ރައީސް ސިފައިންނާ ބައްދަލު ކުރައްވައި، މިރޭ ވާހަކަ ދައްކަވަނީ: ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި ފުރަތަމަ ތެދުވާނީ ސިފައިން ކަމަށް އެމަނިކުފާނު ވިދާޅުވި -- މިހާރު ފޮޓޯ/އަހުމަދު އަވްޝަން
05 ޖުލައި 2020 - 23:14
ދިވެހި ދައުލަތާއި ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ ތެދުވާނެ ބަޔަކީ ސިފައިން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ކަޅުތުއްކަލާ ކޮށީގައި މިރޭ ސިފައިންނާ ބައްދަލު ކުރައްވައި، ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ހާލަތުގައި ސިފައިން ކުރީ އަގު ނުކުރެވޭނެ ވަރުގެ ބޮޑު މަސައްކަތެއް ކަމަށާއި އެ މަސައްކަތް ސިފައިން ކުރީ ކޮވިޑް-19 ގެ ނުރައްކާތެރިކަން އެނގި ތިބެ، ފުރާނަ އަށް ކުރިމަތިވެދާނެ ނުރައްކަލަށް ބެލުމެއް ނެތި ކަމަށެވެ. އަދި އެކަން މުޅި ރާއްޖެ ބަލައިގަންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ކޮންމެ ބޮޑު ކަމެއްގައި އަދި ރައްޔިތުންނަށް ދިމާވާ ކޮންމެ ދަތި ހާލަތެއްގައި ދިވެހި ދައުލަތާއިި ރައްޔިތުންގެ ދިފާއުގައި އެންމެ ފުރަތަމަ ތެދުވާނެ ބަޔަކީ ދިވެހި ސިފައިން. ކޮވިޑް-19 އިން ދިވެހި ރައްޔިތުން ރައްކާތެރި ކުރުމަށް މިހާތަނަށް ކުރި މަސައްކަތުގައި ވެސް އަދި މިހާރު ކުރަމުން އަންނަ މަސައްކަތުގައި ވެސް ދިވެހި ސިފައިންގެ ސަފުތަކުން ފެންނަނީ ބަދަހިކަމާއި ހަރުދަނާކަމާއި ގާބިލްކަމާއިި ގައުމަށް ޚިދުމަތް ކުރުމުގައި އެއްވެސް ވަރުބަލި ކަމެއް ނެތި ތިބިި ތަން،" ރައީސް ވިދާޅުވި އެވެ.
މިރޭގެ ހަފުލާގައި ރައީސާއި މިނިސްޓަރު މާރިޔާ އާއި ސިފައިންގެ އިސްވެރިން -- ފޮޓޯ/މިިހާރު
ރައީސް ވިދާޅުވީ ކޮވިޑް-19 ފެތުރެން ފެށުމުން އެންމެ މުހިންމު މަސައްކަތްތައް ކުރި އެއް ބަޔަކީ ސިފައިން ކަމަށާއި އެކަމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދެއްކެވީ ވަރަށް ބޮޑު ލީޑާޝިޕެއް ކަމަށެވެ.
"މިނިސްޓަރު މާރިިޔާ އަކީ ވަރަށް އާދަޔާ ޚިލާފް ލީޑާޝިޕެއްގެ ވެރި ބޭފުޅެއް. ވަރަށް ގިނަ އިދާރާތައް ހިމެނޭ ގޮތަށް އަޅުގަނޑު އެކުލަވާލި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޗެއާޕާސަނެއްގެ ހައިސިއްޔަތުން ކޮވިޑް-19ގެ އެންމެހައި ކަންކަން ވިލަރެސް ކުރެއްވުމުގައި އެކަމަނާގެ ލީޑާޝިޕްގެ ހަރުދަނާކަން ވަރަށް ރަނގަޅަށް ސާބިތުކޮށް ދެއްވައިފި،" މާރިޔާ ވެސް ބައިވެރިވެ ވަޑައިގަތް އެ ހަފުލާގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމުގެ ކަންކަން ސަރުކާރުން ގެންދަނީ ދިފާއީ މައި ތަނބަކީ ސިފައިން ކަމަށް ބަލައިގެން ކަމަށާއި އެހެންވެ، ސިފައިންގެ ގާބިލްކަން އިތުރު ކުރަން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެހެންވެ، ސިފައިންގެ ވެލްފެއާގެ ކަންކަން ރަނގަޅު ކުރަން ވެސް އިތުރު ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އޭރުން ދިވެހި ސިފައިންގެ ގައުމީ ޚިދުމަތް މިހާރަށް ވުރެ ވެސް ފުރިހަމައަށް ދިވެހި ގައުުމަށް ލިބެމުންދާނެ ކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން." ރައީސް ވިދާޅުވި އެވެ.
ރައީސް މިރޭ ސިފައިންނާ ބައްދަލު ކުރެއްވިއިރު، އެމަނިކުފާނު މިއަދު ވަނީ ފުލުހުންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
06 July 2020
މީ ވައުދު ނުފުއްދާ ރައީސް
ދެއްވަދޫ
06 July 2020
އެކަމަކު ތިބޭފުޅުން ގެ މަސްލަހަތު އޮންން ރާއްޖެ ޓީވީން މި ކޮރޯނާ ލޮކްޑައުން ތެރޭގައިވެސް ފެނަކައިގެ މުވައްޒަފުން ގެ ލަވައެއް ދެ ގަޑިން ދެ ގަޑިން ކާބޭހެއްހެން ގެނާއިރު ގައުމުގެ ސިފައިންނާއި ފުލުހުން ނެތީތޯ ؟
ޖަލްމާ
06 July 2020
ރައްޔިތުންނަށް އަބަދުވެސް އެކަން އިނގޭ..މައްސަލައަކީ އެއިރަކު އޮންނަ ސަރުކާރުން ބާރުތަކުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރުން..މުއައްސަސާތަކުގެ އަގު ވެއްޔާ މޮޑެލަނީ ސަރުކާރުން.
ބޮޑުމީހާ
06 July 2020
ކޮންމެ ކޮރަޕްޝަނެއްގެ އިސްސަފުގައި ސިޔާސީ މީހުން އަދި މަނިކުފާނުގެ ޕާޓީ ކުދިން. ކަލޭމެންނަށް ހުރިހާ ފައިސާއެއް. ސިފައިންނަށް ހުރިހާ މަސައްކަތެއް
ާއަދާލަތު1
06 July 2020
ބޮޑުކަމެއް
ރަށުތެރެ
06 July 2020
ވެރިކަން ކުރަނީ ޤައުމު ވިއްކައިގެން. މުސްލިމުނާ. އަބަދުވެސް ދުސްމަން މީހުންނާ ގުޅުމަކީ ގޯހެ. ތުރުކީ ކަހަލަ ޤައުމުތަކާ ގުޅިގެން ރައްޖެ ތަރައްގީ ކޮއްބަލަ. ޗައިނާވެސް ނޫޅެ ރާއްޖެއަ އަތްގަދަ ކުރާކަ އިންޑިޔާގެ މަގުސަދު ގޯސް.
ޝޮކްތެރަޕީ
06 July 2020
ރައިސްގެ ވާހަކަޔާ އަމަލާ ދިމަލެއްނުވޭ. ރައިސް ޤައުދެކެ ލޯބިވާނަމަ އިންޑިޔާ ހެލިކަޕްޓަރު ފޮނުވާލާނެ. ރާއްޖޭގަ ބޭރު ސިފައިން ތިބުނަކީ ޤައުމީ ޔަތައް އުނިކަން އަންނާނެ ކަމެއް. ރައިސް ޔާމިން އެމީހުން ފޮނުވާލަން އުޅުނު އެމީހުން ގަދަކޮއްފަ ނުފޭބި. ދިވެހިންނަކަ މިނިވަކަމެއް އިހުސާސްނުވޭ މިހާރު.
ނާސިރު ބޭނުމީ މިނިވަންކަން.
06 July 2020
ހުސްނު ސޫދުގެ ޓުވިޓާގަ އޭނާ ބުނި ރާއްޖޭގެ އަސްކަރިއްޔާ އޮވާލާފަ ބޭރުގެ ބަޔަކައް ރާއްޖެ ބަލަހައްޓަން ދޭނެވާހަކަ. މި ދައްކަނީ ކޮންކަހަލަ ނުރައްކާތެރި ވާހަކޭއްތަ؟ރާއްޖޭގެ ކާބަފައިން ކޮއްދިން އަގުހުރި މިނިވަންކަން ވެއްޔާ މޮޑެލާތަން މިފެންނަަނީ.
ލައިޓް
05 July 2020
ސަރުކާރުތައް އައިސް ދާނެ. ސިފައިން ތިބޭނެ. ޝަހީދުން ނަކީ ދިރިތިބި ބައެއް. ބާޢީން ޖެހޭނީ މި ހަޤީޤީ ބޭސް ގުޅަ ހަމަ ދިރުވާލަން.
ރާއްޖެ
06 July 2020
ބާގީން ތިބީ ވެރިކަމުގަ. މިއީ ދިވެހިން ހުސައިން އާދަމަށް ދިން “ހަދިޔާ” އަކީ.