08 އޯގަސްޓް 2020 - 09:18
އިންޑިއާގެ ސިނަމާތައް ބަންދުކޮށްފައިވާތީ މި އަހަރު ޑިޖިޓަލްކޮށް ޕްރިމިއާކުރަން ނިންމި ފިލްމުތަކުގެ ތެރޭގައި ހިމެނޭ މަހޭޝް ބަޓްގެ "ސަޅަކް 2" މި މަހުގެ 28 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރަން ނިންމައިފި އެވެ.
މި ފިލްމަކީ 22 އަހަރު ފަހުން މަހޭޝް އެނބުރި ޑައިރެކްޝަނަށް އައި ފިލްމެވެ. އަދި "ސަޅަކް 2" އަކީ އޭނާގެ ދެ އަންހެން ދަރިން ކަމަށްވާ ޕޫޖާ ބަޓާއި އާލިއާ ބަޓް އެކީގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމު ވެސް މެ އެވެ. މި ފިލްމަކީ މަހޭޝް 1991 ގައި ޕޫޖާ އާއި ސަންޖޭ ދަތާ އެކު ގެނެސްދިން "ސަޅަކް" ގެ ދެވަނަ ބަ އެވެ.
އާ ފިލްމުގެ ކާސްޓްގައި ސަންޖޭ އާއި ޕޫޖާގެ އިތުރުން އާލިއާއާ އެކު އަދިތިޔާ ރޯއި ކަޕޫރް ވެސް ފެނިގެންދާނެ އެވެެ. "ސަޅަކް 2" ގެ އިތުރު ކާސްޓުންގެ ތެރޭގައި ގުލްޝަން ގްރޯވާ އާއި މަކަރަންދު ދޭޝްޕާންޑޭ ވެސް ހިމެނެ އެވެ.
މި ފިލްމަކީ ބައްޕަ މަހޭޝްއާ އެކު އާލިއާ މަސައްކަތްކުރި ފުރަތަމަ ފިލްމުގެ އިތުރުން އާއިލީ ފިލްމު ކުންފުނި ވިޝޭޝް ފިލްމްސް އަށް އާލިއާ ކުޅުނު ފުރަތަމަ ފިލްމު ވެސް މެ އެވެ.
"ސަޅަކް 2" ޕްރިމިއާކުރާ ތާރީހު އިއުލާންކޮށްފައިވާތީ ވަރަށް އަވަހަށް މީގެ ޓްރެއިލާ ވެސް އާންމުކުރާނެ ކަމަށް ބެލެވެ އެވެ. އަދި މި ފިލްމަކީ މި އަހަރު ގިނަ ބަޔަކު އެންމެ އިންތިޒާކުރާ އެއް ފިލްމު ވެސް މެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy