ޕޮލިސް ކޮމިޝަނަރު ހަމީދު: ފުލުހުންގެ އޮޕަރޭޝަނަލް ކަންކަމުގެ ތެރެއަށް މަޖިލީހާއި އެހެން މުއައްސަސާތަކަށް ވަނުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ވިދާޅުވި -- ފޮޓޯ/މިހާރު
23 ޖޫން 2020 - 20:42
ފުލުހުންގެ އޮޕަރޭޝަނަލް ކަންކަމުގެ ތެރެއަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ އާއި އެހެން އެއްވެސް މުއައްސަސާއަކަށް ވެސް ވަދެވިގެން ނުވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ފުލުހުންގެ ޚިދުމަތުގެ ބިލަށް ހުށައެޅި އިސްލާހުތަކުގައި ފުލުހުންގެ އޮޕަރޭޝަންތަކާ ބެހޭ މައުލޫމާތު ހޯދުމާއި ފުލުހުންނަށް ބައެއް ކަންކަމާ ގުޅޭ އެންގުންތައް އެންގުމާއި މައުލޫމާތު ހޯދުމުގެ ބާރު މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އަށް ލިބެ އެވެ. ބިލުގައި މިހާރު ހުރި އެފަދަ ބައެއް ކަންކަމަށް އެހެން މީހުންގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.
އެ ބިލް ދިރާސާ ކުރަމުން އަންނަ މަޖިލީހުގެ 241 ކޮމެޓީގެ ސަބް ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުވީ ފުލުހުންނަކީ ވެސް ގާނޫނު އަސާސީގެ ދަށުން އުފެދިފައިވާ މުއައްސަސާއެއް ކަމަށާއި ފުލުހުންގެ އޮޕަރޭޝަނަލް ކަންކަމުގެ ތެރެއަށް ވަނުމުގެ ބާރު އެހެން މުއައްސަސާއަކަށް ލިބިގެން ނުވާނެ ކަމަށެވެ. އަދި މަޖިލީހުގެ 241 ކޮމެޓީ އާއި އެހެން މުއައްސަސާތަކުން ބާރު ހިންގަން ޖެހޭނީ ފުލުހުން އަމަލުކުރާ އުސޫލުތަކުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވަރަށް ބޮޑު އިލްތިމާސެއް އަޅުގަނޑުމެންނަކީ ވެސް ގާނޫނު އަސާސީގެ ދަށުން ޚިދުމަތް ކުރަން އޮންނަ މުއައްސަސާއަކަށް ވާތީ އެ މުއައްސަސާގެ އޮޕަރޭޝަނަލް އިންޑިޕެންޑެންސަށް ނުވަނުން. މިއަދު އަޅުގަނޑުމެން ޔަގީންކަން ދޭ ކަމަކީ އެއްވެސް ފަރާތަކަށް ފުލުހުން ކައިރީގައި ނުބުނެވޭނެ މިއަދަކު މިވެނި މީހާގެ މައްސަލައޭ ފުރަތަމަ ބަލަން ޖެހޭނީ. މިވެނި މައްސަލައެއް ބާއްވާށޭ. މިވެނި މީހަކު މިވެނި ދުވަހަކު ފުލުހުންގެ އިދާރާއަށް ގެންނާށޭ. އެހެނެއް ނުބުނެވޭނެ. އެ އަމުރެއް ނުކުރެވޭނެ،" ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ ތެރެއިން ބަޔަކު ކުރިން ވަކި ގޮތަކަށް އަމަލު ކޮށްފައި އޮތް އޮތުމަކީ މުޅި މުއައްސަސާގެ އަގު ވައްޓާލައި، ހުރިހާ ފުލުހުންނަށް ފާޑުކިޔަން ޖެހޭ ސަބަބެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އެގޮތަށް ފާޑުކިޔުމުން އޭގެ އަސަރު ކުރަނީ މުޅި މުއައްސަސާއަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކަންކަމުގެ ނޭދެވޭ އަސަރު އެބަ ހުރޭ. އެހެން ނަމަވެސް އަޅުގަނޑުމެން މިދަނީ އެ ޗެލެންޖެސްތަކާ ފޭސް ކުރަމުން. ޕޮލިސް ސާވިސްއެއް ވީމަ ވަރަށް ޗެލެންޖިން އެންވަޔަރްމެންޓެއްގައި އަޅުގަނޑުމެން މަސައްކަތް ކުރަނީ. އަޅުގަނޑުމެން ޖެހޭ ވަރަށް ގިނަ ކަންކަން ބެލެންސް ކުރަން،" ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުންނަށް އިތުރު ބާރުތަކެއް ދިނުމާ މެދު އާންމުންގެ ކަންބޮޑުވުން ހުއްޓަސް، ފުލުހުންގެ ބިލުގެ ދަށުން އުފެދޭ ޕޮލިސިން ބޯޑާ އެކު އެ ބާރުތައް ބޭނުންކުރާ ގޮތް ބެލޭނެ ނިޒާމުތަކެއް ގާއިމްކުރެވޭނެ އެވެ. އަދި ޓެރަރިޒަމްގެ ނުރައްކާތެރިކަން ބޮޑުވަމުން ދާއިރު، ފުލުހުންނަށް އިތުރު ބާރު ނުދިނުމަކީ ހައްލެއް ނޫން ކަމަށާއި އެފަދަ ކޮންމެ ހާލަތެއްގައި ސިފައިންގެ އެހީތެރިކަން ހޯދޭނެ ގޮތެއް ނޯންނާނެ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"ނުރައްކާތެރި ކުށަކަށް އަރައިގަންނަ މީހަކީ އެއަށް ވުރެ ނުރައްކާތެރި ހަތިޔާރެއް ހިިފައިގެން ހުންނަ މީހަކަށް ވުން އެއީ ފުރުސަތު ވަރަށް ބޮޑު ކަމެއް. އެހެންވީމަ އެ ހާލަތުގައި އަޅުގަނޑުމެންނަކަށް ނޯންނާނެ އެ ފުލުސް މީހާ މަޑުކޮށްފައި ކޮމިޝަނާ އޮފް ޕޮލިސްއަށް އަންގާފައި، ހޯމް މިނިސްޓަރު ލައްވައި ޑިފެންސް މިނިސްޓަރަށް ސިޓީއެއް ފޮނުވާފައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން މީހުން ނިކުމެ ލެސް ލީތަލް ހަތިޔާރެއް ހިފައިގެން އެ ހާލަތަކާ ކުރިމަތިލާކަށް ވަގުތެއް ނޯންނާނެ،" ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުން ކުރާ ކުށްތައް ބެލުމަށް ފުލުހުންގެ ތެރޭގައި އޮތް ނިޒާމުގެ ތެރެއިން އެފަދަ ގިނަ މައްސަލަތަކުގައި ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. އަދި އެކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެހެން މުއައްސަސާތަކުން ފިޔަވަޅު ނާޅަނީސް ފުލުހުން އަމިއްލައަށް ވެސް އެފަދަ ފުލުހުންނާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މ. އުޖާލާގެ ގޭތެރޭގައި ހިނގައިދިޔަ ހާދިސާގައި ދިވެހި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އަދި މިހާތަނަށް ނެތް ފުލުހުން ފިޔަވައި އިތުރު ފިޔަވަޅެއް އަޅާފައެއް. އެންއައިސީ ވެސް އޮތް ތަނުގައި އޮތީ. އެޗްއާރުސީއެމް ވެސް އޮތް ތަނުގައި އޮތީ. އަޅުގަނޑުމެން އެ މީހުންނާ ދޭތެރޭގައި އިދާރީ ފިޔަވަޅު އެޅީ ވެސް. އަޅުގަނޑުމެެން ލީޑާޝިޕުން ނުކުމެ ފާޅުގައި ބުނީ ވެސް އެ މީހުން ކުރީ ކުށެކޭ،" މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގެ މައްސަލާގައި ފުލުހުންނާ މެދު ފިޔަވަޅު އެޅުމުގެ މިސާލެއްގެ ގޮތުން ހަމީދު ވިދާޅުވި އެވެ.
ފުލުހުންގެ ބިލު މިހާރު އޮތް ގޮތުން ފުލުހުންގެ ތެރެއަށް 241 ކޮމެޓީގެ ނުފޫޒު ފޯރުވިދާނެ ކަމަށް ވިދާޅުވެ، ކުރީގެ ފުލުހުންގެ ބައެއް އިސް ވެރިންނާއި މަޖިލީހުގެ އިދިކޮޅު މެމްބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
mohamed Zahir
24 June 2020
އެއުޅެނީ މާ ބިސްތޮށިވެގެން. އެހެން އުޅެން ހަދައިގެން ކުރިންވެސް އަތަށްގޮވީ. އަބަދުވެސް ގަދަކަމުން ދޮގުހަދައިގެން ބޭނުންވާ ނަތީޖާ ނެރެންއުޅޭތީ ވެރިކަން ނުކުރެވޭގޮތް ދިމާވަނީ. ދެން ހާސް ބޮލަށް އެރީމާ ދަނޑިބުރި ހިފައިގެން ޑިފެންސް ފޯސް ފަހަރުންވެސް ބަވަމުން ދުވަންވީ. މީދެން ކޮންފަދަ ގޮތެއް؟ ސީޕީ ހަމަރަނގަޅަށް އެބުނީ! ހުރިހާދިމާލަކަށް ދަނޑި ބާނަން ނޫޅުއްވާށެވެ.
ލައިޓް
24 June 2020
ފުލުހުން ލައްވާ ފެންފޯއްރުއް ކެނޑުވުން - ކަޑަ ފުލުހުން ނަށް މަޖިލީސް އަމުރުކުރުން- ވ ކަޑަ
ބޯގަޅި
24 June 2020
ފުލުހުންގެ ތެރެއަށް 241 ކޮމެޓީގެ ނުފޫޒު ފޯރުވާ ކަމުގައި ވަންޏާއި މާޒީއިން ފެނިގެން ދިޔަ ހޮނޑައިދޫ ގައި ސިޔާސީ މީހުން ޕާޓީ ކުރަނިކޮށް ހައްޔަރު ކުރުމާއި ، އަންބަރާ ގައި ޕާޓީ ކުރަނިކޮށް އަތުލައިގަތުން ކަހަލަ ބޮޑެތި އޮޕަރޭޝަންތައް ފެއިލް ވާނެ ކަން ކަށަވަރު.
ކުޑޭ
24 June 2020
އަސްލު މިހާރު ހުރިހާ މުއައްސަސާތައް ގުޅިގެން މަޖިލިސް މައިތިރި ކުރަންޖެހޭ! މިކަމުގަ އަޑީގަ ތިބީ އަންނިއާއި އޭނަގެ ކަލްޓް
އަސްލު
24 June 2020
މަޖިލީހުން ނުބެހޭ އެއްވެސް ކަމެއް އެބަ އޮތްތޯ? މަޖިލީހަށް މެމްބަރުން ހޮވީ އެ މެމްބަރެއްގެ ދާއިރާ ތަމްސީލު ކުރަން. އެކަމު ދާއިރާ އޮތްތަނުގައި އޮތީ އެހެން ކަންކަމުގެ ތެރެއަށް ވަދެ ގަޑުބަޑު ކުރަން އުޅޭތަން މި ފެންނަނީ, ލޮކްޑައުން މިހާރު މިބައި މީހުން, ނުބެހޭ ނުވަންނަ އެއްވެސް ކަމެއް އެބައޮތްބާ?
އަލިފް ޝީނު
24 June 2020
ސާބަހޭ މަޖިލިސް! މާދަމާ ވާނެ ތިޔަ އިއްޒަތް ލިބިގެންވާ މަޖިލީހުން ދިއްގަރު ރިހާކުރު ކައްކަން ޖެހޭނީ ވަކި ގަޑިއިރަކަށޭ ކިޔާފަ ބިލެއް ފާސްކުރަން. މީހަކު މޮޔަވެދާނެ ދެން. އާކުކުޅަށް ގާބިހެއް އެޅުމަށް ވުރެން މިއިއްޒަތުން ފުރިގެންވާ ބައިގަނޑުގެ ކަންތައް ބޮޑުވެއްޖެ. ނުބެހޭ ކަމެއް ނެތޭ.
ޙަސަންބެ1
23 June 2020
ސިފައިން އާއްމުންނާއި ކުރިމަތި ނުލާނެ ސިނާރިއޯ އަކަށް ފުލުހުން ވަކި ކުރީ.އީވާން ނަސީމް މަރުވުމުގެ ކުރިން ސިފައިނާއި ފުލުހުންނަކީ އެއްބައެއް..ޖަލު ބެލެހެއްޓުމާއި ތަހްޤީޤުގައި މީހުން ބަންދުކުރަނީވެސް ސިފައިން..އެކަން ބަދަލުކޮށް ބަންދު މީހުން ކޯޓަށް ގެންދިއުމާއި ،ހުކުމް ތަންފީޒް ކުރާ މީހުން ބަލަހައްޓަން ކަރެކްޝަން ހަދައި ފުލުހުން ވަކި ކުރި..އެނެއްކާ މާޒީ އަށް ގޮސް ސިފަައިން އާއްމުންނާއި ކުރިމަތި ލާން ނުނެރޭ.
މުޙައްމަދު އަލާއުއްދީން
23 June 2020
މަޖުލީހަށް ބޯނުކޮށްޕާލެވޭނެތަނެއް ނޯންނާނެ. ލޮކްޑައުންވެސް އަންލޮކް އެމީހުންކުރި "ގަދަކަމުން." ސަރުކާރަށްވެސް ޖެހުނީ "ހަތިޔާރު ބަހައްޓާން."
އެމީހުންތަ1
24 June 2020
އެމީހުންތަ ކުރީ؟؟ ރަނގަޅަށް ދެނަހުރި ކަމެއްތަ ތީ؟؟؟
ޢައްޠި
23 June 2020
މިނިވަން ފުލުސް އޮފީސް އެއް ބޭނުންވަނީ..މަޖިލިސް ބާރު ދިނުމުން މުޅި ފުލުސް އޮފީސް އިތުރަށް ސިޔާސީ ވީ..
ޖަމަލު
23 June 2020
ތިހެން ހަމީދު ބުނީމަ މަޖުލިސް ކުދިންނަށް އޯކޭވާނެ، އެކަމު އިމްރާން ބުނެފިއްޔާ އެދިޔައީ ދެން. ރީނދޫ ކުލަ ނުލެވެނީހެއް ތިތަނެއް ރަނގަޅެއް ނުވާނެ ދެމް