ރައީސް ބަރަކް އޮބާމާގެ ބޭބެ މާލިކް ރިޔާސީ ކެންޑިޑޭޓުންގެ ފަހު ބަހުސް އަޑު އައްސަވަނީ. --ފޮޓޯ:އޭއެފްޕީ
20 އޮކްޓޯބަރ 2016 - 13:32
ލަސް ވެގަސް (އޮކްޓޯބަރު 20) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ބައިވެރިވާ ދެ ކެންޑިޑޭޓުންގެ ފަހު ބަހުސްގައި ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕުގެ ޚާއްސަ ދައުވަތަކަށް ރައީސް ބަރަކް އޮބާމާގެ ބޭބެ މާލިކް އޮބާމާ ބައިވެރިވެވަޑައިގެންފި އެވެ.
ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ހިލަރީގެ ކްލިންޓަނުގެ ޚާއްސަ ދައުވަތުގެ ދަށުން ބަހުސްގައި ބައިވެރިވެފައި ވަނީ އެޗްޕީގެ ސީއީއޯ މެގް ވިޓްމަން އާއި ބިލިއަނާ މާކް ކިއުބަން އެވެ.
ކެންޔާ އަށް އުފަން، ނަމަވެސް މިހާރު އެމެރިކާގެ ރައްޔިތެއް ކަމަށްވާ މާލިކު ވަނީ ރިޔާސީ އިންތިޚާބުގައި ޓްރަމްޕަށް ތާއީދު ކުރައްވާ ކަމަށް ޖުލައި މަހު އިއުލާން ކުރައްވައިފަ އެވެ. އަދި ޓްރަމްޕްއާ ބައްދަލު ކުރަން ބޭނުންވާ ކަމަށް އޭރު އޭނާ ވަނީ ވިދާޅުވެފަ އެވެ.
"މާލިކާ ބައްދަލު ކުރުމަކީ އަޅުގަނޑު ވެސް ވަރަށް ބޭނުންވާ ކަމެއް،" ބަހުސްގެ ކުރިން ޓްރަމްޕް އިއްޔެ ވިދާޅުވި އެވެ.
މާލިކުގެ އިތުރުން ޓްރަމްޕް ވަނީ ލީބިއާގެ ބެންގާޒީ އަށް ދިން ހަމަލާގައި މަރުވި މީހެއްގެ މަންމަ ކަމަށްވާ ޕެޓްރީޝިއާ ސްމިތަށް ވެސް ބަހުސްގައި ބައިވެރިވުމަށް ދައުވަތުދީފަ އެވެ. ބެންގާޒީ އަށް ދިން ހަމަލާގައި ހިލަރީގެ އިހުމާލު އޮތް ކަމަށް ރިޕަބްލިކަން ޕާޓީން ވަނީ ބުނެފަ އެވެ.
ރިޕަބްލިކަން ޕާޓީގެ މެންބަރެއް ކަމަށްވާ ވިޓްމަން މި އަހަރު ކުރީކޮޅު ވަނީ ހިލަރީ އަށް ތާއީދު ކުރަައްވަން ނިންމަވައިފަ އެވެ. އަދި އޭގެ ފަހުން އޭނާ ގެންދަވަނީ ހިލަރީގެ ކެމްޕޭނަށް ވެސް ޚަރަދު ކުރަމުންނެވެ.
ކެމްޕޭން އިއުލާންކުރި ފަހުން ހިލަރީ ވަނީ ވަރަށް ގިނައިން މަޝްހޫރު ބިލިއަނަރުންގެ ތާއީދު ހޯއްދަވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy