ބާސެލޯނާގެ ކޯޗު އެންރީކޭ (ކ) އާއި ސިޓީގެ ކޯޗު ގާޑިއޯލާ.-- ފޮޓޯ: އޭއެފްޕީ
19 އޮކްޓޯބަރ 2016 - 11:56
ބާސެލޯނާ (އޮކްޓޯބަރު 19) - މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަކީ ދުނިޔޭގައި މި ވަގުތު ހުރި އެންމެ މޮޅު ކޯޗުކަމަށް ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ ސިޓީ އާއި ބާސެލޯނާ ބައްދަލުކުރާއިރު، މި ދެ ޓީމުގެ ކޯޗުން ކަމަށްވާ ގާޑިއޯލާ އާއި އެންރީކޭ ވަނީ ބާސެލޯނާ އަށް އެކުގައި ކުޅުމުގެ އިތުރުން ޔޫތު ޓީމުގެ ކޯޗުންގެ ގޮތުގައި ވެސް އެކުގައި މަސައްކަތް ކޮށްފަ އެވެ.
"ކުޅުންތެރިއެއްގެ ގޮތުގައި ވެސް ކޯޗެއްގެ ގޮތުގައި ވެސް ތަފާތު ދެއްކި މަދު މީހުންގެ ތެރޭގައި ގާޑިއޯލާ ހިމެނޭ. އޭނާ ހަވާލުވި ކޮންމެ ޓީމެއް ވެސް އެދަނީ ބަދަލު ކޮށްލަމުން. ބާސެލޯނާ ވެއްޓިފައި އޮއްވާ ކޮޅަށް ޖެހީ ގާޑިއޯލާގެ މަސައްކަތުން. ބަޔާންގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދައިފި. މިހާރު ސިޓީ އަށް ވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި ތަފާތު ގެނެސްފި،" އެންރީކޭ ބުންޏެވެ.
މިރޭ ސިޓީ އާއި ބާސެލޯނާ ކުޅޭ މެޗަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި ފުޓްބޯޅަ ސަޕޯޓަރުން ވަރަށް ބަލާހިތްވާނެ މެޗަކަށް ވާނެ ކަމަށް އެންރީކޭ ބުންޏެވެ.
"ގާޑިއޯލާގެ ކޮންމެ ޓީމެއް ވެސް ކުޅުން އެއްގޮތްވާނެ. އެ ސިސްޓަމަކީ ބާސެލޯނާ އިން އޭނާ ފެށި މަސައްކަތެއް. ފުޓްބޯޅަ ސަޕޯޓަރުންނަށް ކަމުދާނީ އެޓޭކިން ފުޓްބޯޅަ މެޗެއް. މި މެޗަކީ ދުނިޔޭގެ ކޮންމެ ފުޓްބޯޅަ ސަޕޯޓަރެއް ބަލާހިތްވާނެ މެޗެއް،" އެންރީކޭ ބުންޏެވެ.
މިރޭގެ މެޗުގައި ބާސެލޯނާގެ ކުރިއަށް ކުޅޭ ތިން ކުޅުންތެރިން ކަމަށްވާ ލުއިސް ސުއަރޭޒާއި ލިއޮނަލް މެސީ އަދި ނޭމާ ފުރަތަމަ އެގާރައިގައި ހިމަނަން ނިންމާފައިވާ ކަމަށް އެންރީކޭ ބުންޏެވެ.
އަނިޔާގެ މައްސަލަތަކުގެ ސަބަބުން މި ތިން ކުޅުންތެރިންނަށް މި ސީޒަނުގައި އެކުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެވުނީ އެންމެ ހަތަރު މެެޗެވެ.
ގްރޫޕް ސީގެ އެއް ވަނައިގައި މި ވަގުތު ބާސެލޯނާ އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް ދެ މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ސިޓީ އާއި ބާސެލޯނާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 23:45 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާފިޒް
01 November 2016
ތިއޮތީ ރަނގަޅަށް ގަޑި އެނގިފަ... ދެން ލަލަ
ޒަހަރު
20 October 2016
ލޮލް. ބުހާހާޙަ. ހިނި އަނަްނަނި އް