ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ޗެލްސީ ބަލިކޮށް ލިވަޕޫލުން ލީގު ތަށި އުފުލާލައިފި

ރޭގެ މެޗަށް ފަހު ލިވަޕޫލްގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

23 ޖުލައި 2020 - 09:21

5 comments

ލަންޑަން (ޖުލައި 23) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 30 އަހަރަށް ފަހު ކަށަވަރުކޮށްފައިވާ ލިވަޕޫލުން ރޭ 5-3 އިން ޗެލްސީ ބަލިކޮށް ލީގުގެ ތަށި އުފުލާލައިފި އެވެ.

ލިވަޕޫލުން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރީ ބާކީ ހަތް މެޗު އޮއްވަ އެވެ. ރޭގެ މެޗުގައި އެ ޓީމަށް ތަށި ދިނީ މިއީ މި ފަހަރު ލީގުގައި އެ ޓީމުން އަމިއްލަ ދަނޑުގައި ކުޅުނު ފަހު މެޗު ކަމަށްވުމުންނެވެ. މިއީ ލިވަޕޫލުން ލީގު ކާމިޔާބުކުރި 19 ވަނަ ފަހަރެވެ. އެންމެ ގިނައިން ލީގު ކާމިޔާބުކުރުމުގެ ރެކޯޑް އޮތީ 20 ފަހަރު ޗެމްޕިއަންކަން ހޯދި މެންޗެސްޓާ ޔުނައިޓެޑް އަތުގަ އެވެ.

ލިވަޕޫލުން ލީގު ތަށި އުފުލާލީ ޗެމްޕިއަންކަން ޔަގީންވިތާ ގާތްގަނޑަކަށް އެއް މަސް ދުވަސް ފަހުންނެވެ. ޗެމްޕިއަންކަން ކަށަވަރުވި ފަހުން ލިވަޕޫލް ކުޅުނު މެޗުތަކުގައި އެ ޓީމަށް ގިނަ ގޯސްތަކެއް ހެދި ޕޮއިންޓްތަކެއް ވަނީ ގެއްލިފަ އެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ޖެހިޖެހިގެން ދެ އަހަރު އެއް ލެވަލެއްގައި ކުޅުން ހިފަަހައްޓައިގެން ކުޅޭއިރު ގޯސް ހެދޭ ފަހަރު ވެސް އަންނާނެ ކަމަށާއި މިއީ ހުރިހާ ގޮތަކުން ބެލިޔަސް ލިވަޕޫލަށް ހައްގު ކާމިޔާބެއް ކަމަށެވެ.

ރޭ ލިބުނު މޮޅާ އެކު ލިވަޕޫލް އެއް ވަނައިގައި އޮތީ 37 މެޗުން 96 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 37 މެޗުން 78 ޕޮއިންޓް ލިބިފައިވާއިރު، ރޭ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑާ 1-1 އިން އެއްވަރުވި މެންޗެސްޓާ ޔުނައިޓެޑް ވަނީ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ތިން ވަނައިގައި އޮތް ޔުނައިޓެޑާއި ހަތަރެއްގައި އޮތް ޗެލްސީ އަށް 37 މެޗުން ލިބިފައިވަނީ 63 ޕޮއިންޓެވެ. ފަސް ވަނައިގައި އޮތް ލެސްޓާ ސިޓީ އަށް 37 މެޗުން ލިބިފައިވަނީ 62 ޕޮއިންޓް އެވެ.

ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އާނޯލްޑް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

އަންނަ އާދިއްތަ ދުވަހު ކުޅޭ ލީގުގެ ފަހު މެޗުތަކުގައި އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވެނީ ގަދަ ހަތަރެއްގެ ފަހު ދެ ޖާގަ އެވެ. އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފުރުސަތު ހޯދަން ޔުނައިޓެޑާއި ޗެލްސީ އަށް ދެން އޮތް މެޗުން ބޭނުންވަނީ އެއް ޕޮއިންޓެވެ. ފަހު މެޗުގައި ޗެލްސީ އަމިއްލަ ދަނޑުގައި ވުލްވްސްއާ ކުޅޭއިރު، ޔުނައިޓެޑް ރަށުންބޭރުގައި ނުކުންނާނީ ލެސްޓާއާ ދެކޮޅަށެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ލީގުގައި ބަލިނުވެ ތިން ވަނަ ސީޒަން ފުރިހަމަކުރިއިރު، ރޭގެ މެޗުގައި އެ ޓީމުން ވަނީ ފުރަތަމަ ތިން ގޯލުގެ ލީޑެއް ނަގައިފަ އެވެ. ނަބީ ކެއިޓާ އޭރިއާ ބޭރުން ޖެހި ގޯލަކުން ލިވަޕޫލުން ލީޑުނެގިއިރު، ދެ ވަނަ ގޯލު ހިލޭ ޖެހުމަކުން ޖެހީ އަލެކްސަންޑަ އާނޯލްޑް އެވެ. އަދި ކޯނަރަކުން އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގައި ޖިނީ ވައިނަލްޑަމް ވަނީ ތިން ވަނަ ލަނޑެއް ޖަހައިދީފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އޮލިވިއޭ ޖިރޫޑް ވަނީ ޗެލްސީ އަށް ލަނޑެއް ޖަހައިދީފަ އެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ނުވަ މިނިޓް ތެރޭ ރޮބާޓޯ ފިރްމީނޯ ލިވަޕޫލަށް ހަތަރު ވަނަ ލަނޑެއް ޖެހުމާ އެކު ޗެލްސީން ވަނީ ކުރިއަށް ކުޅޭ ތިން ކުޅުންތެރިން ބަދަލުކޮށްފަ އެވެ. އެ ގޮތުން ކަލުމް ހަޑްސަން އޮޑޯއި އާއި ކްރިސްޓިއަން ޕުލިސިޗް އަދި ޓެމީ އަބްރަހަމް ކުޅެން އެރުވި އެވެ. އެ ކުޅުންތެރިންގެ ހަލުވި އެޓޭކްތަކާ އެކު ޓެމީ އާއީ ޕުލިސިޗް ވަނީ ދެ ގޯލު ޖަހައި މެޗުގެ އުއްމީދުއާ ކޮށްދީފަ އެވެ. އެކަމަކު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލެކްސް އޮކްސްލޭޑް ޗަމްބަލެއިން ކައުންޓަ އެޓޭކެއްގައި ޖެހި ގޯލާ އެކު ލިވަޕޫލުން މެޗުގެ ތިން ޕޮއިންޓް ކަށަވަރުކުރީ އެވެ.

ލިވަޕޫލުން ތަށި އުފުލާލީ ޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަން އެވެ. އަނިޔާގެ ސަބަބުން އެންމެ ފަހުން ކުޅުނު މެޗުތަކުގައި ހެންޑަސަން ނުކުޅެ އެވެ. ހެންޑަސަންއާ ތަށި ހަވާލުކުރީ ލިވަޕޫލުން އެންމެ ފަހުން 1990 ވަނަ އަހަރު ލީގު ޗެމްޕިއަންކަން ހޯދިއިރު ޓީމުގެ ކޯޗަކަށް ހުރި ކެނީ ޑަލްގިޝް އެވެ. ހެންޑަސަން ލިވަޕޫލަށް ސޮއިކުރީ 2011 ވަނަ އަހަރު ލިވަޕޫލްގެ ކޯޗަކަށް ޑަލްގިޝް ހުރިއިރު އެވެ.

ޔުނައިޓެޑަށް ރޭ ގަދަ ހަތަރެއްގެ ތެރެއަށް ވަދެވުނު ނަމަވެސް ލިބުނީ އެ ޓީމުން ބޭނުންވި ނަތީޖާއެއް ނޫނެވެ. ޕައުލް ޕޮގްބާ އަތުން ޖެއްސި ބޯޅައަކަށް ލިބުނު ޕެނަލްޓީއެއްގައި ފުރަތަމަ ހާފުގެ ފަހުކޮޅު ވެސްޓް ހޭމް އަށް ލީޑުނަގައިދިނީ މިކޭލް އެންޓޯނިއޯ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފަށައި ހަ މިނިޓް ތެރޭ ޒުވާން ތަރި މޭސަން ގްރީންވުޑްގެ ގޯލުން ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރި ނަމަވެސް ފަހުން ފެނުނީ ނިސްބަތުން ބަލާއިރު ވަރަށް އާދައިގެ ކުޅުމެކެވެ. ވަރުބަލިކަމުގެ ސަބަބުން ޔުނައިޓެޑްގެ ކުރިއަށް ކުޅުނު ކުޅުންތެރިންގެ ފަރާތުން މާ ރަނގަޅު އެޓޭކްތަކެއް ވެސް ނުފެނުނެވެ.

ރޭގެ މެޗުގެ ތެރެއިން ޔުނައިޓެޑްގެ ގްރީންވުޑް ދަނޑުމަތީގައި އިށީދެގެން. -- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގައި އުމުރުން 18 އަހަރުގެ ގްރީންވުޑް ޖެހީ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި 17 ވަނަ ގޯލެވެ. މިއާ އެކު ގްރީންވުޑް ވަނީ ޔުނައިޓެޑްގައި ޖޯޖް ބެސްޓް އާއި ބްރަޔަން ކިޑް އަދި ވޭން ރޫނީގެ ރެކޯޑާ ހަމަކޮށްފަ އެވެ. އެއީ 20 އަހަރުން ދަށުގެ ކުޅުންތެރިއެއްގެ ގޮތުގައި އެއް ސީޒަނެއްގައި 17 ގޯލު ހަމަކޮށްގެންނެވެ.

ލީގުގައި 10 ގޯލު ހަމަކޮށް ގްރީންވުޑް ވަނީ ޕްރިމިއާ ލީގުގައި ރޮމެލޫ ލުކާކޫ އާއި ރޫނީ ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ. ވިހި އަހަރުން ދަށުގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރެ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހީ 2012-2013 ވަނަ ސީޒަނުގައި 14 ގޯލު ޖެހި ލުކާކޫ އާއި 2004-2005 ވަނަ ސީޒަނުގައި 11 ގޯލު ޖެހި ރޫނީ އެވެ.

5 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮޕް

23 July 2020

#ޔޫ ވިލް ނެވާ އެވާ ވޯކް އެލޯން.

The name is already taken The name is available. Register?

މޯޑް

23 July 2020

ސަލާ ލިވަރފޫލު ދޫކޮށްލަނީޔޯ. މީ ހާދަ ހިތާމަވެރި ހަބަރެކޭ

The name is already taken The name is available. Register?

ހޯރަބޭ

23 July 2020

މައުމޫނު ނުދެތަ ލިވަރފޫލު ސަފޯޓަރުން ގޮވައިގެން ފިކަފްބުރުޖަހާކަން

The name is already taken The name is available. Register?

ލިވަރމާ

23 July 2020

ބުރޯ ކޮވިޑްމަތިން ހަނދާން ނެތުނީތަ!

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

23 July 2020

ލިވަޕޫލްގެ ހުރިހާ ފޭނުންނަށް މަރުހަބާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454