ޗެމްޕިއަންސް ލީގުގައި އެޓަލަންޓާ އާއި ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ
26 މާޗް 2020 - 12:34
މިލާން (މާޗް 26) - އިޓަލީ އާއި ސްޕެއިނުގައި ކޮވިޑް-19 ރޯގާ ފެތުރުން އިތުރުވި އެއް ސަބަބަކީ ޗެމްޕިއަންސް ލީގުގައި މިދިޔަ ފެބްރުއަރީ މަހު އެޓަލަންޓާ އާއި ވެލެންސިއާ ބައްދަލުކުރި މެޗު ކަމަށް އިޓާލީގެ ލޮމްބާޑީ ރީޖަންގެ މޭޔަރު ޖިއޮޖީއޯ ގޯރީ ވިދާޅުވެއްޖެ އެވެ.
ލޮމްބާޑީ ސަރަހައްދަކީ ކޮވިޑް-19 ގެ ނުރައްކާ އިޓަލީގައި އެންމެ ބޮޑަށް ބޮޑުވެ، އެންމެ ގިނަ މީހުން މަރުވި އެއް ސަރަހައްދެވެ. އެ ސަރަހައްދަށް ނިސްބަތްވާ އެޓަލަންޓާ އިން އަންނަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ. އެ ގޮތުން ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު މިލާނުގައި ސްޕެއިނުގެ ވެލެންސިއާއާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގު މެޗު ބަލަން ދެ ގައުމުގެ ގިނަ ސަޕޯޓަރުންތަކެއް ދިޔަ އެވެ. އެޓަލަންޓާ އެ މެޗުން 4-1 އިން މޮޅުވިއިރު، އެ މެޗަށް ފަހު ކުޅުންތެރިންނާއި ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އެކުގައި އުފާފާޅުކޮށްފަ އެވެ.
ޖިއޮޖީއޯ ވިދާޅުވީ ހަގީގަތަކީ އެ މެޗަށް ފަހު ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ގިނައިން ފެންނަން ފެށި ކަމަށާއި އެޓަލަންޓާ ކުޅުންތެރިން ގައިން ވެސް އޭގެ ފަހުން ވައިރަސްގެ އަލާމާތްތަށް ފެންނަން ފެށިކަން ފާހަގަކުރެވުނު ކަމަށެވެ.
"ގާތްގަނޑަކަށް ބެރްގާމޯ (ލޮމްބާޑީގެ ސަރަހައްދެއް) 40،000 މީހުން އެ ދުވަހު މިލާނަށް ދިޔަ މެޗު ބަލަން. ދަނޑު ތެރޭގައި ގިނަ ބަޔަކަށް މެޗު ބެލުމުގެ ފުރުސަތު ލިބުނު. އަނެއް ބަޔަކު މެޗު ބެލީ ދަނޑު ބޭރުގައި ބަހައްޓާފައި ހުރި ސްކްރީންތަކުންނާއި ރެސްޓޯރެންޓްތަކުން. ހޯދުންތަކުން ފެންނަން އޮތް ހަގީގަތަކީ ވައިރަސް އެންމެ ބޮޑަށް މި ސަރަހައްދުން މި އެރީ އެ ހަރަކާތްތަކަށް ފަހުކަން،" ޖިއޮޖީއޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލޮމްބާޑީ ސަރަހައްދުން މި ވައިރަހުގެ އަލާމަތްތަށް އެންމެ ފުރަތަމަ ފެނުނު މީހާ ފެނަރޯލީ ހޮސްޕިޓަލްގައި އެޑްމިޓްކުރެވުނު ކަމަށާއި އެކަމަކު އޭނާ ދޫކޮށްލެވުނީ ކޮވިޑް-19 އަށް ހަދަން ޖެހޭ ޓެސްޓްތައް އެންމެ ރަނގަޅަށް ނުހެދި ކަމަށެވެ. އަދި އެއީ ވެސް ވައިރަސް ފެތުރެން ދިމާވި ބޮޑު ސަބަބެއް ކަމަށް ވިދާޅުވި އެވެ.
ލޮމްބާޑީ ސަރަހައްދެކޭ އެއްގޮތަށް މިހާރު މިލާނުން ވެސް މި ވައިރަސް ޖެހިފައިވާ ގިނަ ބަޔަކު ފެންނާތީ ޖިއޮޖީއޯ ވިދާޅުވީ އެޓަލަންޓާ އާއި ވެލެންސިއާ މެޗުގެ ސަބަބުން މި ރޯގާ އިތުރަށް ފެތުރުނެވެ. އަދި އޭގެ އަށް ދެން އެންމެ ބޮޑަށް ބާރުލިބޭ ސަބަބަކީ ވެލެންސިއާ ސްކޮޑުގެ 35 ޕަސެންޓް ކުޅުންތެރިންނާ ވެސް ވައިރަސް ޖެހުން ކަމަށެވެ. އަދި ސްޕެއިނުގައި ވެސް އެންމެ ފުރަތަމަ ވައިރަސް ފެނުނު ސަރަހައްދުގެ ތެރޭގައި ވެލެންސިއާ ހިމެނުން ކަމަށެވެ.
ކޮވިޑް-19 ގެ ރޯގާގެ ކަންތައްތައް ބޮޑުވެފައިވަނިކޮށް އެޓަލަންޓާ އާއި ވެލެންސިއާ ވަނީ ސްޕެއިނުގައި ސަޕޯޓަރުން ނުވައްދައި ދެ ވަނަ ލެގުގެ މެޗު ކުޅެފަ އެވެ. އެ މެޗުން އެޓަލަންޓާ މޮޅުވީ 4-3 އިންނެވެ. އެޓަލަންޓާ ވަނީ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލް ވެސް އޮތީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފަ އެވެ.
މި ވައިރަސް ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީންނެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނައީ ލޮމްބާޑީ ސަރަހައްދުން މަރުވި މީހުންނެވެ. އެ ގޮތުން މިހާތަނަށް އެ ސަރަަހައްދުން 4500 މީހުން މަރުވެފައިވާ ކަމަށް ވަނީ ރެކޯޑް ކުރެވިފަ އެވެ. ދެ ވަނަ އަށް އެންމެ ގިނަ މީހުން މަރުވީ ސްޕެއިނުންނެވެ. ތިން ވަނައިގައި އޮތީ މި ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާ އެވެ. ޗައިނާ އިން މި ވައިރަސް އެންމެ ފުރަތަމަ ފެނުނީ މިދިޔަ ޑިސެމްބަރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަސް
26 March 2020
މިވަރުންވެސް ހޭނައަރާ ބަޔަކު އެބަތިއްބެވެ. މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުނުކުރުމާއި ހުކުރު ނަމާދު ނުކުރުމަށް ސަރުކާރުތަކުން އެންގުމުން އެކަމަށް ފާޑުކިޔާ ވާހަކަ އެބަދައްކާ. ބަލިޖައްސަވަނީ ﷲ އޭ ﷲ އަށް ވަކީލުކުރާމީހަކަށް ބަލި ނުޖެހޭނެޔޭ ބުނާއިރު ޢަބްދުއްރަޙްމާން ބިން ޢަވްފު ފަދަ މަތިވެރި، ސުވަރުގޭގެ އުފާވެރި ޚަބަރު ލިބިފަިވާ ސަހާބީއެއްގެ ކިބައިގައި ﷲ އަށް ވަކީލުކުރުން ނެތިގެންތޯ ޠާޢޫނުގައި ޝަހީދުވީ؟ އަހަރުމެންގެ އީމާންކަން މާގަދަ!!!
ބާބިލް
26 March 2020
ތިކަން ހުއްޓާށޭ ބުނީމާވެސް ބޯހަރުކަމުން ހަމަ ތިކަން ކުރަނިއްޔޭ.