ގިނަ އަދަދެއްގެ ދިވެހި ރުފިޔާތަކެއް: އެމްއެންބީސީގެ 1.5 މިލިއަން ރުފިޔާއަށް މީހަކު ޚިޔާނާތްތެރިވީ ޑޮލަރު ހޯދަން ހަވާލު ކުރުމުން --ފޮޓޯ/މިހާރު
25 އޮކްޓޯބަރ 2016 - 21:02
މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އަށް ޑޮލަރު ހޯދައި ދޭނެ ކަމަށް ބުނެ 1.5 މިލިއަން ރުފިޔާ ނެގުމަށް ފަހު އެއަށް ޚިޔާނާތްތެރިވި މީހަކު 25 އަހަރަށް ޖަލަށްލާން ކޮށްފައިވާ ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ.
ސ. މަރަދޫ ރަބީއުގޭ އަހުމަދު ޒަމީން ޖަލަށްލާން މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ހުކުމްކުރީ ސެޕްޓެމްބަރު، 2011 ގައި އެމްއެންބީސީއަށް 100،000 ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ 1.5 މިލިއަން ރުފިޔާ ހޯދުމަށް ފަހު ޑޮލަރު ހޯދައި ނުދީ، އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގަ އެވެ. އޭނާ ޖަލަށްލުމުގެ އިތުރުން އޭނާ ޚިޔާނާތްތެރިވި ފައިސާ އެމްއެންބީސީއަށް ދެއްކުމަށްޓަކައި އެ ފައިސާ ސިވިލް ކޯޓަށް ދައްކަން ވެސް ދަށު ކޯޓުން ޒަމީނަށް އަމުރުކޮށްފައިވެ އެވެ.
އެ މައްސަލަ ޒަމީންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ ބުދަ ދުވަހު ހުކުމްކުރީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށާއި އެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ހައި ކޯޓުގެ ތިން ފަނޑިޔާރުން އިއްތިފާގުވި ހުކުމުގައި ވަނީ ޚިޔާނާތުގެ ކުށުގައި ފުރިހަމަވާންޖެހޭ ހުރިހާ އުންސުރެއް އެ މައްސަލާގައި ފުރިހަމަވާ ކަމަށާއި އެ ކުށް ޒަމީންގެ މައްޗަށް ސާބިތުވާ ކަމަށެވެ.
ޒަމީންގެ ފަރާތުން ބުނެފައިވަނީ ޑޮލަރު ހޯދަން އެމްއެންބީސީން އޭނާއަށް ދިން ފައިސާ އޭނާ ހަވާލުކުރީ އިޓަލީ މީހަކަށް ކަމަށާއި އެ މީހާ ރާއްޖެއިން ބޭރަށް ދިޔަ ގޮތަށް އަނބުރާ ނާންނަ ކަމަށެވެ.
އެކަމަކު ހުކުމުގައި ވަނީ އެ މީހާގެ ނަން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް ޒަމީނަށް ދެވިފައިނުވާ ކަމަށާއި އެ މީހާގެ ވާހަކަ ތަހުގީގުގައި ވެސް ފާހަގަނުކޮށް، ޒަމީން ހަނު ހުރެފައިވާ ކަމަށެވެ. އެހެންވެ އޭނާގެ އަމަލުތަކަށް ބަލާއިރު އެކަމުގައި އޭނާގެ ނުބައި ނިޔަތެއް އޮތްކަން ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.
ޒަމީން ޚިޔާނާތްތެރިވީ 10،000ރ. އަށް ވުރެ ބޮޑު އަދަދެއްގެ ފައިސާއަށް ކަމަށްވާތީ ކުރީގެ ގާނޫނުލް އުގޫބާތުގެ ދަށުން އެ ކުށަށް ޒަމީނަށް އަންނަން ޖެހެނީ 130 އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް އެއް ކުށަކަށް ދެވޭ އެންމެ ބޮޑު އަދަބަކީ 25 އަހަރަށް ޖަލަށްލުން ކަމަށް އޭރުގެ ގާނޫނުލް އުގޫބާތުގައި އޮތުމުން ޒަމީންގެ އަދަބު 25 އަހަރަށް ކޯޓުން ދަށްކުރީ އެވެ.
އެމްއެންބީސީއަކީ ދައުލަތުގެ މީޑިއާ ހިންގުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުފެއްދި ކުންފުންޏެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު.
15 August 2022
ޝަރީއަތްތަށް ނިމިގެން ދާލެއް އަވަސްކަމުން ބުނެލަން އޮތީ އަދިވެސް ފަނޑިޔާރުން ނަށް ދޭ މުސާރަޔާ އިނަޔަްތަށް ބޮޑުކޮށްލަ ދެއްވާށެވެ ތިޔަ ޝަރީއަތަށްވެސް ހީވަނީ 10ވަރަކަށް އަހަރު ވެދާނެއެވެ. މިހާއަވަހަށް ޝަރީއަތެއް ނިމިގެން މިދަނީ އިހުލާސް ތެރިކަން ބޮޑުކަމުން ނެވެ.
ގިރޭމު
26 October 2016
ފައިސާ އޭނާޔަށް ދިންމީހާ ކޮބާ؟؟؟؟؟؟؟/
އުމަރު
26 October 2016
ކޮބާ އެފައިސާދޫކުރި މީހާ، އަދި ކޮބާ ފެނަކައިގެ 17 މިލިއަން ނެގިމީހާ؟ ދެން ކޮބާ އެމްޕީއެލްގެ 77 މިލިއަން ރުފިޔާ ނެގިމީހުން؟ އެފައިސާ ހަރަދުކުރީ ކިހިނެއް؟ އެމީހުން ޖަލައްނުލެވޭތަ؟ ސަރުކާރުން މިހާރު ވައްކަންކުރަން އެންމެ މޮޅުގޮތަކީ ޑޮލަރު ގަންނަން ކޮންމެވެސް އަމިއްލަ މީހަކަށް ފައިސާދޫކުރުން، ވަރަށް މޮޅު ގޮތެއް އަދިވެސް ހަމަ ކުންފުނިތަކުން އެގެންދަނީ އެގޮތަށް ޑޮލަރު ގަންނަމުން
ޝަހާމު އިދްރީސް
26 October 2016
މިއީ ވަރަށް އަންފެއަރ ގޮތެއް. އެމްއެންބީސީ ހިންގަވަން ހުންނެވި މެނޭޖިންގ ޑިރެކްޓަރ މިހާރުގެ ދައުލަތުގެ މީޑިއާވެސް ހިންގަވަން އެ ހުންނެވީ. ރައީސް ނަޝީދުގެ ދައުރުގައި މިވަރުގެ ކަމެއް ކުރުމަށް ނިންމި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި، ދައުލަތުގެ މީޑިއާ ހިންގުމަށް ތިބި މީހުންގެ އިހުމާލުން މިކަން ހިނގާފައިވަނީ. އަދި، އެހާ ގިނަ ޢަދަދެއްގެ ފައިސާ އަމިއްލަ މީހަކަށް ޑޮލަރު ގަންނާށޭ ކިޔާފަކާވެސް، ދޫނުކުރެވޭނެކަމަށް މާލިއްޔަތު ޤާނޫނުގައިވާއިރު، މިކަމުގައި ހަމައެކަނި އޭނާއަށް ހުކުމް އަންނަން ޖެހޭ ގޮތެއް ނުވިސްނުނު. މިމައްސަލަ ދިރާސާ ކުރާ ވަކީލުންވެސް މިމައްސަލަ މިއަށްވުރެއް ފުޅާކޮށްލަން އެބަޖެހޭ. އޭރުން އަސްލު އިހުމާލުވި އަދި ދައުލަތުގެ ފައިސާއަށް ހިޔާނަތްތެރިވި މީހުންނަށްވެސް އަދަބު ލިބިގެންދާނީ....!
އަލްޖިބްރާ
26 October 2016
ދިވެހި ޚަޒާނާ ލޫޓުވާލީމާ ވެސް އެކަމަށް އެޅުނު ފިޔަވަޅެއް ނެތް ! ނުބައި ނިޔަތާއި ނުބައި ކަންތައް މިކުރަނީ ހަމައެކަނި ތަންތަނުގައި ވަޒީފާ އަދާ ކުރާ އާދައިގެ ކަޗޯރުން ! މުލުވަގުން ތިބެނީ ބަޑުދައްކާލައިގެން ! ވަރަށް މޮޅަށް ހިންގާ ޝަރީއަތްތަކެއް !
ހުރިހާ
26 October 2016
ތިޔައީ ވައްކަމެއް، ވައްކަންފުޅެއް ނަމަ ސަލާމަތްވީސް. ދެއްތޯ.
ޅަބޭ
26 October 2016
ހުކުން ވަރައް ރަގަޅު. ތިކަހަލަ ކިތަންމެ ޗޯރެއް މިތަނުގައެބައުޅޭ.
ސަޢީދު
26 October 2016
މިކަހަލަ ވާހަކައެއް ނުދެއްކޭ އެއްކަލަ ހަރުގެއަކު. މިދެން އެމީހުން ސަރުކާރުގެ ޚިޔާނާތްތައް ފަޅާއަރަންފެށީ. ހުންނާނެ ކުޅިސަމާ. މިރޭ ކީކޭ ކިޔާނެބާ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟
ވެރިޔާ
26 October 2016
މި ޤައުމުގެ އިންސާފެއް އޮތް ނަމަ މި ހުކުން ތަންފީޒުކުރާ މީހުން ހާދަ ގިނަވާނޭ ދޯ! މާތް ކަލާކޯ!
މުހައްމަދު
26 October 2016
ޚިޔާނާތާއި ވައްކަމާއި މަކަރާއި ހީލަތުގެ ވާހަކައަކީ މިއަދު މިޤައުމުގައި އާންމު ވެފައި އޮތް ކަމެކެވެ. ރައްޔިތުން ކަމަކަށް ބޭނުންވެގެން އާންމުކޮށް ގޮސް އުޅޭ ކޮންމެ ތަނެއްގެ ހާލަކީވެސް މިއީއެވެ. ރާއްޖެއަށް ބިދޭސީން ގިނަވެގެން އުޅޭ ސަބަބަކީވެސް ހަމަ މިއީއެވެ. ބިދޭސީން ގެނައުމުގެ މަރުހަލާ މިހާރު މިއޮތީ މެކުހަށް ޖަހާފައެވެ. މިހާރު ދިވެއްސަކަށް ކޯޓާއެއްވެސް އަދި އެހެން ކަމެއްވެސް ފަސޭހައިން ކުރެވެން އޮންނާނެ ހަމައެކަނި ގޮތަކީ ގުޅިފައިވާ ބިދޭސީ އެޖެންޓަށް ފަނަރަސަތޭކައާއި ދެހާސް ރުފިޔާ ނުވަތަ ދެހާސް ފަސްސަތޭކަ ރުފިޔާ ހަވާލުކުރުމެވެ. އޭރުން ގުޅިފައިވާ ބިދޭސީ އެޖެންޓު ބުނާ މީހަކަށް ދެތިން ދުވަހުގެ ތެރޭގައި ހުރިހާ ކަމެއް ބަރާބަރުވެ ހަމަޖެހިގެން ދާނެއެވެ. މިހާލަތުގައި އޮތް ގައުމެއްގައި އެންމެ މީހެއްގެ މައްޗަށް ފިޔަވަޅު އަޅާފައި ނޫހުގައި ޖަހާފައި އޮތްތައް ފެނުނީމާވެސް ލައްކަ އުފާވެއެވެ.