ޚަބަރު / ޖިނާއީ އަދުލުގެ ނިޒާމު

ސިއްރު ހެކި ނެގުމުގެ މައްސަލަ: ސުޕްރީމް ކޯޓުގެ ގިނަ ސުވާލުތަކެއް ދައުލަތަށް

ސުޕްރީމް ކޯޓު: ސިއްރު ހެކިބަސް ނުނެގޭނެ ކަމަށް ހައި ކޯޓުން ކަނޑައެޅި މައްސަލާގައި ސުޕްރީމް ކޯޓުގެ ގިނަ ސުވާލުތަކެއް ދައުލަތަށް ވަނީ އަމާޒުވެފައި -- ފޮޓޯ/މިހާރު

ޖިނާއީ މައްސަލަތަކުގައި ސިއްރު ހެކިންގެ ހެކިބަސް ނެގުމަކީ ގާނޫނު އޮތް ގޮތުން މިހާރު ކުރެވެން އޮތް ކަމެއް ނޫން ކަމަށް ކަނޑައެޅުމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި މައްސަލާގައި ދައުލަތާ ގިނަ ސުވާލުތަކެއް އަމާޒުވެއްޖެ އެވެ.

ސުޕްރީމް ކޯޓުން 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރާ ގުޅިގެން އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށް، އެމަނިކުފާނުގެ ފޯނު ދޭން އެންގުމުން ފޯނު ނުދެއްވި ކަމަށް ބުނެ އިއްވި ޖަލު ހުކުމުގެ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމުގައިވަނީ ސިއްރުން ހެކިބަސް ނެގުމަކީ މިހާރު ގާނޫނު އޮތްގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ސަބަބެއްގެ ގޮތުގައި ހައި ކޯޓުގެ ހުކުމުގައިވަނީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 149 ވަނަ މާއްދާ އޮތްގޮތުން ސިއްރުން ހެކިބަސް ނެގޭނީ ހެއްކާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށް ވެފައި، 1974 ވަނަ އަހަރު ހަދާފައިވާ ހެއްކާ ބެހޭ ގާނޫނުގައި ސިއްރު ހެކީގެ އެއްވެސް ވާހަކައެއް ބަޔާން ކޮށްފައެއް ނެތުމެވެ. އެހެންވެ، ސިއްރުން ހެކިބަސް ނެގޭނީ ހެއްކާބެހޭ ގާނޫނުގައިި އެކަން ބަޔާން ކޮށްފައި އޮވެގެން ކަމަށް އެ ހުކުމުގައިވެ އެވެ.

އެ ހުކުމުގެ އެ ބައި ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން އޮންލައިންކޮށް، އިއްޔެ ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލް އަހުމަދު ނައުޝާދު ވިދާޅުވީ ސިއްރުން ހެކިބަސް ނެގިދާނެ ކަމަށް ޖިނާއީ އިޖްރާއާތުގެ ގާނޫނު އައި ފަހުން ވެސް ހައި ކޯޓުން ބައެއް މައްސަލަތަކުގައި ކަނޑައަޅާފައި އެބައޮތް ކަމަށާއި އެހެންވެ، އެއީ ޝަރުއީ ނިޒާމު ބަލައިިގެންފައިވާ ކަންތައްތަކެއް ކަން އެނގޭ ކަމަށެވެ. އަދި ހެކި ސިއްރު ކުރެވޭނެ ގޮތާއި އެކަމާބެހޭ އިޖްރާއާތުތައް އެ ގާނޫނުގެ އެކި މާއްދާތަކުގައި އޮތުމުން އެއީ ކުރެވިދާނެ ކަމެއް ކަން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުގެ ގިނަ ސުވާލުތަކެއް ދައުލަތަށް އަމާޒުވި އެވެ. އެގޮތުން ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ އެކި މާއްދާތަކުގައި ސިއްރު ހެކީގެ ވާހަކަ ބަޔާންކުރާ ކަމަށް ދައުލަތުން ބުނާއިރު އެ ގާނޫނުގައި 149 ވަނަ މާއްދާ ފިޔަވައި އެހެން މާއްދާއެއްގައި ސިއްރު ހެކި ނެގުމުގެ ވާހަކަ ބަޔާން ކުރޭތޯ އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ މުޅި ގާނޫނަށް ބެލުމުން، ސިއްރު ހެކި ނެގޭ ގޮތް ހެދުމަކީ ގާނޫނުގެ މަގްސަދެއް ކަން އެނގޭ ކަމަށެވެ.

އެގޮތަށް ދައުލަތުން ބުނުމުން ގާނޫނުގެ ވަކިވަކި މާއްދާތައް ފާހަގަ ކުރައްވައި، ފަނޑިޔާރު މަހާޒް ވިދާޅުވީ އެ މާއްދާތަކުގައި އޮތީ ސިއްރު ހެކި ހުށަހެޅުމާއި ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރުން ފަދަ ކަންކަމުގެ އިޖްރާއާތުތައް ކަމަށެވެ. އަދި 149 ވަނަ މާއްދާ ފިޔަވައި، އެހެން މާއްދާއެއްގައި ސިއްރު ހެކި ނެގޭނެ ގޮތް ބަޔާން ކުރެވޭތޯ ފަނޑިޔާރު ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި، ދައުލަތުން ވެސް ބުނިގޮތުގައި ސިއްރު ހެކި ނެގޭނެ އިޖްރާއާތު އޮތީ 149 ވަނަ މާއްދާގައި އެކަންޏެވެ. އެކަމަކު މުޅި ގާނޫނުގެ މަގްސަދަކީ ސިއްރު ހެކިބަސް ނެގޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށްވާތީ 149 ވަނަ މާއްދާގެ ދަށުން ސިއްރުން ހެކިބަސް ނެގުމުގައި އެ ހުރިހާ ކަމަކަށް ރިއާޔަތް ކުރަންޖެހޭ ކަމަށް ދައުލަތުން ބުންޏެވެ.

ސިއްރު ހެކި ނެގިދާނެ ކަމަށް ހައި ކޯޓުން ކުރިން ނިންމާފައި ހުރި ނިންމުންތައް ދައުލަތުން ހުށަހެޅިއިރު، އެ ނިންމުންތަކުގައި އެކަން ކުރެވޭނެ ކަމަށް ބަޔާން ކުރަނީ ޖިނާއީ އިޖްރާއާތުގެ ގާނޫނާ ހަވާލާ ދިނުމެއް ނެތި ކަން ފަނޑިޔާރު މަހާޒް ފާހަގަ ކުރެއްވި އެވެ.

އެކަމަށް ދައުލަތުން ވެސް އެއްބަސްވި އެވެ. އެކަމަކު ދައުލަތުގެ ޖަވާބަކީ އެ ގާނޫނުގެ މާއްދާތަކަށް ރިއާޔަތް ނުކުރިޔަސް، އެ ހުކުމްތައް އައީ އެ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން ކަމަށާއި އެހެންވެ، އެ ހުކުމްތަކުގައި ކަނޑައެޅި އުސޫލު އަމަލު ކުރުން ލާޒިމްވާނެ ކަމަށް ދައުލަތުން ބުންޏެވެ.

މީގެ އިތުރުން ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 149 ވަނަ މާއްދާ ނޫން އެހެން މާއްދާތަކުގައި ވެސް ހެއްކާ ބެހޭ ގާނޫނަށް ހަވާލާ ދީފައި އޮތްކަން ފާހަގަ ކުރައްވައި، އެ މާއްދާތަކަށް އަމަލު ކުރުމާ ބެހޭގޮތުން ފަނޑިޔާރު މަހާޒް ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ މިހާރު އޮޮތް ހެއްކާ ބެހޭ ގާނޫނަކީ ސިއްރު ހެކީގެ ވާހަކައެއް އަދި ހެކިބަސް ނެގުމުގެ އާންމު އުސޫލެއް ވެސް ބަޔާންކުރާ ގާނޫނެއް ނޫން ކަމަށެވެ. އަދި އެއީ އެތައް އަހަރެއްވީ ގާނޫނެއް ކަމާއި އެ ގާނޫނަށް އިސްލާހެއް ނުގެންނަ ކަން ވެސް ދައުލަތުން ފާހަގަ ކުރި އެވެ. އަދި އެގޮތަށް އަމަލު ކުރާ ނަމަ، ޖިިނާއީ އިޖްރާއާތުގެ ގާނޫނުގެ މަގްސަދު ގެއްލިގެންދާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ފަނޑިޔާރު މަހާޒް ދެން ސުވާލު ކުރެއްވީ 149 ވަނަ މާއްދާއަށް އަމަލު ނުކުރެވި، ސިއްރުން ހެކިބަސް ނުނެގިއްޖެ ނަމަ ދެން ވާނީ ކިހިިނެތްތޯ ވިދާޅުވެ އެވެ.

ދައުލަތުން ބުނީ ސިއްރު ހެކި ހިމެނޭ ގިނަ މައްސަލަތައް މިހާރު މަޑުޖައްސާލާފައިވާ ކަމަށާއި އޭގެ ތެރޭގައި ނިމުމަކާ ގާތުގައި ހުރި މައްސަލަތައް ވެސް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ބޮޑެތި މައްސަލަތައް ވެސް ހިމެނޭ ކަމަށާއި އެފަދަ މައްސަލަތައް ލަސްވުމަކީ އެތައް ބަޔަކަށް ގެއްލުންވާނެ ކަމެއް ކަމަށް ދައުލަތުން ބުންޏެވެ. އަދި ސިއްރުން ހެކިބަސް ނަގަން ދައުލަތުން އެދެނީ ބޮޑެތި މައްސަލަތަކުގައި އެކަނި ކަމަށް ދައުލަތުން ބުންޏެވެ.

އަބްދުﷲ ސައީދުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކުރި ބައި ދައުލަތުން އިސްތިއުނާފެއް ނުކުރެ އެވެ. އެކަމަކު ސިއްރު ހެކި ނުނެގޭނެ ކަމަށް ހައި ކޯޓުން ކަނޑައެޅީ އެ މައްސަލާގައި ކަމަށްވާތީ ދައުލަތުން އެ މައްސަލަ އިސްތިއުނާފް ކުރީ އަބްދުﷲ ސައީދަށް ދައުވާލިބޭ ގޮތަށް ކަމަށްވާތީ ސުޕްރީމް ކޯޓުން އެމަނިކުފާނަށް ވެސް އެ މައްސަލާގައި ޖަވާބުދާރީވުމުގެ ފުރުސަތު ދެއްވި އެވެ.

އެކަމާ ގުޅިގެން ޝަރީއަތުގައި އަބްދުﷲ ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ދޮޅު އަހަރުގެ ޖަލު ހުކުމް ބާތިލްވެ، އެމަނިކުފާނުގެ ކުށެއް ނެތްކަން ހާމަވުމާއި ސިއްރު ހެކީގެ މައްސަލައާ ގުޅުމެއް ނެތް ކަމަށެވެ. އަދި އެމަނިކުފާނަށް ދަށު ކޯޓުން ޖަލު ހުކުމް އިއްވީ އިޖްރާއާތުތަކާ ޚިލާފަށް ހިންގާފައިވާ ޝަރީއަތެއް ކަން ދައުލަތުގެ އިއުތިރާފުން ވެސް ސާބިތުވެފައިވާ ކަމަށާއި އެހެންވެ، ސުޕްރީމް ކޯޓުން އެ މައްސަލަ ނިންމުމުގައި އެމަނިކުފާނުގެ ހައްގުތައް ނުގެއްލޭ ގޮތަށް އެ މައްސަލަ ނިންމައިދޭން އެދިވަޑައިގަންނަވާ ކަމަށް އަބްދުﷲ ސައީދު ވިދާޅުވި އެވެ.

އަބްދުﷲ ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތުމުން އެމަނިކުފާނު ފުރުން މަނާ ކޮށްފައިވާ ކަމަށާއި އެހެންވެ، އަވަހަށް އެ މައްސަލަ ނިންމައިދޭން އެދިވަޑައިގަންނަވާ ކަމަށެވެ.

އަޑުއެހުންތައް ނިންމާލައްވަމުން ފަނޑިޔާރު މަހާޒް ވިދާޅުވި ގޮތުގައި އެ މައްސަލާގައި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ. އަދި އެ އަޑުއެހުން ވަރަށް އަވަހަށް ބާއްވާނެ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރު މަހާޒްގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.

4 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަންމުށި

20 June 2020

އަނދިރި ފަރާތުގެ ސިއްރު ހެކިންނާ ޕެންޑްރައިވާ ކަޅު ފޮއްޓަކީ ރަހުމުނެތް ހިލަ ހިތުގެ ވެރިޔާ ގައިދީ ޔާމީނުގެ ސާމާނު

The name is already taken The name is available. Register?

ރަދުން999

20 June 2020

ސިއްރު ހެކި މީހާރުނާގާގޮތަށް ނެގޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތް. މިކަމަކީ އިސްލަމީ ޝަރީއަތް ހުއްދަކުރާކަމެއްވެސް ނޫން. ހެކިދޭމީހާއަކީ ވަކި ޝަރުތުތަކެއް ފުރިހަމަވާންޖެހޭ މީހަކަށްވާއިރު އެކަން ކަށަވަރު ނުވާގޮތަށް ހެކިބަސް ނަގަނީ. އޭގެ އިތުރުން މުޖްރިމުންގެ ގޮތުގައި ތުހުމަތުކޮށް ބަންދުކޮށްފައިވާ މީހުން ހާޒިރުކޮށް އޭގެ އަނެއްމީހާގެ މައްޗަށް ހެކިބަސް ދިނުމަށް އެބަ ގެނޭ. މިއީ އެއްވެސް ހާލަތެއްގައި ކުރެވޭނެ ކަމެއްނޫން. މިކަން ނުކުރަން ވަކީލުން ބުނޭ

The name is already taken The name is available. Register?

ޝޮކްތެރަޕީ

20 June 2020

ބިރަކާ ނުލާ މަޖާކުރާ ބަޔަކު ވެރިކަން ދިނުމަކީ މުޅި ދައުލެއް އެއްފުޝުން އަނެއްފުޝައް ޖަހާނެކަމެއް. ދީނެ މިނިވަންކަމެ ސަގާފަތެ ތާރީހެ އެމީހުން މަލާކައް ބޭނުމެއްނުވާނެ. މުޅިންވެސް އެމީހުން ތަންފީޒު ކުރަންއުޅޭނީ އެމީހުންގެ އަމިލްލަ އެޖެންޑާ. މީގެން ލިބޭނެ މޯޅެއް ފައިދާއެއް ދިވެހިންނަކައް ނެއް.

The name is already taken The name is available. Register?

ައަފުރާސިޔާބު

19 June 2020

އަޅުގަނޑަށް ފެންނަ ގޮތުގައި ސިއްރު ހެކި މިރާއްޖޭގައި މިނަގަނީ ދައުލަތުން މީހަކު ދުއްވާލަން ބޭނުންވާ މައްސަލަތަކުގައި. ސިއްރު ހެއްކަކީ އެނޫންގޮތަކަށް ހެކިނަގައިފިނަމަ ގައުމުގެ ސަލާމަތަށް ނުރައްކާވެދާނޭ ފަދަ ނުވަތަ ނުރައްކާތެރި ޓެރަރިސްޓް ގޭންގަކާގުޅޭ މަޢުލޫމާތު ވަކިނަސްލަކަށް ނުރައްކާވެދާނޭ ފަދަ މަޢުލޫމާތު ޢާންމުންނާ ހަމައަށް ފޯރަފާނެތީ އެކަމަށް ރިއާޔަތްކޮށްގެން ސިއްރުކުރެވޭ ކަމެއް. މިރާއްޖޭގައި މިވަނީ މީހަކުގެ ފޯނެއްނުދީގެން ސިއްރުހެކިނަގާ ނިޒާމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454