ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު: އޭނާއަށް އިއްވި ޖަލު ހުކުމް ހައި ކޯޓުން ވަނީ ބާތިލް ކޮށްފައި -- ފޮޓޯ/މިހާރު
07 ޖޫން 2020 - 12:42
ހައި ކޯޓުން ފުރަތަމަ ފަހަރަށް ލައިވްކޮށް ބޭއްވި ޝަރީއަތުގައި، ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ މައްޗަށް އިއްވާފައިވާ ހަތަރު މަހުގެ ޖަލު ހުކުމް މިއަދު ބާތިލްކޮށްފި އެވެ.
ގާނޫނު ހިންގަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި، ހަސަން ސައީދުގެ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން 2018 ވަނަ އަހަރު ކްރިމިނަލް ކޯޓުން ހުކުމްކުރީ ސުޕްރީމް ކޯޓުގެ 1 ފެބްރުއަރީގެ އަމުރަށް ފަހު ފުލުހުން އޭނާ ހޯދަން އިއުލާން ކުރުމުން ފުލުހަށް ހާޒިރުނުވި ކަމަށް ބުނެ އެވެ. މިއަދު އެ ހުކުމް ބާތިލްކުރި އިރު، އެ ހުކުމް ތަންފީޒުކޮށް، ނިމި 2018 ވަނަ އަހަރު ވަނީ އޭނާ ވަނީ މިނިވަންވެފަ އެވެ.
އެ މައްސަލަ ހަސަންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން ހުކުމް އިއްވީ އިއްވީ ފުރަތަމަ ފަހަރަށް އެ ކޯޓުން އޮންލައިިންކޮށް ކުރިއަށް ގެންދިޔަ ޝަރީއަތުގަ އެވެ. އެ ޝަރީއަތް ޔޫޓިއުބް މެދުވެރިކޮށް ހައި ކޯޓުން ލައިވްކޮށް ދެއްކި އެވެ.
ހުކުމުގައިވަނީ ހަސަން ސައީދުގެ މައްސަލައެއް ބަލަމުންދާކަން ފުލުހުން ނެރުނު ނޫސް ބަޔާނަކުން އިއުލާން ކުރިޔަސް، ތަހުގީގަށް ހާޒިރުވާން އޭނާއަށް އަންގާފައިވާކަން އެނގެން ނެތް ކަމަށެވެ. އަދި ތަހުގީގަށް މީހުން ހާޒިރުވާން އަންގާ އާންމު އުސޫލުގެ ތެރެއިން އެފަދަ އެންގުމެއް އޭނާ އަށް އެންގިކަން ވެސް އެނގެން ނެތް ކަމަށާއި އަދި އެންގުމެއް ނެތި އެ މައްސަލާގައި ހަސަންގެ މައްޗަށް ތަހުގީގު ހިންގައި، ދައުވާ އުފުލީ އާންމުކޮށް އަމަލުކުރާ އުސޫލުގެ ތެރެއިން ކަން ދައުލަތަށް ސާފުކޮށް ނުދެވޭ ކަމަށް އެ ހުކުމުގައިވެ އެވެ.
"އެ ތަހުގީގުގެ މައްޗަށް ބިނާކޮށް ޕްރޮސެކިއުޓާ ޖެނެރަލް މި މައްސަލާގައި ދައުވާ ކޮށްފައިވަނީ ވެސް މިހާތަނަށް އަމަލު ކުރަމުންދާ އުސޫލާ އެއްގޮތަށްކަން ދައުލަތަށް ސާފުކޮށްދެވިފައި ނުވޭ." ހުކުމް އިއްވަވަމުން ފަނޑިޔާރު ވިދާޅުވި އެވެ.
ހުކުމުގައިވާ ގޮތުން އެ ދައުވާ ހަސަންގެ މައްޗަށް ސާބިތު ކުރެވޭނީ އޭނާ ހޯދަން ފުލުހުން އިއުލާން ކުރިކަމާއި އެކަން އޭނާއަށް އެނގިފައިވާ ކަމާއި އެކަން އެނގިހުރެ ހާޒިރު ނުވި ކަމާއި އަދި ހާޒިރުނުވީ ހާޒިރުވުމުގެ ފުރުސަތު އޮވެކަން ދައުލަތުން ސާބިތުކޮށްދެވިގެންނެވެ. އެކަމަކު ދައުލަތުން ހެކިތަކުން އެކަންކަން ސާބިތު ނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.
ހަސަންއާ ދެކޮޅަށް ހެކިބަސް ދިން މީހުންގެ ހެކިބަސް ސިއްރުން ނެގިއިރު، އެ މީހުންގެ އަދުލުވެރިކަން ދަށު ކޯޓުން ކަށަވަރުކުރި ގޮތެއް އެނގެން ނެތް ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ޖިިނާއީ އިޖްރާއާތުގެ ގާނޫނު އޮތްގޮތުން ސިއްރުން ހެކިބަސް ނެގެނީ ހެއްކާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށް ވާއިރު، ހެއްކާ ބެހޭ ގާނޫނުގައި އެފަދަ އެއްވެސް ވާހަކައެއް ބަޔާން ނުކުރާ ކަން ވެސް އެ ހުކުމުގައި ފާހަގަކުރި އެވެ.
މީގެ އިތުރުން ހަސަން ސައީދުގެ ދިފާއުގައި އޭނާގެ ފަރާތުން ހުށަހެޅުއްވި އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އޭރުގެ ސުުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ހެކިބަސް ނުނަގަން ދަށު ކޯޓުން ނިންމީ ވެސް އެކަށީގެންވާ ސަބަބުތަކެއް ބަޔާން ކުރުމެއް ނެތި ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ދިފާއީ ހެކިންގެ ބަސް އަޑުއެހުމެއް ނެތި އެ މީހުން ހާޒިރު ނުކުރަން ނިންމީ ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ ޚިލާފަށް ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، އެ ހުކުމުގައިވަނީ ހަސަންގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމް ސައްހަ ނޫން ކަމަށް އެ މައްސަލަ ހައި ކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންނަށް ވެސް އެއްބަސްވެވޭތީ އެ ހުކުމް ބާތިލް ކުރާ ކަމަށެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަޒީދެވެ.
އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިޔަޔަސް، ފަނޑިޔާރުންނާއި ކޯޓުގެ މުވައްޒަފުން ޝަރީއަތުގައި ބައިވެރިވީ ކޯޓުގައި ތިއްބަވައިގެންނެވެ. އެކަމަކު އެކި ބޭފުޅުން ތިއްބެވީ ކޯޓުގެ އެކި މާލަންތަކުގަ އެވެ.
ގާނޫނު ހިންގަން ހުރަސް އެޅުމުގެ ދައުވާއެއްގެ އިތުރުން ރިޝްވަތުގެ ދައުވާއެއް ވެސް ހަސަންގެ މައްޗަށް ދައުލަތުން ކުރި އެވެ. އެކަމަކު ކްރިމިނަލް ކޯޓުން ފަހުން ވަނީ އެ ދައުވާ ބާތިލްކޮށްފަ އެވެ. އެ މައްސަލަތަކާ ގުޅިގެން އޭނާ ބަންދުގައި ހުންނަވަނިކޮށް ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަގާމުން ވަނީ ވަކިކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ 1 ފެބްރުއަރީގެ އަމުރުގައި، ޖަލު ހުކުމްތައް އިއްވާފައި ތިބި އިދިކޮޅު ލީޑަރުން ދޫކޮށްލަން ކުރި އަމުރާ ގުޅިގެން އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އޭރުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެހެން ބައެއް ސިޔާސީ ބޭފުޅުންން ވެސް ހައްޔަރުކޮށް، ޖަލު ހުކުމްތައް އިއްވި އެވެ. އެކަމަކު އެ ހުކުމްތައް ފަހުން ބާތިލްކޮށް، އެ ބޭފުޅުން ވަނީ މިނިވަން ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހިބަރުވަދު
07 June 2020
ދެން ނުޙަައްޤުދަޢުވާކުރި ފަރާތާމެދުމެދު ފިޔަވަޅު އަޅަންވީނޫންތޯއެވެ. ޙަސަން ސަޢީދުގެ މައްޗަށް ނުޙައްޤު ދަޢުވާއެއްކޮށް އެެދަޢުވާގައި ކުށްސާބިވާކަމަށް ހުކުމްކޮށް އެޙުކުމް ތަންފީޛުކޮށް ނިމުނުފަހުން ދަށުކޯޓުގެ ޙުކުމް ބާޠިލުކުރުމަކުން އިންސާފެއްނުލިބެއެވެ. އިންސާފަކީ ލިބުނުގެއްލުމުގެ ބަދަލު ލިބުމާއި، ނުޙައްޤުން ދަޢުވާކުރުމުގައި ޝާމިލްވާ އެންމެންނަށް ލިބެންޖެހޭ އަދަބު ލިބުމެވެ.
ޕަޕެޓް
07 June 2020
އިންސާފަކީ ހުކުމް ކޮއްފަ ބާޠިލް ކުރުންބާ؟
ޙެޔޮނިޔަތް
07 June 2020
ހައިކޯތޓަށް ހަމަ ސާބަސް! ރޮކެޓް ސްޕީޑް
އައްޔަ44
07 June 2020
ދެން އިވޭނީ ބަދަލުގެ ގޮތުގައި ދިވެހި ރައްޔިތުންގެ ޓެކްސްފައިސާއިން 50 މިލިއަން ރުފިޔާ ސައީދުއަށް ދޭ ވާހަކަ.
މިވަރެއްނެތް
07 June 2020
މި ފެންނަނީ ރައީސު ނަޝީދުގެ އެމްޑީޕީ ގެ ސަރުރާއި މަޖިލީހުގެ ސުޕަރ މެޖޯރިޓީއާއި ޖޭއެސްސީ އާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކުގެ ފުލް ކޮންޓްރޯލު އޮވެ ރައްޔިތުންނަށް ފޯރުކޮށްދޭ އިންސާފު! ނިކަމެތި ރައްޔިތުންގެ މައްސަލަތައް ފުނިޖެހިފަ ހުއްޓާ އަދި އެއްވެސް ކަމެއް ނުކޮށް ދެމަހާއި ބައި ކޮށްފަ ހައިކޯޓުން މިނިންމީ މި ހަސަން ސައީދު މިނިވަންކުރުމުގެ މައްސަަލަ! ވަރަށް ތާހިރެއްނުން! މިއީތޯ އެޖެންޑާ 19 ގެ ދަށުން ވަޢުދުވި އަދުލު ންސާފު ހަރުދަނާ ކުރުމަކީ؟
ޢަސްލު މީހާ
07 June 2020
ތި އަޑީގަ ތިބެގެން ހަމަޖެހިގެން ކުރީބައި ޕްލޭން ކުރެވިގެން ގޭމްކުޅޭހެން ކުރާ ކަންކަން.. ނިކަމެތިން ނިކަމެތިން ގޮތުގައި
ޛޖޖޖޖ
07 June 2020
އަޅުގަނޑު ދައުލަތަށް ޚިދުމަތްކުރި 32 އަހަރުތެރޭ ހަސަން ސައީދުފަދަ އަންޕްރޮފެޝަނަލް، މަކަރުވެރި ބޮޑާ، ކޮރޮޕްޓް ވެރިޔަކު ނުދެކެން. މިފަދަ މީހުން ދެވަނަ ފަހަރަށް ސަރުކާރުތެރެއަށް ވަދެއްޖެނަމަ މީހުން ކަތިލައިގެން ކާންވެސް ފަހަކަށް ނުޖެހޭނެ.
ކަތީބު3
07 June 2020
އަނެއް ބަދަލު ދޭން ޖެހުނީ،
ޖޭމު
07 June 2020
ހަސަނަށް މަރުހަބާ..
ފިނިގާ
07 June 2020
ވަރަށް ދެރަ. މިވެރިކަމުގައިވެސް ބޮޑެތި ވަގުން މި ސަލާމަތްވަނީ. ގޯނިގޯނިން ލާރި ވަގަށް ނަގައިގެން ގެންގުޅުނު މީހުން. ބުނެވޭ ގޮތުގައި މުޅި ޖުޑީޝަރީގެ ޕްރޮޖެކްޓުތައް އަމިއްލައަށް ކަޓު ނަގައިގެން ހިންގި މީހުންގެ ތެރޭގައި އުޅުނު މީހެއް މިވެސް.