މޮރީނިއޯ (ވ) އާއި ކޮންޓޭގެ ރޭގެ މެޗަށް ފަހު ސަލާމްކުރަނީ.-- ފޮޓޯ: އޭއެފްޕީ
24 އޮކްޓޯބަރ 2016 - 10:30
ލަންޑަން (އޮކްޓޯބަރު 24) - މެންޗެސްޓާ ޔުނައިޓެޑް އަތުން ރޭ 4-0 އިން މޮޅުވި މެޗުގައި ޗެލްސީގެ ސަޕޯޓަރުން ކައްކުވާލީ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ އަށް މަލާމާތްކުރުމުގެ ގޮތުން ނޫން ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ރޭގެ މެޗުގައި ޗެލްސީ 4-0 އިން މޮޅުވިއިރު، މިއީ ޗެލްސީގެ ކުރީގެ ކޯޗު މޮރީނިއޯ ޕްރިމިއާ ލީގުގައި އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗެވެ. މި މެޗުގެ 89 ވަނަ މިނިޓްގައި ކޮންޓޭ ވަނީ އަތުގެ އިޝާރާތުން ޗެލްސީގެ ސަޕޯޓަރުން ޓީމަށް ތަރުހީބު ދޭން ގޮވާލައިފަ އެވެ. މެޗަށް ފަހު ކޮންޓޭ ކައިރީގައި މޮރީނިއޯ ބުނީ މިއީ އޭނާ ލަދުގަންނަވާލަން ކޮންޓޭ ކުރި ކަމެއް ކަމަށެވެ.
"އަހަންނަކީ ވެސް ފުޓްބޯޅަ ކުޅުނު މީހެއް. އަހަންނަށް އެނގޭ ދަނޑުމަތީގައި އަހުލާގު ހިފަހައްޓަން. އަހަރެމެން މޮޅަށް ކުޅެމުންދިޔައިރު އަހަންނަށް ފެނުނީ ޔުނައިޓެޑް ސަޕޯޓަރުން ލަވަކިޔަމުންދިޔަ މަންޒަރު. އަހަރެން ބޭނުންވީ ދަނޑުގައި ޗެލްސީ ސަޕޯޓަރުންގެ އަޑުގަދަކޮށްލަން. އެއީ ޗެލްސީ ކުޅުންތެރިން ދެއްކި މޮޅު ކުޅުމަށް ތަރުހީބު ދޭންވެގެން،" ކޮންޓޭ ބުންޏެވެ.
ކޮންޓޭ ބުނީ ފުޓްބޯޅަ އަކީ އޭނާގެ ދިރިއުޅުމުގެ ބޮޑުބައެއް ކަމަށާއި މެޗު ކުޅޭގަޑީގައި ޖަޒުބާތުގައި ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް އެ ފަދަ ހާލަތެއްގައި ވެސް އެއްވެސް މީހަކު ލަދުގަންނަވާލުމުގެ ގަސްދުގައި އެއްވެސް ކަމެއް ނުކުރާނެ ކަމަށް އޭނާ ބުންޏެވެ.
ޗެލްސީއާ ހަވާލުވި ފަހުން މިއީ އެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން އެންމެ ހިތްހަމަ ޖެހޭފަދަ ކުޅުމެއް ފެނުނު ދުވަސްކަމަށް ކޮންޓޭ ބުންޏެވެ.
ރޭގެ މޮޅާ އެކު ޗެލްސީ ވަނީ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ލިގުގެ ފަސް ވަނައިގައި އޮތް ޓޮޓެންހަމްއާ އެއްވަރަށް ނުވަ މެޗުން 19 ޕޮއިންޓް ލިބުނު ނަމަވެސް ފައިދާ ލަނޑުން އެ ޓީމަށް ކުރި ލިބޭތީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy