ހައި ކޯޓުގެ ސީނިއާ އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި މުނާ ވަކިކުރަން ވަނީ ނިންމާފައި.---ފޮޓޯ: މިހާރު
10 އޯގަސްޓް 2020 - 10:57
ހައި ކޯޓުގެ ސީނިއާ ކޯޓު އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި މުނާ މުހައްމަދު، ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުން އައްޔަން ކުރުމާ ބެހޭ އުސޫލުގެ ދަށުން މަގާމުން ވަކިކުރަން ނިންމައިފި އެވެ.
އެ ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އަށް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޑިރެކްޓަރު މަރިޔަމް ޝަހްނީޒާ ނަސީރު ފޮނުއްވި ސިޓީގައި ބުނީ ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންގެ މަސްއޫލިއްޔަތާ ވަގުތީގޮތުން ހަވާލުވެ ތިބި މީހުންގެ ޕްރޮބޭޝަންގެ މުއްދަތުގައި މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުގައިވާ ގޮތުން މުނާގެ މަސައްކަތުގެ ފެންވަރު ވަޒަންކުރިއިރު، އޭނާ އަށް މާކްސް ލިބިފައި ވަނީ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ބަދަލުކުރުމަށް ބޭނުންވާ 70 ޕަސެންޓަށް ވުރެ ދަށުން ކަމަށެވެ.
މުނާ، ސީނިއާ ކޯޓު އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނަވަނީ 2011 އިން ފެށިގެންނެވެ.
އެހެންވެ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތުން، އޭނާ ވަޒީފާ އިން ދޫކޮށްލަން ނިންމައި އެކަން މުނާ އަށް އަންގާފައިވާ ކަމަށް، މިދިޔަ އަންގާރަ ދުވަހު ފޮނުވި ސިޓީގައި ބުންޏެވެ.
"މި މުއްދަތުގެ ތެރޭގައި، ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އެކަށީގެންވާ މުވައްޒަފަކު ހޯދުމަށް މި ޑިޕާޓްމަންޓުން މަސައްކަތް ކުރާނެ ކަމަށާއި އަދި ވަޒީފާއިން ދޫކޮށްލަން ނިންމާފައިވާ މުވައްޒަފަށް، އެކަށޭނެ އެހެން ވަޒީފާއިން ޝަރުއީ ދާއިރާގެ ތެރެއިން ހޯދައި ދިނުމަށް މި ޑިޕާޓްމަންޓުން ކުރަންޖެހޭ މަސައްކަތްތައް ކުރެވޭނެ ކަމަށާއި އަދި އެފަދަ ވަޒީފާއެއް ހަމަނުޖެއްސޭނަމަ ވަޒީފާއިން ދޫކޮށްލެވޭނެ ކަމުގައި މަނިކުފާނުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" ސިޓީގައި ބުންޏެވެ.
ޖޭއެސްސީގެ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގެ ދަށުން ކޯޓުތަކުގެ އިދާރީ އެންމެ އިސްވެރިން އައްޔަންކުރުމަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަށް ލިބިފައިވާ ގާނޫނީ ބާރެކެވެ. އެހެންވެ، ޗީފް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރު ނިންމެވީ މިހާރު މަގާމުގައި ތިބި މުވައްޒަފުން ދައިމީ ކުރުމުގެ ކުރިން ހަ މަސް ދުވަހަށް ޕަފޯމަންސް އިވެލުއޭޓްކުރުމަށެވެ.
ޑީޖޭއޭ އިން ބުނިގޮތުގައި، މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު 70 ޕަސެންޓަށް ވުރެ ދަށުން މާކްސް ލިބުނު 10 އެޑްމިނިސްޓްރޭޓަރަކު ވަކިކުރަން ނިންމާފައިވާ ކަމަށެވެ. ބައެއް ކޯޓުތަކުގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުން ވަކިކުރަން ނިންމުމުން އެކަމުގެ ކަންބޮޑުވުން އެ މީހުން ވަނީ ފާޅުކޮށްފަ އެވެ.
ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންނަކީ ކޯޓުތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސް މުވައްޒަފުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސްކިޕަރ
10 August 2020
ހައިކޯޓު: ދަ ބެސްޓް އެކްޒާމްޕަލް އޮފް އަ ޓޮކްސިކް ވޯކް ޕްލޭސް. ތަޖުރިބާއާއި އެކު. ހައިކޯޓުގެ އޮފީސް ހިންގުން އިސްލާޙު ކުރުމަށް ކުރެވޭ ކޮންމެ މަސައްކަތަކަށް އަހަރެން ތަރުހީބުދީ ހިއްވަރުދެން.
ކޮސްގޮވާ
10 August 2020
ތިތަންތަން އޮވަރހޯލްކުރަން ޖެހޭކަން އެގެނީ.
ވަހީދުއްދީން
10 August 2020
އަހަރެން މާކުސް ދިން ނަމަ 70 ޕަސެންޓް ލިބުނީސް. މިބުނި އެއްޗެއް އެނގިއްޖެދޯ؟
އަލީ މަނިކ
10 August 2020
ވަރައް ރަނގަޅުކަމެއް
ވައި ކުޑަ
10 August 2020
ތިއީ ޖޭއެސްސީގެ ސެކެއްޓަރީ ޖެނެރަލް ކަމުގައި ހުރެފައި ޕްރެޝަރ ބޮޑުވުމުން ކުއްލިއަކަށް އިސްތުއުފާ ދީފައި ހައިކޯޓްގެ ޗީފް އެޑްމިނިސްޓްރޭޓަރ ކަން ހޯދި ގޮތެއް ވެސް ނޭގި " ކުޑަ ދޮރުން" ހައިކޯޓަށް ވަދެ ހުރި ބޭފުޅެކެވެ.
ތޫސީ
10 August 2020
ހުރިހާ ސަރުކާރަކުންވެސް ކުޅެނީ ހަމަ އެއް ކުޅިއެއް. ހިތްހަމަ ނުޖެހޭ މީހާ ދުއްވާލާލުން. ހިތްހަމަޖެހޭ ނުވަތަ ސިޔާސީ މަންފާ ލިބޭފަރާތަކާ ގާތް ގުޅުމެއް އޮތް މީހެއް ނަމަ އެމީހާގެ މަސައްކަތް ކަމުނުދިއަސް އަދި ކުރީ ސަރުކާރުގެ މަތީ ފަޑީގަ އުޅެފަހުއްޓަސް އެމީހާ އޯކޭވެފަ އެމީހާ ވަޒީފާގަ ބަހައްޓާނެ.
ހަސަނު3
10 August 2020
ކޯޓުތަކުގާ ތިބި މީހުންގެ ފެންވަރު ވަޒަންކޮށް ރަނގަޅު މީހުން ލުމަކީ ވަރަށް މުހިންމު ކަމެއް...
ފެހި
10 August 2020
މިރާއްޖޭގެ ސިވިލް ސާރވިސް މުސްކުޅިވެ ޒަމާނީ ހުނަރުވެރިކަން ދައްވެފައި ވުމަކީވެސް ތަރައްގީ އާއި ހިދުމަތުގެ ސްފީޑަށް ލަސްކަން އަންނަން މެދުވެރިވެފައިވާ ސަބަބެއް!؟
ބޮން
10 August 2020
ޕާރފޯމް ނުކުރެވޭ މީހުން ގޮނޑި ހޫނު ކުރަން ބައިތިއްބުމުގެ ސަގާފަތް ދޫކޮށްލަން ޖެހެއެވެ.
އުދުހޭ
10 August 2020
ކެޕޭސިޓީ ނެތް ފަރާތްތަށް އެއްފަރާތް ކުރަންޖެހޭތީ ދެރަވޭ އެހެންނަމަވެސް އަދުލުއިންސާފު ހަމައަކަށް އެޅޭނީ ކުރަންޖެހޭ ކަންކަން ކޮށްގެންކަމަށް ފެންނާތީ ކުރިއަށްދިއުމަށް ގޮވާލަން. ކޯޓްތަކުގެ އިތުބާރު ގާއިމް ކުރުމަކީ ސުމަކުން ފަށައިގެން ކުރަންޖެހިފައިވާ ކަމެއް.