ރާއްޖެއަށް 72 ކިލޯ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތުކުރާ އިރުފާން ތަގިއްޔު -- ފޮޓޯ: ޕޮލިސް
15 އޮކްޓޯބަރ 2025 - 23:12
މަސް ދޯންޏެއްގައި 72 ކިލޯގެ ޑްރަގު އެތެރެކުރި އިރުފާން ތަގިއްޔުގެ މައްސަލައިގެ ރަޖިސްޓްރޭޝަން ފީ ދައްކާފައި ނުވާ ކަމަށް ބުނެ ހައި ކޯޓުން އެ މައްސަލަ ބޭރުކޮށްލައިފި އެވެ.
ދައުލަތުން ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފްކުރީ ސ. ހުޅުދޫ، ދޭލިޔާގޭ އިރުފާންގެ ތަގިއްޔުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރުމުންނެވެ.
އޭނާގެ މައްޗަށް ފުލުހުން ތުހުމަތުކުރަނީ، "މަސްޖަރީ-2" ކިޔާ ދޯންޏެއްގައި ޑިސެމްބަރު 2020 ގައި ކަނޑުމަގުން ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް ޑްރަގް މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށެވެ. ޑައިފޯމިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ކޮށްފައި ވާއިރު ދެން ދައުވާކުރީ އަހްމަދު ނަސީރު، އަނބުގަސްދޮށުގެ، ދ. މާއެނބޫދޫ އާއި މުހައްމަދު އަކްރަމް، ހ. ގާޑްންބިޔުޓީގެ މައްޗަށެވެ. މި ދެ މީހުންގެ މައްސަލަ ވެސް އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
ތަގިއްޔުގެ ކުށްސާބިތުނުވާ ކަމަށް ކްރިިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި މައްސަލަ ބަލައިނުގަންނަން ހައި ކޯޓުގެ ރެޖިސްޓްރާ މަރިޔަމް ހޫރުޝީދާ ނިންމެވި ނިންމެވުމުގައި ވިދާޅުވީ އެ މައްސަލައިގެ ރެޖިސްޓްރޭޝަންފީ ދައްކަން އަންގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިމަހުގެ ފަސް ވަނަ ދުވަހު އީމެއިލެއް ކޮށްފައިވާނެ ކަމަށެވެ.
އެކަމަކު އީމެއިލްގެ ޒަރިއްޔާއިން އެންގި އެ އެންގުމުގައިވާ މުއްދަތުގެ ތެރޭގައި ފީދައްކާފައި ނުވާ ކަމަށާއި އެހެންވެ މައްސަލަ ބަލައިނުގަންނަން ނިންމީ ހައިކޯޓުގެ ގަވައިދުގެ 33 ވަަނަ މާއްދާގެ (ނ) އާ ހަވާލާދީ ކަމަށް ވެސް ރެޖިސްޓްރާގެ ނިންމެވުމުގައި ވިދާޅުވި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ހައި ކޯޓުގެ އެ އީމެއިލް ނުލިބޭ ކަމަށެވެ.
އެފަދަ ލިޔުންތައް ފޮނުވުމަށް ކަނޑައެޅިފައިވާ އީމެއިލްއަށް އެ ދުވަހާއި ޖެހިގެން އައި ދުވަހު ވެސް ހައިކޯޓުން އެކި އީމެއިލްތައް ކޮށްފައިވީ ނަމަވެސް ޑްރަގު މައްސަަލައާ ގުޅޭ އީމެއިލް ލިބިފައި ނުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. "...އެހެންކަމުން މި ނިންމުން މުރާޖައާކުރުމަށް މި އޮފީހުން ހުށަހަޅާނަމެވެ. އަދި މި ނިންމުމަކީ ހައިކޯޓުން އިސްވެ މުރާޖައާކުރައްވަންޖެހޭ ނިންމުމެއް ކަމަށް ދެކެމެވެ،" ޕީޖީ އޮފީހުން ބުންޏެވެ.
ދޯނީގައި ޑްރަގް އެތެރެކުރިކުރަން ސާބިތުނުވާ ކަމަށް ބުނެ ތިން މީހުންނަށް ވެސް ކުށް ސާބިތުނުވާ ކަމަށް މިދިޔަ ޖެނުއަރީގައި ކްރިމިނަލް ކޯޓުން ހުކުމްކުރިއިރު، އެ މައްސަލައިގައި ދެން ހިމެނުނު ހަތް މީހެއްގެ ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.
އެއީ މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތައް މިހާރު ހުރި ގޮތުން އެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރުގެ ހެކި ނެތް ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަލް
16 October 2025
އަލުން މައްސަލަ އާއިގެން ކުރިއަށް ދާން ވީ އެވެ. ދޫކުރާނެ ކަމެއް ނެތެވެ.
އައިރާ
16 October 2025
ކޮންމެ ވެރިކަމަކާ ޑްރަގް ވިއްކާ މީހުންނާ ގުޅުމެއް ނެތް ނަމަ, މިހެން ދޫކޮށްލާނެ! ބޭކާރު އުޒުރު ދައްކައިގެން މައްސަލަ ބޭރު ކޮށްލަނީ، ވެރިކަމާ، ކޯޓްތާކާއި ޑްރަގް ވިއްކާ މީހުންނާ ގުޅުމެއް އޮންނާނީ! މި ސަރުކާރުން ފަނޑިޔާރުންތައް ބަދަލު ކުރުމަށް ފަހު، މިފެންނަނީ މަސްތުވާތަކެތި ވިއްކާ މީހުން މިނިވަން ކުރާ މަންޒަރު! ކޮރަޕްޝަންގެ މޫ ހުރިހާ ތަނެއްގައި ލާފަ!
މާބުރާކޮކާލާބަހާރުއައިމާ
16 October 2025
ކުޑަކުޑަ ފީއެއް (ދައުލަތުން ދައުލަތަށް) ނުދައްކާ އޮވެގެން ކަމަށް ބަހަނާ ދައްކާފަ ތިޔޮއްބޮޑު މައްސަލަ ބޭރުކޮށްލާ އެމީހުން ސަލާމަތްވުމަށް ދޮރު ހުޅުވާލީ. ތީތޯ މިގައުމުގައި އިންސާފު އޮންނަ ގޮތަކީ؟
ޖަލޭ
16 October 2025
ތީ 7 ގުރާމްނަމަ މިހާރު އޮންނާނީ ޢުމުރުދުވަހުގެ ޖަލު ޙުކުމެއްގައި ޖަލުގައި
ރަދީފްއޮފިޝަލް /:
16 October 2025
މުއިއްޒު ކޮބާ؟؛
އެބައުޅުއްވާ!
16 October 2025
އޭޓީއެމް ބެހެއްޓެވުމުގައި އަވަދިނެތި!
އެކްސްްް
16 October 2025
އަނެއްކާ ޕީޖީ އޮފީހުގެ ބަޖެޓު ހުސްވީބާ؟
އެދުރު ބެ
16 October 2025
ދެން ތި އެތެރެކުރި މީހަކު ނެތެއްނު. އަޖައިބު ހީވޭ.
ލިޖުހާ
16 October 2025
ކިހާވަރެއްތަ ދައްކަން ޖެހެނީ. ރައްޔިތުންވެގެން އެ ލާރިކޮޅު ދައްކަން ފަންޑެއް ހުޅުވަން ފެނޭ.
ކޮރަލް
16 October 2025
މިފަދަ ބޮޑެތި ގައުމީ ސަލާ މަތާއި މުޖުތަމައުގެ ހަމަޖެހުން ގެއްލޭފަދަ މައްސަލަ ތަކުގަ އިހްމާލް ވާ ފަރާތް ތައް ވަޒީފާ އިން ވަކި ކުރަން އެބަ ޖެހެ އެވެ. ހަމަ ލިބޭ އެއްޗެއް ބޮޑީ އެވެ.
ދަލޭކަ ދައިތަ
16 October 2025
ސަޔަށް އަޅައިގެން ގިރައިގެން ނުބޯތީ މީ އެހާ ނުރަށްކާ ހަކުރަކަށް ނުވާހެން ހީވޭ މިގައުމުގައި.