އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވި، އެންއައިސީގެ ރައީސް އަހުމަދު ސުލައިމާނު ވާހަކަދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
07 ޖޫން 2020 - 10:05
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅާ މައްސަލަތައް ނުނިންމާ ކަމަށް ތުހުމަތުކޮށް އަޑުތައް އަރާކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަމަކު ޒިންމާ އަދާކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ސުލައިމާން ވަނީ، އެންއައިސީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ، މައްސަލަތައް ތަހުގީގުކުރުމަށް ފަހު ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ނުފޮނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ހަފުތާގައި ފާހަގަކޮށްފައިވާ މައްސަލައަށް ރައްދު ދެއްވައިފަ އެވެ.
މަޖިލީހުގައި ވާހަކަ ދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ކޮމިޝަނުން މިހާތަނަށް ތަހުގީގުކޮށް ޕީޖީ އަށް ފޮނުވާފައިވަނީ މަދު މައްސަލަތަކެއް ކަމަށެވެ. އަދި އެއީ ގިނަ މައްސަލަތަކެއް ބަލަން ގާނޫނީ ގޮތުން ހަވާލުވެފައި އޮންނަ މުއައްސަސާއެއް ނަމަވެސް ދައުރު އަދާ ނުކުރާތީ ކޮމިޝަންގެ މެމްބަރުންނަށް އިތުބާރު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.
އެކަމަށް ރައްދު ދެއްވައި ސުލައިމާން ވިދާޅުވީ ގިނަ މައްސަލަތަކެއް ޕީޖީ އަށް ހުށަހެޅި ނަމަވެސް ދައުވާކުރާނީ އެތަނުން ބޭނުންވާ އަދި ދައުވާ ކުރެވޭ ވަރުގެ މައްސަލަތަކުގައި ކަމަށެވެ. އަދި ހުށަހަޅާ ކޮންމެ މައްސަލައަކީ ބެލޭނެ މައްސަލައެއް ނޫން ކަމަށާއި މަސައްކަތް ނުކުރެވޭ ކަމަށް އަޑުއަރަނީ އެހެންވެގެން ކަމަށް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެބަ ހުށަހަޅާ ޖިނާއީ މައްސަލަތައް ވެސް. އެ ފަދަ މައްސަލަތައް އަޅުގަނޑުމެންނަށް ތަހުގީގު ކުރެވޭނީ ފުލުހުންނަށް ހުށަހަޅައިގެން. މި މައްސަލަތަކުގައި ދައުވާ ކުރަން ފޮނުވޭނީ ޝައްކެއް ނެތް މިންވަރަށް ސާބިތުކުރުމަށް ފަހުގައި. އެކަށީގެންވާ ވަރަށް ހެކި ނެތް ނަމަ ނުފޮނުވޭނެ" ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސްކަން ކުރެއްވި އަދި ފަހުން އެންއައިސީގެ ރައީސް ކަމަށް އައްޔަން ކުރެއްވި ސުލައިމާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަސައްކަތްކުރަން. އެކަމަކު ގާނޫނާއި ގަވައިދުގެ ތެރެއިން ކަންކަން ކުރުމުގައި ގިނަ ކަންތައްތަކަކަށް އެބަ ބަލަންޖެހޭ."
އޭނާ ވިދާޅުވީ 2008 ވަނަ އަހަރު، ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ނަމުގައި އުފެއްދި އެ މުއައްސަސާއާ އޭނާ ހަވާލުވެ ވަޑައިގެންނެވި އިރު ގިނަ މައްސަލަތަކެއް ނުބެލި ހުރި ކަމަށެވެ. އެކަމަކު އޭނާ ހަވާލުވެ ވަޑައިގެން، ބެލޭ މައްސަލަތަކުގެ އަދަދު އައީ އަހަރުން އަހަރަށް އިތުރުކުރަމުން ކަމަށާއި އެގޮތުން މިދިޔަ އަހަރު، ކޮމިޝަނަށް ހުށަހެޅި މައްސަލަތަކަށް ވުރެ، ނިންމި މައްސަލަތަކުގެ އަދަދު އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.
ސުލައިމާން ވިދާޅުވި ގޮތުގައި އެންއައިސީ އަށް ހުށަހަޅާ އަހުލާގީ މައްސަލަތައް ނިންމައި، އެކަން އިސްލާހު ކުރުމަށް އިދާރާތަކަށް ފޮނުވުމުން އެކަމަށް އަމަލު ކުރިކަމުގެ ލިޔުން އެ ކޮމިޝަނަށް ފޮނުވަ އެވެ. އެކަމަކު ގިނަ ފަހަރަށް އަޑުތައް އަރަނީ ޕީޖީއަށް ފޮނުވައިގެން ދައުވާ ކުރަން ޖެހޭ މައްސަލަތަކުގައި ކަމަށާއި އެކަމަކު އެކަމުގައި ސަބަބުތަކެއް ހުރި ކަމަށް ވިދާޅުވި އެވެ.
އެންއައިސީގެ ދައުރާ ގުޅޭގޮތުން ސުވާލު އުފައްދައި މަސައްކަތް ނުކުރެވޭކަމުގެ ތުހުމަތު މަޖިލީހުން ފެންމަތި ކުރުމުން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ގާނޫނުގައިވާ ގޮތަށް ފުރިހަމަ ތަނެއްގެ ގޮތުގައި އެތަން ހިންގުން ލާޒިމް ކަމަށް ވިދާޅުވެފަ އެވެ.
އިމްރާން ވިދާޅުވީ ފުލުހުންގެ މުއައްސަސާ އާއި ޖަލުތަކުގައި ވެސް ނުހަމަ ގޮތެއްގައި ކަންކަން ނުހިންގާނެ ގޮތަށް ސިޔާސަތުތައް އެކުލަވާލުމަކީ ހޯމް މިނިސްޓްރީން ކުރާކަމެއް ކަމަށެވެ. އެކަމަކު ވަކިވަކި އޮފިސަރުން ގާނޫނާ ހިލާފަށް ހިންގާ ކަންކަމުގައި ފިޔަވަޅު އެޅުމަށް ގާނޫނުގައި ބުނާ މިނިވަން މުސްތަގިއްލު ގޮތުގައި، އެންއައިސީ ފުރިހަމަ ގޮތުގައި ހިންގުން ލާޒިމް ކަމަށް އޭނާ ވިދާޅުވި އެވެ.
މައްސަލަތައް ބެލުމުގައި ހުރި ގޮންޖެހުންތަކުގެ ގޮތުގައި އެންއައިސީން ފާހަގަކޮށްފައިވަނީ މައްސަލަ ހުށަހަޅާ ފަރާތުން އެކަށީގެންވާ މައުލޫމާތު ހިއްސާ ނުކުރުމާއި އެކަމުގައި ހިމެނޭ މީހުން ހޯދުން އުނދަގޫވުމެވެ. އަދި ގިނަ ދަތުރުތަކެއް ކުރަން ޖެހޭއިރު އެކަމަށް ބޭނުންވާ ހަރަދާއި ވަސީލަތްތައް ނެތް ކަމަށް ބުނެފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑާޑާ
07 June 2020
ސުލޭމާނަކީ ހަމަ މިހާރުން މިހާރަށް ތިމަޤާމުން ދުރުކުރަން ޖެހޭ މީހެއް، ދުރުނޫން މުސްތަޤްބަލެއްގަ މަޤާމުން ދުރުކުރާނެ ކަމަށް އުއްމީދުކުރަން.
ދޯބެ
07 June 2020
ޔާމީނު އިސްކޮށް ބަހައްޓާ ސުލައިމާނު މެން އެބުރި ގޭސްގަޑަކީ ބަޔަކު ބަހުސަކަށް ދާންޖެހޭ ބަރަށްވުރެ މާސާފުކޮށް ފެންނަން އޮތް ދުންގަދެކެވެ.. ސުލައިމާނު އެމަގާމުން ބޭރުކުރަންޖެހޭ..
އަލީ45678
07 June 2020
ކޮބާ ކޮ މިޝަނަރ އޮފް ޕޮލިސް ހަ މީދުގެ އެން މެ ފަހުން ފެނުނު ފޮޓޯގެ މައްސަލަ
ރަދުން999
07 June 2020
ތިޔަ މުއައްސަސާތައް އުވާލަދީބަލަ އެއްވެސް މައްސަލައެއް ބަލާހެނެއް ހިޔެއްނުވޭ. އަހަރެން ހުށަހެޅި މައްސަލައިގެ ހަބަރެއްވެސް ވީ އެތައްމަހެއް ފަހުން ކަންނިމި ހަދާންނެތުނުފަހުން. އަދި ފަހުންވެސް ކަންވީގޮތެއް އަދިއަދަށްވެސް ނޭގެ.
ރެނދަން
07 June 2020
ފުލުހުންތަކެއް ސީދާ ޤާނޫނާ ޚިލާފަށް ފެބްރުއަރީ 7-8 އާއި ގުޅިގެން ހިނގި އެތަށް ލާއިންސާނީ ކަމެއްގަ ޝާމިލްވި ފުލުހުންގެ ތަޙްޤީޤ ނުހިންގާ ތިބެނީވެސް ހަމަ ހެކި ނެތިގެންތޯ؟؟؟ ހަމައެއް ލަމައެއް ނެތި އާންމުންނަށް ހަޑިހުތު ބަހުން އެއްޗިސްކިޔާ އަނިޔާ ކުރާ ފުލުހުންގެ މައްސަލަވެސް ނުބަލަނީ ހަމަ ހެކި ނެތިގެންތ؟؟؟؟ ޒިންމާ އަދާ ނުކުރެވެންޏާ އިސްތިއުފާ ދިނުން ރަނގަޅުވާނެ... ކުރިން އިލެކްޝަންގަވެސް ހަމަ ހުރީ ބުދެއް ހުރިހެން.. މިހާރުވެސް މުސާރަ ނަގަނީ ހަމަ
ވަކިކުރޭ
07 June 2020
ފާއިތުވި 5 އަހަރު އެތަނަށް ހުށަހެޅުނު މައްސަލަތަކުގައި ފުލުހުން ކުށްވެރިވެފަ ހުރި ވަރެެއް އަޅެ ބަލާލަބަލަ! މި މުއްސަސާއިން ޒިންމާދާރުކަމާއެކު މަސައްކަތްކުރާނަމަ ފުލުހުން މިހާލަކަށް ނުވެއްޓުނީސް!
މޯޑް
07 June 2020
ރާއްޖެޓީވީ ރާއްޖޭގަ ނަންބަރ ވަން. ޓީވީ ޗެނަލު. ވަރަށް މޮޅަށް ފުރެޒެންޑް ކުރާ ކުދިން ކޮޅެއް އަބަދުވެސް. ހާއްސަ ކޮށް އާމިރު ގެ ހުށައެޅުން ވަރަށް ކަމުދޭ.
ކަންފަތަށްރީތިމުދި
07 June 2020
ސުލައިމާނަކީ ވަކިފިކުރެއްގަ ވަކިގޮތަކަށް ކަންކަން ގެންދަން ބައްޓަންވެ ހުރި މީހެއްކަމަށް ބަޔަކަށް ހީވާއިރު ޔަޤީންވާ ޙަޤީޤަތަކީ އޭސީސީގެ 5 މެމްބަރުން، މަރުތަހުޤީޤު ކޮމިޝަން ހުެިހާ މެމްބަރުން، އެސެޓް ރިކަވަރީ ކޮމިޝަން ހުެިހާ މެމްބަރުން....މިހެން ކިޔަމުންގޮސް ހުރިހާ މިނިވަން މުވައްސަސާއެއްގެ މެމްބަރުންނާއި ޕޮލިސް ކޮމިޝަނަރ ހަމީދު، އިޕީއީގެ ޑިޖީ ނައިމު، މިފަދަ ކިތަންމެ ބަޔަކީ ވަކި ފިކުރަކަށް މުޅިން ލެބިފައިވާ މީހުން ޔެލޯ މީހުން.
ގިޔާސް
07 June 2020
ހީވާއިރުއޭ، ބަލަގަ ސުލޭމާނަކީ އީސީގެ ރައީސް ޔާމީނު އެތާ ބެހެއްޓި މީހެއް، ދެން އެތަނުން ގެންގޮސް މިހާރު ތިހުރިތާ ބެހެއްޓީވެސް ހަމަ ޔާމީނު، ދެންވެސް ކިޔަންވީ ސުލައިމާނަކީ ވަކިފިކުރެއްގަ ވަކިގޮތަކަށް ކަންކަން ގެންދަން ބައްޓަންވެފަ ހުރި މީހެއްކަމަށް ބަޔަކަށް ހީވާ ވާހަކަތޭ.........މަޤާމުން އަވަހަށް ދުރުކުރަންވީ.
ފޫހި
07 June 2020
މިއީ ހަމަ ސީދާ އުވާލަންޖެހޭތަނެއް. ނޫނީ މީނާއަކީ ހަމަ ވަކިކިރަންޖެހޭ މީހެއް.
ނޯ ކޮމެންޓް
07 June 2020
ބަލަ އެކަން ނުކުރި ނަމަ އޭނާ ވެސް ޖަލުގާ ހުންނަން ޖެހުނީ ހެވެ.ރާއްޖެ ދުތް އެއްމެ ބޮޑު ޑިކްޓޭޓަރ ގެ ނުރައްކާ މީނައަށް ވެސް އޮތޭ