ހައި ކޯޓު: ދަށު ކޯޓުން ވެސް ނިންމާފައިވަނީ މާރިކިލު އަތުލީ ރަނގަޅަށް ކަމަށް --މިހާރު ފޮޓޯ/ނިޝާން އަލީ
25 އޮކްޓޯބަރ 2016 - 21:43
ބ. މާރިކިލު ވަރުވާ އަށް ދޫކުރިތާ 40 އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން އެ ރަށް ސަރުކާރަށް ނެގީ ރަނގަޅަށް ކަމަށް ހައި ކޯޓުން ވެސް ހުކުމްކޮށްފި އެވެ.
މއ. މާންދޫވިލާ ހަބީބާ ހުސައިން ހަބީބަށް މާރިކިލު ދޫކުރީ 1968 ވަނަ އަހަރު އެވެ. އޭގެ 40 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ސަރުކާރުން އެރަށް 2013 ގައި ނެގީ ދެ އަހަރު ދުވަހަށް އެރަށުގެ ވަރުވާއަށް ޖެހޭނެ ފައިސާ ވެސް ދިނުމަށް ފަހު އެވެ.
އެ މައްސަލަ ހަބީބާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން 2014 ގައި ވަނީ ހުކުމް ކުރީ ސަރުކާރުގެ ނިންމުން ރަނގަޅު ކަމަށެވެ. އެ ހުކުމް އިސްތިއުނާފް ކުރަން ހަބީބާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުން މިދިޔަ އަންގާރަ ދުވަހު އެ ކޯޓުން ވެސް ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ ވަރުވާ އަށް ދޫކުރާ ރަށްރަށަކީ ދައުލަތުގެ މިލްކެއް ކަމަށްވެފައި، މާރިކިލު އަތުލީ ދައުލަތުގެ ބޭނުމަކަށް ކަމަށެވެ. އަދި އެރަށް ނަގަން ނިންމީ ބަދަލުގެ ގޮތުގައި ސަރުކާރުން ދޭންޖެހޭ މިންވަރު ހަބީބާއަށް ދޭ ގޮތަށް ކަމަށާއި. އެހެންވެ އެރަށް އަތުލަން ނިންމި ނިންމުން ރަނގަޅު ކަމަށާއި އެކަމުގައި ގާނޫނާ ޚިލާފް ކަމެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
ހަބީބާގެ ކިބައިން އެރަށް އަތުލުމަށް ފަހު ސަރުކާރުން ވަނީ ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތަށް އެރަށް 21 އަހަރަށް ބަޔަކަށް ކުއްޔަށް ދީފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy