ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ. މަރު ކޮމިޝަންގެ ތަހުގީގުތަކާ ގުޅޭ ކަންބޮޑުވުންތައް އެމަނިކުފާނު ވަނީ މަޖިލީހުގެ 241 ކޮމިޓީއާ ހިއްސާކުރައްވާފައި.-- ފޮޓޯ: މަޖިލިސް
24 ޖޫން 2020 - 12:14
މަރު ކޮމިޝަނުން އެންމެ ބޮޑު އިސްކަމެއް ދީގެން ތަހުގީގު ކުރި ތިން މައްސަލައިގައި ޖިނާއީ އަމަލުތަކެއް ހިންގާފައިވާ ކަމާއި އެ އަމަލު ހިންގި މީހުން ސާފުކޮށް އެނގެން އޮތް އިރު ވެސް އެ މީހުންގެ މައްޗަށް ދައުވާ ނުއުފުލެންވީ ސަބަބު ސާފުނުވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަންބޮޑުވުންތައް ގައުމީ ސަލާމަތާ ބެހޭ (241 ކޮމިޓީ) އަށް ހުށަހަޅުއްވައިފި އެވެ.
މިހާތަނަސް ތަހުގީގަށް އެނގިފައިވާ ގޮތުން ވަގަށް ނަގައި މަރާލި ނޫސްވެރިޔާ އަހްމަދު ރިލްވާނާއި ގަތުލުކޮށްލި ޑރ. އަފްރާޝީމް އަލީ އާއި ޔާމީން ރަޝީދުގެ ތަހުގީގާ ގުޅޭ ގޮތުން މަރު ކޮމިޝަނުން ވަނީ ނަޝީދަށް ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައިވާ ވާހަކަތަކާ ހަވާލާ ދެއްވައި، ކޮމިޝަނުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި ނަމަވެސް އެ ކޮމިޝަނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ކޮމިޝަންގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެފަ އެވެ. އަދި ތަހުގީގުތަކުން ނަތީޖާ ނެރެވޭނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވެސް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.
މަރު ކޮމިޝަނުން އެމަނިކުފާނަށް ފޮނުވި ސިޓީގައި ހުރި ކަންބޮޑުވެވަޑައިގަންނަވާ ކަންކަން ފާހަގަކުރައްވައި 241 ކޮމިޓީގައި ނަޝީދު އެދިވަޑައިގަތީ އެ މައްސަލަތައް ބައްލަވައިދެއްވުމަށެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުޤީޤުކުރާ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކާ ގުޅޭގޮތުން ރަައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވެވި ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމާއި ގުޅިގެން އެ މަނިކުފާނުގެ ކަންބޮޑުވުންތައް 241 ކޮމިޓީއާ ހިއްސާކުރައްވައިފި pic.twitter.com/YRv3BBySXp
— People's Majlis (@mvpeoplesmajlis) June 24, 2020
ތިން މަރާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް ނަޝީދު 241 ކޮމިޓީ އަށް ފޮނުއްވި ސިޓީ.
ނަޝީދު ވިދާޅުވި ގޮތުގައި ރިލްވާނާއި އަފްރާޝީމް އަދި ޔާމީން ރަޝީދުގެ މަރުގެ ފަހަތުގައި ތިބީ އިސްލާމްދީނުގެ ނަމުގައި ޓެރަރިޒަމްގެ އަމަލުތައް ހިންގާ ބައެއްކަން މަރު ކޮމިޝަނުގެ ސިޓީން ސާފެވެ. އަމަލީ ގޮތުން އެކަން ކުރީ މާލޭގެ ގޭންގްތަކަށް ނިސްބަތްވާ ބައެއް ކަން ވެސް ތަހުގީގުން އެނގޭ ކަމަށް ވިދާޅުވި އެވެ.
ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާނާއި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އަފްރާޝީމް، އަދި ބްލޮގާ ޔާމީން ރަޝީދު-- ފޮޓޯ: މިހާރު
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލީ ޝިރުކު ކުރުމުގެ ތުހުމަތުކޮށްފައި ކަމަށާއި ރިލްވާނާއި ޔާމީން މަރާލީ އިސްލާމްދީނަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ކަމަށް ތަހުގީގާ ހަވާލާދީ ކޮމިޝަނުން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
ނަޝީދު ވިދާޅުވީ ތަހުގީގުން ކޮމިޝަނަށް ފާހަގަވަނީ އެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކުން ޖިނާއީ އަމަލެއް ހިންގާފައިވާކަން ނުވަތަ ޖިނާއީ ކުށެއް ކޮށްފައިވާ ކަމެވެ.
"ކަން މިހެން އޮތް އިރު އެ އަމަލާ ގުޅިގެން ނުވަތަ އެ ކުށާ ގުޅިގެން އެ އަމަލު ހިންގި ފަރާތްތަކުގެ މައްޗަށް ނުވަތަ އެ ކުށްކުރި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާއެއް ނުއުފުލެންވީ ސަބަބަކީ ކޮބައިކަން ސާފެއް ނުވެ އެވެ،" ކޮމިޓީ އަށް ފޮނުވި ސިޓީގައި ނަޝީދު ވިދާޅުވި އެވެ.
ރިލްވާނާއި ޔާމީން ރަޝީދުގެ އިތުރުން، ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާކުރަން މީގެކުރިން ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވި އެވެ. މި ތިން މަރާ ގުޅިގެން ކޮމިޝަނުން ދައުވާކުރަން އެދުނީ މުހައްމަދު މަޒީދާއި ސާމިތު މުހައްމަދުގެ މައްޗަށެވެ. ހަރުކަށި ފިކުރުގެ ޖަމާއަތް ހިންގައި ހަރަކާތްތައް ފުޅާކޮށް ހިންގާ ކަމަށް ތުހުމަތުކުރާ އެ ދެ މީހުންނަކީ ތިން މަރުގެ ވެސް މޭސްތިރިން ކަމަށް މަރު ކޮމިޝަންގެ ރިޕޯޓެއްގައި ވަނީ ތުހުމަތުކޮށްފަ އެވެ.
އެކަމަކު ތަހުގީގު އިތުރަށް ފުރިހަމަކުރަން، ޕީޖީން ވަނީ މި މައްސަލަތައް އަނބުރާ ފޮނުވާލައިފަ އެވެ.
މަރު ކޮމިޝަނުން މަޖިލީހަށް ފޮނުވި ސިޓީގައި، އެ ކޮމިޝަނަށް ލިބިގެންވާ ގާނޫނީ ބާރަކީ ހަމައެކަނި ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކާ ގުޅިގެން ފިޔަވަޅު އެޅުމުގެ ބާރު ކަމާއި އެހެންކަމުން އެ މައްސަލަތަކާ ގުޅިގެން ކޮށްފައިވާ ކަމަކާ ގުޅިގެން އެ މީހުން ހައްޔަރު ކުރެވޭ ފަދަ ހެއްކާއި ގަރީނާ ލިބިގެން މެނުވީ ކޮމިޝަނަށް އެ މީހުން ހައްޔަރުކުރުމުގެ ނުވަތަ ފިޔަވަޅު އެޅުމަކަށް ގާނޫނު ތަން ނުދޭ ކަމަށް ބުނެފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ޔާމީން ރަޝީދުގެ މަރާ ގުޅިގެން ކޮމިޝަނުން ދައްކާފައިވާ ވާހަކަތަކާ މެދު ވެސް ނަޝީދު ކަންބޮޑުވުންފާޅުކުރައްވާފައިވެ އެވެ. އެ މަރުގައި ހިމެނޭ ފަރާތްތަކެއް ކޮމިޝަނަށް ހާޒިރުކުރި ކަމުގެ ތުހުމަތުކޮށް، އެއީ ކޯޓުގައި ހިނގަމުންދާ އެ މަރުގެ މައްސަލަ އަށް ނުފޫޒު ފޯރާފަދަ ކަމަކަށް ވާތީ އެކަން ނުކުރަން ޕްރޮސިކިއުޓާ ޖެނެރަލް އެންގެވި ކަމަށް މަރު ކޮމިޝަންގެ ސިޓީގައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން ކޮމިޝަނުގެ ތަހުގީގަށް ފަހު އެކުލަވާލާފައިވާ ރިޕޯޓުގައިވާ ގޮތުން ނަމަ ދައުވާ އުފުލޭނެ މިންވަރަށް އެކަށީގެންވާ ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށް 241 ކޮމިޓީ އަށް ފޮނުއްވި ސިޓީގައިވެ އެވެ.
ނަޝީދު ވިދާޅުވީ ރިލްވާން މައްސަލައިގައި ކޮމިޝަނުން އެކުލަވާލި ޕްރިލިމިނަރީ ރިޕޯޓުގައިވާ ބައެއް ކަންކަން އާއްމުވުމަކީ އެ ކޮމިޝަނަށް ހެކިބަސް ދޭން ތިބި ބައެއް ފަރާތްތަކުން ހެކިބަސްދޭން އިންކާރުކުރި ކަމަށް ވެސް މަރު ކޮމިޝަނުން ފާހަގަކޮށްފައިވާ ކަމަށެވެ. އެ ޑްރާފްޓް އާއްމުކުރީ މަޖިލީހުންނެވެ.
"ނަމަވެސް މީހަކާ ދެކޮޅަށް ހިންގޭ ކުށެއްގައި އެ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާ އުފުލުން ބިނާވެފައި ވާނީ ބަޔަކު ދޭ ހެކި ބަހެއްގެ މައްޗަށް އެކަނި ކަމުގައި ދެކެން ދަތިކަމަށާއި އަދި ހެކިބަސްދޭން ތިބި ފަރާތްތަކުގެ ތެރެއިން ވަކި ބަޔަކު ހެކިބަސް ދޭން އިންކާރުކުރުމުން އެ މައްސަލަ ސާބިތުވާ މިންވަަރަށް ޝަފަހީ ހެއްކާއި މާއްދީ ހެކި ލިބިފައި ނުވާ ކަމަށް ދެކެން ވެސް ދަތި ކަމުގައި ދަންނަވަމެވެ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ތިން މަރުގެ ތަހުގީގު ރިޕޯޓަށް ރިއާޔަތްކުރައްވާ އިރު ކުށެއް ކުރި ކަމަށް ތުހުމަތު ކުރެވޭ ފަރާތެއްގެ މައްޗަށް ދައުވާ ސާބިތުވާ މިންވަރަށް ހެކި ލިބިފައި ނުވި ނަމަވެސް އެ ކުށް ކުރަން އެ ފަރާތް އުޅުނުކަން ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިންކަން ސާބިތުވާ މިންވަރަށް ހެކި ލިބިފައި ނުވާ ކަމަށް ގަބޫލުފުޅު ކުރަން ދައްޗެވެ.
ތަހުގީގު ކުރާ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ސިޔާސީ އެކިއެކި އިވެންޓްތަކުން ފެނުމަކީ ކޮމިޝަނުގެ ތަހުގީގަށް ކުރިމަތިވާ ހުރަހެއް ކަމަށް ބަޔާންކޮށްފައިވިޔަސް އެއީ ކޮން ބައެއް ކަން ހާމަކޮށްފައި ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެއީ ކޮންބައެއް ކަން ސާފުވަނިކޮށް، އެ މީހުން ސިޔާސީ އިވެންޓްތަކުން ނުފެނި ހަގީގަތުގައި އެ މީހުން ފެންނަން ޖެހޭ ތަންތަނުން ފެނިގެންދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރިލްވާން މައްސަލައިގެ ފުރަތަމަ ޑްރާފްޓް ނެރުމުން ޚުލާސާ ރިޕޯޓް ހޯދަން ކޮމިޝަންގައި މަޖިލީހުން އެދުމުން އަހަރެއްވި އިރު ވެސް ނުލިބޭ ކަމަށެވެ. އެ ކޮމިޝަނުގެ ޖަވާބަކަށް ވީ ރައީސްގެ ލަފާފުޅެއް ލިބުމުން އެ ރިޕޯޓް ހިއްސާކުރުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ބޮޑު، ތިން މަރުގެ މައްސަލައިގައި އިންސާފު ލިބުނު ލަސްވެފައިވާތީ، އާއިލާތަކުގެ ކަންބޮޑުވުން އޮތް ކަމަށް މަރު ކޮމިޝަނުން ވެސް ގަބޫލުކުރެ އެވެ. އެ ކަންބޮޑުވުންތަކާ އެކު މަސައްކަތް ކުރަނީ، އަވަހަށް މައްސަލަތައް ނިންމަން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ މަރު ކޮމިޝަންގެ މަސައްކަތްތައް އަވަސްކުރުމަށް ދަންނަވަން އެ ކޮމިޝަނާ މާދަމާ ބައްދަލު ކުރައްވާނެ ކަމަށެވެ. އެ މަނިކުފާނު ޔަގީންކުރައްވަނީ ކޮމިޝަނުން މިހާތަނަށް ހޯދާފައިވާ ހޯދުންތަކުން ނަތީޖާ ނެރެވޭނެ ކަން ކަމަށް ވެސް ވިދާޅުވި އެވެ.
އެ ކޮމިޝަނުގެ އަމާޒަކީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކޮމިޝަންގެ މަސައްކަތްތައް ނިންމާލުން ކަމަށް ވެސް ރައީސް އިއްޔެ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
24 June 2020
ނަޝީދުވަނީ އެކަންކުރިމީހާޔާބެހޭގޮތުން އެމީހާފުރައިގެންދިޔަކަމަށްބުނެފަ ވީމާ ތިކޮމިޝަނަށް ނަޝީދުހާޒިކޮށް އޭނަކުރެން އަހަންޖެހޭ އެއީކީކުތޯ
ކަންނާޑި
24 June 2020
އަފުރާސީމް މަރުގެ މައްސަލައިގެ ރިޕޯޓު މިނިވަން ނޫހުގައި ހާމަކުރި ރިޕޯޓަރާ އަދި އެކަމުގެ ވާހަކަތަކާ މައްސަލަތައް ބްލޮގްތަކާ ފޯރަމްތަކުގައި ލިޔަމުން ގެންދިޔަ ޔާމީން ރަސީދާ އަދި ހެކިބަސް ދޭން ތިބި ފަރާތްތައް ގޮތްނޭނގޭ މަރުތަކުގެ މައްސަލތަކުގައި މަރުވެ މުޅި ނިޒާމް އަދިވެސް ވަނީ ބިރުވެރިކަމެއްތެރޭގައި .
ވަތަން އިސްކުރަންޖެހޭ
24 June 2020
ރައްޔިތުންގެ މަޖުލިސް މިހާރު ހީވަނީ އެމްޑީޕީގެ ހަރުގެހެން.
ޝޮކްތެރަޕީ
24 June 2020
ނަޝީދު ބުނި އެކަން ކުރިމީހުން ފުރައިފިޔޯ. ނަޝީދަ އެގެނީ ކިހިނެތައް؟
ޝޮކްތެރަޕީ
24 June 2020
އެމްޑީޕީގެ މީހުން މިކަމުގަ ޝާމިލްވަނީ އެހެންވެ މަސްސަލަތައް ކުރިޔައް ނުގެންދަނީ އެގޭތޯ؟
ޢިބޫ
24 June 2020
ތިކޮމިޝަން ތަކުގަ ތިބިމީހުން ބޭނުންވަނީ ކަމަށް ވެދާނެ މިފަސް އަހަރު މުސާރަ ނަގަނަގާ ތިބެން. އެމީހުން މަސައްކަތް ކުރަނީ ފިނިހަކަ ސްޕީޑްގަ.
ނަލަފެހި ތިރި ޖަޒީރާ
24 June 2020
ނަށީދު އެއްކަމެއްގަ 2 ފަހަރު އެއްގޮތަކަށް ސާބިތުވެ ނުހުންނާނެ ދޮގުމުޅި
ދޯހަޅި98
24 June 2020
ދުނިޔޭގެ ލެއްވި ހުރިހާ ކަމަކަށް މަޖިލީހުން ވަންނާކަށް ނުޖެހެއެެވެ. 241 ކޮމެޓީއަކީ ގައުމީ ސަލާމަތާ ގުޅޭކަންކަން ބަލާ ކޮމެޓީއަކަށް ވާއިރު އެ ކޮމެޓީއަށް ހުށަހެޅޭ މައްސަލަތައްވެސް ވާނީ ގައުމީ ސަލާމަތާ ގުޅޭ ކަންކަމަށެވެ. އެއީ އާންމުކޮށް އެންމެންނަށް އެގެންޖެހޭ ކަންކަމެއް ނޫނެވެ. ފަޔަށް ހިނިއަރައިގެން އުޅުނަސް ރައީސް ސޯލިހު މި 5 އަހަރުގެ ދައުރު ކޯލިޝަނާއެކު ދަމަހައްޓާނެއެވެ. ރައްޔިތުންގެ ތެރޭގައި މަގުބޫލުކަން ކުޑަވުމަކީ ވެރިކަން ބަދަލުކުރަންޖެހޭ ކަމެއްނޫނެވެ.
ސޭކުސްތާނު
24 June 2020
ހަދާފަހުރި ރިޔާސީ ކޮމިޝަންތައް ހަމަ މަދީ. އަދިވެސް ބޮޑު މުސާރަދީފަ އިތުރު ކޮމިޝަންތައް ހަދަންފެންނަނީ.
ޖާބެ
24 June 2020
ކޮބާ ބަޢާވާތް ތަހުގީގު ކުރަން ނުކެރިގެން ތިޔަ ދިގުދަންމަނީ މަޖުލީހުގެ މެޖޯރިޓީ ނެތިގެންތަ ނޫނީި މަނިކުފާނުގެ ނާގާބިލްކަމުންތަ.. ރައްޔިތުން ގުނބޯ ހެއްދުމުގަ