ލަނޑު ޖެހުމަށް ފަހު މެސީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
20 އޮކްޓޯބަރ 2016 - 09:08
ބާސެލޯނާ (އޮކްޓޯބަރު 20) - ޗެމްޕިއަންސް ލީގުގައި ރޭ ލިއޮނަލް މެސީގެ ހެޓްރިކާ އެކު 4-0 އިން ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީ އަތުން އޭނާގެ ކުރީގެ ޓީމު ބާސެލޯނާ މޮޅެއް ހޯދައިފި އެވެ.
ރޭގެ މެޗުން މޮޅުވެ ބާސެލޯނާ ގްރޫޕް ސީގެ އެއް ވަނައިގައި އޮތީ ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ރޭގެ މޮޅާ އެކު އެ ޓީމަށް ދެ ވަނަ ބުރުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ. ދެ ވަނައިގައި ސިޓީ އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތީ ރޭ މި ގްރޫޕްގެ އަނެއް މެޗުން ސެލްޓިކް އަތުން 2-0 އިން މޮޅުވި ބޮރޫޝިއާ މޮންޗެންގްލަޑްބެކް އެވެ. އެ ޓީމަށް ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ސެލްޓިކަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ރޭގެ މެޗުގެ 17 ވަނަ މިނިޓްގައި މެސީ ބާސެލޯނާ އަށް ލީޑު ނަގައިިދިނެވެ. ސިޓީ އަށް އެންމެ ބޮޑު މައްސަލައެއް ދިމާވީ މެޗުގެ 53 ވަނަ މިނިޓްގައި އެ ޓީމުގެ ކީޕަރު ކްލައުޑިއޯ ބްރާވޯ އަށް ރަތް ކާޑު ދެއްކުމުންނެވެ.
ސިޓީ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި ނުވަ މިނިޓް ތެރޭގައި އިތުރު ދެ ލަނޑު ޖަހައި މެސީ ވަނީ ހެޓްރިކް ހަދައިފަ އެވެ.
ބާސެލޯނާ އިން ވެސް މެޗުގެ ފަހު 15 މިނިޓް ކުޅުނީ 10 ކުޅުންތެރިންނާ އެކު އެވެ. އެއީ މެޗުގެ 74 ވަނަ މިނިޓްގައި އެ ޓީމުގެ ޖެރެމީ މެތިއު އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.
ބާސެލޯނާގެ ހަތަރު ވަނަ ލަނޑު މެޗުގެ ފަހު މިނިޓްގައި ކާމިޔާބުކުރީ ނޭމާ އެވެ. އޭގެ ދެ މިނިޓް ކުރިން ނޭމާ އަތުން ވަނީ ޕެނަލްޓީ އެއް ބޭކާރުވެފަ އެވެ.
ގާޑިއޯލާ ބުނީ މެޗުގެ އެންމެ މުހިއްމު ހިސާބުގައި 10 ކުޅުންތެރިން ލައިގެން ބާސެލޯނާ ކަހަަލަ ޓީމަކާ ދެކޮޅަށް ކުޅުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.
"އަހަރެމެން 1-0 ގައި އޮތްއިރު މި މެޗު އަތުލެވޭނެ. އެކަމަކު މެޗުގެ އެންމެ މުހިއްމު ހިސާބުން މި ޖެހުނީ 10 ކުޅުންތެރިން ލައިގެން ކުޅެން. އިދިކޮޅުގައި މިތިބީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން. އެ ހިސާބުން މެޗު ގެއްލިއްޖެ، މިއީ ރަތް ކާޑުގެ ޝަކުވާއެއް ނޫން. މިއީ ހަގީގަތް،" ރޭގެ މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނާ
20 October 2016
ގާޑިއޯލާ ކީ މޮޅު ކޯޗެއް ނޫން ބާސާގަ ތަށިތައް ލިބުނީ މެސީ މެން މޮލުކަމުން
ޢަތަބާ
20 October 2016
މީޑިއާގައި އަޑުގަދަ އެންމެ ރުއްގިނަ އިނގިރޭސިވިލާތުގެ މެންޗަސްޓަރ ސިޓީ ޗޮކުން ދުއްވާލައިފި. މެސީ ވަރެއް ނެތް! ފޫހިވުމެއްނެތި ބަލާލެވުނު ސަޅި މެޗެއް.
މެންޓަލިސްޓް
20 October 2016
ގާޑިއޯލާއަށް ވަރަށް ސަލާމް ، ބަލަ ފުޓްބޯޅައިގައި ލަނޑެއްޖެހޭނީ ކޮންމެވެސް ބަޔަކު މިސްޓޭކެއްހެދީމައޭ ، އެހެންނާ ކީޕަރ ނޫނީ ޑީފެންސުން ނޫނީ މިޑްފީޅްޑުން ،،، ބަރާބަރަށް ހުރިހާކަމެށް ދިއައީމައި އެއްވެސް ކޮޅަކަށް ލަނޑެއްނުވަދެ ނިމިގެންދާނީ ،، އެހެންވީމައި ރަތްކާޑަކީވެސް ދައްކާއެއްޗެއް ،،، ދެއްކީމައި ކުޅުންތެރީންވެސް މަދުވާނެ ،، ދެންވާނެ ހަތަރެތިވެސް ވާނެ ، ،،،