ފުވައްމުލަކުގެ ރިންގްރޯޑުގައި އަލަށް ތާރު އަޅާ ސަރަހައްދުގައި ޕޭވްމަންޓު ހަދަން ތައްޔާރުކޮށްފައި.---ފޮޓޯ: މިހާރު
10 ޖޫން 2020 - 20:13
ފުވައްމަލަކުގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
ފޭސްބުކްގައި މީހަކު ކުރި ސުވާލަކާ ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، މިހާރު ވެސް އެ މަގުތަކުގެ ޕްލޭނިންގެ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާ ކަމަށެވެ. މީގެ ތެރެއިން ބައެއް މަސައްކަތްތައް ފުވައްމުލަކުގައި ހުންނަ އެމްޓީސީސީގެ ހެޑް އޮފީހުގައި ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އާޒިިމް ވިދާޅުވިގޮތުގައި، ފުރިހަމަ މަގުތަކެއް ފެންނާނީ ފުރިހަމަ ޕްލޭނެއް ހަދައިގެންނެވެ. އެހެންކަމުން ޕްލޭން ތައްޔާރުކޮށް، އަންނަ މަހު އެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އާޒިމްގެ ފޭސްބުކް ޕޯސްޓް--
ފުވައްމަލަކުގެ މަގުތައް ހެދުމުގެ މަޝްރޫއު މެދު ކެނޑިފައި އޮތުމަށް ފަހު، އަލުން ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް 17ގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ މަސައްކަތް އެމްއާރުޑީސީއާ ހަވާލު ކުރި ނަމަވެސް އަލުން އެ މަގުތައް ހަދަން ހަވާލުކުރީ އެމްޓީސީސީއާ އެވެ.
މި މަޝްރޫއުގެ ދަށުން ރިންގްރޯޑާއެކު، އެ ސިޓީގެ 31 މަގެއްގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހަދާނެ ކަމަށް އެމްޓީސީސީން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެގޮތުން އެތެރޭގެ މަގުތަކުގެ ތެރެއިން ތާރު އަޅާ މަގުތަކުގެ ދިގުމިނަކީ ގާތްގަނޑަކަށް 16 ކިލޯމީޓަރެވެ. ރަށުގެ ރިންގްރޯޑުގެ ވަކި ހިސާބެއްގައި މިހާރު ތާރު އަޅާފައިވީ ނަމަވެސް އެ މަގުގައި އަލަށް ތާރު އަޅާ ސަރަހައްދުގެ ދިގުމިނަކީ 2.9 ކިލޯމީޓަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޛާލިމު
10 June 2020
ކުރިންހުރި ސީއީއޯ މިކިންތައް ފެއްޓިތަނާ ފޮނުވާލީ ނޫސްތަކުގަ ނުލިޔާ ތީ.
ޖަބޭ
10 June 2020
ޝާހުގެދުރު ވިސްނުން.
އަސްމާއްތަ
10 June 2020
ތީ ވަރަށް ރަނގަޅުކަމެއް.