މިރޭގެ މީޑިއާ ބްރީފިންގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ. --ފޮޓޯ:އެޗްއީއޯސީ
16 އޯގަސްޓް 2020 - 00:04
ކޮންޓެކްޓް ޓްރޭސިންގައި މިހާރު ބަލަނީ ޕޮޒިޓިވްވި މީހަކާ ސީދާ ބައްދަލުވި ޑައިރެކްޓް ކޮންޓެކްޓުން ހޯދުމަށް ވުރެ ބޮޑަށް އެ މީހަކާ ގާތުގައި އުޅޭ ނުވަތަ ކްލޯސް ކޮންޓެކްޓުން ހޯދުމަށް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބުނެފި އެވެ.
ކޮންޓެކްޓް ޓްރޭސިން ވަރުގަދަ މިކުރީ، ލޮކްޑައުންއަށް ފަހު އަލުން ލުއިތައް ދިނުމާ އެކު، މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމާ އެކު އެވެ. އެޗްއީއޯސީން ބުނިގޮތުގައި ބަލި ޖެހިފައިވާ މީހަކާ ސީދާ ބައްދަލުވި މީހުން ހޯދުމަށް ވުރެ ބޮޑަށް މިހާރު އިސްކަން ދެނީ އޭނާގެ ކައިރީގައި އުޅޭ މީހުން ފާހަގަކޮށް، ފިޔަވަޅުތައް އެޅުމަށެވެ.
ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ބަލަނީ ބަލި ޖެހިފައިވާ މީހަކާ 15 މިނިޓެއްހާއިރު ސީދާ ބައްދަލުވުމުންނެވެ. ބަލި މީހަކާ ސީދާ ބައްދަލު ނުވި ނަމަވެސް އެއްގެއެއްގެ ތެރޭގައި ނުވަތަ އެއް ތަނެއްގައި އުޅޭ މީހުން ބަލަނީ ކްލޯސް ކޮންޓެކްޓުންގެ ގޮތުގަ އެވެ. އެ މީހުންގެ ތެރޭގައި ޑައިރެކްޓް ކޮންޓެކްޓުން ވެސް ހިމެނޭނެ އެވެ.
އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް މިރޭ ވިދާޅުވީ ކްލޯސް ކޮންޓެކްޓުން، ޕޮޒިޓިވް މީހާއާ ބައްދަލުވެފައިވާ ހާލަތު ވެސް މިހާރު ބަލާނެ ކަމަށެވެ. އެގޮތުން ދެ މީހުން ކުރެ އެކަކު ވެސް މާސްކް އަޅައިގެން ހުރިތޯ ބަލައި، ހާއްސަކޮށް ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހާ އެކަން ކުރިތޯ ބަލާނެ ކަމަށް ވިދާޅުވި އެވެ. މާސްކް އަޅައިގެން ހުރި މީހާ، ބަލި މީހާގެ ގައިގާ އެއްގޮތަކަށް ވެސް އަތްލާފައި ނުވާނަމަ، އެ މީހަކު ހިމެނޭނީ ރިސްކު ކުޑަ ކެޓަގަރީގައި ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
"އާއްމުކޮށް އެއްގެއެއްގައި އުޅޭ މީހުން މިވަނީ ކްލޯސް ކޮންޓެކްޓުންނަށް،" އޭނާ ވިދާޅުވި އެވެ.
މާލޭގައި ހަލުއިކަމާ އެކު ބަލި ފެތުރެމުން ދާއިރު، އެއް ގެއަކުން 35 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.
އަފްޒަލް ވިދާޅުވީ މާލެ ކަހަލަ އާބާދީ ބޮޑު ތަނެއްގައި، ތޮއްޖެހިގެން އުޅެން ޖެހުމުން އެއް ފަހަރާ ގިނަ ބަޔަކު ޕޮޒިޓިވްވުމަކީ ގާތް ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެ ފަދަ ގިނަ ބަޔަކު ފެނުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދޮޅު މަހެއްހާ ދުވަހު މާލެ ލޮކްޑައުންކޮށްފައި އޮތް އިރު، ދުވާލަކު ބަލި ޖެހޭ މީހުންގެ އަދަދު މަދެވެ. އަދި އޭރު، ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގީ ގިނަ ބަޔަކާ އެކު އެވެ.
ޑރ. އަފްޒަލް ވިދާޅުވީ ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ކޮންމެ ދުވަހަކު ވެސް 100 އިން މަތީގައި އުޅޭއިރު، އެޗްއީއޯސީގައި މަސައްކަތް ކުރާ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. އެހެންވެ، މި ދަނޑިވަޅު، ކޭސްތަކަށް އެޓެންޑްވުމުގައި ލަސްތަކެއްވުން އެކަށީގެންވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު އެތަނުގެ އަމާޒަކީ 24 ގަަޑިއިރުގެ ތެރޭގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ނިންމާލުން ކަމަށް ވިދާޅުވި އެވެ.
"ނަމަވެސް އެއް ދުވަހެއްގެ ފުލް ލޯޑް ނިންމާލުމަށް ދެ ދުވަސް ވެސް ނަގައިފާނެ. މަސައްކަތް ކުރަން އަޅުގަނޑުމެންގެ މިތިބެނީ ވަރަށް މަދުބައެއް. އެކި މީހުންގެ އެކި ކެޕޭސިޓީ މި ހުންނަނީ. އެހެންވެ، މި ހާލަތުގައި ކޮންޓެކްޓް ޓްރޭސިންގައި އިތުރު ދުވަސް ވެސް ނަގައިފާނެ،" އަފްޒަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެންމެ މީހެއްގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށް އެތައް ބަޔަކާ ވެސް ގުޅަން ޖެހޭ ކަމަށާއި އެކަމުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވަނީ ސައްހަ މައުލޫމާތު ނުލިބުން ކަމަށެވެ. އެހެންވެ، އެއް މަސައްކަތެއް ދެ ފަހަރާ ކުރަން ޖެހޭ ފަހަރު އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކަކު އަނެކަކު ދޭ މައުލޫމާތުގައި ފުށުއެރުންތަކެއް ހުރުމުން، ބައެއް ފަހަރު އެ މައުލޫމާތު ޔަގީންކުރުމުގައި ފުލުހުންގެ އެހީވެސް ހޯދަން ޖެހެ އެވެ. މިއީ ވެސް، މި ހާލަތުގައި ބަލި މީހުން ހޯދުމުގައި އިތުރު ލަސްތަކެއް ކުރިމަތިވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބައެއް ފަހަރަށް މާސްކް ނާޅައި، ނުވަތަ ޕާޓީތައް ބާއްވައިގެން ބަލި ފެތުރިފައިވާ ހާލަތްތަކުގައި އެ މައުލޫމާތު ދޭން ބައެއް މީހުން ދެކޮޅު ހަދާ ކަމަށާއި އެކަން ގިނަ ފަހަރަށް ކުރަނީ ކުށްވެރިވެދާނެ ކަމުގެ ބިރަށް ކަމަށެވެ. އެކަމަކު ޑޮކްޓަރު އެދިލެއްވީ، އެންމެންގެ ރައްކާތެރިކަމަށް ސައްހަ މައުލޫމާތު ދިނުމަށެވެ.
"ވިސްނާލާ އަޅުގަނޑުމެންގެ 100 ވަރަކަށް މީހުން މި ހޭންޑްލް ކުރަނީ ކޮންމެ މީހެއްގެ އެތައް މައުލޫމާތެއް ނަގަން. މިއީ އެންމެ ޕާފެކްޓް ސިސްޓަމެއް ނޫން. ޝޯޓްކަމިންތަކެއް ހުންނާނެ. އެކަމަކު އެކަން ކުޑަ ކުރެވޭނީ ސައްހަ މައުލޫމާތު ދީގެން،" އަފްޒަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޮލަންޓިއަރުން
17 August 2020
މީހުން ނެތްކަމަށްވާނަމަ ވޮލަންޓިރުން ބޭނުންވާ ކަމަށް އިއުލާންކޮށްލާށެވެ. އަހަރެން މިހުރީ ގައުމަށްޓަކައި ހިލޭ ސާބަހަށް، އެއްވެސް މުސާރައެއް އުޖޫރައެއް ނެތި ތި މަސައްކަތުގައި އުޅެދޭން ތައްޔާރަށެވެ. މިގޮތަށް ތިބި ކިތަންމެ ބަޔަކު އުޅޭނެއެވެ.
ގޯޕާލަން
16 August 2020
އަދިވެސް މިކަންތައް ފެށުނު ހިސާބުގައި އަހަރުމެން މިއުޅެނީ "އޭނާ ވިދާޅުވީ އެންމެ މީހެއްގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށް އެތައް ބަޔަކާ ވެސް ގުޅަން ޖެހޭ ކަމަށާއި އެކަމުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވަނީ ސައްހަ މައުލޫމާތު ނުލިބުން ކަމަށެވެ." ހެލްތް މިނިސްޓްރީ ކުދިން ތިކުރާ ހިތްވަރަށް އައްސަރިބަހާއި ސާބަސް. ދިވެހިންގެ އަސްލު ޖާހިލުކަން މިފެންނަނީ.
މޮބިލައިޒް
16 August 2020
މީހުން މަދިއްޔާ މީހުން ގިނަކުރަންވީ ނޫންބާ. މައުމޫނު ޒަމާނުގައި ބޮޑު މަސައްކަތެއް ކުރަންވެއްޖެނަމަ ސަރުކާރު ހުރިހާ އޮފީހަކުންހެން މީހުން ހޮވާ ހެދި. އެހެން ދިމަދިމާލުގައި މަސައްކަތް ކުރާ މީހުން ކުޑަ ގޮތަކަށް ޓްރެއިން ކުރެވިގެން ތިޔަ މަސައްކަތުގައި ބޭނުންކުރެވިދާނެ ކަންކަމުގައި ބޭނުންކުރަން މީހުން މިހާރު ނުހޯދަނީތޯ؟ ތިޔަ މަސައްކަތަށް ވޮލަންޓިއަރ ކުރާނެ މީހުން ހޯދަން އުޅެންތޯ؟ މަސައްކަތެއް ކުރާނަމަ އެންމެ ފުރިހަމައަށް ކުރެވޭތޯ ބެލުމުން ފައިދާއެއްވާނީ.
ވިސްނުން2020
16 August 2020
ކޮން މައުމޫނެކޭ ކިޔާކަށް. މައުމޫނު ރަނގަޅަށް ވެރިކަން ކުރިނަމަ މި ހުރިހާ އާފާތެއް ނުޖެހުނީސް. އާބާދީގެ ތިން ބައި ކުޅަ އެއްބައި ގެނެސް މާލެ ކޮތަރި ކޮށިތަކަށްލާ މާލެ ބިންވެރިންގެ އަޅުވެތިކަމުގައި ރާއްޖެތެރޭ މީހުން އުޅެން ޖައްްސަން ހަދާގައި އޮތް ނިޒާމު މުޅި ގައުމުގެ ހަލާކަކީ.
ޙިކި
16 August 2020
ޜަދުން އިރުގެ ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާ؟ އެއިރު އެޅި ކަތި ބިނގާ މިހާރު މިފެންނަނީ. ފޫނުބެދޭ ދެކޮޅު ނުޖެހޭ. ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާa
ދެފުންކެހެރި މީހުން
16 August 2020
ހޯމް ކަރަންޓީންގައި ތިބޭ މީހުން ވެސް ގޭގައި ނުތިބޭ، ނަމުގަ ހޯމް ކަރަންޓީނުގަ، އެކަމަކު ބޭރުގަ. އެމީހުންނަށް ހީވާކަހަލަ ޔަޤީނޭ މަގޭގަޔަކު މި ކޮވިޑެއް ނެތޭ. ފަރުދީ ޒިންމާ ނެގުމުގެ ކަންފުޅެއް ވެސް ނެތް. އެކަމަކު އެހެން މީހުންނަށް ލެކްޗަރު ދޭން މިކަހަލަ މީހުން ވަރަށް މޮޅުވާނެ.
ލަދު ދޯ
16 August 2020
ސުވާލަކީ ކީއްވެތޯއޭ މަދު ބަޔަކު ޕޮޒިޓިވްއިރު ގިނަ މީހުން މަސައްކަތުގަ އުޅެފަ، މިހާރު ދެން ދުވާލަކަށް އެތައް ބަޔަކު ޕޮޒިޓިވް ވާއިރު މަދު ބަޔަކު މަސައްކަތުގަ އުޅެނީ؟ މީ ސިޔާސަތުގެ ދޯހަޅިކަމެއް ނޫންތޯއޭ؟ މިހެންބުނީމަ، ކޮމެންޓްކުރަން މުސާރަ ދީފަތިބި ކުދިންކޮޅު ރައްދުދީ ކޮމެންޓްކޮށް، ޑިސްލައިކް ކުރިއަސް މީ ހަމަ ސިޔާސަތުގެ ދޯހަޅިކަން. ހުރިހާ ކަމެއްވެސް އެކޮޅުކޮޅުން. ގައުމަށް އަންނަ މީހާ ޓެސްޓްނުކޮށް ފުރަންވީމަ ޓެސްޓްކުރުންވެސް މީ އަނެއް ޖޯކް.
ސެގްރޯ
16 August 2020
އެޖެންޑާ 19 ތަފާތުވާނެ.
ގެދާނޯމޮސް
16 August 2020
ކޮވިޑް 19 އާއި ބެހޭގޮތުން މިހާރު ދުނިޔެދެކެނީ ގައިބާރު ދައްވެފަވާ ނުފޫޒުގަ މުސްކުޅިއެއްގެ ގޮތުގައެވެ. މިދެންނެވީ ކޮވިޑްބަލީގެ އަލާމާތް ހުރެ ފޮސިޓިވްނުވާ މީހުންގިނަވާ ހާލަތުތަކުގައެވެ. ނަމަވެސް ޕޮސިޓިވް ހާލަތުގަ ގިނަބަޔަކުގެ ކޭސްތަށް ދެކި ގިނަބަޔު ނެގެޓިވްވިކަން ދޭތެރެއަކުން އެބަހާމަކުރެއެވެ. އަދި މަރުވާމީހުން ގެ އަނގައިން ދެކޮޅުނެހެދޭ މީހުން ވަޅުލާތަން މިފެންނަނީ ކޮވިޑަށް ޕޮސިޓިވް ވެގެންކަން އެބަހާމަވަމުން ދެއެވެ.
އުޅުމެއް ނެތް ދިވެހިން
16 August 2020
ނޫނޭވާ ޑރ.އަފްޒަލް، ކޮންޓެކްޓް ޓްރޭސިންއަށް މައުލޫމާތު ނުދީގެން ފުލުހުން މެދުވެރިކޮށް ހޯދައިގެން ލަސްތަކެއް ވިޔަސް އެއީ މި ގައުމުގެ ފަރުދުންގެ ޒިންމާ ނަގަން ޖެހޭ ކަމެއް ނޫން، އެއީ ތިބޭފުޅުން ޒިންމާ ނަގަންޖެހޭ ކަމެއް. މި ގައުމުގެ ފަރުދުންނަކީ ގޮތެއް ފޮތެއް އުޅުމެއް އެޔެއް މިޔެއް ނޭނގުނަސް މާ ގައްޑާ ބައެއް.
ލޮކީ
16 August 2020
އަބަދު ދިވެހިންނަށް ދިވެހިން މަލާމާތް ކުރުމުގެ ބޭނުމަކީ ކޮބާބާ؟ ތިމާ އަމިއްލަ އަށް ތިމާގެ ނަފްސަށް ބަލާލުމުން މިސުވާލުގެ ޖަވާބު ލިބިދާނެތޯއްޗެއް. ކޮވިޑް-19ގެ ކަންކަންދާ ގޮތް ނުވަތަ ނޫސްތަކުން ގެންނަ ހަބަރުތަކުގައި ހިމެނޭ ހަޤީޤަތް ރަގަޅުބާ.މިދިޔަ 6 މަހު ރާއްޖޭގެ އެކްސެސް ޑެތްސް ކޮބާބާ؟ ޔޫރަޕްގައި ކޭސްތަކުގެ އަދަދު ގިނަ ވިއަސް މިބަލީގައި މަރުވާ މީހުން ގާތް ގަނޑަކަށް ނެތެވެ. ޕެންޑެމިކް މިވަނީ ކޭސްޑެމިކަކަށް ބަދަލުވެފައެވެ. ސެކަންޑް ވޭވްއެއް ނެތެވެ.
ނޯޑިކް ތޯ
16 August 2020
ލޮކީ، ދަރިޔާ ތިކިޔަނީ ރަނގަޅު އެއްޗެއްތަ؟ ހަމަގައިމުވެސް އެކްސެސް ޑެތް ރޭޓް ޔޫރަޕް ޤައުމުތަކުގައި އުޅެނީ ވަރަށް މަތީގައި އަހަންނަށް ފެންނަ ޚަބަރުތަކުގައި.
ހެޔޮހިތުން
16 August 2020
ކޮވިޑް ޕެންޑެމިކް ފެށުނީއްސުރެ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ސިއްހީ ހިދުމަތްތެރިން އުޅެނީ ވަރަށް ބުރަކޮށް. ރާއްޖޭގައިވެސް ލޮކްޑައުން އުވާލިއިރު މުޅި ސަރަހައްދުންވެސް ބަލި އެންމެ ރަނގަޅަށް ކޮންޓްރޯލު ކުރި ގައުމު ތަކުގެ ތެރޭގައި ހިމެނިފައިވަނީ ފާއިތުވި 6 މަސް ދުވަހު ގުދާރު ބިންދައިގެން ބަޔަކު މީހުން ކުރި ބުރަ މަސައްކަތުން. ސޯޝަލް މީޑިޔާގައި މެޑަލް ނުޖެހިހެން ބަޔަކު ޝަކުވާ ކުރިއަސް، އަހަރުމެން ތި މަސައްކަތް ބަލައިގަންނަނީ ހެޔޮހިތުން. ޝުކުރިއްޔާ!