މީސަލްސް އަދި ރުބެއްލާ ވެކްސިން: މި ބަލި ނައްތާލަން ވެކްސިނޭޝަން ޕްރޮގްރާމެއް ރާއްޖެއިން ފެށީ 2007 ވަނަ އަހަރު
08 ޖުލައި 2020 - 15:10
ރާއްޖޭން ރުބެއްލާ ނައްތާލެވިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިއަދު އިއުލާންކޮށްފި އެވެ.
އެޗްޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް "މިހާރު" އަށް ވިދާޅުވީ މިކަން ޑަބްލިއުއެޗްއޯ އިން އިއުލާނުކުރީ އެ ޖަމިއްޔާގެ ރީޖަނަލް ވެރިފިކޭޝަން ކޮމިޓީން އިއްޔެ އާއި އޭގެ ކުރީ ދުވަހު ބޭއްވި ބައްދަލުވުންތަކަކަށް ފަހުގައި ކަމަށެވެ.
ބައްޔެއް ނައްތާލެވުނު ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅަނީ، އެ ބައްޔެއް އެ ގައުމެއްގައި ފެތުރުން ހުއްޓުމުންނެވެ.
WHO has declared Maldives to have eliminated rubella ahead of the 2023 target. Shows the importance of public health, esp. interventions such as vaccination.
— Nazla Rafeeg (@nazla_r) July 8, 2020
We need to continue efforts to maintain this status. https://t.co/7GwSN9eCy5
ޑރ. ނަޒްލާ މިއަދު ކުރެއްވި ޓްވީޓް
"އޭގެ މާނަ އަކީ ރުބެއްލާ އަކީ ރާއްޖޭގެ އާންމު ސިއްހަތަށް ދިމާވެފައިވާ މައްސަލައެއް ނޫނޭ މިހާރު. އަދި މި ބަލި ދެން ވެސް ފެނިއްޖެ ނަމަ، އެކަށީގެންވާ ގޮތަކަށް މި ބައްޔަށް ފަރުވާ ދެވޭނެ ފެންވަރު ރާއްޖޭގައި އެބަހުރި ކަމަށް،" ނަޒްލާ ވިދާޅުވި އެވެ.
ވައިގެ ތެރޭގައި ފެތުރޭ މި ބަލި ޖެހޭ މީހުންގެ 50 ޕަސެންޓު މީހުންނަށް، މި ބަލި ޖެހިފައިވާކަން ވެސް ގިނަ ފަހަރު ނޭނގެ އެވެ. މި ބަލީގެ ސަބަބުން ހަށިގަނޑުގެ އެކި ހިސާބުތަކުގައި ބިހި ނަގައި ރަތްވާނެ އެވެ. ނަމަވެސް އެ އަލާމާތްތައް އާންމުކޮށް ފެެންނާނީ، މި ބައްޔަށް ހުށަހެޅޭތާ ދެ ހަފުތާ ފަހުންނެވެ.
ނަޒްލާ ވިދާޅުވި ގޮތުގައި މި ބަލި ރާއްޖޭން ނައްތާލަން ޓާގެގްކޮށްފައި އޮތީ 2023 ވަނަ އަހަރުގެ ކުރިން ކަމަށެވެ.
ގައުމީ ވެކްސިނޭޝަން ޕްރޮގްރާމަށް މި ބައްޔާ ދެކޮޅަށް ޖަހާ ވެކްސިން ތައާރަފްކޮށްފައި ވަނީ 2007 ވަނަ އަހަރު އެވެ. އަދި މި ބަލި ފެތުރިފައިވާ މިންވަރު ބަލަން، ބަލީގެ އަލާމަތްތައް ހުންނަ މީހުން ގަވާއިދުން ޓެސްޓުކުރަމުން ދިޔަ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
"މި ހާލަތު ދަމަހައްޓަން އަޅުގަނޑުމެން ކުރަމުން އައި މަސައްކަތުގައި ދެމިތިބެން ޖެހޭ،" ނަޒްލާގެ ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.
މި ބަލީގެ ނުރައްކާ މާބަނޑު މީހުންނަށް ބޮޑެވެ. ބަނޑުގައި އޮންނަ ކުއްޖާ ބައިގެންދިއުމާއި ބަނޑުގައި އޮންނަ ދަރިފުޅަށް ކޮންޖެނިޓަލް ރޫބެއްލާ ސިންޑްރޯމް (ސީއާރްއެސް) ޖެހުން އެކަށީގެންވެ އެވެ. މި ބަލި ޖެހޭ ކުދިންްގެ ކިބައިން އުފަންވުމުގައި ހުންނަ އައިބުތައް ފެނެ އެވެ. އޭގެ ތެރޭގައި ލޮލަށް ނުފެނުމާއި އަޑު ނީވުމާއި ހިތަށް އަދި ސިކުނޑިއަށް ދިމާވާ މައްސަލަތައް ހިމެނެ އެވެ.
ދުނިޔޭގެ އެހެން ގައުމުތަކުން ވެސް މި ބަލި ވަނީ ނައްތާލައިފަ އެވެ. ކިއުބާ އިން 1990 ގެ އަހަރުތަކުގައި މި ބަލި ނައްތާލާފައި ވާއިރު، އެމެރިކާ އިން މި ބަލި ނައްތާލީ 2004 ގަ އެވެ. އަދި މި ބަލި އޮސްޓްރޭލިއާގައި ނެތް ކަމަށް 2018 ގައި ޑަބްލިއުއެޗްއޯ އިން ވަނީ އިއުލާންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަރަށްއުފާވެއްޖެ
09 July 2020
ސާބަހޭ . އެޗް.ޕީ.އޭ
ސްމަާލް
09 July 2020
ޜުބެއްލާ ނައްތާލުމާ އެކު އަލިވަހީދުގެ ޕޮލިޓިކަލް ކެރިއަރުވެސް ހެއްލިއްޖެ.
ވެކްސިން
08 July 2020
ވެކްސިން ޖެހުމުގެ މުހިންމުކަން މީގެން މި ފެންނަނީ :)
ޖަވާ
08 July 2020
ސާބަހޭ. ﷲގެ ރަހްމަތްފުޅުން ސިއްހީ ދާއިރާއަށް އޮތީ ފާގަތި ދުވަސްތަކެއް، އާ އުސްމިންތަކެއް