ދުނިޔެ

މޫސަލް ހިފުމުގެ ހަނގުރާމަ އަށް ތުރުކީ ވަންނަން ބޭނުންވަނީ ކީއްވެ؟

ތުރުކީގެ ރައީސް އުރުދުޣާން ވާހަކަ ދައްކަވަނީ: މޫސަލް ހިފުމުގެ ހަނގުރާމައިގައި ތުރުކީގެ ދައުރެއް ބާއްވާން ބޭނުންވޭ. --ފޮޓޯ:އޭއެފްޕީ

23 އޮކްޓޯބަރ 2016 - 14:10

އަންކާރާ (އޮކްޓޯބަރު 23) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތް ދަށުން މޫސަލް ސިޓީ ހިފަން ފަށާފައިވާ ހަނގުރާމައިގައި ބައިވެރިނުވެ، އިރާގުގައި ތިބި ތުރުކީ ސިފައިންނަށް މަޑުން ތިބެވެން ނެތް ކަމަށް ތުރުކީން ދަނީ ބުނަމުންނެވެ.

ބޮޑު ވަޒީރު ޔިލްދިރިމް ވިދާޅުވީ މޫސަލް ހިފުމުގެ ހަނގުރާމައިގައި ޝިއާއީންނާއި ކުރުދީ ހަނގުރާމަވެރިން ބައިވެރިވުމުގެ ފުރުސަތު އިރާގާއި އެމެރިކާ އިން ދީފައިވާ ކަމަށެވެ. އެކަމަކު ތުރުކީ އަށް އެ ފުރުސަތެއް ނެތެވެ. ތުރުކީން ކަންބޮޑުވާ އެއް ސަބަބަކީ ސުންނީންގެ އަޣުލަބިއްޔަތު އޮންނަ މޫސަލް ހިފުމުގެ ހަނގުރާމަ އަށް ޝިއައީންނަށް ބަރޯސާވެއްޖެ ނަމަ ބޮޑު ލޭއޮހޮރުވުމެއް ހިނގައިފާނެތީ އެވެ.

އިރާގުގެ ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ އިއްޔެ ވަނީ އެމެރިކާގެ ދިފާއީ ވަޒީރު އޭޝް ކާޓާއާ ބައްދަލު ކުރައްވާ މޫސަލްގެ ހަނގުރާމައިގައި ތުރުކީ ސިފައިންގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އޭޝް ކާޓާ ކުއްލި ގޮތަކަށް ވަނީ ބަޣުދާދަށް ވަޑައިގެން މޫސަލް ހިފުމުގެ ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

މޫސަލް ހިފުމުގެ ހަނގުރާމައިގައި ބައިވެރިވާ ޝިއައީ ހަނގުރާމަވެރިންގެ ބަޔަކު އެ ސިޓީގެ ދެކުނުގައި މަޑުކޮށްލައިގެން. --ފޮޓޯ:އޭއެފްޕީ

"ހަނގުރާމައިގައި ތުރުކީ ބައިވެރިވާން ބޭނުންވާކަން އެނގޭ. އެކަމަކު އެ މީހުންނަށް ބުނެލަން އޮތީ ޝުކުރިއްޔާއޭ. މިއީ އިރާގަށް ވެސް ކުރެވޭވަރުގެ ކަމެއް،" ކާޓާއާ އެކު ބަޣުދާދުގައި ބައްދަލު ކުރެއްވުމަށް ފަހު އަބާދީ އިއްޔެ ވިދާޅުވި އެވެ.

ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވީ ތުރުކީ ސިފައިންގެ އެހީތެރިކަން ނުލިބި މޫސަލް އިން އައިއެސް ފައްސާލުމަކީ އިރާގަށް އެކަނި ކުޅަދާނަ ކަމެއް ނޫން ކަމަށެވެ. އަދި މޫސަލް މިނިވަން ކުރަންދެން ތުރުކީ ސިފައިން އިރާގުގައި ތިބޭނެ ކަމަށް އުރުދުޣާން ވަނީ ވިދާޅުވެފަ އެވެ.

ތުރުކީ ސިފައިން އިރާގުގައި ތިބެން ބަޣުދާދުން ދެކޮޅު ހަދަ އެވެ. އިރާގުން ބުނަނީ އެއީ އެ ގައުމަށް ތުރުކީން އަރައިގަތުން ކަމަށެވެ. ބަޣުދާދުގެ ހުއްދަ ނެތި ތުރުކީ ސިފައިން މިދިޔަ ޑިސެމްބަރު މަހު ވަނީ ގިނަ އަދަދެއްގެ ޓޭންކާ އެކު މޫސަލްއާ ކައިރި ހިސާބުތަކަށް ފޮނުވައިފަ އެވެ.

މޫސަލްގެ ދެކުނުން އިރާގު ސިފައިން ބަރު ހަތިޔާރުން ހަމަލާ ދެނީ. --ފޮޓޯ:އޭއެފްޕީ

ވެރިރަށުގެ ގޮތުގައި މޫސަލް ހިމެނޭ ނިނެވާހު ޕްރޮވިންސް އޮންނަނީ އިރާގާއި ސީރިއާ ގުޅޭ ސަރަހައްދުގަ އެވެ. މިއީ ކުރުދިސްތާން އާބާދީ ބޮޑު ހިސާބެކެވެ. މޫސަލް އިން އައިއެސް ބާލައިފި ނަމަ ވާނެގޮތަކާ މެދު ސުންނީ އަރަބިން ކަންބޮޑުވެ އެވެ. ކުރުދިޝް ޕެޝްމާގާ ޔުނިޓްތަކާއި ޝިއައީ ހަނގުރާމަވެރިން ސުންނީނަން އިހާނެތިކޮށް ކަންތައް ކުރާނެތީ ތުރުކީން ކަންބޮޑުވެ އެވެ. އެހެންވެ މޫސަލްގެ ހަނގުރާމަ ނިމި އައިއެސް ބޭރުކޮށްލާ އިރު ޝިއާއީންގެ ބާރުގެ ދަށަށް އެ ސިޓީ ދާކަށް ތުރުކީން ބޭނުމެއް ނުވެ އެވެ. މޫސަލް މިނިވަންވާއިރު އެ ގައުމުގެ ދައުރެއް އެ ސިޓީގައި އޮންނަން ބޭނުންވަނީ އެހެންވެ އެވެ. އަނެއްކޮޅުން މޫސަލް އަކީ ޓާކިޝް އެމްޕަޔާގެ ވެރިކަން 400 އަހަރު ވަންދެން އޮތް ސިޓީއެކެވެ.

ސުންނީންނާ ދެކޮޅަށް ކުރުދީ އަދި ޝިއައީ ހަނގުރާމަވެރިން ޖަރީމާތައް ހިންގާފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ކުރިން ވެސް ދިޔައީ ބުނަމުންނެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އިން މި އަހަރު ކުރީކޮޅު ވަނީ އިރާގުގެ އުތުރުގެ ސުންނީންގެ ގެތަކެއް ކުރުދީންގެ ޕެޝްމާގާ ހަނގުރާމަވެރިން އަންދާލާފައިވާ ކަމަށް ބުނެފަ އެވެ. ހިއުމަން ރައިޓްސް ވޮޗުން ބުނި ގޮތުގައި ނިނެވާހު ޕްރޮވިންސަށް ސުންނީ އަރަބިން ވަނުމަށް ކުރުދީން ވަނީ އެއް ދުވަސްވަރެއްގައި މަނާކޮށްފަ އެވެ.

މޫސަލް ހިފުމުގެ ހަނގުރާމައިގައި އިރާގުގެ ކުރުދީ ހަނގުރާމަވެރިން ހަރަކާތްތެރިވަނީ. --ފޮޓޯ:އޭއެފްޕީ

އިރާގުގެ ތިކްރީތުގައި މިދިޔަ އަހަރު ހިންގި އޮޕަރޭޝަނުގައި ވެސް ޝިއައީން ވަނީ އެ ސިޓީގެ ސުންނީންނަށް ބޮޑެތި ގެއްލުންތައް ދީފަ އެވެ.

އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސޭނުގެ ވެރިކަން 2003 ވަނަ އަހަރު ވައްޓާލުމަށް ފަހު އާ ގާނޫނު އަސާސީގެ ބަހުސްގައި ކުރުދީ ލީޑަރުން ވަނީ މޫސަލް އަކީ ކުރުދިސްތާން ރީޖަނަލް ސަރުކާރުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ވާހަކަ ދައްްކައިފަ އެވެ.

0 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 94%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454