އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު (ވ2) އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު (ކ2) އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ: އެޗްޑީސީ
22 ޖުލައި 2020 - 23:42
ހުޅުމާލޭގައި އެސްޓީއޯ އިން ހަދަން ފެށި ޓޫރިސްޓް ހޮޓާ މަރާމާތުކޮށް އިތުރަށް ތަރައްގީ ކުރާނެ ބަޔަކު ހޯދަން ގުޅިގެން މަސައްކަތް ކުރުމަށް އެސްޓީއޯ އާއި އެޗްޑީސީއާ ދެމެދު އެއްބަސްވެއްޖެ އެވެ.
ހުޅުމާލޭގައި ޓޫރިސްޓުންނަށް ހާއްސަކޮށްގެން ފަސް ތަރީގެ ހޮޓަލެއް އެޅުމަށް އެޗްޑީސީން އެސްޓީއޯ ހަވާލުކޮށްފައި ވަނީ 2007 ވަނަ އަހަރު އެވެ. ނަމަވެސް 2014 ވަނަ އަހަރުން ފެށިގެން އެ ހޮޓަލުގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.
އެސްޓިއޯ އިން މިދިޔަ އަހަރު ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެފައި ވަނީ އެ ހޮޓަލުގެ މަސައްކަތް ހުއްޓުވީ ކުރީގެ ސަރުކާރުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި 2014 ވަނަ އަހަރު ރައީސް އޮފީހުން ވަނީ އެސްޓީއޯ އަށް ހޮޓަލުގެ ވިޔަފާރި ނުކުރެވޭނެކަން އަންގައި ސިޓީއެއް ފޮނުވައިފަ އެވެ. އަދި ހޮޓާ ވިއްކާލުމަށް 2015 އަހަރު ރައީސް އޮފީހުން ސިޓީއަކުން އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެޗްޑީސީން އެ ހޮޓާ އެސްޓީއޯއާ ހަވާލުކޮށްފައި ވަނީ ކުލި ދައްކާގޮތަށެވެ. އެހެންކަމުން މަސައްކަތް ހުއްޓި، ކުންފުންޏަށް މާލީ ގޮތުން ގެއްލުން ވާން ފެށުމުން އެ ހޮޓާ ދެ ފަހަރެއްގެ މަތިން ވިއްކާލަން ވެސް އެސްޓީއޯ އިން ވަނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެ ތާނގައި ހުރި ތަކެއްޗަކީ ޒަމާނަށް ފެތޭ ތަކެއްޗަށް ނުވާތީ އެއްވެސް ޕާޓިއަކުން އެ ތަން ގަންނަން ބޭނުން ނުވާކަމަށް އަމްރު ވިދާޅުވި އެވެ.
ގާތްގަނޑަކަށް 580 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދަން ފެށި އެ ހޮޓަލުގައި 250 ކޮޓަރި ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަސަބު
23 July 2020
ތިއީ ބޮޑު ޖޯކެއް. ސަރުކާރުން ތީގެތެރެއަށް ވަނީމަ ހުރިހާ ކަމެއް ގޯސްވީ.
ދޮންމޫސަ
22 July 2020
މިހާދު، ދި ރިއަލް އެމްޑީ.