިކަމުގެ އަސަރު ވަރަށް ބޮޑަށް ހުރި އެއީ ގާތްގަނޑަކަށް 40 ޑިގްރީސްގައި ހުންނައިރު ކުރެވޭ އިހުސާސް،" 62 އަހަރުގެ ގެސްޕަރީނީ ބުންޏެވެ.

ފަހުން ގެސްޕަރީނީގެ އެންޓިބޮޑީ ޓެސްޓެއް ކުރިއިރު އޭނާއާ ކޮވިޑް-19 ޖެހުނު ކަމަށް ވަނީ ޓެސްޓްތަކުން ދައްކައިފަ އެވެ. ގެސްޕަރީނީ ބުނީ ވެލެންސިއާ މެޗު ދުވަސްވަރުގައި ހުން އައިސްފައި ނުވި ނަމަވެސް އޭގެ ފަހުން ފެނުނު އަލާމަތްތަކަށް ބަލާއިރު އޭނާއާ ކޮވިޑް-19 ޖެހުނުކަން މިހާރު ގަބޫލުކުރާކަމަށެވެ.

ދެ ލެގުން ވެލެންސިއާގެ މައްޗަށް ކުރިހޯދައި އެޓަލާންޓާ ވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. އިޓަލީގެ ރިޕޯޓްތައް ބުނާގޮތުން މިލާނުގައި ފެބްރުއަރީ 19 ވަނަ ދުވަހު ކުޅުނު ވެލެންސިއާ އާއި އެޓަލާންޓާގެ ފުރަތަމަ ލެގުގެ މެޗަކީ ކޮވިޑް-19 އެ ގައުމުގައި ފެތުރެން ދިމާވި އެއް ސަބަބެވެ. އޭގެ ފަހުން އެޓަލަންޓާ އާއި ވެލެންސިއާގެ ގިނަ ކުޅުންތެރިން ވެސް ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

ގެސްޕަރީނީ މީޑިއާގައި ދެއްކި ވާހަކަތަކާ ގުޅިގެން ވެލެންސިއާ އިން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ވެލެންސިއާގެ އޮފިޝަލަކު ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ ކޮވިޑް-19ގެ އަލާމަތްތަށް ހުއްޓައި ގެސްޕަރީނީ މެޗަށް އައުމަކީ އޭނާ ހެދި ވަރަށް ބޮޑު ގޯހެއް ކަމަށާއި އޭގެ ސަބަބުން ވަރަށް ގިނަ މީހުން ނުރައްކަލަކަށް ހުށަހެޅިގެންދިޔަ ކަމަށެވެ. މި މައްސަލައިގައި ސްޕެއިނުގެ ސަރުކާރުން ވެސް ވަނީ ގެސްޕަރީނީގެ ފަރާތުން ފެނުނު ކަންތައްތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ވެލެންސިއާ އިން ފާޑުކިޔުމާ ގުޅިގެން ގެސްޕަރީނީ ވެސް ވަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ. ގެސްޕަރީނީ ބުނީ ހަގީގަތުގައި ކަން ހިގައިދިޔަ ގޮތް ކިޔައިދިނީ އެއީ އޭނާ ބޭނުންވި ގޮތް ކަމަށާއި އެކަން ނުފޮރުވުމުން މިހާރު އޭނާ އަށް ކުރިމަތިވެފައި މިވަނީ މާ އުނދަގޫ ހާލަތެއް ކަމަށެވެ.

"މިހާރު އަހަރެން އެންމެ ގޯސް މިވީ. ވަރަށް އުއްމީދުނުކުރާ ތުހުމަތުތަކެއް އަހަރެންގެ މައްޗަށް އެ ކުރަނީ. އަހަރެން މެޗަށް ދިޔައީ ހުރިހާ ޕްރޮޓޮކޯލެއްގެ ތެރެއިން. އަހަރެން އިޓަލީ ދޫކޮށް ދިޔައިރު ހުމެއް ނެތް ފުއްޕާމޭގެ މައްސަލައެއް ނެތް. އެއީ ކުއްލިއަކަށް ދިމާވި ކަމެއް. އެކަމަކު މިހާރު މީގެ ހުރިހާ ގެއްލުމެއް މި އޮތީ އަހަންނަށް،" އިއްޔެ ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ގެސްޕަރީނީ ބުންޏެވެ.

ކޮވިޑް-19ގެ ސަބަބުން މާޗް މަހު ޗެމްޕިއަންސް ލީގު މެދުކަނޑާލީ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގެ މެޗުތަކުގެ ތެރެއިންނެވެ. ދެ ވަނަ ލެގުގެ ހަތަރު މެޗެއް ކުޅުނީ އެކަށީގެންވާ ހާލަތެއްގައި ނޫން ކަަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެ ގޮތުން އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ލިވަޕޫލް ދަނޑުގައި ކުޅުނު މެޗުގެ ސަބަބުން ގިނަ ބަޔަކާ ވައިރަސް ޖެހުނު ކަމަށް އެ ދެ ކްލަބް ނިސްބަތްވާ ސިޓީގެ އިސް އޮފިޝަލުން ތަކެއް ވަނީ ބުނެފަ އެވެ.

0 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 78%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454