ޚަބަރު

ފަސް މިލިއަން ޑޮލަރު ލިބުނު، އެއީ އެމްއެމްޕީއާރުސީގެ ފައިސާއެއް ނޫން: ޔާމީން

ކުރީގެ ރައީސް ޔާމީން ޖަލަށް ވަޑައިގަންނަވަން ލޯންޗަށް އަރައިވަޑައިގަންނަވަނީ: ދައުލަތުގެ ފައިސާއެއް ހޯއްދަވާފައި ނުވާނެ ކަމަށް ވިދާޅުވި -- ފޮޓޯ/މިހާރު

ސިޔާސީ މަސައްކަތްތަކަށް ފަސް މިލިއަން ޑޮލަރު ލިބިވަޑައިގެންނެވި ކަމަށާއި އެކަމަކު އެއީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ފައިސާ ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ އެސްއޯއެފް ކިޔާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަކަށް ޖަމާވުމުން، އެ ކުންފުނިން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވުމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބަހައްޓަން އެއްބަސްވެވަޑައިގަތެވެ. ނަމަވެސް ފަހުން އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާ ކުރައްވައި، އިސްލާމިކް ބޭންކުގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް އެ ފައިސާ ޖަމާކޮށް، އޭގެ އަސްލު އޮޅުވައިލި ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ އެ މަނިކުފާނުގެ ފައިސާ ކަމަށް ކްރިމިނަލް ކޯޓުގައި ވެސް ޔާމީން ތަކުރާރުކޮށް ވިދާޅުވެފައި ވެ އެވެ. ނަމަވެސް އެ ފައިސާއާ މެދު ޝައްކު އުފެދޭތީ އެ ހަވާލުކުރަން އޭސީސީން އެންގިކަން ސާބިތުވާ ކަމަށާއި އެގޮތަށް އެންގުމުން ޔާމީން އެހެން ފައިސާތަކެއް އޭސީސީއާ ހަވާލުކުރިކަން ސާބިތުވާތީ އެއީ މަނީ ލޯންޑަރިން މަނާކުރާ ގާނޫނުގައި ބުނާ ގޮތުން މަނީ ލޯންޑަރިން އަށް ވާނެކަން ދައުލަތުން ވެސް ތަކުރާރުކޮށް ބުނެފައިވެ އެވެ.

އެއީ ސިޔާސީ މަސައްކަތަށް ހޯދި ފައިސާ: ޔާމީން

ކްރިމިނަލް ކޯޓުގެ ހުކުމް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީން ވިދާޅުވީ، ސިޔާސީ މަސައްކަތްތަކަށް އެ މަނިކުފާނު ހޯއްދެވި ފަސް މިލިއަން ޑޮލަރު ހުންނާނެ ކަމަށާއި އެ ފައިސާ ބަލައި ދިޔައީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އޭރުގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ކަމަށެވެ.

ޔާމީން ވިދާޅުވިގޮތުގައި، ރިޔާސީ ލޯންޗުކޮޅު ގޮއްވައިލި ހާދިސާއާ ހަމައަށް، އެ ފައިސާ ހުރީ އަދީބުގެ ބެއްލެވުމުގެ ދަށުގަ އެވެ. އެހެންވެ، އަދީބަށް އެ މަނިކުފާނު ގުޅުއްވީ އެ ފައިސާ ހޯއްދެވުމަށްކަން އެސްއޯއެފްގެ އެއް ހިއްސާދާރު މުހައްމަދު އައްލާމް ލަތީފްގެ ބަޔާނުން ވެސް އެނގެން އޮންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ، އެ މަނިކުފާނަށް އެސްއޯއެފުން ފޮނުވީ އެމްއެމްޕީއާރުސީގެ ފައިސާއެއް ނޫން ކަމަށެވެ. އެސްއޯއެފްއަކީ ސައްހަ މުއާމަލާތްތަކެއް އެމްއެމްޕީއާރުސީއާ އެކު ހިިންގި ކުންފުންޏެއްކަން ސިވިލް ކޯޓުގެ ހުކުމަކުން އެނގެން އޮތްއިރު، އެ ކުންފުނިން އެ މަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ އެމްއެމްޕީއާރުސީގެ ފައިސާކަން ސާބިތުވާނެ ގޮތެއް ނެތް ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ދައުވާގައި ބުނާ ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުން ލިބުނު އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ އެކައުންޓަށް ޖަމާވުމުގެ ކުރިން ވެސް އެސްއޯއެފްގެ އެކައުންޓުގައި ނުވަ ލައްކަ އަށް ވުރެ ގިނަ ޑޮލަރު ހުރި ކަމަށާއި އެހެންވެ، އެ ކުންފުނިން ޔާމީންގެ އެކައުންޓަށް ފޮނުވީ ވޮޑަމުލާގެ އެއް މިލިއަން ޑޮލަރު ކަމަށް ބުނެވޭނެ ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ. އެ ފައިސާ އަކީ ތުހުމަތެއް ކުރެވޭ ފައިސާއެއް ކަމަށް އެހާތަނަށް ވެސް އެއްވެސް އިދާރާއަކުން ކަނޑައަޅާފައި ނެތް ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ވޮޑަމުލާއާ އެ މަނިކުފާނާ ގުޅުވަން މަސައްކަތް ކުރިޔަސް، އެ ރަށް ބަޔަކަށް ދޭން އުޅުނީ އަދީބެވެ. އެއީ އަދީބުގެ ރަހުމަތްތެރިންތަކަކަށް ކަމަށް ޔާމީން ވިދާޅުވި އެވެ. ވޮޑަމުލާ ކިޔާ ރަށެއް އޮތްކަން އެ މަނިކުފާނަށް އެނގިވަޑައިގަތީ އެ މައްސަލައާ ހަމައިން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެ މައްސަލަ ފެންމަތިވުމުން، އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބަހައްޓަން އެއްބަސްވެވަޑައިގަތީ 2018 ގެ ރިިޔާސީ އިންތިޚާބަށް ނުކުމެވަޑައިގަންނަވާއިރު، ދައުލަތުގެ ފައިސާއެއް އެ މަނިކުފާނު ބޭނުން ކުރައްވާ ކަމުގެ ޝައްކެއް ރައްޔިތުން މެދުގައި އުފެދުނު ނުދޭން ކަމަށެވެ. އެކަމަކު އެގޮތަށް އަމަލު ކުރެއްވުމަކީ އެ ފައިސާ އަކީ ތުހުމަތެއް ކުރެވޭ ފައިސާއެއް ކަމަށް އެ މަނިކުފާނު އަމިއްލަފުޅަށް ގަބޫލުފުޅު ކުރެއްވުން ނޫން ކަމަށް ވިދާޅުވި އެވެ.

އެ މައްސަލައިގައި މިއަދު ކުރިން އޮތީ ދެ ފަރާތުގެ ވާހަކަތަކަށް ފަހު، އަޑުއެހުންތައް އެއްކޮށް ނިންމައިލާ ގޮތަށެވެ. އެކަމަކު ޔާމީނަށް ވަކީލުންނާ ވަކިން ބައްދަލު ކުރެވޭނެ އިންތިޒާމު ހަމަނުޖެހޭތީ، އެ ފުރުސަތު ދެއްވަން ޔާމީން އެދިވަޑައިގަތުމުން ފަނޑިޔާރުން ނިންމެވީ އެ ކަމަށް ފުރުސަތު ދެއްވުމަށް ފަހު، ދެން އޮންނަ ދުވަހެއްގައި އަޑުއެހުންތައް ނިންމައިލުމަށެވެ.

މިއަދުގެ އަޑުއެހުމުގައި، ޔާމީންގެ ވަކީލުންގެ ޓީމުގައި ހިިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވެސް ވިދާޅުވީ ޔާމީންގެ އެކައުންޓަށް ޖަމާވީ ވޮޑަމުލާ ދޫކުރުމުން ދައުލަތަށް ލިބެންޖެހޭ ފައިސާކަން ދައުލަތަށް އެއްވެސް ގޮތަކަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ. ހަމައެކަނި އޮތީ ދައުލަތުން ބުނާ ބުނުމެއް ކަމަށާއި އެއަށް ބާރު ދޭ އެއްވެސް ހެއްކެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ވޮޑަމުލާއާ އެ މަނިކުފާނާ ގުޅުވަން މަސައްކަތް ކުރިޔަސް، އެ ރަށް ބަޔަކަށް ދޭން އުޅުނީ އަދީބެވެ. އެއީ އަދީބުގެ ރަހުމަތްތެރިންތަކަކަށް ކަމަށް ޔާމީން ވިދާޅުވި އެވެ. ވޮޑަމުލާ ކިޔާ ރަށެއް އޮތްކަން އެ މަނިކުފާނަށް އެނގިވަޑައިގަތީ އެ މައްސަލައާ ހަމައިން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ ޔާމީނާ ދެކޮޅަށް ހެކިބަސް ދިން ހެކިވެރިންގެ ހެކިބަހުގައި ވެސް ސުވާލު އުފެދޭ އެތައް ކަމެއް ހުރި ކަމަށެވެ. އެގޮތުން، އޭސީސީގެ ކުރީގެ ނައިބު ރައީސް މުވައްވިޒް ރަޝީދުގެ ހެކިބަހުގައި، އެ ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ޔާމީން އަރިހުގައި ވިދާޅުވި ކަމަށް ވިދާޅުވިޔަސް އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތް އޭސީސީގެ އޭރުގެ ރައީސް ހަސަން ލުތުފީ އެކަން ދޮގު ކުރައްވައި، ފޭސްބުކްގައި ލިޔުއްވި ކަން ޖަމީލް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި އަދީބުގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށާއި ކުށުގައި ބައިވެރިވެފައި ތިބި ފާސިގުންގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައި އެބައޮތް ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. ޒިޔަތުގެ ބައިވެރިވުން އެކަމުގައި އޮތްކަން އޭސީސީގެ ރިޕޯޓުން ވެސް އެނގޭ ކަމަށް ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބެލި ފަސް ފަނޑިޔާރުންގެ ބެންޗުން ވެސް އެކުލަވައިލީ އުސޫލުތަކާ ޚިލާފަށެވެ. އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އަލީ ރަޝީދު ހުސައިން އެ މައްސަލައާ ގުޅޭގޮތުން މީޑިއާގައި ވާހަކަ ދެއްކެވި ކަމަށާއި އެކަމުން ގާނޫނާ ޚިލާފަށް އަދި ވަކި ވިސްނުމެއް ގެންގުޅުއްވިކަން ހާމަވި ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

ދައުލަތުގެ ރައްދު

ރައްދުގައި ދައުލަތުން ބުނީ ވޮޑަމުލާގެ ފައިސާ ހޯދަން ޔާމީން އެކި ބޭފުޅުންނަށް ގުޅުއްވިކަން ހެކިބަހުން އެނގޭ ކަމަށާއި އެ ފައިސާ ލިބުމުން އޭގެ ފަހުން އެ މަނިކުފާނުު އެކަމާ ނުގުޅުއްވާ ކަމަށެވެ. އެސްއޯއެފުން ފޮނުވީ އެ ފައިސާ ކަމަށާއި މަނީ ލޯންޑްރިންގެ ގާނޫނު އޮތްގޮތުން އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ދުރާލާ ކަނޑައަޅާފައި އޮންނަން ނުޖެހޭނެ ކަމަށާއި އެ ފައިސާއާ މެދު ޝައްކު އުފެދުމުން ފުދޭނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ދައުުލަތުން ބުނި ގޮތުގައި އޭސީސީގެ ކުރީގެ ނައިބު ރައީސް މުވައްވިޒް ކޯޓުގައި ދެއްވީ ދޮގު ހެކިބަހެއް ކަމަށް ހަސަން ލުތުފީ ކިޔާ މީހަކު ފޭސްބުކްގައި ލިޔުނަސް، އެއީ އޭސީސީގެ ކުރީގެ ރައީސް ލުތުފީކަން ކަށަވަރު ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. އަދި އަދީބާއި ޒިޔަތުގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ސަބަބެއް ނެތް ކަމަށާއި އެ މީހުންގެ ހެކިބަހަށް ބާރު ދޭ އިތުރު ހެކިތައް އެބަހުރި ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އެ މައްސަލަ ތަހުގީގު ކުރުމުގައި ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ ފަދައިން އޭސީސީ އާއި ފުލުހުންނާ ގުޅިގެެން ޖޮއިންޓް އިންވެސްޓިގޭޝަނެއް ކުރިއަށް ގެންގޮސްފައިނުވާ މައްސަލަ ވެސް ޔާމީންގެ ވަކީލުން ފެންމަތި ކުރެއްވި އެވެ. އޭގެ ރައްދުގައި ދައުލަތުން ބުނިގޮތުގައި، ގާނޫނު އޮތް ގޮތުން މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް އޭސީސީގެ އިހްތިސާސެއް ނެތެވެ. އެހެންވެ، ޖޮއިންޓް އިންވެސްޓިގޭޝަނެއް ކުރިއަށް ގެންދަން ނުޖެހޭނެ ކަމަށް ބުންޏެވެ.

މާފުށީ ޖަލުގެ އިންތިޒާމްތައް ހުރިގޮތުން މިހާރު ލިބިވަޑައިގަންނަވަނީ އެންމެ 10 މިނެޓްގެ ފޯނު ކޯލެއް ކަމަށާއި އެއީ ވަކީލުންނާ ބައްދަލުކުރައްވަން އެކަށީގެންވާ ގޮތެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ. އެހެންވެ، ވަކީލުންނާ ޖަލުގައި ބައްދަލު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭން އެދިވަޑައިގަތެވެ.

ދައުުލަތުން ބުނި ގޮތުގައި އޭސީސީގެ ކުރީގެ ނައިބު ރައީސް މުވައްވިޒް ކޯޓުގައި ދެއްވީ ދޮގު ހެކިބަހެއް ކަމަށް ހަސަން ލުތުފީ ކިޔާ މީހަކު ފޭސްބުކްގައި ލިޔުނަސް، އެއީ އޭސީސީގެ ކުރީގެ ރައީސް ލުތުފީކަން ކަށަވަރު ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ.

އެކަމާ ގުޅޭގޮތުން ފަނޑިޔާރުން ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ ކޮވިޑް-19 ފެތުރެން ފެށުމުން ޖަލުގެ އިންތިޒާމުތަކަށް ބަދަލު ގެނެސްފައިވާތީ އެކަމާ މެދު އެއްޗެއް ބުނެވޭނީ ކަރެކްޝަނަލް ސާވިސް އަށް ކަމަށެވެ. އެހެންވެ، ފަނޑިޔާރުން އެންގެވީ އެކަމުގައި މިހާރު އޮތް އުސޫލެއް ސާފު ކުރުމަށް ފަހު މާދަމާ ކޯޓަށް އެންގުމަށެވެ.

ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ހުސައިން މަޒީދު ވިދާޅުވީ އެ މައްސަލަ އަވަސް ކުރަން އެދިވަޑައިގެންނެވީ ޔާމީންގެ ފަރާތްޕުޅުން ކަމަށެވެ. ކޮވިޑް-19 ގެ ސަބަބުން ކޯޓުގެ އުސޫލުތައް ބަދަލުކުރުނުން އޭނާގެ ސެކްޝަނަށް ކޯޓު ރޫމު ލިބެނީ މަހަކު ހަތަރު ފަހަރު ކަމަށާއި އެހެންވެ، އިތުރު ފުރުސަތެއް ދޭ ނަމަ، އިތުރަށް ލަސްތަކެއް ކުރިމަތިވެދާނެ ކަމަށް ވިދާޅުވި އެވެ.

ފަނޑިޔާރު މަޒީދުގެ އިތުރުން އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު މުހައްމަދު ނިިޔާޒް އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދެ ދައުވާއެއް ދައުލަތުން ކްރިމިނަލް ކޯޓުގައި މިހާރު ވަނީ އުފުލައިފަ އެވެ.

57 ކޮމެންޓް, 137 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 4%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1234

09 July 2020

ވެރިކަން ގެއްލުނީމާވެސް މީހުން ފައިސާދޭނެތާ ؟ އަދުރޭ ބުނެބަލަ އޭގެ ފަހުން ލިބުނު ވަރު

The name is already taken The name is available. Register?

ބުރައުންގާރލް އިން ދަ ރިންގް

09 July 2020

ޢުމުރުދުވަހު ޖަލުގަ ބާއްވަންވީ. އެކުރު ހުރިހަ ވައްކަމަކަށް ހުކުމް ކުރީމަ އޮންނަން ޖެހޭނީ ޢުމުރު ދުވަހު ޖަލުގަ.

The name is already taken The name is available. Register?

ރިހި ރާންބާގަސް

09 July 2020

މީތަރައްގީގެ ބާނީއެއްނޫން؟ ތަރައްގީއަށް އައި ނުރައްކާތެރި ރާޅު ބާއްޔެއް1 ދުނިޔެ ފެށުނީއްސުރެ ތަރައްގީވަމުން މިދަނީ ޔާމީނު ދުނިޔޭގަ ހުރިކަން ދުނިޔެއަށް އެނގިގެން ދުނިޔެ ތަފާތުގޮތަކަށް ބުރުތަކެއް ޖަހާތީއެއްނޫން! ޝަރީއަތުން ސާބިތުވަމުން އެދަނީ ވައްކަމުގެ ބާނީއެއްގެ ގޮތުގައި!

The name is already taken The name is available. Register?

ފެންތަށި

08 July 2020

ކިތަންމެ ވަރަކަށް ރެކެން މަސައްކަތްކުރިޔަސް ތި ވައްކަމަކުން ރެކިގެން ނުދެވޭނެ އެވަރަށްހެއްކާއި ގަރީނާ އެބަހުރި ދެން މިފައިސާއަކީ ތިމަންނާ ފިލްމުކުޅެގެން ލިބުނު ފައިސާއޭބުނީމާ ފަޑިޔާރުން ހަމަ ގަބޫލުކުރާނެބާ؟ ނުވަތަ ރައްޔިތުން ގަބޫލުކުރާނެބާ؟

The name is already taken The name is available. Register?

ނަމޫނާ ކަތީބު

08 July 2020

މިދެން އަރަތެއްނުން ކުރިން އެހެންގޮތަކަށް މިހާރު މުޅިން އެހެން އާގޮތަކަށް ބަލަ ކޮއިފުޅާ ތި ފައިސާ މަނީ ލޯންޑްރީގެ ފައިސާއށް ނުވާނެ އެއްގޮތެއްވެސް ދެން ނުހެދޭނެ. ހަމައެކަނި އަލްޖަޒީރާގެ ސްޓީލިން ޕެރެޑައިން ބަލާލިއަށް ހެއްކާއިއެކު ސާބިތުވާނެ.

The name is already taken The name is available. Register?

ލޮކިމަސް

08 July 2020

ހާދަ ގިނަ ކަމެއް އަދީބާއި ހަމައިން ިތޔަނިންމާ ލައްވަނީ ވަރަށް ހައިރާންވޭ!

The name is already taken The name is available. Register?

ޓިނުނެގިމީހާ

08 July 2020

މުޅި ދުނިޔެއަށް މަޝްހޫރު އަދުރޭ ވިދާޅުވި ޔާމީނަށް މިހާރު ހިގާވެސް ނޫޅެވޭ ކަމަށް! ކިހިނެއް މިވީ؟

The name is already taken The name is available. Register?

ޙިނި

08 July 2020

މަޖުލިސް މެންބަރުންނޭ ކެންޕޭނު ފަންޑިންނާ ބެހޭ ގާނޫނު ކޮބާ. ކެންޕޭނު ފަންޑިން މީ ކޮރަޕްޝަނުގެ ބޮޑު ދޮރާށި ގޮތުގަ ބާއްވަނީ ތޯ، ކޮރަޕްޝަނައް އޮތް ހުއްޖަތެއް ގޮތުގަ ބާއްވަނީތޯ.

The name is already taken The name is available. Register?

ހަރީރާ

08 July 2020

އަޅުގަޑުއައްޑޫއާއި މާލެ ދަތުރުކުރާ ބޯޓަށް ރިސޯޓް ބޯއިއެއް ގެނައިފޮށީގަޑަށް ބޯޓްގެ ކޭޝިަޔަރު ނެގީ 7 ޑޯލަރު. އަހަރެން ދުރުގައި ބަލަން ހުރެފައި އައިސް ކޭޝިޔަރު ކާރިން އަހައިލައފިން ކަލޭ އޭނައަތުން އެފޮށިގަޑަށް ނެގީ ކިހާވަރެއްހޭ. ހަމަޖެހިލައިފައި ހުރެބެނެފި އެއީ ބޯޓަށް 3ޑޮލަރު އަހައްނަސަޔަކަށް ދިން 4 ޑޮލަރު. އެހެން ބުނުމާއި އެކު އަހަރެން ބުނެފިން ކަލޭ ގޭގައި އޮއްނަމަ4ޑޮލަރު ކަލެއަށްސަޔަށް ދޭން އެމީހާ ދާނެހޭ.ނުދާނެ.ވީމާ އެއީ ބޯޓަށް ލިބުނު ފައިސާކަމަށް.

The name is already taken The name is available. Register?

ބޭސް

08 July 2020

5 މިލިޔަން ޑޮލަރު ލިބުނު ކަމަށް އަމިއްލައަށް އިއުތިރާފްވީއެވެ. ބުއްދި ސަލާމަތުން ހުރި މީހަކު ގަބޫލު ކުރާނެތޯ ގައުމެއްގެ ވެރިއަކަށް ހުރި މީހަކަށް 5 މިލިޔަން ޑޮލަރު މަންފާއެއް ނުލިބޭނެ ގޮތަކަށް ދޭނެކަމަށް. ކިހިނެތް މީނައަކީ ކުށެއް ނުކުރާ މީހެކޭ ބުނެ މިނިވަން ކުރާނީ. އަދުރޭ އަޅެ ބުނެދީބަލާ!

The name is already taken The name is available. Register?

އޭޝް

09 July 2020

އެ ފަސްމިލިއަން ޑޮލަރ ހުންނަން ޖެހޭނީ ޔާމީން ނޫނީ އަދީބުގެ އެކައުންޓް ގަ ތޯ؟ ނޫނީ ޕާރޓީގެ އެކައުންޓްގަތޯ؟ ފަނޑިޔާރު ސުވާލުކޮއްލުން ރަނގަޅު؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454