ގްލޭޒާ.
29 ޖޫން 2020 - 07:29
މުޅި ދުނިޔެ އަށް މަޝްހޫރުވި "އައި ލަވް ނިއު ޔޯކް" ލޯގޯ ފަރުމާކުރި ޑިޒައިނަރު މިލްޓަން ގްލޭޒާ މަރުވެއްޖެ އެވެ.
"އައި ލަވް ނިއު ޔޯކް" އަކީ އެ ސިޓީގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ ގޮތުން މިލްޓަން މީގެ 43 އަހަރު ކުރިން ފަރުމާކުރި ލޯގޯއެކެވެ. އިނގިރޭސީ އަކުރު "އައި" އާއި ނިއު ޔޯކްގެ ފެށޭ ދެ އަކުރު ކަމަށްވާ އެން އާއި ވައި އަކުރުގެ ދޭތެރެ އަށް ރަތް ކުލައިގެ ހިތެއް ލައިގެން ފަރުމާކޮށްފައިވާ ލޯގޯ ރަސްމީކޮށް ބޭނުން ކުރަމުން އަންނަނީ ޖުލައި 15، 1977 އިން ފެށިގެންނެވެ.
ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ލޯގޯތަކުގެ ތެރޭގައި ހިމެނޭ އެ ލޯގޯ ފަރުމާކުރި ގްލޭޒާ މަރުވީ ސްޓްރޯކެއް ޖެހިގެން މިދޔަ ހުކުރު ދުވަހު އޭނާގެ 91 ވަނަ އުފަން ދުވަހު ކަމަށް އާއިލާ އިން ބުންޏެވެ.
What Milton Glaser gave to New York will long survive him.
— Andrew Cuomo (@NYGovCuomo) June 27, 2020
I❤️New York was the perfect logo at the time he created it and remains so today.
We lost a brilliant designer and a great New Yorker.https://t.co/LNRPNcHzou
ގްލޭޒާގެ މަރުވި ޚަބަރާ އެކު ނިއު ޔޯކްގެ ގަވަރުނަރު އެންޑްރޫ ކޫމޯ ވަނީ އާއިލާ އަށް ތައުޒިޔާ ވިދާޅުވެ، މިލްޓަން ކުރެއްވި މަސައްކަތުގެ ހަނދާންތައް އާކުރައްވައިފަ އެވެ. އެގޮތުން އޭނާ އަކީ އެމެރިކާގައި ތާރީހުގައި ވަރަށް ފާހަގަކޮށްލެވުނު ކުޅަދާނަ ޑިޒައިނަރެއް ކަމަށާއި ގްލޭޒާގެ ވަކިވުމަކީ އެމެރިކާ އަށް ލިބުނު ގެއްލުމެއް ކަމަށް ވިދާޅުވި އެވެ.
އެ ދާއިރާ އިން ކުރި ހިދުމަތްތަކުގެ އަގު ވަޒަންކޮށް ގްލޭޒާ 2009 ގައި ނެޝަނަލް މެޑަލް އޮޓް އާޓްސްގެ އިތުރުން އެތައް އެވޯޑެއް ލިބިފައިވެ އެވެ. ގްލޭޒާ އަކީ ނިއު ޔޯކްގެ މެގަޒިންގެ އެއް ބާނީ ވެސް މެ އެވެ.
އޭނާ ފަރުމާކޮށްދިން މަޝްހޫރު ލޯގޯތަކުގެ ތެރޭގައި ޖެރޫސަލެމްގެ އިޒްރާއީލް މިއުޒިއަމްގެ ލޯގޯ އާއި އެމެރިކާގެ ވޮޝިންޓަން ޑީސީގެ ނެޝަނަލް އާކައިވް އެންޑް ސުމިތުސޯނިއަންގެ ލޯގޯ އާއީ އެތައް ޔުނިވަސިޓީއަކާއި ޑީސީ ކޮމިކްސްގެ އެތައް ލޯގޯއެއް ހިމެނެ އެވެ.
އަދި އޭނާ އަކީ މަޝްހޫރު މިއުޒިކް ލެޖެންޑް ބޮބް ޑިލަންގެ "ގްރޭޓެސްޓް ހިޓްސް" އަލްބަމްގެ ޕޯސްޓަރު ވެސް ޑިޒައިންކުރި ފަންނާނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެލީއޮފްދަބީސްޓް
29 June 2020
ހުރި ހިތާމައެއްގެ ބޮޑު ކަމާ އަބޫ ނިއު ޔޯކް!