އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: އިންތިޚާބު ފަސްކުރުމުގެ ބާރު ލިބިގެނެއް ނުވޭ. --ފޮޓޯ:ރޮއިޓާސް
31 ޖުލައި 2020 - 08:42
ވޮޝިންޓަން (ޖުލައި 31) - އެމެރިކާގައި މި އަހަރު ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބު ފަސްކުރުމުގެ ޚިޔާލު ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.
ޓްރަމްޕް ވިދާޅުވީ ޕޯސްޓަލް ވޯޓިން އިތުރުވުމަކީ ވޯޓުގައި މަކަރު ހަދަން ފުރުސަތު ފަހިވެ ނަތީޖާ އޮޅުވާލަން ފަސޭހަވާނެކަމެއް ކަމަށެވެ. އިންތިޚާބު ފަސްކުރަން ޓްރަމްޕް ޚިޔާލު ދެއްވީ ރައްކާތެރިކަމާ އެކު މީހުންނަށް ވޯޓުލެވޭނެ ގޮތް ފަހިވަންދެންނެވެ.
އެމެރިކާގެ އެކި ސްޓޭޓްތަކުގައި ޕޯސްޓަލް ވޯޓިން ފަސޭހަކޮށްފައި ވަނީ ކޮރޯނާވައިރަހުގެ ސަބަބުން އާއްމު ސިއްހަތުގެ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.
އެމެރިކާގެ ގާނޫނު އަސާސީ އޮންނަ ގޮތުން އިންތިޚާބު ފަސްކުރުމުގެ ބާރު ރައީސްގެ މަގާމުގައި ހުންނަ މީހަކަށް ލިބިގެންނެއް ނުވެ އެވެ. އިންތިޚާބު އެއްވެސް ގޮތަކަށް ފަސްކުރެވޭނީ ކޮންގްރެސް އިންނެވެ. ކޮންގްރެސްގެ ދެ ގެއަށް ވެސް ރައީސްގެ ސީދާ ބާރެއް ނުފޯރުވެ އެވެ.
އިންތިޚާބުގެ ތާރީޚަށް ބަދަލެއް ގެނެވޭނީ ކޮންގްރެސްގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އަދި ސެނެޓުން ފާސްކޮށްގެންނެވެ. ހައުސްގެ ކޮންޓްރޯލް އޮތީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށެވެ. އެ ޕާޓީން ބުނެފައި ވަނީ އިންތިޚާބު ފަސްކުރުމަށް ތާއީދު ނުކުރާ ކަމަށެވެ. ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ އިސް މެންބަރުން ވެސް އިންތިޚާބު ފަސްކުރަން ދެކޮޅެވެ.
ޓްރަމްޕް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައި ވަނީ "ޔުނިވާސަލް މެއިލް މެދުވެރިކޮށް ވޯޓުލުމުން" ނޮވެމްބަރު މަހުގެ އިންތިޚާބު އޮޅުންބޮޅުންވެ އެމެރިކާ އަށް ބޮޑު މާޔޫސްކަމަކާ ކުރިމަތިވެދާނެ ކަމަށެވެ.
"ޑިމޮކްރެޓިކުން ދައްކަނީ ބޭރުގެ ފަރާތްތަކުން ވޯޓަށް ނުފޫޒް ފޯރުވާ ވާހަކަ. އެ މީހުންނަށް އެނގޭ ޕޯސްޓަލް ވޯޓަކީ ބޭރު ގައުމުތަކުން ވޯޓަށް ނުފޫޒް ފޯރުވަން ފަސޭހަ ގޮތެއްކަން،" ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގެ ފެޑެރަލް އިލެކްޝަން ކޮމިޝަންގެ ޗެއާޕާސަން އެލެން ވެއިންޓްރައުބް ވިދާޅުވީ ރައީސް ޓްރަމްޕަކީ އިންތިޚާބު ފަސްކުރުމުގެ ބާރު ލިބިވަޑައިގެންފައިވާ ފަރާތެއް ނޫން ކަމަށެވެ.
ޓްރަމްޕުގެ ރިޔާސީ ދައުރުގެ މުއްދަތު ހަމަވާނީ ޖެނުއަރީ 20، 2021 ގަ އެވެ. ގާނޫނީ ތަޖްރިބާކާރުން ބުނަނީ އެއްވެސް ސަބަބެއް މެދުވެރިވެގެން އިންތިޚާބު ފަސް ކުރަން ޖެހުނު ނަމަވެސް އެ ތާރީޚުގެ ފަހުން ޓްރަމްޕަށް މަގާމުގައި ހުންނެވޭނީ ގާނޫނު އަސާސީ އަށް އިސްލާހު ގެނެސްގެން ކަމަށެވެ.
އެމެރިކާގައި ރިޔާސީ އިންތިޚާބު ބާއްވަނީ ނޮވެމްބަރު މަހުގެ ފުރަތަމަ ހޯމަ އާއި ޖެހިގެން އަންނަ އަންގާރަ ދުވަހު އެވެ. މި އަހަރު އެ ތާރީޚު ދިމާވަނީ ނޮވެމްބަރު 3 ވަނަ ދުވަހާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޯބެ
31 July 2020
ޙަމަ ޔާމީން..