ކޮންރެޑް މޯލްޑިވްސް ރަންގަލީގެ ބީޗް ވިލާއެއް: އެ ރަށުގެ 34 ވިލާއެއް މަރާމާތުކުރުމުގެ މަސައްކަތް ވަނީ ނިންމާފައި.-- ފޮޓޯ: ކޮންރެޑް
20 އޮކްޓޯބަރ 2016 - 15:37
ކޮންރެޑް މޯލްޑިވްސް ރިސޯޓުގެ 34 ބީޗު ވިލާއެއް 3.2 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 50 މިލިއަން ރުފިޔާ) ހަރަދުކޮށްގެން މަރާމާތު ކުރުމަށް ފަހު ގެސްޓުންނަށް މި މަހު ހުޅުވާލަން ނިންމައިފި އެވެ.
ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން، ހިލްޓަން އިން އދ. އަތޮޅުގައި ހިންގާ އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ލައިލް ލުވިސް ވިދާޅުވީ ކޮންރެޑްގެ 34 ބީޗު ވިލާއެއް މުޅިން މަރާމާތުކުރުމުގެ ބޭނުމަކީ ޓޫރިސްޓުންނަށް އަބަދު ވެސް އެއީ އެންމެ މަތީ ފެންވަރުގެ ތަނެއްކަން ދައްކައިދިނުމަށް ކަމަށެވެ.
"އަޅުގަނޑުމެންނަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި އެންމެ މަގުބޫލް އެއް ބްރޭންޑް. އަޅުގަނޑުމެންގެ ބޭނުމަކީ އަބަދުވެސް އިންޑަސްޓްރީގައި އެންމެ މަގުބޫލް ރިސޯޓްގެ ގޮތުގައި ދަމަހައްޓަން،" އޭނާ ވިދާޅުވެފައިވާ ކަމަށް ޓޫރިޒަމް ޚަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައިވެ އެވެ.
އެ ރިސޯޓުން ބުނީ މަރާމާތުކުރި ކޮންމެ ވިލާއަކީ ޓޫރިސްޓުންގެ ހިތްހަމަޖެހޭ ގޮތަށް، ޖާގަ ތަނަވަސް އަދި އެންމެ މަތީ ފެންވަރަށް ހެދި ތަންތަން ކަމަށެވެ. އަދި އެ ތަންތަން ހަދާފައި ވަނީ ގޮނޑުދޮށުގެ ހިތްގައިމުކަން ވެސް ފެންނަ ގޮތަށް ކަމަށް ކޮންރެޑުން ބުނެފައިވެ އެވެ.
މީގެ ވިއްސަކަށް އަހަރު ކުރިން 1997 ވަނަ އަހަރު ހިލްޓަން ރަންގަލި ރިސޯޓުގެ ނަމުގައި ހުޅުވި ރިސޯޓް ކޮންރެޑް މޯލްޑިވްސްގެ ނަމަށް ރީބްރޭންޑް ކުރީ 2007 ވަނަ އަހަރު އެވެ. އެ ރިސޯޓަކީ ރާއްޖޭގައި އެންމެ ފުރަތަމަ ކަނޑުއަޑީގެ ރެސްޓޯރަންޓެއް ވެސް ހެދި ރިސޯޓެވެ. އިތާގެ ނަމުގައި ހެދި ރެސްޓޯރަންޓަކީ ދުނިޔޭގައި ވެސް ވަރަށް މަޝްހޫރު ރެސްޓޯރަންޓެކެވެ.
އެ ރިސޯޓުގެ ވިލާތައް 2014 ވަނަ އަހަރު މަރާމާތު ކުރިއިރު، 570 މުވައްޒަފުންނަށް ތިބެވޭ ގޮތަށް ކޮންރެޑް ކައިރީގައި އޮންނަ ރަންފިނޮޅު ވެސް ތަރައްގީކޮށްފައިވެ އެވެ. މިއީ ރާއްޖޭގައި ހެދި އެންމެ މަތީ ފެންވަރުގެ އެކޮމޮޑޭޝަން ކަމަށް ވެސް ކޮންރެޑުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބެ
17 April 2018
ރިސޯޓު ތަކުން ދިވެހި ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ފައިދާއެއް ނުކުރެއެވެ. ފަހަރެއްގަ މަސީގެ ވެރީންނަށް ފައިދާ ވެދާނެއެވެ. ރިސޯޓް ތަކުގެ ގިނަ ކަންކަން ކުރަނީ ބޭރު މީހުންނެވެ. ކުރިން ބައެއް ދިވެހީން ހިންގި ރިސޯޓް ތަކުން ދިވެހީންނަށް މަސައްކަތް ލިބުނެވެ. މިހާރު ސިޔާސީ މީހުން އަޑީގަ ހުރެގެން ބޭރު މީހުން ރިސޯޓް ހެދީމަ ގާނޫނާ ހިލާފް ކަން ކަން ބެލޭނެ ގޮތެއް ނޯވެއެވެ.
ގުޑްލަކް
21 October 2016
ދެން އަހަރެމެންނަށް ކީއްތަ! ހަދާ އެއްޗެއް ހަދާފާނެއެއްނު!