މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ރާދިކާ.

އަކްޝޭ ކުމާރުގެ ފިލްމު "ބެލް ބޮޓަމް" ގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން ތައްޔާރީތައް ވަމުން އަންނަ އިރު، މި ފިލްމުގެ ރޯލަކަށް ހުމާ ގްރޭޝީ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ވާޝޫ ބަގްނާނީ އާއި ނިކިލް އަދުވާނީ ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމުގެ ބަތަލާގެ ރޯލަށް ކުރިން ވާނީ ކަޕޫރް ސޮއިކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ. އެހެންވެ "ބެލް ބޮޓަމް" ވެގެންދާނީ އަކްޝޭ އާއި ވާނީގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފަހަރަށެވެ.

ނަމަވެސް ހުމާ ކުރިން ވެސް އަކްޝޭއާ އެކު މަސައްކަތްކޮށްފައިވެ އެވެ. އެއީ 2017 ގެ "ޖޮލީ އެލްއެލްބީ 2" ގަ އެވެ.

ސްކޮޓްލެންޑްގައި މަންޒަރުތައް ނަގަން ހަމަޖެހިފައިވާ ސްޕައި ތުރިލާ "ބެލް ބޮޓަމް" އަކީ ރަންޖީތު ތިވާރީ ޑައިރެކްޓްކުރާ ފިލްމެކެވެ. ސިނަމާތަކަށް ފިލްމު ގެންނަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 2 ގަ އެވެ.

ރާދިކާގެ އަލަތު ޑައިރެކްޝަނަށް އެވޯޑެއް

އިންޑިއާގެ ހުނަރުވެރި ބަތަލާ ރާދިކާ އަޕްޓޭ ޑައިރެކްޓްކުރި ފުރަތަމަ ފިލްމު "ދަ ސްލީޕްވޯކާޒް" އަށް ބޭރުގެ ފެސްޓިވަލަކުން އެވޯޑެއް ލިބިއްޖެ އެވެ.

"ބަދުލާޕޫރް" އާއި "ޕެޑްމޭން" ފަދަ ފިލްމުތަކުން ފެނިފައިވާ ބަތަލާގެ ކުރު ފިލްމަށް ލިބުނީ ޕާމްސް ސްޕްރިންގް އިންޓަނެޝަނަލް ޝޯޓް ފިލްމު ފެސްޓިވަލްގެ "ދަ ބެސްޓް މިޓްނައިޓް ޝޯޓް" އެވޯޑެވެ. މި ފަހަރު ފެސްޓިވަލް ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިންކޮށެވެ. ރާދިކާގެ ފިލްމަށް އެވޯޑް ލިބުނުކަން އޭނާ ވަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ.

"ދަ ސްލީޕްވޯކާސް" ގެ ކާސްޓުންނަކީ ޝަހާނާ ގޮސްވާމީ އާއި ގުލްޝަން ދެވިއާ އެވެ.

"ދިލް" އަށް 30 އަހަރު

މަދޫރީ ޑިކްސިޓާއި އާމިރު ޚާންގެ ޖޯޑު އެކީގައި ފެނިގެން ދިޔަ ފިލްމު "ދިލް" އަށް 30 އަހަރުވުމާ ދިމާކޮށް މަދޫރީ އެ ފިލްމުގެ ހަނދާންތައް އާކޮށްފި އެވެ.

އިންދަރު ކުމާރު ޑައިރެކްޓްކޮށް ޖޫން 22، 1990 ގައި ރިލީޒްކުރި އެ ފިލްމަކީ ވަރަށް އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދިން ފިލްމެކެވެ. "ދިލް" ގެ ހަނދާންތައް ޓްވިޓާގައި އާކުރަމުން މަދޫރީ ބުނީ އާމިރާ އެކީ މަސައްކަތްކުރުން ވަރަށް މަޖާ ކަމަށާއި އަދި މުޅި ފިލްމުގެ ޝޫޓިން ވެސް ދިޔައީ ވަރަށް މަޖާކޮށް ކަމަށެވެ.

އެ ފިލްމުން މަދޫރީ އަށް ފުރަތަމަ ފަހަރަށް ފިލްމުފެއާގެ އެންމެ މޮޅު ބަތަލާގެ އެވޯޑް ވެސް ލިބުނެވެ. "ދިލް" އަކީ ވަރަށް މަޝްހޫރުވު ރީތި ލަވަތަކެއް ވެސް ހިމެނުނު ފިލްމެކެވެ.

އެ ފިލްމުގެ އިތުރުން މަދޫރީ އާއި އާމިރު އެކީގައި ކުޅުނު ފިލްމަކީ ހަމަ 1990 ގައި ގެނެސްދިން "ދީވާނާ މުޖް ސާ ނެހީ" އެވެ.

ބުޝަން އަށް ސޯނޫގެ އިންޒާރެއް

ބޮލީވުޑްގެ މިއުޒިކް އިންޑަސްޓްރީ ކޮންޓްރޯލްކުރަނީ ދެތިން މާފިއާއަކުން ކަމަށް ބުނެ ލަވަކިޔުންތެރިޔާ ސޯނޫ ނިގާމް ދެއްކި ވާހަކަތަކުގެ މައްސަލަ ހަޖަމުކުރަން ބައެއް މީހުންނަށް އުނދަގޫވެގެން އިންޒާރުދޭން ފެށުމުން އޭނާ ޓީ ސީރީޒްގެ ވެރިޔާ ބުޝަން ކުމާރަށް އިންޒާރު ދީފި އެވެ.

އިންސްޓަގްރާމްގައި ސޯނޫ ޕޯސްޓްކުރި ވީޑިއޯއެއްގައި ބުޝަން އޭނާގެ ކައިރި އަށް ލަވަ އަލްބަމްތައް ރެކޯޑްކޮށްދޭން އާދޭސްކުރަން ދިޔަ ވާހަކަ އާއި އިންޑިއާގެ ގޭންގްސްޓާރު އަބޫ ސަލީމްގެ ކިބައިން ސަލާމަތްކަން ހޯދައިދޭން ދިޔަ ވާހަކަ އާއި ކުރީގެ ސިޔާސީ ލީޑަރު ބަލް ތަކެރީ ފަދަ މީހުންނާ ބައްދަލުކޮށްދޭން އެދުނު ވާހަކަތައް ހިއްސާކޮށްފައިވެ އެވެ. ވީޑިއޯގައި ސޯނޫ ވަނީ އޭނާއާ އަޅައިގަނެގެން ނޫޅުމަށް އިންޒާރުދީ އެހެން ނޫން ނަމަ ކަންތައްތައް މާ ރަނގަޅު ނުވާނެ ކަމަށާއި ވާނެހާ ވެސް ކަމަކީ ބުޝަން ބޭޒާރުވުން ކަމަށް ބުނެފަ އެވެ.

މިއުޒިކް އިންޑަސްޓްރީ ކޮންޓްރޯލްކުރާ މާފިއާގެ ތެރޭގައި ސޯނޫ އިޝާރާތްކުރާ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏަކީ ޓީ ސީރީޒެވެ.

ސޯނޫގެ ވާހަކަތަކާ ގުޅިގެން ބުޝަންގެ އަންހެނުން ދިވްޔާ ކޯސްލާ ކުމާރު ވަނީ އިންސްޓަގްރާމް ސްޓޯރީގައި ސޯނޫ އަށް ފާޑުކިޔައިފަ އެވެ. އެގޮތުން ސޯނޫ މީހަކަށްވީ ޓީ ސީރީޒުން ދިން ފުރުސަތުތަކުގެ ސަބަބުން ކަމަށާއި ބައެއް މީހުންނަކީ ޝުކުވެރިނުވާ ބައެއް ކަމަށް ބުނެފައިވެ އެވެ. އަދި މިހާރަކަށް އައިސް ދޮގުތައް ހަދައިގެން ކެމްޕޭންކޮށް، އޯޑިއަންސްގެ ބޯ ކާލަން ބައެއް މީހުން ވަރަށް މޮޅު ކަމަށް ބުނެ ދިވްޔާ ސޯނޫގެ ވާހަކަތަކަށް ރައްދު ދީފައިވެ އެވެ.

ސޯނޫ މިއުޒިކް އިންޑަސްޓްރީގެ ނުފޫޒު ގަދަ މީހުންނަށް ފާޑުކީ އާ ފަންނާނުންނަށް ފުރުސަތު ނުދީ "ނެފޮޓިޒަމް ގޭމް" ކުޅޭތީ އެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 13%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454