ސުޕްރީމް ކޯޓު: ސިއްރުން ހެކިބަސް ނެގޭނެ ކަމަށް އެ ކޯޓުން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
16 އޯގަސްޓް 2020 - 13:24
ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ މަގްސަދު ގެއްލިގެން ދިޔަ ނުދިނުމަށްޓަކައި ޖިނާއީ މައްސަލަތަކުގައި ސިއްރުން ހެކިބަސް ނެގޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ތަހުގީގަށް ފޯނު ނުދެއްވި ކަމަށް ބުނާ މައްސަލާގައި އިއްވި ދޮޅު އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، ހައި ކޯޓުން މިދިޔަ އަހަރު ކުރި ހުކުމުގައި ކަނޑައަޅާފައިވަނީ ޖިނާއީ އިޖުރާއާތުގެ ގާނޫނު މިހާރު އޮތްގޮތުން ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށެވެ. ސަބަބަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 149 ވަނަ މާއްދާ އޮތްގޮތުން ސިއްރުން ހެކިބަސް ނެގޭނީ ހެއްކާބެހޭ ގާނޫނުގައި ބަޔާންކުރާ ހާލަތްތަކުގައި ކަމަށް ވެފައި، ސިއްރު ހެކީގެ އެއްވެސް ވާހަކައެއް ހެއްކާބެހޭ ގާނޫނުގައި ނެތުމެވެ.
ހުކުމުގެ އެ ބައި ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ސިއްރުން ހެކިބަސް ނުނެގޭނެ ހައި ކޯޓުން ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ދިން މާނަކުރުމަކީ އެ މަގްސަދު ވަރަށް ބޮޑަށް ހަނިިވާ ގޮތަށް ދިން މާނަ ކުރުމެވެ. އެ ގާނޫނުގައި، ސިއްރު ހެކި ހުށަހެޅޭނެ ކަމާއި އެކަމުގެ އިޖްރާއާތުތައް އެކި މާއްދާތަކުގައި ހުރިއިރު، ސިއްރު ހެކި ނުނެގޭނެ ކަމަށް ބަލާ ނަމަ އިންސާފުން ޝަރީއަތް ކުރެވުމުގެ ހައްގަށް ހުރަސް އެޅި، ހެކިވެރިންގެ ގާނޫނީ ހައްގުތަކަށް ހުރަސް އެޅިދާނެ ކަމަށް އެ ހުކުމުގައި ބުނެފައިވެ އެވެ.
"އެއީ އެ މާއްދާ އަށް އަމަލު ނުކުރެވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ގާނޫނު އަސާސީން ދޭ އަސާސީ ހައްގެއް ގެއްލިގެން ދިއުން ފަދަ ސަމާލުވެ، ފާރަވެރިވާންޖެހޭ ކަންކަމަށް ފާރަވެރި ނުވެވި، މާނަ ކޮށްފައިވާ ތިލަ މާނަ ކުރުމެއް." ހައި ކޯޓުގެ ހުކުމާ ބެހޭގޮތުން ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
މީގެ 39 އަހަރު ކުރިން އަމަލުކުރަން ފެށި ހެއްކާބެހޭ ގާނޫނާ ހަވާލާދީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 149 ވަނަ މާއްދާ އިތުރު އެހެން ބައެއް މާއްދާތަކުގައި ލިޔެފައިވާކަން ފާހަގަކޮށް، ހުކުމުގައިވަނީ އެއީ މަޖިލީހަށް އޮޅުމަކުން ލިޔެވިފައިވާ ވާހަކަތަކެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެފަދަ އޮޅުންތަކާ މެދު ކޯޓުތަކުން ހައްލު ހޯދައި ދެވޭނެ ކަމަށާއި އެގޮތަށް ބޭރު ގައުމުތަކުގެ ބައެއް ކޯޓުތަކުން ނިންމާފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.
"މިފަދަ ހާލަތްތަކުގައި އެހެން ގައުމުތަކުގެ ކޯޓުތަކުން އެފަދަ ކުށްތައް ދެނެގަނެ، ގާނޫނު މާނަކޮށް އެކަންކަމަށް ހައްލު ހޯދައިދޭ. މިފަދައިން ހައްލު ހޯދައިދޭ އެއް ސަބަބަކީ ގާނޫނު ހަދާ ފަރާތުން ގާނޫނުގައި ބޭނުންކޮށްފައިވާ އާންމު ނޫން ލަފްޒަކުން ނުވަތަ ސާފުނުވާ އިބާރާތުން އަސާސީ ހައްގެއް ގެއްލިގެން ދިޔަ ނުދިނުން." ހުކުމުގައިވެ އެވެ.
ފަނޑިޔާރު މަހާޒް އަލީ ޒާހިރު ލިޔުއްވި އެ ހުކުމުގައިވާ ގޮތުން އެފަދަ ކަންކަމުގައި ކޯޓުތަކުން ހައްލު ހޯދައިދިނުމުގެ ބޭނުމަކީ މަޖިލީހަށް ހެދިފައި އޮޅުންތަކުގެ ސަބަބުން ގާނޫނު މަގްސަދު ހާސިލްކުރަން ހުރަސް އެޅުނަ ނުދިނުމެވެ. އެކަމަކު ކޯޓުތަކުން ދޭ ހައްލުތަކަކީ ގާނޫނު ހެދުމަށް ނުވާ ގޮތުން ހޯދައިދޭ ހައްލަކަށް ވާން ޖެހޭނެ ކަމަށާއި އަދި އެއީ ވަގުތީ ހައްލުތަކެއް ކަމަށއި ދާއިމީ ހައްލެއް ގެނައުމަކީ ގާނޫނު އިސްލާހު ކޮށްގެން މަޖިލީހަށް އެކަނި ކުރެވޭނެ ކަމެއް ކަމަށް ވެސް ހުކުމުގައިވެ އެވެ.
Prosecutor General's Office (PGO) vs Abdullah Saeed [2020/SC-A/30] https://t.co/AQnORF28Xj
— Supreme Court of the Maldives (@SCMaldives) August 16, 2020
"މިފަދައިން ހައްލު ހޯދައިދިނުމަކީ ގާނޫނު މާނަކުރުމުގެ އިމުން ބޭރުވެ، ގާނޫނު އެކަށައެޅުމަކަށް ވެގެން ނުވާނެ." ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އެހެން ޑިމޮކްރަޓިކް ގައުމުތަކުގައި ސިއްރުން ހެކިބަސް ނަގާ އުސޫލުން އަޑު ބަދަލު ކޮށްގެން އަދި ކާކުކަން ނޭނގޭ ގޮތަށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ހެކިބަސް ނަގަން ހުށަހަޅައިފި ނަމަ، އެއާ މެދު ގޮތްތަކެއް ކޯޓުން ނިންމިދާނެ އެވެ. އެއީ ގާނޫނެއް ނެތުމަކީ އަސާސީ ހައްގެއް ނުދެވޭނެ ސަބަބެއް ނޫން ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާތީ އާއި ސިއްރު ހެކިބަސް ނުނެގި، އިންސާފުން ޝަރީއަތް ކުރެވުމުގެ ހައްގު ގެއްލުނަ ނުދިނުމަށް ކަމަށް ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވި ފަނޑިޔާރު މަހާޒްގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޑުވާ
17 August 2020
ޙަޤީޤަތުގައި އިންސާފަށް ހުރަސް އެޅެނީ ސިއްރު ހެކިންގެ ސަބަބުން. ސިއްރު ހެއްކަކީ އަމިއްލައަށް އުފައްދާ ހެއްކެއް ނޫންކަން ސާބިތު ކުރެވޭނެ ގޮތެއްވެސް އަސްލު ނެތް. ފުލުސް އޮފީހުގެ މި ބަރު ވެސް ހެކިދޭ އުސޫލުން ނަމަވެސް ޖެހުމަކީ އިސްލާމީ ޝަރީއަތާ ތަޢާރަޒު ވާކަމެއް.
ގާކޮށި ހުސޭނު
17 August 2020
ކުއްކުރާ މީހާޔަށް ހެކިބަސް ދޭމީހާ އެގެން ޖެހޭނެ ތިބުނާގޮތުން ކުއްކުރާމީހާ ކުށެއްކުރާތަން ނުފެނެނުނަސް ދައުލަތުން ބޭނުންވީޔާމް ހެކިހުށައެޅޭނެތާދޯ އަދި އެހެންމީހުންނަށްވެސް ހެކިން ހޯދޭނެތާ؟ އަނިޔާވެރި އަމަލެއް
ވަކީލު އަހަންމަދު
16 August 2020
ކޮންތާކު މިޖެހުނީ.މައްސަލަ ބެލުނީ ޤާނޫނުގެ މާއްދާއެއް މާނަކުރުމަށް.މައްސަލަ ވަންނަނީ ދުސްތޫރީ މައްސަލައަކަށް.ރ.މަޖުލިހަށް އޮޅުނުކަމަށް ނިންމިއިރު އޭޖީގެ ބަހެއް މައްސަލާގަނެތް.އައުސ.ކޯޓުން މިހާތަނަށް ބުނަމުންދަނީ ޤާނޫނުގަބުނާ އެއްޗެއް ބަހުން ބަހަށް ކުރަން. ގޯހެއް އޮތިއްޔާ ރަގަޅުކުރާނީ މަޖިލީހުންކަމަށް.އެކަމަކު މިމައްސަލަ ތަފާތުވެއްޖެ.ލަރޫރީ ހާލަތަށް ގޮތް ނިންމާތީ ޖޯކު ޖެހި މީހުން ވަގުތީ ހައްލުކިޔާފަ މިކުރީ ހަމަ އެކަންތައް.(ނުފޫޒެއްނެތް)
ބިންސަލްމާނު އަލްކީސީ
16 August 2020
ހެކިބަސް ދިނުމުގައި 24/76 އަށް ޙަވާލާދީފައިވަނީ 2016 ގައެވެ. އިޖްރާއަތުގެ ޤާނޫނަށް 4 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މަޖިލީހުން އެކަން އިސްލާހުނުކޮށް އޮތުމުން، އަދި ބަންޑާރަނައިބާ ޕީޖީއިންވެސް އެކަމާ އުޅެފައިނުވާތީ، އެއީ ޙަޤީޤަތުގައިވެސް އޮޅުމަކުން ލިޔެވިފައިވާ މާއްދާއެއްތޯ؟ އެކަމަށް ކޯޓުން މިހާރު ގެންނަ ހައްލަކީ ވަގުތީ ހައްލެއްތޯ ސުވާލު އުފެދެއެވެ.
ހަމައެއް ނެތް
16 August 2020
ކޮންތާކު މިޖެހުނީ. ޤާނޫނުގެ ނައްޞުގައި ސާފުކޮށް ބަޔާން ކޮށްފައި އޮތްއެއްޗެއް އެހެން ގޮތަކަށް މާނަ އެއް ނުކުރެވޭނެ. އަދި އަމުދުން މަޖިލީހަށް އޮޅުން އެރިކަމަށް ބުނުމަކީ ޤާނޫނު ހަދާ މަޖިލިސްގެ މެންބަރުންނަށް ކުޑައިމީސް ކުރުމާއި އަދި ޤާނޫނުގެ އާންމު ހަމައަކާ ޚިލާފަށް ބުނި ބުނުމެއް.
މެދުމާފަންނު މެދުހެންވޭރު
16 August 2020
އޮޅުން އެރިކަން މިއެނގުނީ 4 އަހަރު ފަހުންތަ؟
ޢަލީބެ
16 August 2020
ތިވަރުގެ ދުސްތޫރީ ނިންމުމެއް ޢާއްމު މައްސަލައެއްގޮތަށް ދައުލަތުން ނިންމުމުން ހައިރާންވޭ!
ސަލީމާ
16 August 2020
ދުސްތޫރީ މައްސަލައަކީ ކޮބައިކަން ޢަލީބެ އަށް އެނގޭތަ؟
އޮނަރަބްލް އަފީފު ދީދީ
16 August 2020
ދައުލަތުގެ 3 ބާރުގެ ތެރެއިން ޤާނޫނުހަދާ ބާރާއި ވެރިކަން ހިންގާ ބާރުން ދައުލަތުގެ ސްޕްރީމް ކޯޓްގެ ނިންމުން ތަކަށް އިޙްތިރާމްކޮށް އަވައްޓެރި އިންޑިޔާ އާއި ލަންކާގައި އޮތްފަދަ ރައްޔަތުން އިތުބާރު ކުރާ ސްޕްރީމް ކޯޓެއް ރާއްޖޭގައިވެސް ޤާއިމްވާތަން ދެކެން ބޭނުން. # މިވަގުތު ސްޕްރީމް ކޯޓްގެ ބެންޗްގައި ތިއްބެވީ މިދެންނެވި އަމާޒަށް ދައުލަތުގެ އެންމެ ޙާއްސަ އެއްބާރު ގެންގޮސްދެވޭނެ ފަދަ "އިލްމީ ދުނިޔޭގެ ވެއްޓަށް ހުޅުވިފައިވާ ފަނޑިޔާރުން ތަކެއް" ކަމުގައި ދެކެން.
ގަދަމީހާ1
16 August 2020
ޙުކުމް ސަޅި. ވަރަށް ތަފާތު ޙުކުމެއް. ސުޕްރީމް ކޯޓާމެދު އުފާކުރަން