ޚަބަރު / ނޫސްވެރިން

ރާއީ، ހަސަނަށް ކުރާ ތުހުމަތު: "ހަށި ގަންނަން ރިޝްވަތު ހުށަހެޅި"

އެ ގޮތަށް މީހެއްގެ އެޑްވާންޓޭޖު ނެގިދާނެ ފަދަ މަގާމެއްގައި އޭނާ ހުރެގެންވާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ: ރާއީ

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ ހަސަން އިސްމާއީލް: އޭނާގެ މައްޗަށް ދި އެޑިޝަންގެ އެޑިޓަރު ރާއިއާ މުނައްވަރު ކުރައްވާ ޖިންސީ ފުރައްސާރައިގެ ތުހުމަތު ތަހުގީގުކުރަމުން ދާ ކަމަށް ފުލުހުން ބުނޭ. ފޮޓޯ: ރައީސް އޮފީހުގެ ވެބްސައިޓު

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ ހަސަން އިސްމާއީލް ޖިންސީ ފުރައްސާރަކޮށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ދި އެޑިޝަންގެ އެޑިޓަރު ރާއިއާ މުނައްވަރު ކުރައްވާ ތުހުމަތާ ގުޅިގެން ފިޔަވަޅު އެޅި ކަމަށް ރައީސް އޮފީހުން ބުންޏަސް، އެޅީ ކޮން ފިޔަވަޅެއްކަން ސާފުކޮށްނުދޭތީ ރާއީ އިއްޔެ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މީގެ ގާތްގަނޑަކަށް ދޮޅު އަހަރު ކުރިން ދެ ބޭފުޅުންގެ މެދުގައި އޮތް ބައްދަލުވުމެއްގައި ހަސަން ދެއްކެވި ކަމަށް ރާއީ ވިދާޅުވާ ވާހަކަތަކަކާ ގުޅިގެން މައްސަލަ ބަލައި "އަޅަން ޖެހޭ ފިޔަވަޅު" އަޅާފައިވާނެ ކަމަށް ރައީސް އޮފީހުން އޭގެ އަހަރެއްހާ ދުވަސް ފަހުން ރާއީ އަށް އޮތީ އަންގައިފަ އެވެ.

އެޅީ ކޮން ފިޔަވަޅެއްކަން ނޭނގުނަސް، ހަސަން އަދިވެސް ހުންނެވީ އެ މަގާމުގަ އެވެ.

ރާއީގެ ތުހުމަތަކީ، "މިހާރު"ގެ މެނޭޖުމެންޓުން ނެރޭ އިނގިރޭސި ނޫސް، ދި އެޑިޝަންގެ އެޑިޓަރުގެ ހައިސިއްޔަތުން އޭނާއާ ބައްދަލުކުރައްވަން ހަސަން އެދިވަޑައިގަތުމުން އެކަން ކުރަން އޮފީހުން އެދިގެން ފެބްރުއަރީ 2019ގައި ބައްދަލުކުރެއްވުމުން ހަސަން އޭނާ އަށް ޖިންސީ ފުރައްސާރަކޮށް، އެޑިޝަން އަށާއި ރާއީގެ އާއިލާ އަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދެއްވަން ހުށަހެޅުއްވި ކަމެވެ.

ރާއީ ވިދާޅުވި ގޮތުގައި ރިސޯޓުތަކުގައި ނުވަތަ ރިސޯޓުތަކަށް ދެވެން ނެތް ނަމަ ސްރީ ލަންކާ އަށް ގޮސް ހަސަންގެ އެޕާޓްމެންޓެއްގައި އޭނާއާ އެކު ރާއީ ވަގުތު ހޭދަކުރައްވައިފި ނަމަ އާއްމު އުސޫލުގެ ބޭރުން އެޑިޝަން އަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަސްމީ ދަތުރުފުޅުތަކުގައި ބައިވެރިވުމުގެ ފުރުސަތާއި އެޑިޝަންގެ މުވައްޒަފުންނަށް ތަމްރީންގެ ފުރުސަތުތަކާއި ރާއީގެ ބައްޕަ ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރަށް ވަޒީފާއެއްގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

"މިއީ ވަރަށް ސާފު ވަޔަލޭޝަނެއް. އޭނާއަކީ ވަރަށް ޒިންމާދާރު، ނުފޫޒު ގަދަ މަގާމެއްގައި ހުރި މީހެއް. އޭނާ އަޅުގަނޑުގެ ހަށި ގަންނަން ވެގެން ހުށަހެޅީ ރިޝްވަތު،" ރާއީ ވިދާޅުވި އެވެ.

"މިއީ ވަރަށް ކްލިއާ ކަޓް ފުރައްސާރައެއް. ހަށިގަނޑަށް އަނިޔާއެއް ނުވާހާ ހިނދަކު މުހިއްމު ކަމަކަށް ނުވަނީ ކީއްވެ؟ އޭނާ ގޮސް އެހެން އަންހެންކުއްޖެއް [ގަޔަށް] ގަދަކަމުން އަރައިގަންނަ ހިސާބަކުން ނޫން އިންސާފު ހިނގައިގަންނަން ޖެހޭނީ."

ރާއީގެ ތުހުމަތުތަކާ ބެހޭ ގޮތުން ހަސަންއާ ސުވާލުކުރުމުން ފަހުން ގުޅުއްވާނެ ކަމަށް ވިދާޅުވި ނަމަވެސް މި ޚަބަރު ޖެހުމާ ހަމައަކަށް ނުގުޅުއްވަ އެވެ. އަދި ހަސަންއާ މެދު އެޅީ ކޮން ފިޔަވަޅެއްތޯ އާއި މި މައްސަލަ ބެލުން ރައީސް އޮފީހުން ކުރިއަށް ގެންދިޔަ ގޮތެއް ސާފުކުރަން ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދުއާ ސުވާލުކުރުމުން ޖަވާބެއް ދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް އޭނާގެ ކޮމެންޓެއް ވެސް އަދި ނުލިބެ އެވެ.

"ރިސޯޓަކަށް ނޫން ވެއްޖެއްޔާ ތިމަންނައާ އެއްކޮށް ލަންކާ އަށް ވެސް ދެވިދާނެއޭ، ތިމަންނަގެ އެޕާޓްމެންޓެއް ހުންނާނެއޭ. އެއިން ހަމަ އެއްވެސް ޝައްކެއް ނެތި ވަރަށް ސާފު، ވަރަށް ހަޑި ވާހަކައެއްކަން އެ ދެއްކީ."

ބައްދަލުވުން

ރާއީ ވިދާޅުވި ގޮތުގައި ޖޭޒް ކެފޭގައި ބައްދަލުކުރަން ހަސަން އެދިވަޑައިގަތުމުންނާއި އެއީ ރާއީގެ އޮފީހާ ކައިރި ތަނަކަށް ވާތީ، މެންދުރު ފަހުގެ ވަގުތެއްގައި އޭނާ އެ ތަނުގައި ހަސަންއާ ބައްދަލުކުރެއްވި އެވެ. ބިގް ކުންފުނީގައި ހަސަންގެ މުވައްޒަފެއްގެ ގޮތުގައި ރާއީ ކުރިން މަސައްކަތްކުރައްވާފައި ވާތީ ކުރިންސުރެ ދެ މީހުން އެކަކު އަނެކަކު ދަނެ އެވެ.

"މަސައްކަތުގެ ދާއިރާގައި ޕްރޮފެޝަނަލްކޮށް ކުރަން ޖެހޭ ކަމެއް ކުރުމުގެ ނިޔަތުގައި އަޅުގަނޑު ދިޔައީ،" ރާއީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެ މީހުން ވެސް ދަންނަ މީހަކު އެ ތަނަށް ގޮސް ރާއީއާ ވާހަކަދައްކަން ފެށުމުން އޭނާ ހުއްޓުވަން ހަސަން ވަނީ އެއީ ރަސްމީ ބައްދަލުވުމެއް ކަމަށާއި ތިމަންނައަކީ ރައީސް އޮފީހުގެ މިވެނި މީހެއް ކަމާއި ރާއީއަކީ އެޑިޝަންގެ އެޑިޓަރު ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން، ރާއީ ވިދާޅުވި ގޮތުގައި، ކެފޭއެއްގައި ބައްދަލުކުރިޔަސް އެއީ ރަސްމީ ބައްދަލުވުމެއްކަން އޭނާ އަށް ސާފުކޮށް އެނގިވަޑައިގަންނަވާ ފަދައިން ހަސަން އަށް ވެސް އެކަން ސާފުކަން އޭނާގެ އެ ވާހަކަ އިން އެނގެ އެވެ.

"މި ހުރިހާ ޕްރިވިލެޖަކާ އެކީގައި އަޅުގަނޑަށް އިންސާފު ނުލިބެންޏާ މި ދިވެހިރާއްޖޭގައި އެހެން އެއްވެސް އަންހެނަކަށް އިންސާފު ލިބޭނީ ކިހިނެއް؟"

ރާއީ ވިދާޅުވި ގޮތުގައި ބައްދަލުވުން ފެށުނުތާ ގިނަ އިރުތަކެއް ނުވެ ހަސަން ވިދާޅުވީ ރާއީއާ އެކު ވަގުތު ހޭދަކުރައްވަން ބޭނުންވާ ކަމަށެވެ. އަދި ރާއީ އަށް އޭނާއާ އެކު "ވަރަށް މަޖާކުރެވޭނެ" ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެ އޭނާއާ އެކު ރިސޯޓުތަކަށް ދާން ހަސަން އެދެން ފެއްޓެވި އެވެ. ފުރަތަމަ އެދިވަޑައިގަތީ، ރާއީ ވިދާޅުވި ގޮތުގައި، "ޕާޓީ ކްރައުޑެއްގައި" ހިމެނިގެން ރިސޯޓަށް ދިޔުމަށެވެ. އެއަށް ފަހު، ރައްޓެއްސަކު ގާތު ވެސް ނުބުނެ، ރާއީ އެކަނި ރިސޯޓަށް ދާން އެދިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.

ރާއީ ވިދާޅުވީ މަޖާކުރަން ރިސޯޓަށް ދާނެ ވަގުތެއް ނެތް ކަމަށް ވިދާޅުވެ، އޭނާ ވާނީ "ރީތި ގޮތުގައި" އެ ވާހަކަ އޮއްބާލަން މަސައްކަތްކުރައްވާފައި ކަމަށެވެ. އަދި އެ ވާހަކަތައް ހުއްޓުވުމުގެ ގޮތުން ހަސަންގެ އާއިލާ މަތިން ހަނދާންކުރުވައިގެން މައުލޫއު ބަދަލުކޮށްލައްވަން ވެސް އުޅުއްވި ކަމަށް ރާއީ ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި އަނެއްކާވެސް ހަސަން އެނބުރި ވަޑައިގަތީ ހަމަ އެ ވާހަކަ އަށެވެ.

ރާއީ ވިދާޅުވި ގޮތުގައި ރާއީގެ ބައްޕަ އެމްބެސެޑަރެއްގެ މާގަމަށް ހަމަޖައްސަން މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވެ، ޑރ. މުނައްވަރު ޝައުގުވެރިވެވަޑައިގަންނަވާނީ ކޮން ގައުމަކަށް ވަޑައިގަންނަވަންތޯ އޮޅުންފިލުއްވަން ވެސް ހަސަން އުޅުއްވި އެވެ.

"ތިމަންނަ އަށް، ރާއީއަކީ ވަރަށް ފުންނާބުއުސް މީހަކަށް ހަދާލެވިދާނެ،" ކަމަށް ވެސް ހަސަން ވިދާޅުވި ކަމަށް ރާއީ ވިދާޅުވި އެވެ.

ރާއީ ވިދާޅުވި ގޮތުގައި ހަސަން ބައްދަލުވުން ނިންމާލެއްވީ ވެސް "ދަތުރު ކަންތައްތަކުގައި ޚަބަރު ވައްޗޭ ކިޔައިފަ" އެވެ.

ބައްދަލުވުން ނިމުމާ އެކު އޮފީހަށް ވެންނެވި ގޮތަށް ރާއީ ވަނީ ކަން ހިނގި ގޮތް އޮފީހުގެ އިސް ދެ ބޭފުޅަކަށް ކިޔައިދެއްވައިފަ އެވެ.

ރާއީ ވިދާޅުވީ ހަސަން އެ ގޮތަށް ވާހަކަދައްކަވަން ފެއްޓެވުމާ އެކު "މޫނު މައްޗަށް އެއްޗެއް ޖަހާލެވުނު ނަމައޭ މިހާރު ހިތަށް" އެރިޔަސް ރައީސް އޮފީހުގެ އެފަދަ މަގާމެއްގައި ހުރި މީހަކަށް ހަރުކަށިކަން ދެއްކުމުގެ ހިތްވަރެއް އޭރު ލިބިވަޑައިނުގެންނެވި ކަމަށެވެ.

"ހަގީގަތަކީ ހަމަ ބޭނުންހާ އެއްޗެއް ނުބުނެވޭނެ. މޫނު މައްޗަށް ސައި ތައްޓާ އެއްޗެހި ޖަހާފައި ނުއެއް ނުކުމެވޭނެ،" ރާއީ ވިދާޅުވި އެވެ.

"އެހެންވީމަ ހަމަ ހަދާނެ ގޮތް ހުސްވެފައި ހުރީ. މިހާ ބައިވަރު މަސައްކަތްކޮށްގެން މިހާ ހިސާބަށް އައިސް އަޅުގަނޑުގެ ނޫހުގެ ވާހަކަ ދައްކަން ހުއްޓާ މީހަކު އޭގެ ތެރެއަށް ފުންމާލާފައި އަޅުގަނޑު ގޮވައިގެން ރިސޯޓަށް ދާ ވާހަކަ ދައްކަން ފެށީމަ ލިބުނީ ވަރަށް ބޮޑު ޝޮކެއް."

މީހަކު "ދި އެޑިޝަން" ބަލައިލަނީ.--ފައިލް ފޮޓޯ: ނިޝާން އަލީ /މިހާރު

ރައީސް އޮފީހުން ރާއީއާ ވާހަކަދެއްކީ ހަތް މަސް ފަހުން

ރާއީ ވިދާޅުވި ގޮތުގައި ބައްދަލުވުން ނިމުނުތާ 48 ގަޑި އިރު ތެރޭ ޑރ. މުނައްވަރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް އެ މައްސަލަ ގެންނެވި އެވެ. އަދި އޮފީހުގެ ފަރާތުން ވެސް އެ ވާހަކަ ރައީސަށް ދެންނެވި ކަމަށް ރާއީ ވިދާޅުވި އެވެ.

ރާއީ ބޭނުންވަނީ ކޮން ކަމެއްތޯ އާއިލާ އިންނާއި އޮފީހުން ސުވާލުކުރުމުން އޭނާ ވިދާޅުވީ އެކަން ހިނގިކަން ގަބޫލުކޮށް މައާފަށް އެދުމަށާއި ދެން އެފަދަ ކަމެއް ތަކުރާރު ނުވާނެކަން ޔަގީންކުރަން ބޭނުންވި ކަމަށެވެ. އެފަދަ ހުށަހެޅުންތަކެއް ހުށަހެޅި މީހަކު އެކަހަލަ ޒިންމާދާރު މަގާމެއްގައި ހުރެގެންވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"ނޫސްވެރިންނަކީ ޚަބަރަށް ވާން ބޭނުންވާ ބައެއް ނޫން، ޚަބަރު ލިޔަން ބޭނުންވާ ބައެއް. އެހެންވީމާ އަޅުގަނޑު ބޭނުމެއް ނުވި އެންމެންނަށް މިކަން އެނގޭކަށް. އެކަމަކު އަޅުގަނޑު ބުނިން އަޅުގަނޑު ބޭނުމޭ މީނަ އަށް ފިޔަވަޅެއް އެޅެން،" ރާއީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަސަންގެ އެފަދަ ހުށަހެޅުންތައް ގަބޫލުކޮށްގެން ނޫނީ އެހެން މީހަކަށް ވެސް ކުރިއަށް ދެވެން ނޯންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"އެ ހާލަތަކީ އެއްވެސް ނޫސްވެރިއަކަށް އަދި އެއްވެސް އަންހެނަކަށް ކުރިމަތިވެގެންވާނެ ހާލަތެއް ނޫން،" ރާއީ ވިދާޅުވި އެވެ. "އެ ގޮތަށް މީހެއްގެ އެޑްވާންޓޭޖު ނެގިދާނެ ފަދަ މަގާމެއްގައި އޭނާ ހުރެގެންވާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ."

ރާއީ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޭނާއާ ބައްދަލުކުރައްވަން އެދިވަޑައިގަތުމުން ބައްދަލުކުރައްވައި އެ ވާހަކަ ކިޔައިދެއްވާފައިވާނެ އެވެ. ނަޝީދު ފަހުން ގުޅުއްވާފައި ވެސް އެ މައްސަލައިގެ ވާހަކަ އެއްސެވި ކަމަށް ރާއީ ވިދާޅުވި އެވެ. އެހެންކަމުން މި ކަމުގެ މައުލޫމާތު "ވަރަށް ދުރަށް ގޮސްފައި ހުރިކަން" އެނގޭ ކަމަށާއި އެކަމަކު އެތައް މަހެއް ވީ އިރު ވެސް ސީދާ އޭނާ އަށް ރައީސް އޮފީހުގެ ޚަބަރެއް ނުވާ ކަމަށް ވިދާޅުވި އެވެ.

ކަން ހިނގިތާ ހަތް މަސް ފަހުން ރައީސް އޮފީހުގެ އިސް އަންހެން ބޭފުޅަކު ނުރަސްމީކޮށް ރާއީ އަށް ގުޅުއްވައި މައުލޫމާތު ސާފުކުރެއްވި އެވެ. އެކަމަކު އޭގެ ފަހުން ގިނަ ދުވަސްތަކެއް ވީ އިރު ވެސް ޚަބަރެއް ނުވާތީ އޭނާ އަށް މެސެޖުކޮށް ޝަކުވާކުރިތާ ދެ ހަފްތާއެއްހާ ދުވަސް ފަހުން ޗީފް އޮފް ސްޓާފް އަލީ ޒާހިރު ގުޅުއްވި ކަމަށް ރާއީ ވިދާޅުވި އެވެ.

އަލީ ޒާހިރު މި އަހަރުގެ ޖެނުއަރީ މަހު ރައީސް އޮފީހުގައި ރާއީއާ ބައްދަލުކުރެއްވި އެވެ. އެކަމަކު ރާއީ ވިދާޅުވީ އޭނާ ގެންދިޔައީ ޖިންސީ ގޯނާ އާއި ފުރައްސާރަކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އޮފީސްތަކުގައި ހުންނަން ޖެހޭ ފަދަ ކޮމިޓީއަކަށް ނޫން ކަމަށާއި އިތުރު މީހަކު ނެތި ހަމައެކަނި ޒާހިރު އެ ބައްދަލުވުން ކުރިއަށް ގެންދެވުމުން ވަރަށް ބޮޑަށް އުނދަގޫވި ކަމަށެވެ.

"އުސޫލެއްގެ ގޮތުން ބަލާ އިރު ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ވާހަކަދައްކާ އިރު އަންހެނަކު ވަކި ކޮޓަރިއެއްގައި އެކަހެރިކޮށްފައި ފިރިހެނަކު އެކަނި ހުރެގެނެއް ނޫން ސުވާލުކުރަންވާނީ. އަންހެނަކު އެތާ ހުރުން ލާޒިމްވާން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ޒާހިރު އޭނާއާ ސުވާލުކުރައްވައި ވާހަކަދެއްކެވި ގޮތާ މެދު ވެސް ރާއީ ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ.

ރާއީ ވިދާޅުވީ ބޭނުންވަނީ ކޮން ކަމެއްތޯ ޒާހިރު ސުވާލުކުރެއްވުމުން، ހަސަން ފަދަ މީހަކު ނުފޫޒު ގަދަ މަގާމެއްގައި ހުރެގެން އެހެން އަންހެނެއް ނުވަތަ އެއްވެސް މީހެއްގެ ނާޖާއިޒު ފައިދާ ނަގަން ފުރުސަތު ނުލިބޭނެ ފަދަ ފިޔަވަޅުތަކެއް އަޅަން އެދިވަޑައިގެންނެވި ކަމަށެވެ.

ރައީސް އޮފީހުން މައުލޫމާތު ލީކުކޮށްލިކަމުގެ ތުހުމަތު

އަލީ ޒާހިރާ ބައްދަލުކުރެއްވި ފަހުން ހަމަ އެ ދުވަހު ވެބްސައިޓެއްގައި، ރާއީގެ ނަން ވެސް ޖަހައި، މި މައްސަލަ އާއްމުކުރި އެވެ.

ރާއީ ވިދާޅުވި ގޮތުގައި ލަންކާގެ އެޕާޓްމެންޓެއްގައި އޭނާއާ އެކު ވަގުތު ހޭދަކުރަން ހަސަން އެދުނު ކަމަށް ޒާހިރަށް ދެންނެވި އިރު، އޭނާގެ ވަކީލު ފިޔަވައި އެހެން ފަރާތަކާ އެ ތަފްސީލް ހިއްސާކުރައްވާފައެއް ނުވާނެ އެވެ. އެކަމަކު ވެބްސައިޓުގައި އޮތް ލިޔުމުގައި އެ މައުލޫމާތު ހިމަނާފައި އޮތުމުން ރާއީ ތުހުމަތުކުރައްވަނީ ރައީސް އޮފީސް ތެރެއިން އެ ވެބްސައިޓަށް މައުލޫމާތު ލީކުކުރީ ކަމަށެވެ.

ރައީސް އޮފީހުން ވަނީ އެ ކަމަށް އިންކާރުކޮށްފަ އެވެ.

"ރާއިއާ މި އޮފީހާ ހިއްސާކުރައްވާފައިވާ މައުލޫމާތުތައް މި އޮފީހުން އެއްވެސް ފަރާތަކަށް ދީފައި ނުވާކަން މި އޮފީހުން ބެލިބެލުމުން އެނގިފައިވެ އެވެ،" ސޮއިކުރި މީހެއްގެ ނަން ނުޖަހައި ރައީސް އޮފީހުން ރާއީ އަށް ފޮނުވި ސިޓީގައިވެ އެވެ.

ރާއީ ވިދާޅުވީ މި މައްސަލަ އާއްމުވާން ނޭދޭ އިރު، އެހާތަނަށް އޭނާ ނަން ވެސް އަޑުއަހާފައި ނެތް ވެބްސައިޓެއްގައި، ހުއްދަ ނުހޯދައި އޭނާގެ ނަން ހާމަކޮށް ޚަބަރު ޖެހުމަކީ އޭނާ އަށް ލިބިގެންވާ ޒާތީ ދިރިއުޅުމުގެ ހައްގު ނިގުޅައިގަތުން ކަމަށެވެ.

އެޅި ފިޔަވަޅެއް ނޭނގޭ

މައްސަލަ ބަލައިދޭން އެދި މި އަހަރުގެ ޖެނުއަރީ 21 ގައި ސިޓީއެއް ފޮނުއްވުމުން ފަސް ދުވަސް ފަހުން ރާއީ އަށް ފޮނުވި ފަސް ފޮޅުވަތުގެ ޖަވާބުގައި އޮތީ އޭނާ ހުށަހެޅުއްވި "މައްސަލައިގައި މި އޮފީހުން އަޅަން ޖެހޭ ފިޔަވަޅު މިހާރު ވާނީ އަޅާފަ" ކަމަށެވެ. ތަފްސީލެއް ނެތެވެ. އެހެންވެ ރާއީ ވަނީ ހަސަންއާ މެދު ފިޔަވަޅު އެޅުމުގައި އަމަލުކޮށްފައިވާ އިޖުރާއަތާއި އަޅާފައިވާ ފިޔަވަޅާއި އެ ބާވަތުގެ ކަމެއް ތަކުރާރުވިޔަ ނުދޭން އެޅި ފިޔަވަޅުތަކަކީ ކޮބައިކަން ސާފުކޮށްދޭން އެދި ރައީސަށް އަނެއްކާވެސް ސިޓީއެއް ފޮނުއްވައިފަ އެވެ.

"މަނިކުފާނު ސީދާ ފަތްކޮޅު ދެއްވައިގެން އައްޔަންކޮށްފައިވާ ވަޒީރެއްގެ ފެންވަރުގައި ހުރި މީހަކު މި ބާވަތުގެ އިންސާނީ ކަރާމާތުގެ ހުރުމަތާއި ހައްގު ނިގުޅައިގަތުމުގެ ދަށު ދަރަޖައިގެ އަމަލެއް ހިންގާފައިވާ އިރު، އެކަށީގެންވާ ޒިންމާދާރު ޖަވާބެއް ދީފައި ނުވުމުގެ އިތުރުން މަނިކުފާނުގެ ފަރާތްޕުޅުން ތަސައްލީގެ ބަސްފުޅެއް ވެސް ސިޓީގައި ލިޔުއްވާފައި ނެތަތީ އެކަން ފާހަގަކޮށް ހިތާމަކުރަމެވެ،" ރާއީގެ ސިޓީގައި އިތުރަށް ވިދާޅުވެފައިވެ އެވެ.

ރާއީ ވިދާޅުވީ ޖެނުއަރީ 29ގައި ފޮނުއްވި އެ ސިޓީ އަށް އަދިވެސް ޖަވާބެއް ނުލިބޭ ކަމަށެވެ.

ހަމަ އެ ދުވަހު ރާއީ ވަނީ، ހަސަން މަގާމުގެ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ އާއި ރިޝްވަތު ދޭން ހުށަހެޅި ކަމުގެ ތުހުމަތު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވެސް ސިޓީއަކުން ރިޕޯޓްކޮށްފަ އެވެ. އޭސީސީގައި މައްސަލަ ރަޖިސްޓްރީކުރިކަން ފެބްރުއަރީ 13ގައި އެންގުން ފިޔަވައި އެ ކޮމިޝަނުގެ ޚަބަރެއް ވެސް އަދި ނުވާ ކަމަށް ރާއީ ވިދާޅުވި އެވެ.

މައްސަލަ ބަލައިދޭން އެދި މި އަހަރުގެ ފެބްރުއަރީ 4ގައި ޕޮލިހަށާއި ހޯމް މިނިސްޓްރީ އަށް ހުށަހެޅުމުން ފުލުހުން ރާއީގެ ބަޔާން ނެގި އެވެ.

ދޮޅު އަހަރު ފަހުން ރާއީ ޕަބްލިކަށް

ރާއީ ވިދާޅުވި ގޮތުގައި ނޫސްވެރިއެއްގެ ހައިސިއްޔަތުން ރައީސް އޮފީހުގެ ކަމެއްގައި ބައިވެރިވާން ބޭނުންވިޔަސް އޭނާ އަށް މިހާރު އެކަން ކުރެއްވޭކަށް ނެތެވެ. ކޮވިޑް-19ގެ ކުރީކޮޅު ބޭއްވި އެންއީއޯސީގެ ނިއުސް ކޮންފަރެންސަކަށް އެޑިޝަންގެ އެހެން ނޫސްވެރިޔަކާ އެކު ދިޔަ ދުވަހެއްގައި ހަސަން ހުންނެވުން އޭނާ އަށް ވީ ހިތި ތަޖުރިބާއަކަށެވެ.

"އެތާ ހުންނަން ހަމަ ކެތް ނުވެގެން ނުކުތީ. އެތާ އޭނާގެ ކުރިމަތީގައި، އޭނާގެ ބާރު ހިންގަމުން ދިޔަ ތަނެއްގައި ހުއްޓި ހުންނަންވީމަ ވަރަށް ހިއުމިލިއޭޓިން ކަމަކަށް ވީ. އަޅުގަނޑުގެ މޫނު މަތީގައި އެއްޗަކުން ޖެހުން ކަހަލަ ކަމަކަށްވީ،" ރާއީ ވިދާޅުވި އެވެ.

"ދި އެޑިޝަން" ލޯންޗުކުރުމަށް 2018ގައި ބޭއްވި ރަސްމިއްޔާތުގައި ރާއީ (މ) ބައިވެރިވެވަޑައިގަންނަވަނީ.-- ފައިލް ފޮޓޯ: ނިޝާން އަލީ /މިހާރު

ކަން ހިނގިތާ ދޮޅު އަހަރެއްހާ ދުވަސް ފަހުން މިދިޔަ ބުދަދުވަހު ރާއީ ވަނީ ހަސަން އަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރައްވާކަން ފުރަތަމަ ފަހަރަށް އާއްމުކުރައްވައިފަ އެވެ. އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން ވަކިކުރި ވަގުތު ރާއީ ކުރެއްވި ޓްވީޓާ އެކު މި މައްސަލައިގައި ސަރުކާރަށް އާއްމުންގެ ފާޑުކިޔުން ބޮޑުވި އެވެ.

އެ ޓްވީޓަށް ޖަވާބުދެއްވަމުން ޕޮލިސް ކޮމިޝަނަރު ހަމީދު ވަނީ ތަހުގީގު އަވަސްކުރަން ފުލުހުންނަށް އަންގަވާފައިވާނެ ކަމަށް ވިދާޅުވެފަ އެވެ. ރޭ ހަސަން ޕޮލިހަށް ހާޒިރުކޮށް ސުވާލުކުރި އެވެ. އެކަމަކު އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ނުބުންޏެވެ.

ރާއީގެ ޓްވީޓާއި ހަމީދުގެ ޖަވާބު

ރާއީ ވިދާޅުވީ އޭނާ ޓްވީޓްކުރެއްވީތީ މި މައްސަލަ އަށް ފުލުހުން ވަކިން ބޮޑު ހާއްސަކަމެއް ދީ، އިންސާފު ނުލިބި ތިބި އެހެން މީހުންނަށް ނުދޭ އިސްކަމެއް އޭނާ އަށް ދޭން އެދިވަޑައިނުގަންނަވާ ކަމަށެވެ.

"ޓްވީޓްކުރަން ޖެހުނީ އިންސާފު ލިބުން މިހާ ބޮޑަށް ލަސްވެގެން ދިޔައިމަ. އެކަން ނުވީ ކޮވިޑްގެ ސަބަބަކުން ނޫން، އެފަދަ އެހެން ކަމަކާ ހެދިއެއް ވެސް ނޫން. މި ކަމާ ދޭތެރޭ ފިޔަވަޅު އަޅަން އެއް އަހަރަށް ވުރެ ގިނަ ދުވަސް [ރައީސަށް] އޮތީ ލިބިފައި،" އޭނާ ވިދާޅުވި އެވެ.

ރާއީ ވިދާޅުވީ ނޫސްވެރިއަކަށް ވުމާއި ނޫހެއްގެ އެޑިޓަރަކަށް ވުމާއި ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއެއްގެ ޔަގީންކަން އޮތުމާއި އާއިލާގައި ގިނަ އަދަދެއްގެ ވަކީލުން ތިބުމުން އޭނާއަކީ އެހެން ބައިވަރު މީހުންނަށް ވުރެ ނަސީބުގަދަ އަދި މިފަދަ ކަމެއްގައި އިންސާފު ހޯދަން ވަސީލަތްތައް ހުރި މީހެއް ކަމަށެވެ. އެހެންވީމާ އެހެން މީހުން އުޅެން ޖެހޭނީ ކޮން ހާލެއްގައިތޯ ސުވާލުކުރެއްވި އެވެ.

"މި ހުރިހާ ޕްރިވިލެޖަކާ އެކީގައި އަޅުގަނޑަށް އިންސާފު ނުލިބެންޏާ މި ދިވެހިރާއްޖޭގައި އެހެން އެއްވެސް އަންހެނަކަށް އިންސާފު ލިބޭނީ ކިހިނެއް؟" އޭނާ ވިދާޅުވި އެވެ.

ރާއީ ވިދާޅުވީ އިންސާފު ލިބުން ލަސްވެ، އިންސާފު ހޯދަން އެތައް މަސައްކަތެއް ކުރަން ޖެހި، ދިމާވި އުނދަގޫ ކަންތައްތަކުގެ ވާހަކަ ތަކުރާރުކޮށް ކިޔައިދޭން ޖެހުމަކީ ވެސް ބޮޑު ބޭއިންސާފެއް ކަމަށެވެ.

"މި ވާހަކަ ރޮމުން ރޮމުން ކިޔައިދީފިން އޮފީހަށް. މި ވާހަކަ ރޮމުން ރޮމުން ކިޔައިދީފިން ރައީސް ނަޝީދަށް. މި ވާހަކަ ރޮމުން ރޮމުން ކިޔައިދީފިން މައިންބަފައިންނަށް. މި ވާހަކަ ރޮމުން ރޮމުން ކިޔައިދީފިން ގާތް ރައްޓެހިންނަށް. މި ވާހަކަ ރޮމުން ރޮމުން ކިޔައިދީފިން ފުލުހުންނަށް. މި ވާހަކަ ރޮމުން ރޮމުން ކިޔައިދީފިން ވަކީލަށް. މި ވާހަކަ ރޮމުން ރޮމުން ކިޔައިދީފިން އޭސީސީ އަށް. މި ވާހަކަ ދެން ރޮމުން ރޮމުން މުޅި ގައުމަށް ކިޔައިދޭން ޖެހިފައި މިހިރީ،" ރާއީ ވިދާޅުވި އެވެ.

56 ކޮމެންޓް, 233 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 33%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފިފުޓީ ސިކުސް

14 July 2020

އަބަދުވެސް އެންޑީޕީގެ ސަރުކާރެއްގައި މިފަދަ މުޑުދާރު މީހުން ރައީސްއޮފީހުގައި އުޅެނީ

The name is already taken The name is available. Register?

އަހުމަދު ސަލީލް ހާބީ

14 July 2020

ގަތުން މައްސަލައެއް، ވިއްކުން ވެސް މައްސަލައެއް

The name is already taken The name is available. Register?

އަބްދުއްالله

13 July 2020

ކިޔަން ފެށި އިރު ހީވި ވަރަށް ސީރިއްސް ވާހަކައެކޭ. އޭނަގެ ފަރާތަށް ބުރަވެސް ވެވުނު. އެކަމަކު ނިމުނު އިރު، އޭނަގެ ނަސީބާއި، މުސާރައިގެ ޔަގީން ކަމުގެ ވާހަކައިން ފެށިގެން ގޮސް، ގޭތެރޭގައި ތިބި ލޯޔަރުންގެ ބައިބޯ ކަމުގެ ވާހަކަ އާއި، އަދި ޕްރިވިލްޖް ތައް ކިޔައަދީ، ރޮމުން ރޮމުން ދިޔަގޮތުން މިހާރު ހީވަނީ ހަމަ އެވްރެޖް ޑްރާމާ ކުއީނެއް ހެނެ. ހޫނ...... ބައި ކަޅެއް ޖަހާލަން މިދަނީ.

The name is already taken The name is available. Register?

ޙަސަން އަޙްމަދު

13 July 2020

އަޖައިބެއް. ކަލެއަށް ގެޓެއް ނުވިދޯ އެވާހަކައިގެ ޕޮއިންޓެއް؟ މިހާ ގަމާރު މީހުން އިންތިހާއަށް ގިނަކަވީމާ ލިބޭ މާޔޫސްކަން ބޮޑު ރިޕޯޓުގައި ހުރި ވާހަކަތަކަށް ވުރެ

The name is already taken The name is available. Register?

އަބްދުއްالله

14 July 2020

ބަލަ ހަސަން އަހުމަދާ، ގިސްލަ ގިސްލާފަ ރޯ މީހުން އުޅެންޏާ ކޯންޗެއްތަ ޓެގު ވާނީ؟ މިހާރުކަލޭމެންގެ ވެރިޔަކަށް އެހެރަ ހިންނަވަރުމީހާ ވެސް އެއީ އަބަދު ބަޑި ފަޅައިގެންގޮސް ރޯ ތުއްތު ކުއްޖެއް ވިއްޔަ. މަސަލަސް ނުވެގެން އަބަދު އުޅެނީ.

The name is already taken The name is available. Register?

އުފާ

13 July 2020

ރާއީ ކަހަލަ ކުދިން އުޅޭތީ އުފާކުރަން. އަބުރުވެރި އެތިކަލް ކުއްޖަކު މިޒަމާނުގައި ވަރަށް ދިމާނުވާނެ. އެފަދަ މީހަކު މަގާމުގައި ހުންނަންނުވާނެ ކަމަށް ރާއީ ކަހަލަ ކުއްޖަކު ދެކުނަސް މިސަރުކާރުން އެކަމާމެދު އެގޮތަށް ނުވިސްނާނެ. ހަސަން ވަޒީފާ އަދާކުރާ ތަނުގަ އޭނާގެ ޝިކާރައަކަށްވި ކުއްޖެއް ހުރިތޯ ބެލުން މުހިއްމު. އެކުދިން އެވާހަކަ ނެގުން މުހިއްމު. ޕްރެޑޭޓަރއެއްފަދަ ބައެއް ކަމަށް އެކަހަލަ މީހުން ސިފަވަނީ.

The name is already taken The name is available. Register?

އަސަރީ ނިހާނު

13 July 2020

އިބޫސޯލިހު ގިސްލަގިސްލާފަ ރޯނެ މިހާރު..އަހަރެން މިހާރު ކަންބޮޑޫވަނީ އެމަނިކުފާނުގެ ހާލާމެދު..

The name is already taken The name is available. Register?

ޙިޔާލު3

13 July 2020

ނިކަމެތިމީހާގެ އިންސާފުވެސް އިންސާފުންނުގެއްދެވިއްޖެ ނަމަ މުސީބާތަކަށް އެކަންވެދާނެކަން ވަލިއްޔުލްއަމުރު ދަންނަންޖެހެއެވެ. އަނިޔާލިބި ފުރާނައަށް ނުރައްކާ ވެދާނެފަދަ ހާލަތެއް މެދުވެރިވެގެން ރައީސްގެ ފައިންޕުޅުދެކެއްއެދި 4 މަސްވީއިރުވެސް އެކަންވެސްނުވިއެވެ. ގައުމުގެ ހާލަތު ބަދަލުވާންޖެހެއެވެ.

The name is already taken The name is available. Register?

ގަމާރު

13 July 2020

ވަރައް ހިއްވަރު ގަދަ ކުއްޖެއް، ތި ފަރުބަދަ ގުޑުވާލުމަކީ ނަދިރު ކަމެއް، ބޯގައްވިލާ މުލި އާއިލާ ތިކަމައް ނުކުންނާނެ. ހިއްވަރު ކުރާތި، ތިހިރީ ބޮޑު ފަރުބަދައަކާ ޖެހިފަ.. އިންސާފް ލަސް ވުމަކީ ވެސް އިންސާފް ނުލިބުން...

The name is already taken The name is available. Register?

ޚިޔާލު

13 July 2020

އައްޑު އަތޮޅު މީދޫ ހަސަންކާރިގެއާއި ހިތަދޫ ސިއްކަގެއަށް ނިސްބަތްވާ ރާއިއާއަށް މި މައްސަލައިގައި އިންސާފު ލިބުން އެދެން. ބައްޕައަކީ ރާއްޖޭގެ ބަންޑާރަނައިބުކަން ކުރެއްވި ގާނޫނީ ވަކީލެއް. ބޮޑުބޭބެއަކީ ރާއްޖޭގެ ބަންޑާރަނައިބުކަން ކުރެއްވި ގާނޫނީ ވަކީލެއް. އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް. ދެބެންގެދަރި ބޭބެއަކީ މަޝްހޫރު ގާނޫނީ ވަކީލެއް. މި ހުރިހާ ޕްރިވިލެޖަކާއި އެކު ދޮޅުއަހަރުވީއިރު ވެސް ރައީސް އޮފީހުން އޮތީ މައްސަލަ އޮއްބާލާފައި.

The name is already taken The name is available. Register?

ޖޭމްސް

13 July 2020

އާމު ނިކަމެތި މީހާއަށް ކަމެއްދިމާވީވަ އަމިއްލަޔަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ހުށައަޅައިން އިންސާފް ފުނިބޭ ކަމުގައި ވާނަމަ އެއީ ވަރަށް ދެރަވަރުކަމެއް. ކަމެއްދިމާވީމަ ދައުލަތުގެ އެންމެހާ ވެރިންނަށް ސިޓީ ފުނުވާ، އެ ސިޓީ އަށް ޖަވާބު ނުލިބި ފަހަތުން ދުވެ، އާދޭސްކޮއްގެން ހޯދަންޖޭހޭ އެއްޗެއްނޫން އިންސާފަކީ. ގައުމެއްގެ ހައިސިއްޔަތުން ގާނޫނޫހިނގާ އެންމެންގެމައްޗަށް ހަމަހަމަކަމާއެކީ އިންސާފާއި ރައްކާތެރިކަން ނުލިބޭނަމަ ކޮބާ ދައުލަތެއްގެ ބޭނުމަކީ؟

The name is already taken The name is available. Register?

ސްމައިލީ

13 July 2020

ޙަންދާވޭތަ ކުރީގެ ޖޭޕީ މަޖުލިސް މެންބަރު އާދިލް ރޭޕްކޭހުން ސަލާމަތް ވިގޮތް. މީ ސަގާފަތެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454