ޕީޖީ އައްބާސް: އިރުފާންގެ މައްސަލަ ބޭރުކޮށްލުމުން ޕީޖީން ޑީޖޭއޭއަށް މައްސަލައެއް ވަނީ ހުށަހަޅާފައި - ފޮޓޯ: މިހާރު
19 އޮކްޓޯބަރ 2025 - 14:01
ރާއްޖެ އެތެރެކުރި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގެ ދައުލަތުން ދައުވާކުރާ އިރުފާން ތަގިއްޔުގެ މައްސަލާގައި ރަޖިސްޓްރޭޝަން ފީ ނުދައްކާތީ އެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލުމުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ހުށަހަޅައިފި އެވެ.
އިރުފާންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރަން ދައުލަތުން ހުށަހެޅި މައްސަލަ ބަލައިނުގަންނަން ހައި ކޯޓުގެ ރެޖިސްޓްރާ މަރިޔަމް ހޫރުޝީދާ ނިންމެވީ ރެޖިސްޓްރޭޝަން ފީ ނުދައްކާތީ އެވެ. އެގޮތުން ފީ ދައްކަން އަންގައި، އީމެއިލް ފޮނުވި ނަމަވެސް އެ މުއްދަތުގެ ތެރޭގައި ފީ ދައްކާފައި ނުވާތީ ހައިކޯޓުގެ ގަވާއިދާ ހަވާލާދީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ ކަމަށް ރެޖިސްޓްރާގެ ނިންމުމުގައިވެ އެވެ.
ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ހައި ކޯޓުގެ އެ އީމެއިލް ނުލިބޭ ކަމަށް ބުނެފަ އެވެ. އަދި އެ ދުވަހާއި ޖެހިގެން އައި ދުވަހު ވެސް ހައިކޯޓުން އެކި އީމެއިލްތައް ކޮށްފައިވީ ނަމަވެސް އެ މައްސަލައާ ގުޅޭ އީމެއިލް ލިބިފައިނުވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
ރަޖިސްޓްރާގެ އެގޮތަށް ނިންމެވުމުން ޕީޖީ އޮފީހުން މިހާރު ވަނީ ޑީޖޭއޭގެ ސަމާލު ކަމަށް އެކަން ގެނެސްފަ އެވެ. އެ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ ކޯޓުތަކުގެ އިދާރީ ކަންކަމާ ގުޅިގެން މިފަދަ ކަންކަން މެދުވެރިނުވާނެ ގޮތަށް ކަންކަން އިންތިޒާމްކޮށްދޭން ޕީޖީ އޮފީހުން ޑީޖޭއޭގައި އެދިފައިވާނެ ކަމަށެވެ.
ރަޖިސްޓްރާގެ އެ ނިންމުން މުރާޖައާކުރަން މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ވެސް ދައުލަތުން ވަނީ ހުށަހަޅައިފަ އެވެ.
އިރުފާންގެ މައްސަލާގެ އިސްތިއުނާފް ބަލައިނުގަންނަން ހައި ކޯޓުން ނިންމިއިރު، އެ މައްސަލާގައި ދެން ދައުވާލިބޭ ދެ މީހުން ކަމަށްވާ ދ. މާއެނބޫދޫ އަނބުގަސްދޮށުގޭ އަހްމަދު ނަސީރާއި ހ. ގާޑްންބިއުޓީ މުހައްމަދު އަކްރަމާ ދެކޮޅަށް ދައުލަތުން ހުށަހެޅި އިސްތިއުނާފު ބަލައިގަނެ، އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗް ވެސް ވަނީ ކަނޑައަޅައިފަ އެވެ.
"މަސްޖަރީ-2" ކިޔާ ދޯންޏެއްގައި ޑިސެމްބަރު، 2020 ގައި ކަނޑުމަގުން ރާއްޖެ އެތެރެ ކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ ޑްރަގް މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ފުލުުހުން ތުހުމަތު ކުރަނީ އިރުފާންގެ މައްޗަށެވެ.
އެ ދޯނީގައި ޑްރަގް އެތެރެކުރިކަން ސާބިތުނުވާ ކަމަށް ބުނެ އެ ތިން މީހުންނަށް ވެސް ކުށް ސާބިތުނުވާ ކަމަށް މިދިޔަ ޖެނުއަރީ މަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ މީހުންގެ އިތުރުން އެ މައްސަލާގައި ދެން ހިމެނުނު ހަތް މީހެއްގެ ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފަ އެވެ. އެއީ މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތައް މިހާރު ހުރި ގޮތުން އެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރުގެ ހެކި ނެތް ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަފްރާސިޔާބު
20 October 2025
ތި މައްސަލަ ފުލުހުން ތަޙްގީގު ކުރަން ފެނޭ. އެއީ ޕީޖީ އެ ފައިސާ ނުދެއްކީ ކީއްވެތޯ؟ ބޮޑަށް ބެލެވެނީ ޕީޖީގެ ނިންމުމެއްކަމަށް.
ޑރ ވާންޗޯ
20 October 2025
އިއުތިރާފުގެ އެއްބަސްވުމެކޭކިޔާފަ ސަރީއަތްނިމި ހުކުމްކުރަންވެފަހުރި މީހެއްގެ 17 މައްސަލަ އަނބުރާގެންގޮސްގެން ، އުމުރުދުވަހުގެ ޖަލުހުކުމުން ސަލާމަތްކުރަން އުޅެގެންވީފަލީހަތެއްގެ ދެބޯގެރިތޯ ތިދުއްވަނީ؟.
އިންވޮއިސް
19 October 2025
އީމޭލަކަށް ބަލަންޖެހޭތަ ދައުވާ ކުރަން ފޮނުވާއިރު އެ އޮންނަ އުސޫލުން ކަންކަން ކުރަންޖެހޭއިރު؟
ބޭކާރު
20 October 2025
ބަރާބަރު ކޮމެންޓެއް. ފީ ދައްކަން ނުޖެހޭ ކަމަށް ދެކުމަކީ އަރަތެއް.
ހައް
19 October 2025
ކޮރަޕްޓް ޖަޖުން ހައްޔަތުކުރޭ!!
އަޅެ
19 October 2025
ވަރަށް ރަނގަޅު އަނދުނެއް ތިޔަ އެޅުވީ ޕޖ އަހަރެމެންގެ ލޮލުގަ
އ އަހްމަދު
19 October 2025
ރަނގަޅައްވެއްޖިއްޔާ ތިޔައީމޭލް ނުވެސްފޮނުވާނެ ކޮންމެސް ރޭވުމެއްގެދަށުން ނިންމިނިންމުމެއްކަމަށް ބެލެވެނީ
ޖިމޯ
19 October 2025
ހުސް އޮޅުވާލުމާއި ޑްރާމާ. ކުރިން ދުވަހު ޕީޖީ އޮފީހާއި ހަވާލާދީ ބުނީ އެ އީމެއިލް ފޮނުވީ ޗުއްޓީގައި ހުރި މުވައްޒަފަކަށް ކަމަށް. މިއަދު ވާހަކަ މުޅިން ބަދަލުވީ. ރައްޔިތުންނަށް މިހާރު އެބަ އެނގޭ ވާނުވާ. ތީ ގުޅިގެން ހިންގާ ޖަރީމާ.
ކޮރަލް
19 October 2025
ކޯޓް ތަކުން ތިޔަ މީޙުން ދޫކުރާ ބަޔަކު ހައްޔަރު ކުރަން ވީ އެވެ. އެމީހުން ފައިސާ ނަގާ ތޯ ބަލަން ވީ އެވެ.
މޮޑަން
19 October 2025
ދެކޮޅުނުޖެހޭ ގަވައިދުތައް ހަދައިގެން އަދިވެސް އުޅޭ 2025 ހުގަވެސް. ދައުލަތުގެ އެއްތަނުން އަނެއް ތަނަށް ފީދައްކާކަށް ނުޖެހޭނެ. އެއީ އެއްޖީބުން އަނެއްޖީބަށް ޓްރާންސްފާ ކުރުން ފަދަ ކަމެއް. ހަދަންޏާ ކްރެޑިޓް ރިސިޕްޓެއް ހަދާލީމާ ނިމުނީ. ކޯޓު ހިންގަންވެސް ޕީޖީ ހިންގަންވެސް ލާރިދެނީ ދައުލަތުގެ ބަޖެޓުން.
މިއައު
19 October 2025
ޕީޖީ އިސްތިއުފާދީ. އެއީ އޮތް ހައްލަކީ. ކުރީ ދުވަހުވެސް ނޫހުގަ އޮތް ވާހަކައިން އެނގޭ ކިހާވަރެއްގެ ބޭފުޅެއްކަންތީ. ކުރިން ފެންނަނީ މީހުން ދައްކާ ވާހަކަ. އެކަމު ތިކިޔާ އެއްބަސްވުމެއް ހަދަން އުޅުނު ހިސާބުން އެނގިޖެއް. އިތުބާރު ގެއްލިއްޖެ