ޅ. ނައިފަރު: އެ ރަށު ބޯޓަކުން ކޮވިޑް އަށް ޕޮޒިޓިވްވެފައި ވަނީ ބިދޭސިއެއް -- ފޮޓޯ: ޅ. ނައިފަރު ކައުންސިލްގެ ފޭސްބުކް
12 އޯގަސްޓް 2020 - 12:06
ޅ. ނައިފަރުގެ ބޯޓެއްގެ ފަޅުވެރިއަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވެއްޖެ އެވެ.
ނައިފަރުގެ ކައުންސިލް މެމްބަރު މުހައްމަދު ކާރިމް "މިހާރު" އަށް ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވްވީ ނައިފަރުން މާލެ އަށް މުދަލާއި ފަސިންޖަރުނާ އެކު ދަތުރުކުރާ "މެގައާރު" ބޯޓުގެ ބަންގްލަދޭޝް ފަޅުވެރިއެއް ކަމަށެވެ. އެ ބޯޓު އެ ރަށަށް އެންމެ ފަހުން ދިޔައީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި އެ މީހާ ކޮވިޑަށް ޓެސްޓު ކުރީ ހުމުގެ އަލާމާތްތަކެއް ފެނުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނައިފަރު މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.
"އެ މީހާގެ ކޮވިޑަށް ޓެސްޓުކުރީ ހޯމަ ދުވަހު. ޓެސްޓުގެ ނަތީޖާ މިއަދު ލިބުނު އިރު ޕޮޒިޓިވްވެފަ ހުރީ،" އޭނާ ވިދާޅުވި އެވެ.
އެ ފަޅުވެރިޔާ ކޮވިޑަށް ޕޮޒިޓިވްވުމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ކާރިމް ވިދާޅުވި އެވެ. އެ ބޯޓުގެ ފަޅުވެރިން ރަށަށް ފޭބުމަށް ފަހު އާންމުން އެއްވެ އުޅޭ ތަންތަނަށް ދިޔަ ކަމަށް ވެ އެވެ.
"ދެ ހޮޓަލަކަށް ދިޔަ ހަމަ ގައިމުވެސް. އެ ތަންތަން ބަލަމުން އެ ދަނީ މިހާރު،" އޭނާ ވިދާޅުވި އެވެ.
އެ ފިރިހެން މީހާއާ އެކު އިތުރު އެހެން ބިދޭސީ ފަޅުވެރިއަކާއި ހަ ދިވެހިން އެ ބޯޓުގައި މަސައްކަތް ކުރެ އެވެ. ނަމަވެސް އެ މީހާގެ ކޮވިޑް ޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިން އެ ބޯޓު ރޭގެ ވަގުތެއްގައި ދަތުރުވެރިންތަކަކާއި އެކު މާލެ ފުރި އެވެ. އެ މީހުން ފުރީ، ބަލީގެ އަލާމާތްތައް ފެންނަން ހުރި ފަޅުވެރިޔާ ނައިފަރުގައި ބަހައްޓައިފަ އެވެ.
މެގައާރު ބޯޓުގެ ވެރިފަރާތް އަބްދުﷲ އާދަމް ވިދާޅުވީ އެ ބޯޓަށް އަަރާ ފޭބުން މަނާކޮށްފައިވާ ކަމަށެވެ. އަދި އެ ބޯޓު މިހާރު އޮތީ މާލޭގެ ފަޅުތެރޭގައި ކަމަށާއި އެ ބޯޓު ރޭގައި ދަތުރުކުރީ، ފަޅުވެރިންގެ އިތުރުން 10 ބިދޭސީ ދަތުރުވެރިންނެވެ.
"އެޗްޕީއޭ އިން އެންގީމަ، އެންގި ތަނަކަށް އެ ބޯޓު ގާތް ކުރާނީ،" އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވާން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ފަހު ލުއިދޭން ފެށުމުން މި ބަލި ފެތުރޭ މިންވަރު މި ވަނި ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މާލޭގެ އިތުރުން 12 ރަށެއްގައި ކޮވިޑްގެ ކޭސްތައް މިހާރު ހުރި ކަމަށް އެޗްޕީއޭ އިން ރޭގައި ބުނެފައި ވެ އެވެ. މިހާތަނަށް 5،223 މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު 21 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަލޭ
12 August 2020
ވެރިފަރާތް ހައްޔަރުކުރޭ! އެމީހާ ބައިންދާފަ ނުފުރޭނެ! ކަނޑައެޅިގެން އެނގިހުރެ ތިކަންތިކުރީ!
ގައްޑާ އަހައްމަދު
12 August 2020
ރަށްރަށް ކޮވިޑް އުފުލާ ދެނީ ބޯޓް ފަހަރުތަކުގައި އުޅޭ މީހުންނެވެ. މާގަދަ ބައެކެވެ. މާލޭ ބަދަރު މަތީގައި ހިތުހުރި ގޮތަށް އުޅެފައި ރަށަށް ގޮސް ހިތުހުރި ގޮތަކަށް އުޅޭ ބައެވެ. އެޗްޕީއޭގެ ގައިޑްލައިނެއް އެހެން އެއްޗެއް ފޮލޯ ކުރާ ބައެއް ނޫނެވެ.