ރައީސް އިބްރާހިމް މުހައްމަަދު ސޯލިހު މަގާމުގެ ހުވާކުރެއްވުމަށް ނޮވެމްބަރު 17، 2018 ގައި ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ރައީސް ނަޝީދާއި ކުރީގެ ރައީސް ވަހީދު ސަލާމް ކުރައްވަނީ.
15 ޖޫން 2020 - 09:58
ކުރީގެ ރައީސް މުހައްމަދު ވަހީދަށް އިއްޔެ މީހަކު ހަމަލާ ދިން ކަމަށް ވިދާޅުވެ، އެ މަނިކުފާނު ފުލުހުންގެ އިދާރާ އަށް ހުށަހެޅުއްވި މައްސަލަ އަކީ އޮޅުވައިލެއްވުމެއް ބުނެ، ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
ވަހީދާއި އަނބިކަނބަލުން އިއްޔެ ހެނދުނު ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް، އެމްޑީޕީގެ އެކްޓިވިސްޓަކު އެ ދެބޭފުޅުންނާ ދިމާކޮށް، ހުތުރު އެއްޗެހި ކިޔައި ހެދި ކަމަށް ވަހީދު ފަހުން މީޑިއާގައި ވިދާޅުވި ނަމަވެސް އެ މަނިކުފާނު ފުރަތަމަ ކުރެއްވި ޓުވީޓުގައި ވިދާޅުވީ "ހަމަލަ ދިން" ކަމަށެވެ. ނަމަވެސް އެއީ ގަޔަށް އަތްލުން ކަމަށް ދޭހަވާ ޓުވީޓެއް ކަމަށް ވުމުން ގިނަ ބަޔަކު ދަނީ އެ މައްސަލައިގައި ވެސް ވަހީދަށް ފާޑުކިޔަމުންނެވެ.
އެހެންވެ، އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ، ވަހީދާއި އާއްމު މީހަކާ ދެމެދު ހިނގި ދެބަސްވުމެއްގައި ވަހީދަށާއި އަނބިކަނބަލުންނަަށް ހަމަލާދިން ކަމަށް ވިދާޅުވުމަކީ "ދޮގު ބުހުތާނެއް" ކަމަށެވެ.
ވަހީދުއާ ދެބަސްވުމެއް ހިނގި މީހާ [ޖައުފަރު] އަކީ އެމްޑީޕީގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ވެއްޓުމުން ޖެހިގެން އައި ދުވަހު ކުރި މުޒާހަރާ އާއި އެ ނޫން ވެސް ގޮތް ގޮތުން އަނިޔާ ލިބިފައިވާ މީހެއް ކަމަށާއި އޭނާއާ ދެކޮޅަށް ވަހީދު ހުށަހެޅުއްވި މައްސަލަ އަކީ ނުހައްގުން ދޭ "އަނިޔާއެއް" ކަމަށް މެމްބަރު ވަހީދުގެ މައްސަލައިގައި ބަޔާން ކޮށްފައިވެ އެވެ..
އެހެންވެ، އެ މައްސަލަ ހުށަހެޅުއްވީ ސަރުކާރުގެ ސަމާލުކަމަށް އެ މައްސަލަ ގެންނަން ކަމަށް މެމްބަރު ވަހީދު ވިދާޅުވި އެވެ.
ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފާސްކުރުމަށް ފަހު، ބަހުސް މަރުހަލާގައި އޭނާ ވިދާޅުވީ، އެމްޑީޕީގެ ވެރިކަން ވައްްޓައިލީ ބަޣާވާތަކުން ކަމަށާއި އެކަން ކުރީ ވަހީދު އިސްވެ ހުންނަވައިގެން ކަަމަށެވެ. މެމްބަރު ވަހީދު ވިދާޅުވި ގޮތުގައި، އެ ކަމުގެ ތެރޭގައި އެތައް ބަޔަކަށް އެތައް އަނިޔާއެއް ދިނެވެ. އެ އަަނިޔާތަކަށް އިންސާފު ހޯދައިދިނުމަކީ އެމްޑީޕީގެ ވައުދެއް ކަމަށާއި ކުއްލި މައްސަލަ އަކީ އޭގެ ބައެއް ކަމަަށް އޭނާ ވިދާޅުވި އެވެ.
އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ވަހީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ- ފޮޓޯ: މަޖިލިސް
"މިދިޔަ އިންތިހާބުގައި ވީ ވައުދެއް އެެއީ 2012 ވަނަ އަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހުން ފެށިގެން ރައްޔިތުންނަށް ލިބިފައި ހުރި ގިނަގުނަ އަނިޔާތައް ބަލައި އިންސާފު ގާއިމު ކޮށްދޭނަމޭ. އަޅުގަނޑު މި މައްސަލަ ލީ އެގޮތުން އަޅުގަނޑުމެން ވީ ވައުދެއް މީ،" މެމްބަރުވަހީދު ވިދާޅުވި އެވެ.
ވަހީދުގެ ދެކަނބަލުންނާ މަގުމަތިން ދިމާކޮށް، ހުތުރު އެއްޗެހި ކީ، ފޮޓޯގްރާފަރެއްގެ ގޮތުގައި ވެސް ބައެއް ފަހަރު މަސައްކަތް ކުރާ އެމްޑީޕީގެ އެކްޓިވިސްޓް އިބްރާހިމް ޖައުފަރެވެ.
ވަހީދު "މިހާރު" އަށް އިއްޔެ ވިދާޅުވީ، ވަރަށް ހުތުރު ބަހުން އެއްޗެހި ކިޔަމުން، ޖައުފަރު އެ މަނިކުފާނުގެ ފަހަތުގައި އުޅުނު ކަމަށެވެ. ކަސްރަތު ނިންމަވާފައި ގެ އަށް ވަޑައިގަންނަވަން އުޅުއްވި ވަގުތު އަނބިކަނބަލުންނާ ވެސް ދިމާކޮށް، ހުތުރު އެއްޗެހި ކިޔަމުން ފަހަތުން ދިޔަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ފުލުހުން ބުނީ ވަހީދަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔައި، ފުރައްސާރަކުރި މައްސަލަ އިއްޔެ ހެނދުނު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންނު މުހައްމަދު
17 June 2020
ތަންކޮޅެއް ހަރުދަނާ މަސައްކަތްތަކެއް ކުރީމަ ކިހިނެއް ވާނެ މަޖިލީސް
ރީތި މޫސަ
17 June 2020
މިޔަދުވަހީދޭކިޔައިގެން ފާޑުފާޑުގެ ވާހަދައްކާ ހިތުހުރިހާއެއްޗެއްގޮވަމުންދާއިރު ރައީސަކު އިސްތިފާދިނުން ނުވަތަ ބަލިވެގެންމަޤާމް އަދާނުރެވުން ނޫނީ އަވަހާރަވުންފަދަކަމެއް ދިމާވެއްޖިއްޔާ ވެރިކަންޤާނޫނީގޮތުން ކުރަންޖެހެނީ ނައިބުރައީސްކަން ނޭގެނީބާ؟ އެހެންނޫނަސް ވަރަށްސާފުކޮށްއޮންނާނެ ނަޝީދު ބުނެފަ ވަހީދެއްވެސް ނޫން އެހެންމީހެއްވެސްނޫން އެކަންކުރީ މައުމޫނުކަމަށް އެކަމުމިހާރުވެސް ސޯލިޙް އިސްތިއުފާދީފިނަމަވެރިކަން ލިބޭނީ ނަޝީދަކަށް ނޫންދޯ ފައިސަލްއަށްދޯ
އިބިރިހިންބެއްޔާ
17 June 2020
ރައްޔިތުންގެ މަޖިލީހަށް ފެންވަރުގެ މީހުން ހޮވި ރައްޔިތުންގެ ހުރި ނިކަމެތިކަމާއެވެ. ރައްޔިތުންގެ މަޖިލީހެކޭ، ސައިހޮޓަލެކޭ، ޕާޓީގެ ޖަގަހައެކޭ ޖަސްޓިސްގެ ކޯޓެކޭ ތިމާލާންގެންގުޅޭ ކޯޓެކޭ ވަކިކުރަން ނޭގޭ. އިހަވަންދުއްޕޮޅުން އައްޑުވަށް ނުވަތަ އެންމެ މަތިން ތިރިޔަށް ތަފާތެއް ނެތް.
އަހްމަދހޔ
16 June 2020
ކުރާނެ ކަމެއް ނެތީ؟
އަބްދުއްالله
16 June 2020
ބަހުގެ ހަމަލާ ނުދަންނަނީތަ؟ އޭނަ އެއީ ބާގީ އަކަސް މަޖިލީހަށް އެ މައްސަލަ ވެއްދުންވެސް އެއީ ފާޑެއްގެ ހަމަލާއެއް.
އަލީރަމް
16 June 2020
ޑރ ރައީސް ވަހީދު ނަންބަރ 1 އަދިވެސް އެފަދަ ޤާބިލު ވެރިއަކު ނާދޭ! ރާއްޖޭ ގެ ތާރިހުގައި ވެސް ދެވަނަ މުހައްމަދު ތަކުރުފާނު އިންޑިއާގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކޮށްދެއްވި. ވެރިކަމުގައި ހަމަނޭވާލާން ތިއުޅޭ އަބަދު ހަމައިގައި ނެއްމީހުން ފުރުސަތު ދިންނަމަ ރާއްޖެ ސަރަހައްދުގެ އެންމެ ކުރިއަރާފައިވާގައުމަށް ހަދާނެކަމާމެދު މަޝައްކެއް ނުކުރަން ހަޖަމް ކުރެވޭނެބާ؟ މިހާރު ވެސް ހުރިހާ ބާރެއް ދިނީމަވެސް ވެރިކަން ކުރަން ނޭގުނު 2023 ހަނދާން ކުރޭ!!!!!!!!!
އައްޔުބެ
15 June 2020
ނިކަން ދޮގުހަދާ މީހެއް އިންނާނެ މަޖިލީހުގެ ރިޔާސަތުގައި، އޭނަގެ މައްސަލަ ބަލާފައި އެހެންކަމަކާ އުޅޭ.
އިދުރީސްބެ
15 June 2020
ވަހީދުގެ ޓްވީޓްގަ ހަމަލާ ދިންކަމަށް އޮތުމުން ލިބުނީ ކުއްލި ޝޮކެއް، ޖޯރޭ ދެކެ ވަރަށް ރުޅިވެސް އާދެވުނު. ފަހުން އެނގުނީ ވަހީދާ ދިމާލަށް ހަޑި ހުތުރުބަހުން އެއްޗެހިކީ. ވަހީދުގެ އޮޅުވާލާ ދޮގުހެދުން މިހާވަރުވާނެކަމަށް ހީވެސް ނުކުރަން. ވާރބަލީ އެޓެކް ކުރިއްޔޭވެސް ލިޔެވިދާނެ، އެކަމަކު ބޭރުގައުމްތަކެއްގެ ވެރިންނަށް ޓެގްކޮއްފަ މިވަރުގެ ދޮގެއް ހެދުން އެއީ އެމީހުންގެ ކުރިމަތީގަވެސް ވަހީދުގެ އަގުވެއްޓޭނެ ކަމެއްކަން ވަހީދަކަށް ނުވިސްނުނު.
ވަހީދުއްދީން
16 June 2020
ބޭރުގެ ގައުމުގެ މީހުންނަށް އެޓޭކޭ ބުނީމަ އެނގޭނެ އޭގެ މާނަ، ދިބެހިންނަށް ވެސް އެނގޭ. އޮޅިފައި ތިބީ ވަކިބަޔަކު. ވަހީދަށް އެނގޭނީ އޭނަ ލިޔާނެ ގޮތެއް، އަނގަބަހުން ހަމަލާއެއް އެރީމަ، ހަތިޔާރު ހަމަލާއެކޭ ބުނި ނަމަ އޮޅުވާލީ ކަމަށް ބުނެވިދާނެ. އިސްތިއުފާ ދިނީ ބަޑިއަކުން ބޮލުގައި ޖެހީމައޭ ބުނުމަކީ އޮޅުވާލުމެއް ނޫންބާ؟
ޢަލްޤާޒީ
15 June 2020
މިޤައުމުގެ އަޚްލާޤީ ފެންވަރު މިހާ ދަށު ދަރަޖަޔަކަށް ދިޔަ ގޮތެއް ބަލަން މަޖުލީހަށް ޤަރާރެއް ހުށަހަޅަމެވެ
މުދިމު ކަތީބު
15 June 2020
އޮޅުވައިލި ވަހީދު